މިވާގޮތަކާއިމެދު ވިސްނާކަށް ނުވޭ ހެއްޔެވެ ؟

އަޅުގަނޑުމެންގެ މުޖުތަމަޢުއަށް ފުންކޮން ނަޒަރު ހިންގާލައިފިނަމަ މިހާރު މުޅިންވެސް ފެންނަނީ ޙައިރާން ކުރުވަނިވި މަންޒަރުތަކެވެ. އަމިއްލަ ނަފުސާއި ސުވާލުކޮށް އެކަމާއިމެދު އެތައް އިރަކު ވިސްނަންޖެހިފައިވާ ކަންކަމެވެ. ބައެއް ފަހަރު ފެންނަ މަންޒަރުތަކުން ހިތަށް އަރައެވެ. މި މީހުންނަށް މާބޮޑަށް އެނގެނީ ބާވައެވެ. ނޫނީ މި މީހުންނަށް މިދުވަހު އެކަނި އަޅުކަންކޮށްލުމުން ނުވަތަ މި މަސްދުވަހު އެކަނި އަޅުކަން ކޮށްލުމުން ފުދެނީ ބާވައެވެ. އެފަދައިން އެމީހުންނަށް އަންގަވާފައިވަނީ ބާވައެވެ. ނުވަތަ އެފަދަ ޙަދީޘެއް ނުވަތަ ޤުރްއާނުގެ އާޔަތެއް ވަނީ ބާވައެވެ. ކޮންމެ އަކަސް މިފަދަ އެތައް ސުވާލުތަކެއް އުފެދިގެންދަނީ އެފަދަ ގޮތަކަށް މުޖުތަމަޢުގެ ގިނަ އަފުރާދުންގެ ފަރާތުން ކަންކަން ފެންނާތީވެއެވެ.

ފުރަތަމަ މި ބަލާލަނީ ކުރުގޮތަކަށް ރަމަޟާން މަހަށެވެ. ރަމަޟާންމަސް ފެށުމާއެކު މިސްކިތަށް ނާންނަ އެތައް ބަޔަކު އަންނަން ފަށައެވެ. ނަމާދު ކުރުމާއި ޤުރްއާން ކިޔެވުމުގައި އެތައް ވަޤުތު ތަކެއް ހޭދަކުރާތަން ފެނެއެވެ. ގިނަ ރޭތަކުގައި ދަމުނަމާދުކޮށްވެސް ހަދާނެއެވެ. މިއީ ރަމަޟާންމަހުގައި ފެންނަ އެއްބައެކެވެ. ދެން ހަމަ އެމަހުގެ މެދު ދިހައިގައި މިސްކިތްތައް ފަޅުވެލައިފައި މިސްކިތްތައް ފުރިގެންދަނީ އެމަހުގެ ފަހު ދިހައިގައެވެ. އަދި އެ ދިހައިގެވެސް އޮނަ ހިރި ރޭތަކުގައެވެ. އަދި އޮނަހިރި ރޭތަކުގެ ތެރެއިންވެސް 27 ވިލޭރޭގައެވެ. އެ ކިހިނެއް ވެގެންތޯއެވެ. އާދެ! ރަޙްމަތާއި ބަރަކާތުން ފުރިގެންވާ ލައިލަތުލް ޤަދުރި ވިލޭރޭ ލިބިގަތުމަށެވެ. އެއީ 80 އަހަރު އަޅުކަންކުރިކަމުގެ ޘަވާބު ލިބޭނެކަމަށް މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވާތީވެއެވެ. ދެން އުފެދޭ ސުވާލަކީ އެރޭ އަޅުކަން ކުރުމަށްފަހު އެހިސާބުން އަޅުކަންތަކާއި ދުރުވުމުން އެ ހެޔޮކަންމަތީ ހުރެވޭނެކަމަށް އޮންނަ ޙަދީޘެއް ރިވާވެގެން އައިސްފައިވޭތޯއެވެ.

