bty

ލަންދޫގެ ކުދިބޮޑު އެންމެން ޤުރްއާނަށް ހޭލައްވާލަދިން އުސްތާޒު…..

މިއަދު ނ.ލަންދޫގައި މިވަނީ ޤުރްއާން ކިޔަވަން މޮޅު އެތައް ކުދިންނެއް އުފެދިފައެވެ. ޤުރްއާނުގެ ރޮނގުން ލަންދޫއަށް ޚިދުމަތްކޮށްދޭނެ ޤާބިލް، ހުނަރުވެރި އެތައް ކުދިންނެއް މިވަނީ އުފެދެން ފަށާފައެވެ. މިއަދު ޖަލްސާއެއްގައި ކިޔަވަން ބޭނުންވާ ކުދިންތައް ތިބެނީ ކިޔުގައެވެ. މިއަދު ލަންދޫ ފަޒާ މިވަނީ އެމާތް ފޮތުގެ މީރުވަހުން އެއްވަސްކުރުވާފައެވެ. އަދި ލަންދޫ ދުވަހަކުވެސް ނުދެކޭފަދަ އާރޯކަމެއް މިވަނީ މިދާއިރާއަށް ގެނެސްދީފައެވެ. ނަމަވެސް ކުރިން މިހެންތޯއެވެ؟ ކުރިން ޖަލްސާއެއްގައި ކިޔަވަން ތިބެނީ ވަރަށް މަދު ކުއްޖެކެވެ. އަދި އެ ޢިލްމު އުނގެނިފައި ވަނީވެސް ވަރަށް މަދު ކުދިންކޮޅެކެވެ. އާދެ! މިކާމިޔަބީ މިރަށަށް ގެނެސްދެއްވި ފަރާތަކީ ލަންދޫގެ ފަޚުރެއް ކަމަށްވާ ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓްގެ މަސްޢޫލުވެރިޔާ އުސްތާޒު ޢަލީ ޒިޔާދު އެވެ.

އުސްތާޒް ޢަލީ ޒިޔާދުގެ ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓް

އާދެ! ނ.ލަންދޫ އަސްރަފީގެ އުސްތާޒު ޢަލީ ޒިޔާދަކީ އާދައިގެ ޢާއިލާއަކަށް އުފަން ހިތްވަރުގަދަ އަދި މަސަތްކަތުގެ މައިދާނުގައި އަވަދިނެތި އުޅޭ މުރާލި ބޭފުޅެކެވެ. މިއަދު އުސްތާޒުގެ މަސައްކަތުން މިވަނީ ރީތިކޮށް ޤުރްއާން ކިޔަވާ އެތައް ދަރިންނެއް އުފައްދާދީފައެވެ. އަދި ގިނަ ކުދިންތަކަކަށް އެކުދިންގެ މުސްތަޤްބަލަށްޓަކައި ދޮރެއް ހުޅުއްވައިދެއްވާފައެވެ. މިއަދު އުސްތާޒުގެ އެތަކެއް ހުވަފެންތަކެއް މިވަނީ އުސްތާޒުގެ މިންނެތް މަސަތްކަތުން ޙަޤީޤަތަކަށް ހަދައިފައެވެ. އުސްތާޒު އަދިވެސް ކުރާ ފޮނި އުންމީދުތައް ވަރަށް ގިނައެވެ. އުސްތާޒް ޢަލީ ޒިޔާދު ވަނީ މިހާތަނަށް ލަންދޫގައި ދުވަހަކުވެސް ނުހިންގާވަރުގެ ބޮޑަތި ކޯސްތަކެއް މިދާއިރާއިން ހިންގަންފަށާފައެވެ.

