“މަޖުބޫރުން ކުރެވޭ ކުށުގެ ދިފާޢު”

އިސްލާމީ ޝަރީޢަތަށް ބަލާއިރުވެސް ކުށުގެ ޒިންމާ އުފުލުމަށް އިސްތިސްނާވާ ޢާންމު ޙާލަތްތަކެއް ވެއެވެ. ވަޟުޢީ ޤާނޫނުތަކުގައިވެސް މިކަން އޮތީ މިމަގަށެވެ. ބިރުދައްކައިގެން މަޖުބޫރުން ކުށެއްކުރުމަށްފަހު ޑިއުރެސްގެ ދިފާޢުނެގުމަކީ އެއްވެސް ގޮތަކުން ކުށަށް އިންކާރުކުރުމެއް ނޫނެވެ. އެހެންނަމަވެސް އެއީ ވަކި ޝަރުޠުތަކަކާއެކު ކުށުގެ ޒިންމާއިން ބަރީޢަވުމަށް އޮތް އިސްތިސްނާއީ ޙާލަތެކެވެ. އެހެންކަމުން މި އިސްތިސްނާއީ ޙާލަތު ކޯޓުގައި ސާބިތުކޮށްދިނުމަކީ ކުށުގެ ތުހުމަތު ކުރެވުނު މީހާއަށް ނެގިދާނެ ދިފާޢުއެކެވެ. މިފަދަ ދިފާޢުގެ މަޤްޞަދަކީ ކުށުގެ ޢަމަލު ހިންގި މީހާގެކިބައިގާ ޖިނާއީ ކުށެއްކުރުމުގެ ނިޔަތްނެތްކަމާއި ޖިނާއީ މަސްއޫލިއްޔަތު އުފުލުމަށް މަޢާފު ލިބެންޖެހޭކަން ޝަރީޢަތުގައި ދަލީލުކޮށްދިނުމެވެ. އެހެންކަމުން އިސްލާމީ ޝަރީޢަތާއި ސިވިލް ލޯ އަދި ކޮމަން ލޯގައިވެސް ޑިއުރެސް ގެ ދިފާޢު ނެގިދާނެ ޙާލަތްތަކެއްވެއެވެ. އަޅުގަނޑުގެ މި ލިޔުމުގައި ބަލާލެވިފައި މިވަނީ މި މި 3 ނަޒަރިއްޔާގައި މި ދިފާޢު އޮތް ގޮތާއި އިސްތިސްނާ ކުރެވިފައިވާ ބައެއް ޙާލަތްތަކަށެވެ.

ތަޢާރަފް

ޑިއުރެސް (Duress) އަކީ ބާރުގެ ބޭނުން ކޮށްގެން ނުވަތަ ބިރު ދައްކައިގެން ނުފޫޒު ބޭނުންކޮށްގެން މީހަކު ލައްވާ ކުރުވާ ކުށެވެ. ނުވަތަ ކުށެއް ނުކޮށްފިނަމަ ގެއްލުން ދޭނޭކަމުގެ ބިރުދައްކައިގެން ކުށަށް އަރައިގަތުމަށް މަޖުބޫރުކުރުވުމެވެ.

ވަކި ޙާލަތްތަކެއްގައި މިއީ ޖިނާއީ މައްސަލައެއްގެ މަސްއޫލިއްޔަތު އުފުލުމުން ބަރީޢަވުމަށް ނެގިދާނެ ދިފާޢު އެކެވެ. ނުވަތަ މިއީ މާފުކުރެވިދާނެ ކުށެކެވެ. މިފަދަ އެއް ހާލަތަކީ މަޖޫބޫރު ވުމުގެ ސަބަބުން ނުވަތަ މީހެއްގެ ބާރުގެ ސަބަބުން ނުވަތަ މީހެއްގެ ނުފޫޒުގެ ސަބަބުން އެހެން މީހަކު ކުރާ ޢަމަލަކުން މީހަކު މަރުވުން ނުވަތަ އަނިޔާއެއް ތިމާއަށް ވިޔަސް ނުވަތަ އެހެން މީހަކަށް ލިބުމެވެ.

އެހެންކަމުން ޑިއުރެސްއަކީ މީހަކަށް ބިރު ދައްކައިގެން މީހަކު ލައްވާ އެހެންބަޔަކު ކުރުވާ ކުށުގެ ޢަމަލެވެ. މީގެން އެނގެނީ ޑިއުރެސް މިއީ ކުށް ނުކުރާކަމަށް އިންކާރު ކުރުން ނޫންކަމެވެ. ނަމަވެސް ކުށުގެ އެ ޢަމަލު ހިނގަން މެދުވެރި ސަބަބަށް ބަލާއިރު، އެ ޢަމަލުކުރި މީހާގެ ކިބައިގައި، ޖިނާއީ ކުށެއް ކުރުމުގެ ނިޔަތެއް ނެތްކަން ދަލާލަތު ކޮށްދޭ ސަބަބުތަކެއް ޝަރީޢަތުގައި ހުށަހެޅުމެވެ. މި ގޮތުން ތަފާތު އެތަކެއް ގޮތް ގޮތުން ބިރު ދައްކުވައިގެން ކުށް ކުރާ ޙާލަތްތައް ވެއެވެ.

މިސާލަކަށް ގޭގައި ގެންގުޅޭ ނޯކަރު މީހާ ލައްވައި، މިވެނި ކަމެއް ނުކުރަނީސް މުސާރަ ނުދޭނެކަމަށް ބުނެ މުސާރަ ހިފައްޓައި ނުވަތަ އޭނާގެ ޢާއިލާގެ މީހުންނަށް ގެއްލުންދީ ފުރާނަ ދުއްވާލާނޭ ކަމަށް ބުނެ ބިރުދައްކައިގެން އޭނާ ލައްވައި ޤާނޫނާ ޚިލާފުކަމެއް ކުރުވުމެވެ. މީގެން އިސްތިސްނާ ކުރެވޭ އެއް ޙާލަތަކީ ތިމާ ދިރި ހުރުމަށްޓަކައި އެހެން މީހެއްގެ ފުރާނަ ދުއްވާލާ ޙާލަތެވެ. ކޮމަން ލޯ އަދި އިސްލާމީ ޝަރީޢާގައި ވާގޮތުންވެސް މަޖުބޫރީ ޙާލަތުގައިވެސް ތިމާގެ ފުރާނަ ސަލާމަތްކުރާށޭ ބުނެ އެހެން މީހެއްގެ ފުރާނައެއް ނުހިފޭނެއެވެ. މި ޙާލަތުގައި ޑިއުރެސްގެ ދިފާޢުވެސް ނުނެގޭނެއެވެ. މީގެ މިސާލާއި ސަބަބު މި އެސައިންމަންޓްގައި ފަހުން ހުށަހަޅައި ދެވޭނެއެވެ.