ދެން މި ބަލާލަނީ  ކުރުގޮތަކަށް އެންމެ މަތިވެގެންވާ 10 ދުވަސްކަމަށް އައިސްފައިވާ ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހަށެވެ. މި 10 ދުވަހުގެ މަތިވެރިކަމުގެ ވާހަކަ ޤުރްއާނުގައިވެސް އަދި ޙަދީޘްތަކުންވެސް ވާރިދުވެގެންވާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އެގޮތުން ޙައްޖުމަހުގެ ފުރަތަމަ 9 ދުވަހު ރޯދަހިފުމަށާއި ހެޔޮކަންތައް ގިނަ ކުރުމަށް ޙަދީޘްތަކުން ޘާބިތުވެގެންވާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ޚާއްޞަކޮށް ޙައްޖުމަހުގެ 9 ވަނަ ދުވަހު (ޢަރަފާތު) ދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ފާފަތައްވެސް ފޮހެވިގެންދާކަމެއްކަމަށް ޙަދީޘުން ޘާބިތުވެގެންވެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ ތެރެއިން ގިނަ އަފުރާދުން ކުރިމަތިލަނީވެސް ޙައްޖުމަހުގެ 9 ވަނަ ދުވަހާއެވެ. އެދުވަހު ރޯދަ ވެސް ހިފައެވެ. ޤުރްއާންވެސް ކިޔަވައެވެ. އެހެނިހެން ހެޔޮކަންތައް ކުރެއެވެ. ނަމަވެސް ހިތާމައަކީ އެހިސާބުން ދެން އަނެއްކާވެސް ނިންމާލާކަމެވެ. އެދުވަހު ރޯދަ ހިފިއްޖެނަމަ ދެން ހީވާ ކަހަލައެވެ. ނަމާދެއް ކުރާކަށް ނުޖެހޭނެއެވެ. ޤުރްއާންވެސް ކިޔަވާކަން ނުޖެހޭނެއެވެ. ކޮންމެއަކަސް ވަޤުތު ހުންނަ ގޮތުން ޤުރްއާން ކިޔެވުމަށް އެދުވަހު ހޭދަކުރި ވަޤުތު ހޭދަ ނުކުރެވިދާނެއެވެ. އެހެންނަމަވެސް ފަރުޟު ނަމާދު އެޅޭނެ އެއްވެސް ޢުޛުރެއް ނޯންނާނެއެވެ. އެގޮތަށް ކަންތައް ކުރުމަށް ވިދާޅުވި އެއްވެސް ޢިލްމުވެރިއަކު މި އުންމަތުގައި އެބަ ވޭހެއްޔެވެ.

މިހެންގޮސް އެތައް ކަމަކަށް ނަޒަރު ހިންގާލެވިދާނެއެވެ. ކިއިދާނެ ވަރަށް ގިނަ އެއްޗެހިވެސް ހުންނާނެއެވެ. އެހެންނަމަވެސް އަޅުގަނޑު އުންމީދުކުރަނީ ދައްކަން މިއުޅޭ ވާހަކަ ނުވަތަ ބުނަން މިއުޅޭ ވާހަކަ ނުވަތަ ސާފުކޮށްދޭން މިއުޅޭ ވާހަކަ ތިޔަ އަޚުންނާއި އުޚުތުންނަށް ސާފުވެއްޖެކަމަށެވެ.

އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ﷲ ތަޢާލާ މުޙިންމު ދުވަސްތަކާއި މަސްތައް ލެއްވިއެވެ. އެއީ މާތްވެ މަތިވެރި ވެގެންވާ ދުވަސްތަކާއި މަސްތަކެވެ. އެހެންނަމަވެސް އޭގެ މާނައަކީ އަޅުގަނޑުމެން ﷲ ތަޢާލާއަށް އަޅުކަންކުރަންވީ އެ ދުވަސްހުގައި، އެރޭގައި، ނުވަތަ އެމަހުގައި އެކަންޏެއް ނޫނެވެ. އެދުވަސްތަކާއި މަސްތަކާއި ވަޤުތުތަކުގެ ބޭނުމަކީ އަޅުގަނޑުމެންގެ އީމާންކަން އިތުރަށް ހަރުދަނާކޮށްލުމެވެ. އަޅުކަމުގައި އިތުރު ހިތްވަރަކާއި ޖޯޝެއް ގެނެވުމެވެ. އަޅުކަމުގައި އެކަކަށްވުރެ އަނެކަކު ވާދަކޮށް ކުރިއަރާ ދިއުމެވެ. އަޅުކަމުން ގިނަގުނަވެގެންވާ ޘަވާބާއި ދަރުމަ ލިބިގަތުމެވެ. އެފަދަ ދުވަސްތަކާއި މަސްތަކާއި ރޭތަކާއި ވަޤުތުތަކުން ތިބާގެ ޙަޔާތް އިތުރަށް އުޖާލާކޮށްލުމެވެ. އުޚުރަވީ ޙަޔާތް އިތުރަށް ބާއްޖަވެރި ކުރުމަށް ﷲ ތަޢާލާ އިތުރު ފުރުޞަތު ދެއްވުމެވެ.

ﷲ ތަޢާލާ އައްސަވާ އަދި ބައްލަވާ ވޮޑިގެންވަނީ އެރޭ، އެދުވަހު، އެމަހު ނުވަތަ އެ ވަޤުތުގައި އެކަންޏެއް ނޫނެވެ. އެއިލާހީ އަބަދުގެ އަބަދަށް ދާއިމަށް ދެމިވޮޑިގެންވާ އެކަލާންގެއަށް އެއްވެސްކަމެއް ވަންހަނާވެ ވޮޑިގެންނުވާ އިލާހުކަން ތިބާ ހަނދާން ކުރާށެވެ.

އަދިވެސް އެހެންކަމެއް ފާހަގަކޮށްލާނަމެވެ. އިސްލާމީ އުންމަތަށް އަންނަ މިފަދަ މާތް ދުވަސްތަކާއި ރޭތަކާއި މަސްތައް ހެޔޮގޮތުގައި ބޭނުންކުރުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އެރޭތަކާއި ދުވަސްތަކާއި މަސްތަކުގެ ޙުރުމަތް ކަނޑާލުމަށް މަސައްކަތް ކުރާތަން ފެނެއެވެ. މިދަންނަވަނީ ހުރިހާ އެންމެންގެ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް ގިނަ ބައެއްގެ ވާހަކައެވެ.

ރަމަޟާންމަސް އަތުވެއްޖިއްޔާއި މިހާރު ހީވަނީ ހަމަ ބޮޑު ޢީދެއް އަންނަ ހެންނެވެ. މަސްދުވަހުގެ ޢީދު އެފަދަ މީހުންނަށް ލައިގަތީ ކަހަލައެވެ. އެހެންމަސްތަކުގައި ނުވެސް ކުޅެ ހަދާ ކުޅިވަރުތަކާއި ޒާތްޒާތުގެ ކަންތައްތައް މުޖުތަމަޢުއަށް ތަޢާރަފު ކުރެއެވެ. އަދި އެކަމުގައި ބޮޑަތިވަމުން އަންނަ ޅަ ދަރިންވެސް ޝާމިލްކޮން ހަދައެވެ. ރަމަޟާންމަހުވެސް ރޭގަނޑު ހޭލާ އުޅެނީ ކުޅިވަރުގައެވެ. އެއަށްފަހު ރޯދައަށް ހުންނަން ކަމަށް ބުނެ ކާއެއްޗެއް ކައިގެން ފަތިސް ނަމާދަށް ބަންގި ގޮވަން ވަގުތު ކޮޅަކަށް ވެފައިވަނިކޮށް ނަމާދުވެސް ނުކޮށް އޮށޯންނަނީ ހިތާމަކުރަންޖެހޭ ޢަދަދަކަށް ގިނަ މީސްތަކުންނެވެ. ޢަޞްރު ނަމާދަށް ގޮވަން ކައިރިވުމުން ތެދުވެ މެންދުރު ނަމާދުކޮށް ޢަޞްރު ނަމާދުކުރަނީއެވެ. މިހުންނަނީ ހިތާމަކުރަންޖެހޭ ކަންކަމެވެ.