ގިނަ ބެލެނިވެރިންނާއި ދަރިވަރުންގެ އިޙްތިރާމާއި ލޯބި ލިބިފައިވާ އުސްތާޒް ޢަލީ ޒިޔާދު އެންމެ ފުރަތަމަ މަސަތްކަތް ކުރެއްވީ ލަންދޫ އިންޖީނުގޭގައެވެ. އޭރު އުސްތާޒު ހުންނެވީ އެތަނުގެ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓެއްގެ މަޤާމުގައެވެ. އުސްތާޒް 2008 ވަނަ އަހަރު ޖީ.ސީ.އީ އޯލެވެލު ހެއްދެވުމަށްފަހު މާލެ ދުރުވެ ފުރަތަމަވެސް ފުރިހަމަ ކުރެއްވީ ކޮމްޕިއުޓާރ ދާއިރާއިން އިންފޮރމޭޝަން އެންޑް ޓެކްނޮލޮޖީ ލެވެލް 2 ގެ ކޯހެކެވެ. އެއަށްފަހު ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާއިން އިމާމު ކޯސް ލެވެލް 3 ހެއްދެވުމަށްފަހު 2010 ވަނަ އަހަރު ރަށަށް ދުރުވި އިރު ރަށުގައި އިމާމުކަމުގެ މަޤާމު ނެތުމުން އިންޖީނުގެއަށް ވަނީއެވެ. ނަމަވެސް އެތަނުގެ ޙާލަތު އެކަށީގެންވާ ގޮތެއްގައި ރަނގަޅު ނުވުމުގެ ސަބަބުން މައިންބަފައިންގެ އެދުމުގެ މަތިން 2011 ވަނަ އަހަރު މާލެ ދުރުވެ ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒުން ޤުރްއާން މުދައްރިސްކަމުގެ އެޑްވާންސް ސެޓްފިކެޓް ޙާޞިލް ކުރެއްވިއެވެ. އެއަށްފަހު 2012 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އައީ ލަންދޫ ސްކޫލްގައި ޤުރްއާން މުދައްރިސެއްގެ ގޮތުގައެވެ. އުސްތާޒް  4 އަހަރު ސްކޫލުގައި ހޭދަކުރެއްވިއެވެ.

2016 ވަނަ އަހަރު ލަންދޫ ކައުންސިލްގެ ރަންތަރި ޤުރްއާން މުބާރާތުގައި އުސްތާޒް ޢަލީ ޒިޔާދު ވާހަކަފުޅު ދައްކަވަނީ

އޭރުވެސް އުސްތާޒު ބޭނުންވެލެއްވީ ރަށުގައި ޤުރްއާން ކުލާހެއް ޤާއިމް ކުރުމަށެވެ. ނަތީޖާއެއްގެ ގޮތުން 2015 ވަނަ އަހަރުގެ މެދުތެރޭ ފެށި މަސައްކަތުގެ ސަބަބުން ﷲ ގެ އިރާދަފުޅާއެކު ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓް (ޓީ.ކިޔު.އައި) ގެ ނަމުގައި އިންސްޓިޓިއުޓެއް ބިނާކުރެވުނެވެ. އެދުވަހަކީ އުސްތާޒު ޢަލީ ޒިޔާދު ދެކެމުން އައި ހުވަފެން ޙަޤީޤަތަކަށް ވީ ދުވަހެވެ. މިއަދު ﷲ ގެ އިރާދަފުޅާއި ވާގިފުޅާއެކު އެ އިންސްޓިޓިއުޓް ވެފައިވަނީ ލަންދޫގެ ފަޚުރަކަށެވެ. މިއަދު އެތަނުގައި ކިޔަވަން އުޅޭ ދަރިވަރުންގެ ޢަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. ހަމައެކަނި ދަރިވަރުންނެއް ނޫނެވެ. އެދަރިވަރުންގެ ބެލެނިވެރިންވެސް މެއެވެ. އަދި ކީއްކުރަންތޯ ލަންދޫގެ މުސްކުޅި ފުރާގެ މަންމައިންނާއި މާމައިންވެސް ދަނީ އެތާ ޤުރްއާނުގެ ޢިލްމު ޙާޞިލްކުރަމުންނެވެ. މިއީ މިއަދު އުސްތާޒް އެންމެ އުފާވާކަމެއްކަމުގައި އުސްތާޒް ދަނީ ވިދާޅުވަމުންނެވެ.

