ލަންދޫގެ އެންމެހާ ރައްޔިތުންގެ އެންމެ މަޤްބޫލް ޒުވާނާ – ޢަބުދުﷲ އިބުރާހިމް (ޒީރޯ)

ލަންދޫގެ ކުދިބޮޑު އެންމެންގެ ގާތުގައި ލަންދޫގައި ހުރި އެންމެ ރަނގަޅު ޒުވާނާއަކީ ކޮބައިތޯ އަހައިފިނަމަ ގިނަބައެއްގެ ޖަވާބަކަށް ވާނީ ހަމަ ޔަޤީނުންވެސް އެ ޒުވާނާއަކީ ނ.ލަންދޫ މާއިރާ އަލްފާޟިލް ޢަބުދުﷲ އިބުރާހިމް (ޒީރޯ) ކަން ކަށަވަރެވެ.

ޒީރޯ އަކީ ލަންދޫގެ ރައްޔިތުންނަށް އެންމެ ކަމުދާ އެންމެ މަޤްބޫލް ޒުވާނާއަށް ވަނީ ކީއްވެގެންބާވާއެވެ.

ޒުވާން އުމުރުގައި އަމިއްލަ ދިރިއުޅުމެއް ފެށުން

ޒީރޯ އަމިއްލައަށް ޑިޒައިންކޮށް ލައިފް ޖަމްޢިއްޔާ އާއި އަމިއްލަ ބައެއް ފަރާތްތަކުގެ އެހީތެރިކަމާއި އެކު ލަންދޫގެ މިސްކިތްތަކުގައި ހަރުކުރެވުނު ބޯޑުގެ ތެރެއިން ބޯދެއް ތައްޔާރުކުރުމުގެ މަސައްކަތުގައި ޒީރޯ / ފޮޓޯ:އޭޑީ

މިއަދު ޒީރޯއަކީ އުފެއްދުންތެރި ، ލީޑަރޝިޕްހުރި ގެވެހިން އަންބަކާއި ލޯބި ލޯބި އަންހެން ދަރިއަކާއި އެކު ކިތޭ ޒުވާންކަމުގައިވިޔަސް އަމިއްލަ ގެއެއްގައި ދިރިއުޅުން ވޭތިކުރަމުންގެންދާ ޒިންމާދާރު ފިރިއެކެވެ.

ގްރޭޑް 1 ން 5 އަށް ލަންދޫ ސްކޫލުން ތަޢުލީމު ހާސިލް ކުރުމަށްފަހު މަދުރަސަތުލް އަޙްމަދިއްޔާއިން ގްރޭޑް – 6 ން 10 އަށް ތަޢުލީމު ހާސިލްކޮށް އެސްކޫލުން އޯލެވެލް އިމްތިހާނު ހަދާ ރަނގަޅު ނަތީޖާއަކުން ފާސްވެ ސްކޫލުނިންމާ ރައްޔިތުންގެ މަޖުލިސްގެ ޢިދާރާގައި މަސައްކަތް ކުރެއްވުމަށްފަހު މިއަދު ލަންދޫ ސްކޫލުގައި ވަޒީފާ އަދާކުރަމުންގެންދާ ފަންނުވެރި ޒުވާނެކެވެ. އިންފޮމޭޝަން ޓެކްނޮލޮޖީއިން ޑިޕްލޮމާ ހާސިލްކޮށްފައިވާ ޒީރޯގެ ހޮބީއެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ  މޯބައިލް ގޭމް ކުޅުމާއި، އިންގްލިޝް މޫވީ ސީރީޒް ބެލުމެވެ.