ޢާއްމު ރުކުންތައް

ޑިއުރެސް ދިފާޢު ނެގުމުގައި ވަކި އުންސުރުތަކެއް ފުރިހަމަ ވާންޖެހެއެވެ. އޭގެ ތެރޭގައި:-

  1. ޢަމަލުކުރާ މީހާއަށް ބިރެއް ދައްކުވައިގެން ކުރުވާ ޢަމަލަކަށް ވުން. އެއީ މަރާލާނޭކަމަށް ނުވަތަ ސީރިއަސް އަނިޔާތަކެއް ކުރާނެކަމަށް ބުނެ އިންޒާރު ދިންނުން.
  2. ކުށްކުރާ މީހާ (Actor) އަށް އެހެން މީހެއްގެ ފަރާތުން ގެއްލުން ދޭނެކަމުގެ ބިރު އޮތުން.
  3. ބިރު ދެއްކި ކަންތައްތައްް ނުކޮށް، ސަލާމަތް ވެވޭނެ ގޮތެއް ނެތުމުގެ ސަބަބުން ކުރި ޤާނޫނާ ޚިިލާފް އަމަލަކަށް ވުން. އަދި އެ ކުރި ކަމަކީ ބުއްދި ޤަބޫލުކުރެވޭ ފަދަ ޢަމަލަކަށް ވުން.

“ބުއްދި ޤަބޫލުކުރާ ޢަމަލެއްގެ މިސާލު: ތުއްތު ކުއްޖަކު ނުވަތަ ކަމެއް ކުރުމުގެ ޤާބިލުކަން ނެތް ފަރާތަކުން ބުނެ މަޖުބޫރު ކޮށްގެން ކުރި ޢަމަލަކަށް ވެގެން ނުވުން.

އިސްލާމީ ޝަރީޢަތުގައި އޮތް ގޮތް

އިސްލާމީ ޝަރީޢާގައިވެސް މަޖުބޫރީ ޙާލަތުގައި ލުއި ލިބިފައިވެއެވެ. އަދި ވަކި ޝަރުޠުތަކެއް ފުރިހަމަ ވާނަމަ މަޖުބޫރުވެގެން ކުރާ ކުށްތަކަށް ދިފާޢު ނެގެއެވެ.

މަޖުބޫރުކުރުމުގެ އިޞްޠިލާޙީ މާނަ

ޢަބްދުއްޞަމަދު އަޙްމަދު (2017) މަޖްބޫރުކުރުމަކީ: “ބިރާއި އިންޒާރުން، ގެއްލުން ދިނުމުގެ ކުޅަދާނަކަން ހުރި މީހަކު، އެހެން މީހަކު ކުރަން ބޭނުން ނުވާ ކަމެއް އޭނާ ލައްވާކުރުވުމެވެ.” ނުވަތަ “މީހަކު ނުރުހޭ ކަމެއް، އޭނާ ލައްވާ ގަދަކަމުން މީހަކު ކުރުވުމެވެ.”

މަޖުބޫރުވުމުގެ ޝަރުޠުތައް

ޢަބްދުއްޞަމަދު އަޙްމަދު (2017) އިސްލާމީ ޝަރީޢަތުގައި މިންވަރު ކަނޑައެޅިގެންވާ ޙައްދު ތަކުގައިވެސް މަޖުބޫރީ ޙާލަތް، ޙައްދުގެ ޝަރުތެއް ކަމުގައި ބަޔާން ކޮށްފައިވެއެވެ. އަދި މަޖުބޫރީ ޙާލަތްތަކުގައި އެ ޙާލަތެއްގެ ޟަރޫރަތަށް ބޭނުންވާ މިންވަރަށް، ޙަރާމްކަންތައްތައް ހުއްދަކުރައްވައިފައިވެސް ވެއެވެ. މީގެ މައްޗަށް ބިނާވާ އިސްލާމީ ފިޤުހީ ޤާޢިދާއެއް އޮވެއެވެ. އެއީ ” المشَقَّةُ تَجْلِبُ التَّيْسِر ” “އުނދަގޫތައް ފަސޭހަގޮތް ހޯދައިދެއެވެ.”  މި ޤާޢިދާއެވެ.

މި ޤާޢިދާ ޢިލްމުވެރީން ނަންގަވާފައިވަނީ އަލްމާއިދާ ސޫރަތުގެ 3 ވަނަ އާޔަތުންނެވެ. ( އެ އާޔަތުގެ މާނައިގައިވަނީ ” މުޅަތަކެއްޗާއި، (އޮހޮރޭ) ލެޔާއި، އޫރުމަހާއި، اللَّه ނޫން އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗާއި، ކަރުގައި ހިފައިގެން މަރައިލާ ތަކެއްޗާއި، ޖަހައި މަރައިލާ ތަކެއްޗާއި، އުސްތަނަކުން ވެއްޓި މަރުވާ ތަކެއްޗާއި، (އެހެން ޖަނަވާރެއްގެ) ދަޅުން ޖަހައިގެން މަރުވާތަކެއްޗާއި، މިނިކާ ޖަނަވާރެއް (އެއްބައި) ކައިފައިވާ ތަކެތި، ތިޔަބައިމީހުންގެ މައްޗަށް حرام ކުރައްވާފައިވެއެވެ. (މިތަކެތީގެ ތެރެއިން ފުރާނަހުއްޓައި އެ އެއްޗެއް އަތުޖެހި شرعى ހަމައިގެ މަތިން) ތިޔަބައިމީހުން ކަތިލި އެއްޗެއް މެނުވީއެވެ. އަދި ބުދުތަކުގެ ނަންމައްޗަށް ކަތިލާ ތަކެއްޗާއި، أزلام މެދުވެރި ކޮށްގެން ތިޔަބައިމީހުންގެ نصيب ހުރިގޮތާއި، ކަންތަކުގެ ރަނގަޅުގޮތް ބަލައިހެދުންވެސް، ތިޔަބައިމީހުންގެ މައްޗަށް حرام ކުރައްވާފައިވެއެވެ. ފަހެ، އެކަންތައްތަކަކީ، فاسق ކަންތައްތަކެކެވެ. މިއަދު، ތިޔަބައިމީހުންގެ دين އާމެދު (އެބަހީ: އެ دين އަށް ގެއްލުމެއް ދެވިދާނެ ކަމާމެދު) كافر ން، ނާއުއްމީދު ވެއްޖެއެވެ. ފަހެ، އެއުރެންދެކެ ތިޔަބައިމީހުން ބިރު ނުގަންނާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ. ފަހެ، ބަނޑުހައިހޫނުކަމެއްގެ ތެރޭގައި ފާފައިގެ ފަރާތަށް ލެނބިގަތުމެއްނެތި (އިސްވެދިޔަ حرام ތަކެތީގެ ތެރެއިން އެއްޗެއް ކެއުމަށް) މަޖުބޫރުވީ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. (ނޯޓު: أزلام އަކީ، ފާލުބެލުމަށް ޖާހިލީ ޒަމާނުގައި ބޭނުންކޮށްއުޅޭ ދަނޑިކޮޅުތަކެކެވެ. ނުވަތަ ދުނިދަނޑިތަކެކެވެ.) (القران الكريمގެ ދިވެހިތަރުޖަމާ، ދިވެހިރާއްޖެ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޗާޕު1، 2007)ޞ:213 – 214) މިއާޔަތުގެ ތަފްސީރުގައި ޢިލްމުވެރިން ވިދާޅުވެފައިވަނީ  ފުރާނައަށް ނުވަތަ ނަފްސަށް ގެއްލުމެއް ލިބިދާނެ ކަމުގެ ބިރުވެރި ޙާލަތުގައި އަދި ޙަރާމްކަމެއް ކުރުމަށް މަޖުބޫރުވެފައިވާ ޙާލަތުގައި އެފަދަ ކަމެއް އެކަމަށް ބޭނުންވާ މިންވަރަށް ވަކި ޝަރުޠުތަކެއް ފުރިހަމަ ވާނަމަ ކުރެވިދާނެކަން އެނގެއެވެ. އެގޮތުން ބެލޭނެކަމަށް ޢިލްމުވެރީން ގެންނަވާފައިވާ ޝަރުޠުތަކަކީ:-