ދެން ބަލާމިލަނީ ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހަށެވެ. އެދިހަ ދުވަހުގެ މާތްކަން ޤުރްއާނުގަ އާއި ޙަދީޘުން ޘާބިތުވެގެންވާ 10 ދުވަހެއްގެ ވާހަކައެވެ. މަތިވެރިވެގެންވާ ދިހަ ދުވަހެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީސްތަކުން މި ދިހަ ދުވަހުގެ ބޭނުން އެދެވޭ ގޮތެއްގައި ނުހިފައެވެ. ފައުޅުކަންބޮޑު ގޮތެއްގައި މިކަން ފެނެއެވެ. އެދިހަ ދުވަހުގެ މަތިވެރިކަން ލިބިގަތުމަށް ޤުރްއާން ކިޔެވުން އިތުރު ކުރުމާއި ރޯދަ ހިފުމާއި ޚާއްޞަކޮށް ރޭ އަޅުކަން ކުރުމަށް ނަބަވީ އިރުޝާދުގައި އައިސްފައިވެއެވެ. އެހެންނަމަވެސް ފެނިގެން ދަނީ ކޮން މަންޒަރެއް ތޯ އެވެ. ޢީދަށް ތައްޔާރުވަނީ އޭ ކިޔައިގެން ބައި ހަދާފަ ބޮޑުބެރު ފަރިތަކުރުމާއި ސްޓޭޖް ޝޯ ބޭއްވުމަށް ނަށަން ދަސްކުރުމާއި މި ނޫންވެސް އެކިއެކި ކުޅިވަރުތަކަށް ތައްޔާރުވާ ތަނެވެ. މުޅި ރަށްވެސް ގުގުމާލައިފައި އޮންނަނީ މިވެނި އެވެނި ގަޑިއެއްގައި އެވެނި މިވެނި ކުޅިވަރެއްގެ ފަރިތަކުރުން އޮންނަ ވާހަކައެވެ. ގިނަ ރަށްރަށުގެ ވެރިންވެސް ހެލިފެލިވެ އުޅުއްވަނީ އެކަންކަމުގައެވެ. އެކަން ނުކުރެވިދާނެތީއެވެ.

މިހާ ހިސާބުން މިބުނާ ދުވަސްތައް އަންނާތީވެ ރައްޔިތުން އެއްކޮށްގެން ފަރިތަކުރުން ކުރިއަށް ގެންދޭތޯ ތިބާ އާއި ސުވާލެއް ކޮށްލާނަމެވެ. ރަމަޟާންމަސް އަންނާތީވެ އެކަމާއި ގުޅިގެން އެއްވެސް ކަހަލަ ތަމްރީނެއް ކުރިއަށް ގެންދޭތޯއެވެ. ރަށުގެ ވެރިން އެމަހަށް ނުވަތަ އެފަދަ ދުވަސްތަކަކަށް ނުވަތަ ރެޔަކަށް ތައްޔާރުވުމަށް ރައްޔިތުން ތައްޔާރުކުރުމަށް ކޮންމެ ރެޔަކު ތަނަކަށް އެއްކޮށްގެން އުޅޭ މަންޒަރު ދުށިން ހެއްޔެވެ.

ކޮންމެ އަކަސް މިހުންނަނީ ކޮންމެ އަފުރާދަކުވެސް އަމިއްލަނަފުސާއި ސުވާލުކޮށް އެކަންކަމާއިމެދު ވިސްނާ ފިކުރުކޮށް އެފަދަ ކަންކަމާއިމެދު ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ބަލާ އެކަންކަން ޙައްލުކުރުމަށް މަސައްކަތް ކުރަންވީ ކަންކަމެވެ.