ޒީރޯގެ ރިވެތި އަޚްލާޤާއި މާތްސިފަ

ޒީރޯއަކީ އެންމެންނާއިވެސް ގުޅޭ މާތް އަޙްލާޤެއްގެ ވެރި ޒުވާނެއް / ފޮޓޯ:ލަންދޫއިންފޯ

ނ.ލަންދޫގެ އާދައިގެ ޢާއިލާއަކަށް އުފަން ނ.ލަންދޫ ކެތްތެރި އަލްފާޟިލާ ހަލީމާ މުޙައްމަދަށާއި ، އިބްރާޙިމް ހަސޭނަށް ލިބިފައިވާ ކުދިންގެ ތެރެއިން އެންމެހަގު އަލްފާޟިލް ޢަބުދުﷲ އިބުރާޙިމް (ޒީރޯ) ފާހަގަ ކުރެވެނީ ރިވެތި އަޚްލާޤާއި މާތްސިފައެއް ލިބިފައިވާ ނަމޫނާ ޒުވާނެއްގެ ގޮތުގައެވެ. ޒީރޯއަކީ އުފެދުމުގައިވެސް މަޑުމައިތިރި ސިފައެއް ލިބިފައިވާ ޒުވާނެކެވެ. ޒީރޯ ދަންނަ ދެކެފަރިތަ އެންމެންވެސް ޤަބޫލްކުރާ ގޮތުގައި ޒީރޯއަކީ އެންމެނަނާއިވެސް ގުޅޭ މަޑުމައިތިރި ، އޯގާތެރި ، ހިތްތިރި ޒުވާނެކެވެ. ދުވަހަކުވެސް ރުޅިވެރި މޫނަކާއި އެކު މީހަކާއި މުއާމަލަތުކުރާތަން ފެނިފައި ނުވާއިރު ވާހަކަ ދެއްކުމުގައި މަޑުމައިތިރި ކަމާއި އޯގާތެރިކަން އިސްކުރާ ޒުވާނެކެވެ.

ލަންދޫ ރައްޔިތުންގެ މެދުގައި ޒީރޯ އެންމެ މަޤުބޫލް ޒުވާނަކަށް ވުމުގައި އޭނާގެ ކިބައިގައިވާ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެންމެހައި ރައްޔިތުން އެދޭ އެދުންތަކަށް އެއްވެސް ފަސްޖެހުމެއްނެތި އާނބަސް ބުނާ ބުނުން ހިމެނެއެވެ.

ދީނީ ކަންތައްތަކުގައި ނަމޫނާދެއްކުން

ޒީރޯގެ ރައީސްކަމުގައި ލައިފް ޖަމްއިއްޔާއިން ލަންދޫގެ އެއެކި ސަރަހައްދުތަކުގައި ހަރުކުރެވުނު ބޯޑުތައް ހަރުކުރުމުގެ މަސައްކަތުގައި ޒީރޯ ބައިވެރިވަނީ / ފޮޓޯ: އޭޑީ

މިއަދު ލަންދޫގައިތިބި ޒުވާނުންގެ ތެރެއިން ސުންނަތާއި އެއްގޮތައް އުޅެމުންގެންދާ  ޒުވާނުންގެ ތެރެއިން ޒީރޯއަކީ ނަމޫނާ ޒުވާނެކެވެ. ޖަމާއަތުގައި ޒީރޯނެތި ނަމާދެއްގޮއްސިކަމަށްވާނަމަ ޤަވާޢިދުން ނަމާދަށްދާ މީހުންގެ ހިތުގައި އުފެދޭނެ އެންމެ ބޮޑު ސުވާލަކަށްވާނީ ޒީރޯ މިސްކިތުން ނުފެނުމުގެ ސުވާލެވެ. ޒީރޯ ނަމޫނާއަކަށް ބަލައިގެން އަދި ބައެއް ބެލެނިވެރިން ޒީރޯ ނަމޫނާއަކަށް ދައްކައިގެން ސުންނަތާއި އެއްގޮތަށް އުޅޭ ޒުވާނުން މިއަދު ތިބި ކަމީ ލަންދޫގެ ގިނަ ރައްޔިތުން ޒީރޯއަށް ޝުކުރުވެރިވާ ކަމެކެވެ.