  1. މަޖުބޫރުކުރި މީހާއަކީ އޭނާ ދެއްކި ބިރު، ތަންފީޒުކުރެވޭނެ މީހަކަށް ވުން. މާނައަކީ އޭނާއަކީ އެކަން ކުރެވޭނެ ބާރާއި ނުފޫޒު ހުރި މީހަކަށް ވުން.

މިސާލަކަށް ވެރިއެއްގެ އަތުގައި އޮންނަ މަޢްނަވީ ބާރެއް ނުވަތަ ހަށިގަނޑު ވަރުގަދަ މީހެއްގައި ހުންނަ މާއްދީ ބާރަކަށްވުމެވެ. ވީމާ ދިން އިންޒާރު ތަންފީޒު ނުވާނެކަން އެނގޭ މީހެއްގެ އިންޒާރުން، އެއީ މަޖްބޫރެއް ވެފައިވާ މީހަކަށް ނުބެލޭނެއެވެ.

  1. އިންޒާރު ދެވެނު ކަންތައް، ތަންފީޒުކުރާނެ ކަމުގެ ބިރު، މަޖްބޫރުވާ މީހާއަށް ބޮޑަށް ހީވުން.

މި ޙާލަތުގައި އިންޒާރެއް ދިނަސް އޭނާ އެކަން ނުކުރާނެކަން ޔަޤީން ކުރެވޭނަމަ، ނުވަތަ ބޮޑަށް އެހެން ހީވާނަމަ އެއީ މަޖްބޫރަކަށް ނުވާނެއެވެ.

  1. އޭނާ އަތުން ބީވެގެން ފިލައިގެން ގޮސްގެން ނުވަތަ އެހެން މީހެއްގެ އެހީއަކަށް އެދިގެން ފަދަގޮތަކަށް، ދެވުނު އިންޒާރާއި ބިރުން، ސަލާމަތް ވުމުގެ ކުޅަދާނަކަން ނެތް މީހަކަށް ވުން.

މި ޙާލަތުގައި ސަލާމަތްވުމަށް ކުޅަދާނަ މީހާ ޖެހޭނީ، އެ ބިރު ދެއްކުމުން ސަލާމަތްވެ ހިމާޔަތް ވާށެވެ.

  1. މަޖްބޫރުކުރެވުނު ކަމަކީ، މަޖްބޫރުނުކުރިނަމަ އޭނާ ނުކުރާނެ، އަދި ކުރަން ނުޖެހޭ ކަމަކަށް ވުން.

މީގެ މިސާލަކީ، ވައްކަންކުރަން ބޭނުންވެގެން އެއްޗެއް ނަގަނިކޮށް އެހެން މީހަކު އައިސް މަޖްބޫރު ކުރިޔަސް އެއީ، ބެލެވޭ މަޖްބޫރަކަށް ނުވާނެއެވެ. އަދި އޭނާގެ މައްޗަށް ވާޖިބުވެފައި އޮތް ކުރަންޖެހޭ ކަމެއް، މިސާލަކަށް ދަރަނި އަދާކުރުމުށްޓަކައި ދަރަނިވެރިޔާގެ މުދާ ވިއްކަން ޤާޟީ ޙުކުމް ކުރުން ފަދަ ކަންކަމަކީ، އެއީ ބެލެވޭ މަޖްބޫރެއް ނޫނެވެ.

  1. އިޚްތިޔާރު އޮތްކަމުގެ އެއްވެސް ޢަލާމާތެއް، މަޖްބޫރުކުރެވުނު މީހާގެ ކިބައިން ފެންނަން ނެތުން.

މިސާލަކަށް މަޖްބޫރުކުރި މީހާ ބުނި ކަންތައް ނޫން ކަމެއް ކޮށްފިއްޔާ، ނުވަތަ ބުނި ވަރަށް ވުރެ އިތުރަށް ނުވަތަ މަދުން އެކަން ކޮށްފިއްޔާ އެއީ ބެލެވޭނެ މަޖްބޫރެއް ނޫނެވެ. މީގެ މިސާލަކީ މީހަކަށް މަޖުބޫރުކޮށްގެން އަންހެން ކުއްޖަކު ކިޑްނޭޕްކުރަން ބުނީމާ ފިރިހެނަކު ކިޑްނޭޕް ކޮށްފައި އެއީ މަޖުބޫރުވެގެން ކުރި ކަމެކޭ ބުނި ނަމަވެސް އެ ދިފާޢު ބަލައި ނުގަނެވޭނެއެވެ.

  1. ފުރާނައަށް ނުވަތަ ގުނަވަނަކަށް ގެއްލުން ދޭނެކަމުގެ ބިރު އޮތުން، ނުވަތަ ގުނަވަނެއްގެ ބޭނުން ކަނޑުވައިލާނެކަމުގެ ބިރަކަށް ވުން. މިއެވެ.

މަޖުބޫރު ކުރުމުގެ ޙާލަތާގުޅޭ ގޮތުން ﷲ ވަޙީކުރައްވައިފައިވެއެވެ. (مَن كَفَرَ بِاللَّـهِ مِن بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ وَلَـٰكِن مَّن شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ اللَّـهِ وَلَهُمْ عَذَابٌ عَظِيمٌ – سورة النحل: 106) މާނައި: “إيمان ކަމަށް، އެމީހާގެ ހިތްހަމަޖެހިގެންވާ حال، مجبور ވެގެންވާ މީހާ މެނުވީ، إيمان ވުމަށްފަހު، اللَّه އަށް كافر ވެއްޖެމީހާ، އަދި އެހެނެއްކަމަކު (އެބަހީ: مجبور ވެގެންވިޔަސް) كافر ކަމަށް ހިތްތަނަވަސް ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް اللَّه ގެ حضرة ން ކޯފާލެއްވުންހުށްޓެވެ. އަދި ބޮޑުވެގެންވާ عذاب، އެއުރެންނަށްހުށްޓެވެ.”