ކަންކަން އިސްލާޙުކުރެވޭނީ އެންމެ އެކައްޗެއް ކިޔައިގެންނެވެ. އަމިއްލަ ނަފުސު އިޞްލާޙުކޮށް އެހެން މީހުންވެސް އިޞްލާޙުވުމަށް އެދި އެކަންކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިގެންނެވެ. މިއީކީ ވަކި ދީނީ ޢިލްމުވެރިން ނުވަތަ ދީނީ ޖަމްޢިއްޔާތަކުގެ މަސްޢޫލިއްޔަތެއް ނޫނެވެ. މިކަން ފުރަތަމަ ފެށެނީވެސް އަމިއްލަ ނަފުސާއި ހިސާބުންނެވެ. އަމިއްލަ ނަފުސު އިޞްލާޙުކުރުމާއެކު އެހެން މީހުންވެސް އިޞްލާހުކޮށްގެންނެވެ.

އިސްލާމީ ރިވެތި ޙުދޫދުގެ ތެރެއިން ކަންކަން ކުރެވިގެންނެވެ. ކުޅިވަރުކުޅުމާއި މުނިފޫހިވެސް ފިލުވޭނެ ގޮތްތައް އިސްލާމްދީނުގައި އަންގަވައިދީފައިވާއިރު އެކަންކަން ކުރުމަށް މީސްތަކުންގެ ލޯތައް ހުޅުވިގެންނެވެ.

އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފައިގެންނެވެ. ނޭންގޭ މީހުންނަށް އެއްޗެހި އަންގައިދީގެންނެވެ. އެއީ ޚާއްޞަކޮށް ވެރިންގެ މަސްޢޫލިއްޔަތެކެވެ. ރައްޔިތުންނަށް އިސްލާމް ދީނުގެ މަތިވެރިކަމުގައި ދެމި ތިބުމުގައި ހިތްވަރުދިނުމާއި އިސްލާމީ އުޞޫލުތައް ހާމަކޮށްދިނުމެވެ.

މުޖުތަމަޢުގައި އިންތިހާއަށް ބިރުވެރިކަން ފެތުރިފައިވާ މިދަނޑިވަޅުގައިވެސް އަޅުގަނޑުމެން މިފަދަ ކަންކަމާއިމެދު ވިސްނާ އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމަށް މަސައްކަތްތަކެއް ކުރަން ނުވޭ ހެއްޔެވެ. ތިމާ އިޞްލާޙުވި ފަދައިން އެހެން މީހުންވެސް އިޞްލާޙުކުރުމަށް މަސައްކަތްތަކެއް ކުރާކަށް ނުވޭ ހެއްޔެވެ.

މިއީ ވިސްނަންޖެހިފައިވާ ވަރަށް މުހިންމު ކަންކަމެވެ.

ލިޔުނީ: ޢަލީ ޒިޔާދު / އަސްރަފީގެ ، ނ.ލަންދޫ

ޢާންމުކޮށް ލިޔެ އުޅެނީ ދީނީ ލިޔުންތަކެވެ. އިޖުތިމާޢި ދާއިރާތަކުންނާއި އެހެނިހެން ދާއިރާތަކުންވެސް ތަފާތު ލިޔުންތައް ލިޔެހަދައެވެ.

މިލިޔުންވެސް ކިޔާލާ

ވަސީލަތްތަކުގެ ނާދިރުކަން – އިސްލާމީ ނަޒަރަކުން

އިސްލާމީ އިޤްތިޞާދު ނިޒާމު ފިޔަވައި  އެހެން ނިޒާމުތަކުގައި (ސެކިއުލަރ ނިޒާމްތަކުގައި )  ޤަބޫލުކުރާ ގޮތުގައި އިންސާނާގެ އެދުންތަކަށް ހައްދެއް ނުވެއެވެ. …

ޚިޔާލެއްދެއްވާ

avatar
wpDiscuz