ކޮންމެ މީހަކަށްވެސް އެކަމެއް އޭގެ ފުރިހަމަ ގޮތުގައި ކުރެވޭނީ ޤާބިލްކަމާއި ހުނަރާއި ތަޖްރިބާ ލިބިގެންނެވެ. އުސްތާޒު ޢަލީ ޒިޔާދުގެ ތަންކޮޅެއް ކުރީގެ މާޒީ އަށް ޖެހިލަމާ ހިނގާށެވެ. އާދެ! އުސްތާޒު ޢަލީ ޒިޔާދަކީ 2008 ވަނަ އަހަރުގެ ލަންދޫ ސްކޫލްގެ ކެޕްޓަންއެވެ.  ސްކޫލް ކެޕްޓަންކަމުގައި ހުންނަވައިގެންވެސް ވަނީ ލަންދޫ ސްކޫލުގެ އެތައް ދަރިންނަކަށް ނަމޫނާ ދައްކަވާފައެވެ. އަދި އުސްތާޒު ގުރޭޑު 6 ން ފެށިގެން ލަންދޫ ސްކޫލުގައި  ޕްރިފެކްޓެއްގެ މަޤާމުވެސް އަދާކުރެއްވިއެވެ. އަދި މީގެ އިތުރުން ސްކޫލުން ބޭއްވޭ އިތުރު ހަރަކާތްތަކުން ރަނގަޅު ވަނަތަކެއްވެސް ވަނީ ހޯދައިފައެވެ. އެންމެ ފާހަގަކޮށްލެވެނީ އުސްތާޒް ގުރޭޑް 8 9 އަދި 10 ގައި އުޅުއްވި އަހަރު ވިދިވިދިގެން އެންމެ މޮޅު ގޯލް ކީއްޕާ ކަމުގެ މަޤާމް ޙާޞިލް ކުރެއްވި ފަޚުރުވެރި މެޗުތަކެވެ.

ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުން ކުރިއަށް ގެންދެވުނު ފުރަތަމަ ޤާރީ ކޯސް ލެވެލް 1 ގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނާއެކު އުސްތާޒް ޢަލީ ޒިޔާދު

ލަންދޫ މިއަދު އެ އުސްތާޒަކަށްޓަކައި ފަޚުރުވެރިވާ އުސްތާޒު ޢަލީ ޒިޔާދުގެ  ޢުމުރުން އެންމެ 15 އަހަރުގައި ވަނީ މިސްކިތުގައި ބަންގި ގޮވަން ފަށާފައެވެ. އެއީ ފެށުމެއްކަމަށްބަލައި އުސްތާޒު ހަމަ އެއަހަރުގެ ރަމަޟާންމަހުވަނީ އިމާމުވެ ތަރާވީޚް ނަމާދު ކުރަންވެސް ފަށާފައެވެ. އުސްތާޒް އިމާމު ކޯސް ފުރިހަމަ ކުރެއްވުމަށްފަހު 2010 ވަނަ ވަނީ “މަސްޖިދުލް ލުބާބް” ގައި އިމާމުވެ ހުކުރު ކުރަން ފަށާފައެވެ.

އުސްތާޒު ޢަލީ ޒިޔާދު ފާހަގަކުރައްވާ ގޮތުގައި އިމާމުވެ ނަމާދު ކުރުމަކީ ވަރަށް ފަސޭހަ ކަމެއްކަމުގައި ދެކެމުން އައިކަމަށެވެ. އެހެންނަމަވެސް ޢަމަލީ މައިދާނަށް ނުކުތުމުން މީހުންގެ ފަރާތުން ލިބެމުންދިޔަ ދުއްތުރާތަކާއި އިވެމުންދިޔަ ބަސްތަކުން އެކަން ކުރުން ހުއްޓާލަންވެސް ޢަޒުމު ކަނޑައެޅިންކަމަށެވެ. އެހެންނަމަވެސް ﷲ ގެ މަދަދާއި އެހީތެރިކަމާއި ﷲ ގެ ޙަޟްރަތުން ހެޔޮ ދަރުމަޔާއި ޘަވާބަށް އެދޭތީވެ، މިއަދާއި ހަމައަށްވެސް ޘާބިތު ހުންނެވީ ކަމަށެވެ. އުސްތާޒް ޢަލީ ޒިޔާދު މި ދާއިރާއިން އެންމެ ދެރަވި ހިތާމަ ކުރި ދުވަހެއްކަމުގައި ފާހަގަކުރައްވަނީ މީހުންގެ މަލާމާތުގެ ބަސްތައް އިވިގެން ވީ ދެރައިން މިސްކިތުގައި ބަންގި ނުގޮވިގެން މަސައްކަތު މީހާ ލައްވާ ބަންގި ގޮއްވި ދުވަސްކަމުގައި ކަމަށެވެ. އެހެންނަމަވެސް އެދުވަހު ގެއަށް އައިތަނުން ލޯބިވާ މަންމަ އާއި ބައްޕަ  އަދި ގާތް ބޭބެ އެއް ދެއްވި ހިތްވަރާއެކު އާ ޢަޒުމަކާއެކު ތެދުވުމުގެ ނަތީޖާއަކަށްވީ މިއަދު އެ އެންމެން އަނގަތައް އުސްތާޒު ޢަލީ ޒިޔާދުގެ ޘާބިތުކަމުގެ ސަބަބުން ބަންދުވެގެން ދިއުމެވެ.