މި އާޔަތަކީ ކަމެއްގައި މަޖުބޫރު ކުރުމާ ގުޅިގެން އިސްލާމީ ޝަރީޢަތުގައި އެންމެ ފުރަތަމަ ބާވައިލެއްވުނު އާޔަތެވެ. މި އާޔަތް ބާވައިލެއްވުނު ސަބަބަކީ އައްމާރު ބިން ޔާސިރު އިސްލާމްދީން ޤަބޫލުކުރުމުން މައްކާގެ ކާފަރުން އެކަލޭގެފާނަށް ތަޙައްމަލު ނުކުރެވޭވަރުގެ އަނިޔާތައް ކުރުމުން، އެ މަޖުބޫރީ ޙާލުކޮޅުގައި ހުންނަވައި އިސްލާމްދީން ދޫކޮށްލީ ކަަމަށް ވިދާޅުވުމުން، މި ވާހަކަތައް މައްކާގެ ކާފަރުން މީސްތަކުންގެ މެދުގައި ފަތުރަމުން ދަނިކޮށެވެ.

މީގެ އިތުރުން ބަޤަރާ ސޫރަތުގެ 286 ވަނައާޔަތުގެ މާނައިގައި ވެއެވެ. ” اللَّه، އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليف އެއް ނުޖައްސަވައެވެ. އެ نفس އެއް ހޯދި ހެޔޮކަމެއް (ގެ ثواب) އެ نفس އަކަށް ވެއެވެ. އަދި، އެ نفس އެއް ހޯދި ނުބައިކަމެއް (ގެ عقاب) އެ نفس އެއްގެ މައްޗަށްވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، قصد އެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް عقوبات ނުދެއްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި، އަޅަމެންނަށް عفو ކުރައްވާނދޭވެ! އަދި، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި، އަޅަމެންނަށް رحمة ލައްވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، كافر ވެގެންވާ قوم ގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ!”

ޢިލްމުވެރީން ވިދާޅުވެފައިވާ ގޮތުގައި މި މާނައިން ދަލާލު ކޮށްދޭ ކަމަކީ އެއްވެސް އިންސާނަކު އެމީހަކަށް މަޖުބޫރުވެގެން ކުރާ ކަންކަމުގައި ނުވަތަ ތިމާގެ އަމިއްލަ ރުހުމަކާ ނުލައި ގަދަކަމުން ކުރުވާ ކަންކަމުގައި ޒިންމާ އުފުލަން ނުޖެހޭނެކަމެވެ. އެފަދަ ޙާލަތުގައި ކުރާ ކުށްތަކުން ބަރީޢަ ވާނެކަމާއި މީހާގެ ފުރިހަމަ މިނިވަންކަން ނެތި ގަދަ ބާރުން މީހަކު ލައްވާ ކުރުވާ ކުށްތަކަށް، އެ ކުށް ކުރި މީހާއަށް ދިފާޢު އިސްލާމްދީނުގައި ލިބިދީފައި ވާކަމެވެ.

ކީރިތި ރަސޫލާ މުޙައްމަދު ﷺ ޙަދީޘް ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް އޮޅުމަކުންްނާއި، ހަނދާން ނެތިގެންނާއި، މަޖްބޫރު ކުރެވިގެން ކުރާ ކަންތައްތަކަށް މަޢާފް ދެވިގެންވެއެވެ.”

އެހެންކަމުން ކީރިތިި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ދަލީލު ލިބި އެނގިގެންދަނީ ދިފާޢުއެއްގެ ގޮތުގައި މަޖުބޫރީ ޙާލަތު އިސްލާމްދީނުގައި ބޭނުން ކުރެވިދާނެކަމެވެ.

  • މި އާޔަތާ ގުޅޭ ބައެއް މިސާލުތައް:
  1. ބަނޑުހައިކަން ފިލުވުމަށްޓަކައި ރާ ނޫން އެހެން އެއްޗެއް ނެތް ޙާލަތުގައި ކިރިޔާ ބަނޑުހައިކަން ފިލާ ވަރަށް ރާ ފޮދެއް ބޭނުން ކުރުން އިސްލާމީ ޝާރީޢަތުގައި ހުއްދަކުރައްވާފައި ވެއެވެ. މި ތަނުގައި މަޖުބޫރުވުމަކީ ބަނޑުފުރާ މުއްތި ކުރާނެ އެއްޗެއް ނެތުމުގެ ސަބަބުން ފުރާނައަށް ގެއްލުން ލިބި ދާނެކަމުގެ ބިރު އޮތުމާއި ފުރާނަ ސަލާމަތްކުރަން މަޖުބޫރު ވެފައި ވުމެވެ. މިފަދަ ޙާލަތުގައި ﷲ ނަހީ ކުރައްވާފައިވާ ކުށެއް ކުރިކަމަށްބަލައި ތަޢުޒީރީ އަދަބެއްވެސް ނުދެވޭނެއެވެ އަދި ޙައްދެއްވެސް ޤާއިމެއް ނުކުރެވޭނެއެވެ. ސަބަބަކީ މަޖުބޫރީ ޙާލަތުގައި ހުރެ ކުށަކަށް އަރައިގަތުމެވެ.
  2. ޒިނޭކުރުމަކީ ޙަރާމްކަމެކެވެ. ޒިނޭގެ ޙައްދުގެ ޝަަރުތެއްކަމުގައި އިޚްތިޔާރު ލިބިގެންވުން އާދެއެވެ. ޖުމްހޫރުން ވިދާޅުވެފައިވާ ގޮތުގައި މަޖްބޫރުކުރެވިގެން ޒިނޭކުރިމީހާގެ މައްޗަށް ޙައްދު ޤާއިމު ނުކުރެވޭނެއެވެ. މި މައްސަލައިގައި ޙަންބަލީ މަޒްހަބުގެ ރަޢުޔު ތަފާތެވެ. ޙަންބަލީން ވިދާޅުވާ ގޮތުގައި އޭނާގެ މައްޗަށް ޙައްދު ޤާއިމު ކުރެވޭނެެއެވެ. ޢިއްފަތްތެރިކަން ފޭރިގަނެވުނު އަންހެނާއާއި މަޖުބޫރު ކޮށްގެން އޭނާއާއެކު ޒިނޭކުރި އަންހެނާގެ މައްޗަށް ޙައްދުޖެހުމެއް ނެތެވެ.
  3. ޤަތުލް ޢަމްދުގެ ރުކުންތަކުގައިވެސް އިޚްތިޔާރު ލިބިގެންވުން އާދެއެވެ. މި މައްސަލައިގައިވެސް ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތެވެ. ފަޤީހުންގެ އަރިހުގައި މަޖުބޫރުވުމަކީ މީހަކު ކުރަން ބޭނުންނުވާކަމެއް ނުވަތަ ކުރަން ނުރުހޭކަމެއް ކުރަން މަޖްބޫރު ކުރުމެވެ. މި ގޮތުން މަޖުބޫރީ ޙާލަތް 3 ބަޔަކަށް ފަޤީހުން ބައްސަވައެވެ. އެއީ އަންނަނިވި ޙާލަތްތަކެވެ.