ޒީރޯގެ ރައީސްކަމުގައި ލައިފް ޖަމްއިއްޔާއިން ލަންދޫގައި ބޭއްވި ލައިފް ޖަމްއިއްޔާގެ ޤުރުއާން މުބާރާތުގެ ތެރެއިން / ފޮޓޯ:ލައިފް ޖަމްއިއްޔާ

ދިނީގޮތުން ރަށުގައި ހިންގޭ ހުރިހާ ހަރަކާތެއްގައި ކަހަލަ ގޮތަކަށް އެންމެ ކުރީސަފުގައި ޒީރޯއަންނަނީ ހަރަކާތްތެރި ވަމުންނެވެ. މިގޮތުން ލަންދޫގައި އޮންނަ ދީނީ ޖަމްއިއްޔާ (ލައިފް ޖަމްއިއްޔާ) ގެ ފުރަތަމަ ދަޢުރުގެ ރައީސްގެ ހައިސިއްޔަތުންވަނީ ރަށުގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްޞަދުގައި ދީނީ މަޢުލޫމާތު ލިބޭ ބޯޑުތަކެއް އަމިއްލައަށް ފަރުމާކޮށް ހެޔޮއެދޭ ފަރާތެއްގެ އެހީއާއިއެކު ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ހަރުކޮށްފައެވެ. ޒީރޯގެ އިސްނެގުމަށް އަމިއްލަ ރާގުތައް ހިމަނައިގެން މަދަހަ ސީޑީއެއްވަނީ ނެރެފައެވެ.

ޒީރޯއަކީ އެންމެންނާއިވެސް ގުޅޭ މަޑުމައިތިރި ޒުވާނެއް / ފޮޓޯ: އޭޑީ

އަދި ރަށުގައި މީހުންދިރިއުޅޭ ކޮންމެ ގެއަކަށް ޤުރުއާން ސީޑީއެއްވަނީ ހިލޭ ހަދިޔާކޮށްފައެވެ. ޕޮލިހުންނާއި ގުޅިގެން ލަންދޫގެ ރައްޔިތުންނަށް ހުޅުވާލައިގެން ޤުރުއާން މުބާރާތެއް ބާއްވާފައެވެ. މިއަދުވެސް ޒީރޯއަންނަނީ ލައިފު ޖަމްއިއްޔާއިން ހިންގާ ހުރިހާ ހަރަކާތެއްގައި އެންމެ ފުރިހަމައަށް ބައިވެރިވަމުންނެވެ.  ހަމަ މިއާއިއެކު ރަށުގެ މިސްކިތަތްކުގައި ޤުރުއާން ލިޔެފައިވާ ބޯޑުތަކެއްވަނީ ޒީރޯ އަމިއްލައަށް ޑިޒައިންކޮށް ލައިފް ޖަމްއިއްޔާ އާއި އަދި ހެޔޮއެދޭ ބައެއްފަރާތަތްކުގެ އެހީތެރިކަމާއި އެކު ހަރުކޮށްފައެވެ. މީގެ އިތުރުންވެސް ދީނީ ގޮތުން ހިންގޭ ހުރިހާ ހަރަކާތެއްގެ އިސްސަފުގައި ޒީރޯ ހަރަކާތްތެރިވެއެވެ.

 

ވެބު ޑިޒައިން ކުރުމާއި ވީޑިއޯ/ފޮޓޯ އެޑިޓްކުރުމަށްވެސް ލަންދޫގެ ނަމްބަރ 1

ޒީރޯ އަމިއްލައަށް ބޭރުގަނޑު ފަރުމާކޮށްފައިވާ ފޮތެއް / ފޮޓޯ: ލަންދޫއިންފޯ

ލަންދޫއިންފޯ، ލަންދޫއިންފޯއެއްގެ ގޮތުގައި އާމުންނާއި ހިސާބަށް ފޯރުކޮށްދިނުމުގައި އެންމެ ބުރަ އަދި ބޮޑު މަސައްކަތެއްކުރަމުން ގެންދާ ފަރާތަކީ ޒީރޯއެވެ. ސައިޓް ފަރުމާކޮށް ދުވަހުން ދުވަހަށް ގެންނަށްޖެހޭ ބަދަލުތައް ގެނެސް ސައިޓް ތަރައްޤީ ކުރުމުގެ ހުރިހާ މަސައްކަތެއް ހިލޭ ސާބަހަށް ކުރަމުން ގެންދަނީ ޒީރޯއެވެ.