އުސްތާޒް ޢަލީ ޒިޔާދު އުސްތާޒުގެ ގާތް އެކުވެރިންނާއެކު

އުސްތާޒު ޢަލީ ޒިޔާދަކީ ހަމައެކަނި ލަންދޫގެ މީހުން ދަންނަ އުސްތާޒެއް ނޫނެވެ. ކީއްކުރަންތޯ މުޅި އަތޮޅަށްވެސްވަނީ އުސްތާޒުގެ އަގު ހުރި ޚިދުމަތް ފޯރުކޮށްދޭން ފަށާފައެވެ. އެގޮތުން އުސްތާޒް ދެން އެންމެ ފާހަގަކޮށްލެވެނީ ޤުރްއާން މުބާރާތުގެ ފަނޑިޔާރެއްގެ ގޮތުގައެވެ. ފަނޑިޔާރުންގެ ތެރެއިންވެސް އިސްފަނޑިޔާރެއްގެ ގޮތުގައެވެ. އެގޮތުން އުސްތާޒްވަނީ 2012 ވަނަ އަހަރުގެ އަތޮޅު މުބާރާތުގެ ފަނޑިޔާރުކަންވެސް ކޮށްފައެވެ.

އުސްތާޒް އެކިއެކި ރަށްރަށަށުގެ ޤުރްއާން މުބާރާތުގެ ފަނޑިޔާރުކަމާއި އިސްފަނޑިޔާރުކަން ވެސް ކުރައްވައެވެ. އެގޮތުން އުސްތާޒް ވިދާޅުވާ ގޮތުގައި ގާތް ގަނޑަކަށް 30 މުބާރާތުގެ ފަނޑިޔާރުކަން މިހާރުވާނީ ކުރެވިފައެވެ. އުސްތާޒް ޢަލީ ޒިޔާދު ސްކޫލުގައި ވަޒީފާ ހޭދަކުރެއްވި އެންމެ ފަހު އަހަރުވަނީ  ދިވެހި އަދި އިސްލާމުން ޓީޗިންގ ޑިޕްލޮމާ ޙާޞިލްކުރައްވާފައެވެ.

ލަންދޫގެ ޒުވާނުންނާއިވެސް ޚާއްޞަ ގާތް ގުޅުމެއް ބާއްވަމުންދާ އުސްތާޒް ޢަލީ ޒިޔާދަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޚާއްޞަ ބޭފުޅެކެވެ. އެގޮތުން ރަށުގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ތަފާތު ޕްރޮގުރާމްތައް އަމިއްލަފުޅަށް ހިންގެވުމުގެ އިތުރުން ކައުންސިލާ އަދި ރަށުގައި އޮންނަ ދީނީ ޖަމްޢިއްޔާ އާއި ގުޅިގެންވެސް ކުރައްވައެވެ. މިހެންދަންވާއިރުވެސް ފާހަގަކޮށްލަން ޖެހެނީ އުސްތާޒް ޢަލީ ޒިޔާދު ވަނީ ރަށުގެ ދީނީ ޖަމްޢިއްޔާ (ލައިފް ޖަމްޢިއްޔާ) ގެ ރައީސްކަންވެސް ކުރައްވާފައެވެ.