(ހ) ފުރިހަމަ މަޖުބޫރުކަން:

މި ޙާލަތުގައި  ބިރުދެއްކުން އޮންނާނެވެ. މަޖުބޫރު ކުރުވާމީހާގެ ކިބައިގައި އޭނާ އެ ބިރު ދައްކާ ކަމެއް ކުރުމުގެ ބާރު ހުރުމާއި، މަޖްބޫރުކުރާމީހާ ބުނާކަންތައް ނުކޮށްފިނަމަ، މަޖުބޫރު ކުރާމީހާ އެކަން ތަންފީޒް ކުރާނެކަމަށް، މަޖްބޫރުކުރެވުނު މީހާއަށް ވަރަށް ބޮޑަށް ހީވުން އޮންނާނެވެ.

(ށ) މަޖުބޫރު ކުރެވުނުކަމަކީ ތިމާއަށް ތަޙައްމަލު ނުކުރެވޭ ކަމަކަށްވުން.

(ނ) އުނި މަޖްބޫރުކަން:

(މި ޙާލަތުގައި ދައްކާ ބިރުން، ނުވަތަ ކުރާކަމަކުން ހަށިގަނޑަށް އަނިޔާއެއް ލިބުނަސް، ހަލާކުވުމެއް ނުލިބޭނެއެވެ. އުނި މަޖްބޫރުކަމުގެ އަސަރު ފޯރާނީ ގަނެވިއްކުންފަދަ މުޢާމަލާތުގެ ތެރޭގައެވެ.) ޤަތުލުގެ މައްސަލަތަކުގައި އުނި މަޖުބޫރުކަމުގެ އަސަރެއް ނުކުރާނެވެ. އެހެންކަމުން ފުރިހަމަ މަޖުބޫރީކަމުގެ ޙާލަތުގައި ހިންްގާ ޤަތުލުގެ ކުށްތަކުގައި ޢިލްމުވެރިންގެ ރައުޔު ތަފާތެވެ. ޖުމްހޫރުން ވިދާޅުވަނީ މިޙާލަތުގައި ޤަތުލު ޢަމްދު، މަޖުބޫރު ކުރި މީހާއަށާއި، މަޖުބޫރު ކުރެވުނު މީހާއަށް ނިސްބަތް ކުރެވޭނެއެވެ. އެދެމީހުންގެ ކިބައިންް ޤިޞާޞް ހިފޭނެއެވެ.

ދިވެހިރާއްޖޭގައި އޮތް ގޮތް

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 50 ވަނަ ބާބުގެ 55 ވަނަ މާއްދާގައިވާ ގޮތުން ޑިއުރެސްގެ ދިފާޢު ނެގިދާނެއެވެ. އަދި އެއީ މަޢާފު ލިބިދެނިވި ދިފާޢުއެއްކަން އެނގެއެވެ.

އެގޮތުން މި މާއްދާގެ  (ހ) ގައި ބަޔާން ކޮށްފައިވަނީ ވަކި ޙާލަތްތަކެއްގައި ކަމަށްވާނަމަ އެކުށް ކުރިމީހާ ކުރި ކުށަށް މަޢާފް ލިބިގެންވެއެވެ. އެއީ:-

  • ކުށުގެ ޢަމަލު ކުރުމަށް އޭނާއަށް މަޖުބޫރު ކުރެވިގެންވުން:

މިޙާލަތުގައި މަޖުބޫރުކުރުވީ، ކުށުގެ ޢަމަލު ކުރުމަށް ދެކޮޅުހަދައިފިނަމަ، އޭނާއަށް ގެއްލުމެއް ކުރިމަތި ވެދާނެކަމުގެ ބިރު ދައްކުވައިގެން ކަމުގައިވުމާއި، އެކަށީގެންވާ ހަރުދަނާކަމާއެކު ވިސްނައި އެހެންމީހަކަށް (Reasonable Person) އެޙާލަތުގައި، އެ ގެއްލުމުގެ ބިރު ކުރިމަތިވީނަމަ، އޭނާވެސް އެ ކުށުގެ ޢަމަލު ކުރާނެ ކަމުގައިވުން.

ނަމަވެސް މި ދިފާޢު ބޭނުން ކުރެވޭ ޙުދޫދަށް ބަލާއިރު މި މާއްދާގެ (ހ) ގައިބަޔާންކުރެވިގެންވާ ދިފާޢަކީ، 110 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކުށުގެ ދަޢުވާ އުފުލިގެންވާ ހިނދު ބޭނުން ކުރެވޭނެ ދިފާޢެއް ނޫނެވެ. އެހެންކަމުން މީހަކު ނުވަތަ ބައެއްގެ ފުރާނަ މަޖުބޫރީ ހާލަތުގައިވެސް ދުއްވާލާފިނަމަ މި ދިފާއެއް ނުނެގޭނެވެ.

މީގެ އިތުރުން (ޤާނޫނު ނަންބަރު 7/2010 ) ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނުގައިވާގޮތުން ބިރު ދެއްކުމަކީ އަދަބު ކަނޑައެޅިފައިވާ އަދި ބައެއް ޙާލަތްތަކުގައި ބަދަލު ނަގައިދެވޭ ފަދަ ކުށެކެވެ. މިސާލަކަށް ބިރު ދެއްކުމުގެ ސަބަބުން ނަފްސާނީ ގޮތުން ފަރުވާ ހޯދަން ޖެހިފައިވާ ނަމަ އެކަމަށް ޚަރަދުވާ ފައިސާ ބަދަލެއްގެ ގޮތުން ނަަގައި ދޭންޖެހެއެވެ.

ސްޕްރީމް ކޯޓުގެ ޤާޟިއްޔާ ނަންބަރު: 2/SC-A/2012

މި ދަޢުވާއަކީ މއ.މާޖެހިވިލާ ޢަބްދުﷲ ހާދީގެ މައްޗަށް ކުރެވުނު “މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ” ދަޢުވާއެކެވެ.

މައްސަލައިގައި ދައުލަތުން ދަޢުވާކޮށްފައިވަނީ މޯލްޑިވްސް ޕޮލިސްސަރވިސްއިން ހޯދާފައިވާ ހެކީގެ މައްޗަށް ބުރަވެއެވެ. ނަމަވެސް ހެކިބަސް ހޯދުމުގައި ބިރުދައްކައި މަޖުބޫރު ކޮށްފައިވާކަމަށް ބުނެ ދަޢުވާ ލިބުނު ފަރާތުން ޑިއުރެސް ގެ ދިފާޢުނަގާފައިވެއެވެ. އަދި ހެކިބަސް ހޯދުމުގައި ބިރު ދެއްކިކަން ކޯޓަށް ސާބިތުކޮށްދިނެވެ.