ލަންދޫއިންފޯ ނޫނަސް އެތައް އެތައް ވެބުސައިޓަކާއި ބުލޮގުތަކެއް ޒީރޯވަނީ ޑިޒައިންކޮށްދީފައެވެ. އަދި މިއަދުވެސް އެމަސައްކަތްތައް ދަނީ ހިލޭސާބަހަށް ކޮށްދެމުންނެވެ.

ހަމަ މިއާއިއެކު ވީޑޯއޯނަގައި ވީޑިއޯ އެޑިޓްކުރުމުގެ އިތުރަށް ވީޑިއޯ ރިޕޯރޓްތައް ތައްޔާރުކޮށް ފޮޓޯ ނަގާ ފޮޓޯ އެޑިޓްކޮށް ހެދުމަށް ޒީރޯއަށްވުރެ ވަކި ފަރިތަ ދެވަނަ އެހެން މީހަކު އަދި މިހާތަނަށް ލަންދޫއިން ފެނިފައެއް ނުވެއެވެ.

ތަފާތު މުނާސަބަތުތަކަށް ތަންތައް ތައްޔާރުކޮށްދިނުމުގައިވެސް ޒީރޯވަރެއް ނެތް

ލަންދޫ ސްކޫލުގެ ޕްރައިޒްޑޭއަކަށް ޒީރޯގެ އަމިއްލައިސްނެގުމަށް ސްޓޭޖުތައްޔާރު ކުރެވިފައި / ފޮޓޯ:ލަންދޫއިންފޯ

ލަންދޫގައި ފާހަގަ ކުރެވޭ ތަފާތު މުނާޞަބަތުތަކަށް ތަންތައް ތައްޔާރު ކުރުމުގައި އެމުނާޞަބަތަކާއި ގުޅޭގޮތުން ތަންތަން ޒީނަތްތެރިކުރުމުގައިވެސް ޒީރޯގެ ހިއްސާވަރަށް ބޮޑެވެ.

ކައިވެނި ޕާރޓީތަކަށް ތަންޒީނަތްތެރި ކުރުމުގެ އިތުރުން އެފަދަ ގިނަ ޕާރޓީތަކުގައި ބޭނުންކުރާ ބެނާތަކަކީ ސީދާ ޒީރޯގެ އަމިއްލައަތުން ކުރަހާލިޔެ ޒީނަތްތެރި ކޮށްފައިވާ ބެނާތަކެކެވެ. ހަމަ އެހެންމެ ލަންދޫގައި ބޭއްވޭ ބޮޑަތި ކުޅިވަރު މުބާރާތްތައް އަދި ފާހަގަ ކުރެވޭ މުހިއްމު ދުވަސްތަކުގައި ބޭނުންކުރާ ބެނާތަކަކީވެސް ޚުދު ޒީރޯގެ އަމއްލަ އުފެއްދުންތަކެކެވެ. މީގެ ތެރެއިން ގިނަ މަސައްކަތްތަކަކީ އެއްވެސް އަގަކާއި ނުލައި ހިލޭސާބަހަށް ޒީރޯ ކޮށްދެމުން އަންނަ މަސައްކަތްތަކެވެ.

ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ ފަރުމާކުރުމުގައިވެސް ދެވަނައެއް ނެތްފަދަ ޒުވާނެއް

ލަންދޫގައި ބޭއްވޭ ގިނަ މުބާރާތްތަކާއި އަދި ތަފާތު މުނާޞަބަތު ތަކާއި ގުޅިގެން ދެވޭ ހަނދާނީ ލިޔުންތަކާއި އަދި ހަނދާނީ ފިލާތައް ފަރުމާކުރުމުގައިވެސް ޒީރޯއަކީ ހަމަ ނަމޫނާ ޒުވާނެކެވެ. މިގޮތުންވެސް ލަންދޫގައި ދެވޭ އެންމެ ވާދަވެރި އަދި އެންމެޝަރަފުވެރި އެވޯޑު ކަމަށް “ލަންދޫއިންފޯ އެވޯޑް” އަކީ ސީދާ ޒީރޯގެ އަމިއްލަ ފަރުމާކުރުމެކެވެ. އަދި ލަންދޫ ސްކޫލުގެ ޕްރައިޒުޑޭގައި ދެވޭ ތަފާތު ޓްރޮފީތަކުގެ އިތުރުން ލަންދޫގައި ހިންގޭ ތަފާތު ބޮޑަތި އިވެންޓްތަކުގައި ދެވޭ ހަނދާނީ ފިލާތަކަކީ ޚުދު ޒީރޯގެ އަމިއްލަ އުފެއްދުންތަކެވެ.

މީގެ އިތުރުން ރަށުގައި ކުރެވޭ ގިނަކައިވެނި ތަކުގައި މިފަހަކަށްއައިސް ރަނުގެ ގޮތުގައި ދެވޭ އެތިވެސް ފަރުމާކޮށް ތައްޔާރުކޮށްދެމުން އަންނަނީ ހަމަ ޒީރޯއެވެ.

ލަންދޫ ސްކޫލު ޓެކްނޮލޮޖީއަށް ރަށްޓެހި ސްކޫލަކަށް ވުމުގައި ޒީރޯގެ ދަޢުރު ވަރަށް ބޮޑު

މިއަދު ލަންދޫ ސްކޫލަކީ ޓެކޮނޮލޮޖީ އާއި ރަށްޓެހި އަދި އެންމެންނަށް ހުޅުވާލެވިފައިވާ ސްކޫލަކަށް ވުމުގައި ޒީރޯގެ ދަޢުރު ވަރަށް ބޮޑެވެ. ލަންދޫ ސްކޫލުގެ ހުރިހާ ތަނެއް އެއްނެޓްވޯކަކުން ގުޅުވާލެވި އަދި ބެލެނިވެރިންވެސް އެއް ނެޓްވޯރކެއްގެ ތެރެއަށް ގެނައުމުގައި ޒީރޯގެ ހިއްސާ ވަރަށްބޮޑުކަން ފާހަގަކޮށްލެވެއެވެ.

ލަންދޫއިންފޯ އެވޯޑްނައިޓަށް ރިޕޯރޓްތައްޔާރުކުމުގެ މަސައްކަތުގައި ޒީރޯ / ފޯޓ:ލަންދޫއިންފޯ

ލަންދޫ ސްކޫލަކީ ކުދިންނާއި ރައްޓެހި އަދި ހިތްގައިމު މާހައުލަކަށް ހެދުމުގައި ޒީރޯގެ އުފެއްދުންތެރި ޚިޔާލާއި ބުރަ މަސައްކަތް ފާހަގަކޮށްލެވެއެވެ. 2006 ވަނަ އަހަރުން ފެށިގެން ލަންދޫ ސްކޫލުގައި މަސައްކަތް ކުރަމުން އަންނަ ޒީރޯގެ މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަން ލަންދޫ ސްކޫލުގައި ކޮންމެ އަހަރަކު ބޭއްވޭ ޕްރައިޒްޑޭއިން އެކަނިވެސް އެނގިގެންދެއެވެ.  ޕްރައިޒްޑޭއަށް ތަން ތައްޔާރުކުރުމުގެ އިސްމޭސްތިއަކަށް ހުރުމާއި، ސެޓްފިކެޓްތައް ފަރުމާކޮށް ހެދުމަކީ ފިސާރި ގަޔާވެގެން ޒީރޯކުރާ މަސައްކަތެކެވެ.  ލަންދޫ ސްކޫލަކީ “ނަލަނަލަ” ސްކޫލަށް ވުމުގައި ޒީރޯގެ ދަޢުރު ވަރަށް ބޮޑެވެ. ސްކޫލުގައި ހިންގޭ ތަފާތު އިވެންޓްތައް ފޮޓޯނަގާފައި ހުންނަ ފުރިހަމަ ކަމުން ޒީރޯއަކީ މޮޅު ފޮޓޯގުރާފަރެއްކަމާއި މެދު ސައްކުކުރާނެ ޖާގައެއް ނެތެވެ.

ކޮމްޕިއުޓަރަށާއި ،މޯބައިލް ފޯނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދޭ ޑޮކްޓަރ

ކޮމްޕިއުޓަރަށާއި މޯބައިލް ފޯނަށް ދިމާވާ ތަފާތު މައްސަލަތައް ހައްލުކޮށްދީ ރަނގަޅުކޮށްދިނުމަކީ ޒީރޯގެ ހޮބީއެކެވެ. ރަށުގެ ތަފާތު ޢުމުރުފުރައިގެ އެތަށްއެތައްބައެއްގެ ކޮމްޕިއުޓަރަށާއި، މޯބައިލް ފޯނުތަކަށް ދިމާވެފައިވާ އެތައް އެތައް މައްސަލައެއް ހިލޭސާބަހަށް ޒީރޯވަނީ ހައްލުކޮށްދީފައެވެ. މީގެ އިތުރުން ޒީރޯ އަންނަނީ ބޭނުންތެރި އެތައްއެތަށް ހާއްޞަކޮށް ދީނީ ތަފާތު ސޮފްޓްވެއާތައް ގިނަބައެއްގެ ފޯނަށް އަޅައިދެމުންނެވެ. މީގެ އިތުރުން ކޮމްޕިއުޓަރާއި  ފޯނުގަންނަށް ބޭނުންވާ ފަރާތްތަކަށް އެވަގުތަކު އެންމެ ހިނގާ އެންމެ ރަނގަޅު ކޮމްޕިއުޓަރާއި ފޯނާއި ބެހޭ މަޢުލޫމާތު  އެކަމަށް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެމުންނެވެ. ޒީރޯއަކީ ލަންދޫގައި ހުރި ސޮފުޓްވެއާގެ މާހިރެކެވެ.

ޑިސްބެހެއްޓުމާއި . ކެމެރާހަރުކުރުމުގެވެސް މާހިރެއް

ލަންދޫގައި ގިނައަދަދެއްގެ ޑިސް އެންޓަނާތައް ބެހެއްޓިފައިވާއިރު މި ޑިސްއެންޓަނާތައް ބެހެއްޓުމުގައިވެސް ޒީރޯގެ ދަޢުރު ވަރަށްބޮޑެވެ. ލަންދޫގައި ބެހެއްޓިފައިވާ ގިނަ ޑިސްތައް ބަހައްޓާ ސެޓިން ހަދާފައިވަނީ ޒީރޯ ހިމެނޭގޮތުން ޒީރޯގެ އެކުވެރިން އުފައްދާފައިވާ “ނެޓްގްރޫޕް” އިންނެވެ.

ލަންދޫގެ ބައެއް މުއައްސަސާތަކުގަ އާއި އަދި ބައެއް ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރެވެމުންދާއިރު މިވަގުތައް ލަންދޫގައި މި މަސައްކަތް ކުރާ ހަމަ އެކަނި ފަރާތަކީވެސް ހަމަ ޒީރޯއެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޖެހިލުންކުޑަ އައްޔަ

މަސައްކަތުގެ ދާޢިރާގައި ގޮންޖެހުން ގިނަ ދުވަސްވަރެއްގައި އަދި އަމުދުން ލަންދޫކަހަލަ ކުޑަ އާބާދީއެއް އޮތް ރަށެއްގައިގައި ފުދޭވަރެއްގެ ރަނގަޅު އިންވެސްޓަމަންޓަކާއި …

ޚިޔާލެއްދެއްވާ

avatar
Fai
Fai

Congra xero, its my classmate too

ވައްޑެ
ވައްޑެ

އަލްޙަމްދު ލި ﷲ. މަގޭ ރަޙްމަތްތެރިޔަކަށް ވީތީ އުފާކުރަން. އަދި އެއްޕޮއިންޓު. އަދީބުންގެ ލިސްޓުގައިވެސް ޒީރޯ ހިމަނަންވަާނެ. އަދި އެއީ ޝާއިރެއްވެސްމެ.

wpDiscuz