އުސްތާޒް ޢަލީ ޒިޔާދު ޒުވާނުންނާއެކު ރޯދަ ވީއްލުމެއްގައި

މީގެ އިތުރުން ސޯޝަލް މީޑިޔާގައި އުޅުއްވާ ބޭފުޅުންނަށް އުސްތާޒް ޢަލީ ޒިޔާދު އެންމެ މަޝްޙޫރުވެފައިވަނީ ނަމާދު ވަޤުތުތައް އަޕްޑޭޓް ކުރުމުގައެވެ. އެގޮތުން ޓްވިޓާރ މެދުވެރިކޮށްނާއި ފޭސްބުކް މެދުވެރިކޮށް ކޮންމެ ނަމާދު ވަޤުތެއްގެވެސް  މިނެޓް ކުރިން ނަމާދު ވަޤުތު ފޮނުވާލަދެއެވެ. އަދި ނަމާދު ވަޤުތުގެ އިތުރުންވެސް ދީނާއި ގުޅުންހުރި ވަރަށް އަގުހުރި ނަޞޭޙަތްތައް އެކުވެރިންނާއި ހަމައަށް ގެނެސްދިނުމުގައި އެއީ ހަމަ ލާމަސީލް ނަމޫނާއެކެވެ. މާޝާ ﷲ.

އުސްތާޒް ޢަލީ ޒިޔާދަކީ ސްކޫލުގައި ވަޒީފާ އަދާކުރެއްވި އިރުވެސް އަދި މިހާރުވެސް ގިނަ ދަރިވަރުން އެ އުސްތާޒަކަށް ވަރަށް އިތުބާރުކުރައްވާ އުސްތާޒެކެވެ. އެގޮތުން ވަރަށް ގިނަ ކުދިން މަޢުލޫމާތު ދިން ގޮތުގައި އުސްތާޒް ޢަލީ ޒިޔާދު އަށް ޙަޔާތުގެ ބައެއް ބޮޑަތި ކަންކަން ޙިއްޞާކުރަމުންދާ ކަމަށާއި ދުވަހަކުވެސް އުސްތާޒުގެ ފަރާތުން އުނދަގުލެއް ކުރިމަތި ނުވާކަމަށެވެ. އަދި އެފަދަ ކަންކަން ޙިއްޞާކުރުމުން އެކަންކަމުގައި ފަންނީ ލަފާ ދެއްވާކަމަށާއި ލަފާ ދިނުމަށްފަހުވެސް ހުއްޓާނުލާ ކަމަށާއި ބަފައެއް ފަދައިން ވާނުވާ ބައްލަވަމުންދާ ކަމަށެވެ.

3 ޖުލައި 1991 ގައި އުފަންވި އުސްތާޒް ޢަލީ ޒިޔާދުގެ ޢުމުރުން މިއަދަށް 26 އަހަރުވެފައިވާއިރު އުސްތާޒްވަނީ އުސްތާޒްގެ މަސްޢޫލުވެރިކަމުގެ ދަށުން ހިނގަމުންދާ ދެތަނެއް ލަންދޫގެ ދަރިންނަށްޓަކައި ހުޅުއްވާ ދެއްވާފައެވެ. ދެ ތަނަކީވެސް ތަޢުލީމު ދޭ ދެތަނެވެ. ތަރްތީލުލް ޤުރްއާން އިންސްޓިޓިއިޓުގެ އިތުރުން މިހާރު މިއަހަރުގެ ޖޫންމަހު އުސްތާޒް ވަނީ ޓިއުޝަންދިނުމަށްޓަކައި ޚާއްޞަ ކުރެވިގެން ސެންޓަރ ފޯރ ސްޓޫޑެންޓް އެޑްވާންސްމެންޓް ގެ ނަމުގައި ޓިއުޝަން ސެންޓަރެއް ހުޅުއްވާ ދެއްވާފައެވެ. މިތަނުގައި ޢަމަލީ ގޮތުން އަންނަ އަހަރު ޓިއުޝަން ދޭން ތައްޔާރުވެފައިވާއިރު މިހާރުވެސް ދަނީ އެ ސެންޓަރާއި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އާއި ގުޅިގެން ހިއުމަން ރިސޯސް މެނޭޖްމަންޓް ލެވެލް 4 ގެ ކޯހެއް ހިންގަމުންނެވެ. މިއީވެސް އުސްތާޒުގެ މިންނެއް ބުރަ މަސައްކަތުން ލަންދޫގެ އެތައް ދަރިންނަކަށް ހުޅުވިގެންދިޔަ ޝުކުރުވެރިވުން ޙައްޤު ކަމެކެވެ.