މި މައްސަލައިގައި ދަޢުވާ ލިބުނު ފަރާތުން ނެގި ޑިއުރެސްގެ ދިފާޢު ކޯޓަށް ބަލައިގަނެ ދަޢުވާ ރައްދުވި ފަރާތުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ސްޕްރީމް ކޯޓުން ނިންމާފައިވަނީ އެ ކޯޓުގެ 7 ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

މި ޤަޟިއްޔާގެ ޙުކުމުގައި މަޖުބޫރީ ދިފާޢު ބޭނުން ކޮށްފައިވެއެވެ. މި ޤަޟިއްޔާއަށް ބަލާލުމުން ދަޢުވާލިބޭ ފަރާތުން ޑިއުރެސްގެ ދިފާޢު ނަގައި، އެކަން ކޯޓަށް ސާބިތު ކޮށްދީފައިވާތީ ދަށުކޯޓުން އަދި ހައިކޯޓުން ކޮށްފައިވާ ޙުކުމް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބާޠިލްކޮށް ފައިވާކަން އެނގެއެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ކޯޓްތަކުގައިވެސް ޑިއުރެސްގެ ދިފާޢު ޤަބޫލްކުރާކަން އެނގެއެވެ.

ކޮމަން ލޯގައި އޮތް ގޮތް

ކޮމަން ލޯގައިވެސް ޑިއުރެސްއަކީ ދިފާޢުއެއް ކަމަށް ކަނޑަ އެޅުމުގައި ޙާލަތަށާއި ކުށުގެ ބާވަތަށާއި ވަށައިގެންވާ ކަންތައްތަކަށް ބަލައެވެ. މިގޮތުން ކްރިމިނަލް ލޯގައި ކުށުން ބަރީޢަވުމަށްޓަކައި ޑިއުރެސްގެ ދިފާޢު ބޭނުންކުރެވެއެވެ. އެހެންކަމުން ދަޢުވާ ލިބޭ މީހާ ކުށުގެ ޢަމަލު ހިންގުމަށްޓަކައި އެކްޓަސް ރިއަސް އަދި މެންސް ރިއާ (އެކްޓަސް ރިއަަސް އަދި މެންސް ރިއާ: މިއީ ކުށުގެ އެންމެ އަސާސީ ދެ އުންސުރެވެ. އެއީ and physical element)  mental element ( އެވެ. އެކްޓަސް ރިއަސް (Actus  reus) އަކީ ކުށްކުރާމީހާގެ ކުށުގެ ޢަމަލެވެ. މެންސް ރިއާ (Mens  rea) އަކީ ކުށްކުރާމީހާގެ ނިޔަތެވެ. ބައެއް ޙާލަތުގައި ކުރާ ކުށްތަކުގައި އެ މީހެއްގެ މައްޗަށް ޖިނާއީ މަސްއޫލިއްޔަތު އުފުލުމުން އެއްކިބާ ކުރެވެނީ ނިޔަތަށް ބެލިގެންނެވެ.) ފުރިހަމަ ވާންޖެހޭނެއެވެ. ނަމަވެސް ދަޢުވާލިބޭ މީހާ މެންސްރިޔާ ފުރިހަމަ ކޮށްފައިވަނީ އޭނާގެ މައްޗަށް މަޖުބޫރީ ޙާލަތްތައް އައިސްގެން ކަމަށްވާނަމަ އެ ކުށްކުރި މީހާއަށް އޭނާގެ ދިފާޢުގައި ޑިއުރެސްގެ ދިފާޢު ނެގިދާނެއެވެ. އެގޮތުން، “ޑިއުރެސް” ގެ ރުކުންތައް އެންމެ ފުރަތަމަ ކަނޑައަޅައިފައިވަނީ ހައުސް އޮފް ލޯޑްސް އިން ނިންމާފައިވާ މައްސަލައެއް ކަމަށްވާ 1982 – R v G raham ގައެވެ. މި މައްސަލައިގައި ލޯޑް ބިންގަހަމް، ޙުކުމް އިއްވަވަމުން ވިދާޅުވެފައިވަނީ، “މީހަކަށް ބިރުދައްކައިގެން މަޖުބޫރުކޮށްގެން ކޮށްފައިވާ ކުށެއްގެ ދިފާޢުގައި ޑިއުރެސް ބޭނުންކުރެވޭނީ، ޑިއުރެސްގެ ރުކުންތައް ފުރިހަމަވާނަމައެވެ.

ޑިއުރެސްގެ ދިފާޢު ކޮމަންލޯގައި މައިގަނޑު ދެ ބަޔަކަށް ނުވަތަ ދެ ޙާލަތަކަށް ބެހިގެންވެއެވެ. އެއީ:-

  1. ބިރު ދައްކައިގެން މަޖުބޫރުކުރުވުން (Duress by threat)
  2. ޙާލަތުގެ ގޮތުން މަޖުބޫރުވުން (Duress by circumstance) މިއެވެ.
  • ބިރު ދައްކައިގެން މަޖުބޫރުކުރުވުން

މީހަކަށް ބިރުދައިކައިގެން މަޖުބޫރުން، އެނާގެ އިޚްތިޔާރުން ބޭރުން ކުރާކުށެއްގެ ޑިފެންސެއްގެ ގޮތުގައި ޑިއުރެސް ބޭނުންކުރެވޭނީ އަންނަނިވި ގޮތުގެ މައްޗަށެވެ.

  1. ކުށްކުރާފަރާތުން އެކުށެއްކުރަނީ، އެކުށް ނުކޮށްފިނަމަ، އެނާއަށް ނުވަތަ އެނާގެ ޢާއިލާގެ މެންބަރެއް ނުވަތަ އޭނާގެ ޒިންމާގެ ދަށުގައިވާ ފަރާތެއް މަރާލާނެ ކަމަށް ބުނެ ބިރު ދެއްކުން.
  2. ނުވަތަ ހަށިގަނޑަށް ނުރައްކާވާފަދަ ގެއްލުމެއް ދޭނެކަމަށް ބިރުދައްކައިގެން ކަމަށްވުން ނުވަތަ ކުށްކުރާ

ފަރާތުން އެ ކުށްނުކޮށްފިނަމަ، އޭނާ ނުވަތަ އެނާގެ ޢާއިލާގެ މެންބަރެއް ނުވަތަ އޭނާގެޒިންމާގެ ދަށުގައިވާ ފަރާތެއް މަރާލާނެ ކަމަށް ބުނުން. ( ކޯޓުކޭސް: 2005 – R v Hasan )

  1. ނުވަތަ ހަށިގަނޑަށް ނުރައްކާވާފަދަ ގެއްލުމެއް ލިބޭނެކަމަށް އެނާއަށް ގަބޫލުކުރެވޭނަމަ، އެފަދަ މަޖުބޫރު ކަމެއްގެ ތެރޭގައި ނުވަތަ ބިރުވެރިކަމެއްގެ ތެރޭގައި އެކުށެއް ކޮށްފައިވުން.

