ލަންދޫގެ ފުޓްބޯޅައަށް ބޮޑުބަދަލެއް ބޭނުންވެފައި

.އަތޮޅުގެ ފުޓްބޯޅައިގެ ބޮޑު ބާރެއްގެ ގޮތުގައި ބެލެވުނު ލަންދޫގެ ފުޓްބޯޅަ ޓީމު މިފަހަކަށް އައިސް ފެނިގެން ގޮސްފައިމިވަނީ މާބޮޑު އެދެވޭ ކާމިޔާބީއެއް ހޯދިފައި ނުވާ ޓީމެއްގެ ގޮތުގައެވެ. މިފަހަކަށް އައިސް ނ.އަތޮޅުގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ ޝިޔާމް މަޢުރޫފް ފުޓްބޯޅަ މުބާރާތުންވެސް ގްރޫޕް ސްޓޭޖުފަހަނަ އަޅާ ލަންދޫގެ ފުޓްބޯޅަ ޓީމަށްވަނީ ދެވޭގޮތް ނުވެފައެވެ. އަދި ހަމަ އެހެންމެ ލަންދޫގެ ފުޓްބޯޅައިގެ ދިގު މާޒީގައި އެޓީމުގެ މައްޗަށް ކުރި ނުހޯދިފައިވާ ޓީމުތަކުން ލަންދޫގެ ފަސްގަނޑުގައި ކުޅެ ލަންދޫ ޓީމުގެ މައްޗަށްވަނީ ބޮޑަތި ކުރިއެރުންތަކެއް ހޯދާ ލަންދޫގެ ފޫޓްބޯޅަ ޓީމުގެ އިތުރުން ލަންދޫގެ ރައްޔިތުން ލަދު ގަންނުވާލައިފައެވެ.

މިއަހަރު ބޭއްވުމަށް އިއުލާންކޮށްފައިވާ ޝިޔާމް މަޢުރޫފް ފޫޓްބޯޅަ މުބާރާތުގައި ލަންދޫގެ ފުޓްބޯޅަ ޓީމު ބައިވެރިވެފައިވާއިރު މި މުބާރާތުން ކާމިޔާބު ހޯދަށް ބޭނުންނަމަ ވޭތުވެދިޔަ 3 އަހަރުގެ ތަޖުރިބާއިން ގިނަކަންތައްތަކެއް ލަންދޫ ފުޓްބޯޅަ ޓީމުން ރަނގަޅު ކުރަންޖެހެއެވެ.

ސިޔާސީ ނުފޫޒު ޓީމަށް ނުވެއްދުން:

ނ.އަތޮޅުގެ އެންމެ ވަރުގަދަ ފުޓްބޯޅަ ޓީމުގެ ލަނގަބު ލަންދޫޓީމަށް ލިބި ، އެނަމާއި ޝަރަފް ޓީމަށް ގެއްލި  ލަންދޫގެ ފުޓްބޯޅަ ޓީމު މިއަދު މިއޮތް ހާލަތަށް ދިޔައީ ބަޔަކު މީހުން ޤަބޫލުކުރިޔަސް އަދި ނުކުރިޔަސް ލަންދޫގެ ފުޓްބޯޅަ ޓީމުގެ ތެރެއަށް ސިޔާސީ ނުފޫޒާއި ޢާއިލީ ނުފޫޒު ވަދެގެންނެވެ. ޓީމުގައި ހިމެނޭ މުހިއްމު މޮޅަތި ކުޅުންތެރިން ތިއްބަ ޓީމުގައި ހިމެނޭ ނުވަތަ ޓީމަށް ޚަރަދު ކުރަން ތިބި ވަކިބަޔަކު ބޭނުންވާ ބަޔަކަށް ޓީމުން ޖާގަ ދިނުމުގެ ސަބަބުންނެވެ. ޤަވާއިދުން ޕްރެކްޓިސަތަކަށް ހާޒިރުވެ ރަށުލޯބީގައި ރަށަށް ރީތިނަމާއި ޝަރަފް ހޯދައިދެން ތިބި ބަޔަކު ބޭރުކޮށް ވަކި ބައެއްގެ ސިޔަސީ އެޖެންޑާ ކާމިޔާބުކުރުމަށް މަސައްކަތް ކުރުމުގެ ސަބަބުންނެވެ.

މިއަހަރުވެސް ލަންދޫޓީމަށް ކާމިޔާބު ހޯދަށް ބޭނުންކަމަށްވާނަމަ ލަންދޫގެ ފުޓްބޯޅަ ޓީމަކީ ސިޔާސީ ކަންކަމުންނާއި ވަކި ބައެއްގެ ނުވަތަ ވަކި މީހެއްގެ ނުފޫޒުން އެއްކިބާވެފައިވާ ޓީމަކަށް ހަދަން ޖެހެއެވެ.

ކޯޗާއި މެނޭޖުމަންޓަށް ކިޔަމަންވެ ، ފުރިހަމަ ބާރުދިނުން

ލަންދޫގެ ފުޓްބޯޅަ ކޮންމެވެސް ވަރަކަށް ދަންނަ މީހެއްގެ ހައިސިއްޔަތުން މިއަދު ލަންދޫގެ ފުޓްބޯޅަ އިތުރަށް ކުރިއަރުވަން ބޭނުންކަމަށްވާނަމަ ޓީމުގެ ކޯޗަށާއި އަދި ޓީމުގެ މެނޭޖުމަންޓަށް ކުޅުންތެރިން ކިޔަމަންވާންޖެހޭކަން މިފާހަގަ ކުރަނީ ވޭތުވެދިޔަ 3 އަހަރު މިކަންތައްތައް އެންމެ ގާތުން ފެނުނު މީހެއްގެ ހައިސިއްޔަތުން ވެސް މެއެވެ.

ޓީމުގެ ކޯޗަކަށް ފުޓްބޯޅައިގެ ކަންތައް އެންމެ ރަނގަޅަށް ދަންނަ މީހަކު ނެތްކަމުގައިވިޔަސް ޓީމުގެ ކޯޗަކަށް ހުންނަ މީހަކަށް ޓީމުގެ އެންމެހައި ކުޅުންތެރިންނާއި އޮފިޝަލުން ކިޔަމަން ތެރިކަން އަދާކުރަން ޖެހެއެވެ. އަދި މެޗަށް ކުޅުންތެރިން އިޚްތިޔާރު ކުރުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ކޯޗަކަށް ހުންނަ ފަރާތަކަށް ދެވެން އެބަޖެހެއެވެ. ހަމަ މިއާއި އެކު އެކީގައި ޓީމުގެ އޮފިޝަލުން އަންގާ އެންމެހާ ކަންތައްތަކަށް ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންވެސް އަމަލްކުރަން ޖެހެއެވެ.

މިކަންތައް މި މަގުން ކުރެވިގެން މެނުވީ ކިތަންމެ މޮޅުކޯޗަކު ޓީމަށް ގެނަޔަސް އަދި ރަށުގައި ތިބި ކަމަށް އެންމެ ޤާބިލް އެންމެ ފުންނާބު އުސް ފަރާތްތައް މެނޭޖުމަންޓަށް ގެނައި ކަމުގައި ވިޔަސް ޓީމަށް އެދެވޭ ކާމިޔާބެއް ހާސިލެއް ނުކުރެވޭނެއެވެ.

ޚަރަދުކުރާނެ ފައިސާ ހޯދުމުގައި ކުޅުންތެރިން ބައިވެރިކުރުން

ލަންދޫގެ ފުޓްބޯޅަ ޓީމަކީ މިފަހަކަށް އައިސް އެޓީމު ބައިވެރިވި ގިނަ މުބާރާތްތަކުގައި ވަރަށް ފެންވަރުގައި ވަރަށް ފުދިގެން އުޅުނު ޓީމެއްކަން އެނގިގެންދަނީ އެޓީމުގެ ކުޅުންތެރިންގެ ވާހަކަ ތަކުންނާއި އެކަންތައްތައް އަމިއްލައަށް ތަޖުރިބާ ކޮށްލެވުމުންނެވެ.

ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ނުޖައްސާ ޓީމަށް ހަރަދުކުރާނެ ފައިސާ ހޯދާ ޓީމުގެ ކުޅުންތެރިން ބޭނުންވާ ހުރިހާކަމެއް ކޮށްދިނުމުން ނަތީޖާ ނުނެރެވުމުން ޓީމަށް ހަރަދުކުރާނެ ފައިސާއާއި އަދި ޓީމުގެ ކަންތައްތައް ކުރުމުގައި ކުޅުންތެރިންނަށް ދައުރެއްދީ ޢަމަލީގޮތުން ބައިވެރިކުރުން ވަރަށް މުހިއްމެވެ. މިގޮތަށް ކަންތައް ކުރުމުން ކުޅުންތެރިންގެ ދަޢުރު ބޮޑުވެ ކުރެވޭ ޚަރަދުގެ ބޮޑުކަން އެގި ކުޅުންތެރިންގެ ބައިވެރިވުން ބޮޑުވެ، ކުޅުންތެރިންގެ މަސައްކަތުގެ ރޭޓް އެތައް ތަނަކުން އިތުރުވެގެން ދާނެއެވެ.

ރަށުވަންތަ ލޯބީގައި ރަށަށް ރީތި ނަމާއި ޝަރަފް ހޯދަން ކުޅުން

މިފަހަކަށް އައިސް ލަންދޫ ޓިމުގެ ފަރާތުން ރަށުވަންތަ ލޯބި ފެނިފައިނުވުމަކީ ލަންދޫގެ ފުޓްބޯޅަ ޓީމަށް ނާކާމިޔާބާއި ކުރިމަތިލާން ޖެހުނު އެންމެ ބޮޑު އެއްސަބަބުކަމަށް ވެދާނެއެވެ.  މެޗަކުން ބަލިވިކަމުގައި ވިޔަސް ޓީމުގައި ހިމެނޭ ގިނަކުޅުންތެރިންގެ ކިބައިން މާބޮޑު ދެރަވުމެއް އަދި މާޔޫސްކަމެއް ނުފެނުމަކީ މިކަމުގެ ހެއްކެކެވެ. ލަންދޫ ޓީމަށް ކުޅޭ ކޮންމެ ކުޅުންތެރި އެއްގެވެސް އެންމެ ފުރަތަމަ އަދި އެންމެ ބޮޑު އަޒުމަކަށްވާން ޖެހޭނީ އެ ކުޅުންތެރިޔަކަށް ކުރެވުނުއެންމެ ބޮޑަކަށް މަސައްކަތްކޮށްގެން ރަށަށާއި ރައްޔިތުންނަށް ރީތިނަމާއި ޝަރަފް ހޯދައި ދިނުމެވެ.  ރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުންނަށް ހިތްހަމަ ޖެހުމާއި އުފާވެރިކަން ގެނެސް ދިނުމެވެ.

ލަންދޫގެ ފުޓްބޯޅަ ޓީމަށް ދިމާވެފައި މިވާ މައްސަލަތައް ހައްލުކޮށްގެން މެނުވީ މީގެ ކުރިން ލަންދޫ ޓީމުން ހޯދަމުން އައި ކާމިޔާބީތައް ހާސިލް ނުކުރެވޭނެކަން މިކަމުގައި އިސްކޮށް އުޅޭފަރާތްތަކުން ޤަބޫލްކޮށް މިކަންތައްތައް ރަނގަޅު ކުރަމާތޯއެވެ. ނަންމަޝްޙޫރުކޯޗަކު ބޮޑު އަގުދީފައި ރަށަށް ގެނައުމުގެ ކުރިންއެންމެ ފުރަތަމަ އަޅުގަނޑުމެން ކުޅުންތެރިންގެ ކިބައިގައިހުރި “ޑިސިޕްލިންގ” މައްސަލަތައް ހައްލުކުރަމާތޯއެވެ. ޓީމުގެ މެނޭޖުމަންޓަކީ  ޓީމުކުރިއަށް ގެންދިއުމުގައި ފުރިހަމައަށް ބަސްކިޔޭ ފަރާތަކަށް ހަދަމާތޯއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ޕްރެކްޓިސް ދެ ވަނަ މެޗް މާފަރާއި ދެކޮޅަށް

ޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމު ލަންދޫގެ ޕްރެކްޓިސް 2 ވަނަ މެޗް މާފަރު ފުޓްބޯޅަ ޓީމާއި …

ޚިޔާލެއްދެއްވާ

avatar
wpDiscuz