އުސްތާޒް ޢަލީ ޒިޔާދު ލަންދޫގެ ކައުންސިލަރުންނާއެކު

އުސްތާޒް ޢަލީ ޒިޔާދު ތަޢުލީމަށް ލޯބިކުރެއްވުމަކީ ލަންދޫގެ ރައްޔިތުންނަށް ލިބުނު އުފަލެކެވެ. ފަޚުރެކެވެ. އުސްތާޒް ޢަލީ ޒިޔާދު ފާހަގަކުރައްވާ ގޮތުގައި ޤުރްއާން ފަރިތަކަމާއެކު ކިޔަވަން ދަސްވީ ނ.ލަންދޫ ވައިލެޓްމާގެ ދާއޫދުބެ ކުރެއްވި ބުރަ މިންނެއް މަސައްކަތުގެ ސަބަބުން ކަމަށެވެ. އެކަމަށް އުފާކުރައްވަމުން އުސްތާޒް ޢަލީ ޒިޔާދު ވިދާޅުވީ ދުވަހަކުވެސް ދާއޫދުބެ ނަން ހިތުން ނުފޮހެވޭނެކަމަށާއި ﷲ އިރާދަކުރެއްވިއްޔާއި އަބަދުވެސް ދާއޫދުބެ އަށް ހެޔޮރަޙުމަތްލެއްވުމަށް އެދި ދުޢާ ކުރާނެކަމަށެވެ. އުސްތާޒުގެ މިފެށި މަސައްކަތުގެ ބިންގާ އަޅައިދެއްވި ފަރާތަކީ އުސްތާޒް ޤަބޫލުކުރައްވާ ގޮތުގައި ދާއޫދުބެއެވެ.

ލަންދޫގެ ޒުވާނުންނާއި ކުދި ބޮޑު އެންމެން، އެންމެ އިންތިޒާރު ކުރާ ވަޤުތަކީ ހުކުރު ދުވަހުގެ ހުކުރު ޚުޠުބާ އަށެވެ. އެވެސް ޚާއްޞަކޮށް އުސްތާޒު ޢަލީ ޒިޔާދުގެ ޚުޠުބާއަށެވެ. އެއީ ކީއްވެގެންތޯއެވެ. އުސްތާޒު ޚުޠުބާ ދެއްވުމުގައި ގެންގުޅުއްވާ ގޮތުގެ ސަބަބުންނެވެ. ޚުޠުބާ ވިދާޅުވުމުގައި ގެންގުޅުއްވާ ސާދާ ސީދާ ކަމުންނެވެ. އަޑުއަހަންތިބޭ މީހުންގެ ލޯތަކުން ކަރުނަ އޮހޮރުވާލާ ޚުޠުބާތައް އުސްތާޒް ދެއްވަނީ މަދެއްކޮށެއްނޫނެވެ. މާޝާ ﷲ އުސްތާޒަކީ އެކަމުގައިވެސް އަރާ ހުންނެވި ހިތްވަރުގަފަ ކެއްތެރި ބޭފުޅެކެވެ.

އުސްތާޒް ޢަލީ ޒިޔާދު އެންމެ ކުރާ ހިތްވާކަމަކީ މީސްތަކުންނައިގެން އިމާމުވެ ނަމާދު ކުރެއްވުމެވެ.  އެންމެ އުފާވާކަންކަން ކިޔައިދެއްވަމުން އުސްތާޒް އިތުރަށް ވިދާޅުވީ ކުދިންނަށް ޤުރްއާން ކިޔަވައިދިނުމަކީ ހިތަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގެންދާކަމެއް ކަމުގައެވެ.