AG v Whelan 1939

މި މައްސަލައަކީ، ބަޔަކު ވަގަށްނަގާފައިވާ މުދާތަކެއް އުފުލައި ދިނުމުން އެ މީހާގެ މައްޗަށް ކުރެވުނު ދަޢުވާއެކެވެ. މި ދަޢުވާގައި ދަޢުވާ ލިބުނު މީހާ ކޯޓަށް ސާބިތުކޮށްދިނީ އޭނާ އެކަން ކޮށްދީފައިވަނީ އޭނާއަށް މަރުގެ ބިރު ދައްކައިފައި އޮތުމުން ކަމަށެވެ.

އެހެންނަމަވެސް ފުރަތަމަ މަރުޙަލާގައި މައްސަލަ ބެއްލެވި ޤާޟީ ނިންމެވީ، މަޖުބޫރު ކުރުވުން އޮތުމަކީ ސާބިތު ކުރުމުގައި ރިޢާޔަތް ކުރެވޭނެ ކަމެއްނޫންކަމަށެވެ. ނަމަވެސް އެކަމަށް ރިޢާޔަތް ކުރެވޭނީ އަދަބު ކަނޑައެޅުމުގައި ކަމަށް ވިދާޅުވެ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅިއެވެ.

ފަހުގެ މަރުޙަލައިގައި އެ ޙުކުމް ބާޠިލުކޮށް އިސްތިއުނާފު ކޯޓުން އިއްވި ޙުކުމުގައި، ޑިއުރެސް އަކީ ފުރިހަމަ ދިފާޢުއެއް ކަމަށާއި، އެއީ ހަމައެކަނި އަދަބު ކަނޑައެޅުމުގައި ރިޢާޔަތް ކުރަންޖެހޭ ކަމެއްނޫންކަމަށް ކަނޑައެޅިއެވެ.

  • ޙާލަތުގެ ގޮތުން މަޖުބޫރުވުން

ޑިއުރެސް ބައި ސަރކަމްސްޓެންސް (Duress by circumstance) އަކީ ވެސް ހަމަ މަޖުބޫރު ވެގެން ކުރެވޭ ކަންތައްތަކެވެ. އެއީ މިވެނި ކަމެއް ނުކޮށްފިނަމަ މަރާލާނެކަމަށް ނުވަތަ ބޮޑު ގެއްލުމުއް ދޭނެކަމަށް ބުނުމެވެ. މިސާލަކަށް، ގޭންގެއް ނުވަތަ ގްރޫޕަކުން ކާރެއްގައި ދާމީހަކަށް ބިރުދެއްކުމުގެ ސަބަބުން، ޕޭމަންޓް މަތިން ކާރު ދުއްވުމުގެ ސަބަބުން، އެހެންމީހަކަށް ލިބޭ ގެއްލުމެއްގެ ދިފާޢުގައި ޑިއުރެސް ބޭނުން ކުރެވިދާނެއެވެ. މިކަން، ކޯޓް އޮފް އެޕީލްގެ މައްސަލައެއް ކަމަށްވާ1986  – R v Willer ގައި ކަނޑައަޅާފައެވެ.

ޙާލަތުގެ ގޮތުން މަޖުބޫރުވެގެން ކުރާކުށުގެ ދިފާޢެއްގެ ގޮތުގައި ޑިއުރެސް ބޭނުންކުރެެވެނީވެސް މަތީގައި ބަޔާންކޮށްފައިވާ ރުކުންތައް ގާތްގަނޑަކަށް ފުރިހަމަވާނަމައެވެ. މި ދެ މަރުޙަލާގެ ތަފާތަކީ ބިރުދައްކައިގެން މަޖުބޫރުކޮށްގެން ކުށެއް ކުރާއިރު އެކުށަކީ ބިރުދައްކާ ފަރާތުން ބުނެގެން ކުރާ ކުށަކަށް ވާންޖެހޭނެކަމަށް ކޯޓުން ކަނޑައަޅައިފައިވެއެވެ. އެއާ ޚިލާފަށް ޙާލަތުގެ ގޮތުން ބިރުން މަޖުބޫރުވެގެން ކުރާކުށް ކުރުމަށް ދަޢުވާލިބޭ ފަރާތަށް، ބިރުދައްކާފަރާތުން އަންގާކަށް ނުޖެހެއެވެ. މިސާލަކަށް އެކްސިޑެންޓެއްގެ ސަބަބުންވެސް ފުރާނައަށް ނުރައްކާވެފައިވާ ޙާލަތެއްގައި މަޖުބޫރުން ޤާނޫނާ ޚިލާފުކަމެއް ކޮށްފައިވާނަމަ ޑިއުރެސްގެ ދިފާޢުގެ ފައިދާ ލިބިދެވިދާނެއެވެ.

ޙާލަތުގެ ގޮތުން މަޖުބޫރުވާއިރު ބިރުން ސަލާމަތް ވެވެން ނެތް ނަމަ ދެން ޖެހޭނީ އެކަމެއް ކުރާށެވެ. ނަމަވެސް ސަލާމަތް ވާން ވަގުތު އޮތް ނަމަ ސަލާމަތް ވެވެން އޮތް ގޮތަކަށް ސަލާމަތް ވޭތޯ ބަލަން ޖެހޭނެއެވެ. މީގެ މިސާލަކީ   (R v   Gill –  1963 ) މި ކޭސް ގައި ވެސް ކުށްކުރިމީހާއަށް މައްސަލަ ޕޮލިހަށް ރިޕޯޓް ކުރެވެން އޮއްވައި ނުކުރުމުގެ ސަބަބުން ޑިއުރެސްގެ ދިފާޢު ނުނެގޭނެ ކަމަށް ނިންމާފައިވެއެވެ.

ޑިއުރެސްގެ ދިފާޢު އިސްތިސްނާވާ ބައެއް ޙާލަތްތައް

  1. މީހަކު މެރުމުގެ ކުށް: (Murder) R v Howe and Others – 1987

ޤަޞްދުގައި މީހަކު މަރާލުމަށްފަހު އެ ކުށް ކުރީ މީހަކު ބިރުދައްކައިގެން ކަމަށް ބުނެ ދިފާޢު ނެގިނަމަވެސް އެއީ ދިފާއެއްކަމަށް ނުބެލެވޭނެއެވެ.

ކޮމަން ލޯ ގެ މި ޤަޟިއްޔާގައި ހައުސް  އޮފް ލޯޑް އިން ނިންމާފައިވަނީ ޤަޞްދުގައި މީހަކު މަރައިގެން ނުވަތަ އެފަދަ ކުށަކަށް އެހީތެރިވި ފަރާތަކަށްވެސް ޑިއުރެސްގެ ދިފާޢު ލިބި ނުދެވޭނެކަމަށެވެ.

  1. މީހަކު މަރާލަން އުޅުމުގެ ކުށް: (Attempt Murder) R v Gotts – 1992

މި މައްސަލައިގައި މީހަކު މާރަލަން އުޅުމުގެ ދަޢުވާ 16 އަހަރުގެ ކުއްޖެއްގެ މައްޗަށް  އުފުލުނެވެ. އެއީ މި ކުއްޖާ އޭނާގެ މަންމައަށް ވަޅިން ހަމަލާދީ ބޮޑު ޒަޚަމްތަކެއް ކޮށްލުމުންނެވެ.

ކޯޓުގައި ދިފާޢުއެއްގެ ގޮތުގައި އެ ކުއްޖާ ބުނެފައިވަނީ މަންމައަށް ހަމަލާ ނުދިންނަމަ ބައްޕަ ބަޑިޖަހައި އޭނާ މަރާލާނެ ކަމުގެ ބިރު ދެއްކިކަމަށެވެ.

އެހެންނަމަވެސް ޝަރީޢަތުން އޭނާގެ މިދިފާޢު ބަލައި ނުގަނެއެވެ. އޭނާ މި މައްސަލަ އިސްތިއުނާފްކުރި ހިނދު ހައުސް އޮފް ލޯޑްއިންވެސް ނިންމާފައިވަނީ މީހަކު މަރާލަން އުޅުމުގެ ކުށްތަކުގައި ބިރުދެއްކުމުގެ ދިފާޢު ބަލައިނުގަނެވޭނެ ކަމަށެވެ.

  1. ދައުލަތާ ދެކޮޅަށް ހަތިޔާރު ހިފައިގެން ސަރުކާރު ވައްޓާލުމުގެ ޢަމަލު އަދި ބަޣާވާތުގެ މައްސަލަތައް.
  2. ޓެރަރިސްޓް ޖަމާޢަތަކާއި ގޭންގުތަކާ އަމިއްލަ ރުހުމުގައި ގުޅިގެން ހުރެ ކުރާ ކުށްތައް.
  3. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ރުހުމުގައި ގުޅިގެން ހިންގާ ކުށްތައް.
  4. ޑިއުރެސްގެ ގެއްލުމެއް ދީފާނެކަމުގެ އިންޒާރު އޮވެފައި އެކަމުން ދިފާޢުވެދާނެ ފުރުޞަތު ލިބި އެކަމުން ރައްކާތެރި ނުވެ މެދުވެރިވާ ކަންތައްތައް.

މަޢުލޫމާތު ހޯދި ގޮތް

 

  1. القران الكريم ގެ ދިވެހި ތަރުޖަމާ، (ދިވެހިރާއްޖެ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ފުރަތަމަ ޗާޕު: 2007)
  2. އިބްރާހީމް ރަޝީދު މޫސާ، “ޙައްދުތަކާބެހޭ ފިޤްހު” (ދިވެހިރާއްޖެ: ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ، ފުރަތަމަ ޗާޕު: ޖޫން 2013)
  3. އިބްރާހީމް ރަޝީދު މޫސާ، “ޖިނާއީ ފިޤްހު” (ދިވެހިރާއްޖެ: ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ، ފުރަތަމަ ޗާޕު:2015)
  4. ޢަބްދުއްޞަމަދު އަޙްމަދު، “ޤަވާޢިދުލްފިޤްހިއްޔާ” މޮޑިއުލް / ލެކްޗަރަރ ނޯޓްސް، (ދިވެހިރާއްޖެ: ވިލާކޮލެޖް، މެއި 2017 ) ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ، ބެޗް-10
  5. ލިމާން މުޙައްމަދު، “ކްރިމިނަލް ލޯ1” މޮޑިއުލް / ލެކްޗަރަރ ނޯޓްސް، (ދިވެހިރާއްޖެ: ވިލާކޮލެޖް، މެއި 2017 ) ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ، ބެޗް-10
  6. ޤާނޫނު ނަމްބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތް)
  7. އިސްމާޢިލް ނާޖީ ” ޤަވާޢިދުލްފިޤްހިއްޔާ” kavaasaa.com
  8. The Concept of Duress under the Law of Shari’a, Khalid A Owaydhah, “Justifications and Concept of Criminal Liability in Shari’ah,” )http://universitypublications.net/hssr/0302/pdf/DE3C172.pdf( (July20,2017)
  9. http:// supremecourt.com (July18,2017)

ލިޔުނީ: ޢަބުދުއްސައްތާރު މުޙައްމަދު

ނ. މިލަދޫ އަށް އުފަން، ޢަބްދުއްސައްތާރު މުޙައްމަދުވަނީ ސަރުކާރުގެ ޚިދުމަތުގައި 20 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކުރައްވާފައެވެ. މި މުއްދަތުގައި އެރަށުކަތީބެއްގެ ހައިސިއްޔަތުން 7 އަހަރު ޚިދުމަތް ކުރައްވާފައިވެއެވެ. މިހާރު ވަޒީފާ އަދާކުރައްވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފަރާސްޓްރަކްޗަރ ގައެވެ. މިހާރު ވިލާކޮލެޖުގައި ޝަރިޢާ އެންޑް ލޯ އިން މަތީ ތަޢުލީމް ޙާޞިލުކުރައްވަމުން ގެންދަވާ ޢަބްދުއްސައްތާރު މުޙައްމަދު ވަނީ، އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިޕޮލޮމާއެއް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ވެސް ޑިޕޮލޮމާއެއް ހޯއްދަވާފައެވެ. މީގެ އިތުރުން ޢަބްދުއްސައްތާރު މުޙައްމަދުވަނީ 2004 ވަނަ އަހަރު މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓް އާއި އޭރުގެ ނުރަސްމީ ތަޢުލީމުދޭ މަރުކަޒާ ގުޅިގެން ހިންގެވި "ރައްރަށުގެ ވެރިންތަމްރީނުކުރާ ކޯސް" ބައިވެރިންގެ ތެރެއިން އެއްވަނަ ހޯއްދަވާފައެވެ.

ޚިޔާލެއްދެއްވާ

avatar
މުރާދު ޙަސަން
މުރާދު ޙަސަން

ޢަބްދުއްސައްތާރު މުޙައްމަދުގެ ދިރާސާކުރެއްވުންތަކުގައި ޢިލްމީ އޮއްޓަރު ފުދޭވަރަކަށް ރަނގަޅުކަމަށް ދެކެމެވެ. ކުރިއަށް އޮތްތަނުގައި ލަންދޫ އިންފޯއިން އިތުރު ލިޔުން ފެންނާނެކަމަށް އުއްމީދު ކުރަމެވެ. މިފަދަ މައުލޫމަތުން ކަންކަން އެނގިގެން ދޭ.

އަހްމަދު ނައީމް
އަހްމަދު ނައީމް

ވަރަށް ރަގަޅު އިލްމީ ލިޔުމެއް. ޢަބުދުއްސައްތާރު މިކޮލަމް މެދުވެރިކޮށް ތިޔަގެނެސްދެއްވާ ލިޔުންތަކަކީ އަޅުގަނޑު ވަރަށް ޝައުގުވެރިކމާއެކު ކިޔާލިޔުންތަކެއް. ޝުުރިއްޔާ ޢަބުދުސައްތާރު.

wpDiscuz