އުސްތާޒް ޢަލީ ޒިޔާދު ދަރިވަރުންތަކަކާއެކު ޕިކްނިކްދަނީ

 

މިހާރު އުސްތާޒުގެ ކައިވެންޏަށް 5 އަހަރުވެފައިވާއިރު ޢުމުރުން 3 އަހަރުގެ ލޯބި ލޯބި ފިރިހެން ކުއްޖަކުވެސް ހުރެއެވެ. އުސްތާޒް ދެން އެންމެ އުފާވާނީ ކޮން ކަމެއް ވީމަތޯ ސުވާލުކުރުމުން ވިދާޅުވީ އަމިއްލަ ގެދޮރަށް ނުކުމެވި އަނބިދަރިންނާއެކު އުޅެވެން ފެށުން ކަމަށެވެ. އަދި ދަރިން ރީތިކޮށް ޤުރްއާން ކިޔަވައި ހެޔޮކަންމަތީ އުޅޭތަން ފެނުމުން ކަމަށެވެ. އަދި އުސްތާޒުގެ ދަރިވަރުން މިދާއިރާއިން ފެނުމުން ކަމަށެވެ. އަދި ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުގެ ޚިދުމަތަށް އިތުރު ފުރިހަމަކަން ލިބިގެން ދިއުން ކަމަށެވެ.

އުސްތާޒް މުޖުތަމަޢަށް ދޭން ބޭނުންވާ މެސެޖަކީ ކޮބައިތޯ ސުވާލު ކުރެއްވުމުން ވިދާޅުވީ އުސްތާޒް އަބަދުވެސް ކޮންމެ ކުއްޖަކު ކައިރިވެސް ބުނާ ވާހަކައަކީ އަޅުގަނޑުމެން އެންމެންނަކީވެސް އިންސާނުންކަމަށެވެ. އެހެންކަމުން އެންމެންނަށްވެސް ކުއް ކުރެވޭނެ ކަމަށެވެ. ޚުދު އުސްތާޒަށްވެސް ކުރެވޭނެކަމަށެވެ. އެހެނަސް އެކުއްމަތީގައި ދެމިނުހުރެ ކުއް ޤަބޫލުކޮށް އިޞްލާޙުވެ ހެޔޮކަންމަތީ މާތް ﷲ އެންގެވިގޮތުގައާއި ނަބިއްޔާގެ ސުންނަތުގައި ހިފައިގެން އުޅެންވީ ކަމުގައެވެ. އަދި ރަނގަޅު ކަމެއް ކުރާއިރު މީހުން ކުރާ ފުރައްސާރައަށާއި މަލާމާތަށް ނުބަލައި ﷲ ގެ ޙަޟްރަތުން ހެވަށް އެދިގެން ކަންކަން ކުރުމުން ރަނގަޅު ވާނެ ކަމަށެވެ. މިއީ ވަގުތީ ތަނެއް ކަމުގައެވެ. އަދި ދާއިމީ ޙަޔާތް އޮތީކަމަށްދަނެ ހެޔޮ ހިތަކައިގެން ދިރިއުޅުމުގެ ޙަޔާތް ވޭތުކުރަންވީ ކަމުގައެވެ.

އުސްތާޒް ޢަލީ ޒިޔާދު ދަރިވަަރަކާއެކު ވަކިން ވަޤުތުކޮޅެއް ހޭދަކުރައްވަނީ

ކިޔަވައިދެއްވާއިރު ރުޅިވެރިކަމެއް ކުދިންނާއި ދޭތެރޭ ގެންގުޅެއްވަނީ ކީއްވެގެންތޯ ސުވާލު ކުރެއްވުމުން އުސްތާޒް ވިދާޅުވީ އެއީ ކިޔަވައިދިނުމުގެ ހުނަރެއް ކަމަށެވެ. އެ ހުނަރުގެ ބޭނުން ނުހިފާ މި ހަލަބޮލި މުޖުތަމަޢުގައި ކިޔަވައިދިނުމަކީ އުނދަގޫކަމެއް ކަމަށެވެ.

އާދޭހެ. އުސްތާޒް އެވިދާޅުވީ ހަމަ ތެދުފުޅެކެވެ. އަޅުގަނޑަކީ އެކަން ތަޖުރިބާ ކޮށްފަ ހުރި ދަރިވަރެއްގެ ޙައިޞިއްޔަތުން ބުނަމެވެ. އުސްތާޒް ކުލާސް ތެރޭގައި ކިތަންމެ ރުޅި ގަދަވިޔަސް އެކަމެއް ކުލާހުން ބޭރަކު އެއްވެސް ދަރިވަރަކާއި ނުބާއްވައެވެ. ހުރިހާ ކުދިންނާއެކު ކަހަލަ ގޮތަކަށް ވަޤުތު ހޭދަކުރައްވައެވެ. ބަފައިން ފަދައިން ބޭބެއެއް ފަދައިން ކުދިންނާއެކު މަޖާކޮށް ކުޅެ ހީ ސަމާސާކޮށް ހައްދަވައެވެ.

އުސްތާޒް ޢަލީ ޒިޔާދު ދެ ދަރިވަރުންނާއެކު

އުސްތާޒު ޢަލީ ޒިޔާދުގެ ހިތްވަރާއި ކެއްތެރިކަމަށް ޚުދު އަޅުގަނޑުވެސް ފަޚުރުވެރިވަމެވެ. އެއީ ހަމަ ނަމޫނާ އުސްތާޒެކެވެ. ދަރިވަރުންނަށް ޚާއްޞަކޮށް ލަންދޫއަށް ލިބިފައި ހުރި ތަޢުލީމުގެ ބައްޕައެކެވެ. ޚާއްޞަކޮށް ޤުރްއާނަށެވެ.

ކޮންމެ އަކަސް އުސްތާޒު ޢަލީ ޒިޔާދު ދެމުންދާ ޚިދުމަތްތަކުގެ ވާހަކަ މިފަދަ ލިޔުމެއްގައި ގެނެސްދިނުމަކީ ވާނެކަމެއް ނޫނެވެ. އެއީ އެހާވެސް ޚިދުމަތްތެރި އުސްތާޒެކެވެ. އަދި އުސްތާޒު އެ ދެމުންދާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަކީ މިފަދަ ލިޔުމަކުން ވާނެކަމެއްވެސް ނޫނެވެ.

އަޅުގަނޑުގެ ދުޢާއަކީ އުސްތާޒް ޢަލީ ޒިޔާދު އަށް ދުޅަހެޔޮ ޞިއްޙަތެއް ދެއްވާ އެ ހެޔޮކަންމަތީ ޢުމުރު ދިގުކޮށްދެއްވުމެވެ. އަދި އުސްތާޒުގެ މަސައްކަތުގައި ﷲ ތަޢާލާ ބަރަކާތްލެއްވުމެވެ. އާމީން.

ލިޔުނީ: މުޙައްމަދު ޝާނިފް

މުޙައްމަދު ޝާނިފް އަކީ ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިން ތަފާތު ލިޔުންތައް ލިޔުމަށް ޝައުޤުވެރިކަން ހުންނަ ލިޔުންތެރިއެކެވެ. އަދި ކޮންމެ ދާއިރާ އަކަށްވެސް ލޯހުޅުވި ، ޚިޔާލު ތަނަވަސްވެ ކުރިއަރަމުން އަންނަ ދަރިވަރެކެވެ. ނޫސްވެރިކަމުގެ ދާއިރާ ހޮބީއެއްގެ ގޮތުގައި އޭނާނެގީ މިދާއިރާއިންވެސް ކާމިޔާބީ ތަކެއް ޙާޞިލްކުރުމަށް އުންމީދުކުރާތީއެވެ. ޝާނިފްގެ ލިޔުންތައް ހުރިހާދިމާއަކަށްވެސް ފޯކަސްކުރާނެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދުއަށް ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު ބަނދަރުކުރާނެ

ނ.ލަންދުއަށް ގެންނަ 250 ކިލޯވޯޓްގެ ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު 7 އާއި 8 ދެމެދު ލަންދުއަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz