ކުށް ސާބިތު ކުރުމުގައި އިޖުރާއަތަށް އިސްކަން ދޭންވީ ކީއްވެ؟

ޤާނޫނީ މާހިރުންގެ ބުނުންތަކަށް ބަލާއިރު އާއި އިސްލާމީ ޝަރީޢަތަށް ބަލާއިރުވެސް ކުށުގެ ޒިންމާ އުފުލުމަށް އިސްތިސްނާވާ ބައެއް ޙާލަތްތަކެއް ވެއެވެ. މިފަދަ ޢިލްމުވެރީން ދެކިލައްވާ ގޮތުގައި ވަޟުޢީ ޤާނޫނުތަކުގައިވެސް މިފަދަ ޙާލަތްތަކަށް ޖާގަ ލިބިދީފައި ވެއެވެ.

މިފަދަ ޙާލަތެއްކަމަށް ބެލެވޭ އެއް މަރުހަލާއަކީ، ކުށެއް ސާބިތު ކުރުމުގައި ހިމެނޭ ދެބައިގެ ތެރެއިން އެއްބައި ކަމުގައިވާ “އިޖުރާއަތު” އެވެ. ޝަރީޢަތުގެ މަރުޙަލާގައި އިޖުރާއަތުގެ މައްސަލައެއް ނެގުމަކީ، އެއްވެސް ގޮތަކުން ކުށަށް އިންކާރު ކުރުމެއް ނޫނެވެ. އެހެންނަމަވެސް އެއީ ވަކި ޝަރުޠުތަކަކާއެކު ކުށުގެ ޒިންމާއިން ބަރީޢަ ވުމަށް އޮތް ޙާލަތެކެވެ. ޤާނޫނީ ވަކީލް ލިމާން މުޙައްމަދު (2017) ވިދާޅުވާ ގޮތުގައި މި ޙާލަތު ކޯޓުގައި ސާބިތު ކޮށްދިނުމަކީ ކުށުގެ ތުހުމަތު ކުރެވުނު މީހާއަށް ނެގިދާނެ ދިފާޢުއެކެވެ. މިފަދަ ދިފާޢުގެ މަޤްޞަދަކީ ހުރިހާ މަރުޙަލާއެއްގައިވެސް އިންސާފު ޤާއިމު ކުރުމަށް އިސްކަން ދިނުމެވެ. އެހެންކަމުން އިސްލާމީ ޝަރީޢަތާއި ސިވިލް ލޯ އަދި ކޮމަން ލޯގައިވެސް އިޖުރާއަތަށް ބަލަންޖެހެއެވެ.

އަޅުގަނޑުގެ މި މަޒުމޫނުގެ  އެންމެ މުހިއްމު އެއް މަޤްޞަދަކީ ޖިނާއީ މައްސަލަތައް ސާބިތު ކުރުމުގައި އިޖުރާާއަތު މުހިއްމުވަނީ ކީއްވެގެންކަން ޢިލްމީ އަދި ޤާނޫނީ ނަޒަރުން ބުނެ ދެވޭތޯ ބެލުމެވެ.

މި ދެންނެވުނު ނަޒަރިއްޔާ މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ވާނީ، ޤާނޫނީ ގޮތުންނާއި އިސްލާމީ ޝަރީޢާގައި އިޖުރާއަތަކީ ކޮބައިކަން ބަޔާން ކުރުމަށްފަހު، އޭގެ އަލީގައި، ޖިނާއީ އިޖުރާއަތަށް އިސްކަން ދޭންޖެހޭ ސަބަބުތަކުގެ މައްޗަށެވެ. މި ދެންނެވި ސަބަބުތައް ދެނެގަތުމަށްޓަކައި ޤާނޫނުއަސާސީ އާއި ބައެއް ކޯޓު ކޭސްތައް ދިރާސާކޮށްފައި ވާނެއެވެ.

މައްސަލަތައްބެހޭ ދެބައިކަމުގައިވާ ޖިނާއީ މައްސަލަތަކާއި މަދަނީ މައްސަލަތަކުގެ ތެރެއިން ޖިނާއީ މައްސަލަތަކުގެ މަފްހޫމް ބެހެނީ ދެބަޔަކަށެވެ. މިގޮތުން ޖިނާއީ ހުރިހާ ޤާނޫނެއްގެ އަސާސް ބިނާވެފައިވަނީ އަންނަނިވި ދެ ކަންތަކުގެ މައްޗަށެވެ. އެއީ މައުޟޫޢީ ބަޔާއި (ޤާނޫނުލް ޢުޤޫބާތު – ޤާނޫނު ނަންބަރު: 9/2014 ) އިޖުރާއަތު (ކަން ކުރަންވާ ގޮތް ނުވަތަ ޖިނާއީ އިޖުރާއަތުގެ ޤާނޫނު – ޤާނޫނު ނަންބަރު: 12/2016) ގެ ބައެވެ.

މައުޟޫޢީ ބަޔަކީ ޤާނޫނުގެ ތެރޭގައި ލިޔެވިފައި ހުންނަ ލިޔުންތަކެވެ. ނުވަތަ އެއީ ޙުކުމްތައް ކަނޑައެޅި، ކަންކަން ޤަޠުޢީކޮށް ބަޔާން ކުރެވިފައި އޮންނަ އޮތުމެވެ. މިސާލަކަށް ބަލާނަމަ ވައްކަން ކުރާ މީހާގެ އަދަބަކީ ވަކި މުއްދަތަކަށް ޖަލަށް ލުންކަމަށް ލިޔެވިފައި އޮންނަ އޮތުން ނުވަތަ ކުށްތަކަށް އަދަބު ކަނޑައެޅިފައި ޤާނޫނުތަކުގައި އޮންނަ އޮތުން އެއީ މައުޟޫޢީ ބައެވެ.

އިޖުރާއާތު މިލަފްޒުގެ އަސްލަކީ ޢަރަބި ބަހެކެވެ. އިޖުރާއާތަކީ ގިނަގޮތެވެ. އޭގެ އެއް އިޖުރާއަތަށް ޢަރަބިން ކިޔަނީ އިޖްރާއަތުން މިހެންނެވެ. މި ލަފްޒަށް އިނގިރޭސިން ކިޔަނީ procedure (ޕްރޮސީޖަރ) އެވެ. އެހެންކަމުން އިޖުރާއާތުގެ މަފްހޫމަށް ބަލާއިރު، އިޖުރާއަތަކީ، ވަކި ތަރުތީބަކުން ވަކި ގޮތަކަށް ކުރެވޭ ވަކި ކަންތައްތަކަކަށް ކިޔާނަމެކެވެ.

މިސާލަކަށް: މައްސަލައެއްގައި އިޖުރާއަތަށް ވާނީ ކުށްކުރިކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރުމަށް ކަން ކުރަންޖެހޭ ގޮތެވެ. ނުވަތަ ބަލައި ފާސްކުރަންޖެހޭ ގޮތެވެ. ނުވަތަ ހައްޔަރުކުރާ މީހާއަށް އަންގާ އެންގުމެވެ. ނުވަތަ އެއީ ތަޙްޤީޤުކުރަންޖެހޭ ޤާނޫނީ އޮނިގަނޑެވެ.

(ޤާނޫނު ނަންބަރު: 2016/12) ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 1 ވަނަ މާއްދާގައި ވާ ގޮތުން، ޖިނާއީ އިޖުރާއަތަކީ ދިވެހިރާއްޖޭގެ ޖިނާއީ ކުށްތައް ތަޙުޤީޤު ކުރުމާއި، ޖިނާއީ ކުށްކުށުގެ ދަޢުވާ އުފުލުމާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މިސާލަކަށް މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރެވޭއިރު، އޭނާގެ މައްޗަށް ކުރެވޭނެ ދަޢުވާއަކީ ކޮބައިކަމާއި، ދަޢުވާ ކުރެވޭނީ ކިހާ މުއްދަތެއްގައިކަމާއި، އެ ދަޢުވާގެ އަޑުއެހުންތައް ނިމޭނީ ކިހާ މުއްދަތެއްގައިކަމާއި، އެކަމާ ގުޅިގެން އަންނާނެ އަދަބަކީ ކޮބައިކަމާއި މި އެންމެހައި ކަންކަމަކީ، ދަޢުވާ ލިބޭފަރާތަށް އެނގެންޖެހޭ ކަންކަމެވެ. މި ކަންކަން ސާފުވަނީ އިޖުރާއަތެއް އޮވެގެންނެވެ. ކުށް ކަނޑައެޅުމާއި، ކުށުގެ އަދަބު ކަނޑައެޅުމަކީ ޤާނޫނުލް ޢުޤޫބާތުން ކުރާ ކަމެއްކަމުގައި ވިއަސް، އެކަން އެހެން އޮތްކަން އެއީ އިޖުރާއަތުގެ ޛަރީޢާއިން އެމީހަކަށް ސާފު ކޮށްދޭންޖެހޭ ކަންކަމެވެ.

މި މޭރުމުން ބަލާއިރު މަދަނީ މައްސަލަތަކުގެ އިޖުރާއަތަކަށް ވާނީވެސް، އެފަދަ މައްސަލަތައް ހުށަހެޅުމާއި، އެމައްސަލަތަކުގެ ޝަރީޢަތް ހިންގުމާއި، އެފަދަ މައްސަލަތަކުގެ ޙުކުމް ތަންފީޛު ކުރުމުގައި ޢަމަލުކުރާނެ އުޞޫލުތައް ބަޔާންކުރުމެވެ.

ޖިނާއީ އިޖުރާއަތުގެ މިސާލަކަށް ބަލާނަމަ، ކުށްބެހިފައިވާ 3 ބައިގެ ތެރޭގައި ހިމެނޭ ކުދި ކުށްކުށަށް (ޖުނަޙްގެ މައްސަލަތައް) ވަކި މުއްދަތެއްގެ ތެރޭގައި ދަޢުވާކުރަން ޖެހޭނެކަމަށް އޮންނަ އުސޫލެއް ޤާނޫނުލް ޢުޤޫބާތުގެ 61 ވަނަ މާއްދާގައި ބަޔާން ކުރެވިފައި އެބައޮތެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެވެސް އެއް މަޤްޞަދު ކަމުގައިވާ ޖިނާއީ މައްސަލަތައް އަވަހަށް ނިންމުމަށާއި ފަރުދުންގެ މަޞްލަޙަތު ޙިމާޔަތް ކުރުމުގެ ގޮތުން ކަނޑައަޅާފައިވާ އުސޫލެކެވެ. އެހެންކަމުން ޤާނޫނުލް ޢުޤޫބާތުގެ 61 ވަނަ މާއްދާއަށް ބަލާއިރު، އެފަދަ ކުށެއްގައި 3 އަހަރު ފަހުން ދަޢުވާއެއް ކުރަން އުޅެފިނަމަ އެ ވާނީ އިޖުރާއަތާ ޚިލާފު ކަމަކަށެވެ. މި ޙާލަތުގައި ކުށް ނުކުރަނީކީ ނޫނެވެ. އުޞޫލުތަކާ ޚިލާފުވެގެން ދަޢުވާ ނުކުރެވެނީއެވެ. ނުވަތަ ދަޢުވާ ލިބޭ ފަރާތަށް ހުއްދަ ދިފާޢެއް ނެގެނީއެވެ.

އެމީހަކަށް ލިބިގެންވާ ޙައްޤުތައް ތަފްސީލުކޮށް އެނގުމަކީވެސް އެއީ އިޖުރާއަތެއްގެ ތެރެއިން އަންނަ ކަންކަމެވެ. މިސާލަކަށް ޙަޟާނަތުގެ ޙައްޤު މައިމީހާއަށް ލިބޭނީ ކޮންއިރެއްގައި ކަމާއި، ބައްޕައަށް ލިބޭނީ ކޮންއިރެއްގައިކަން އެއީ އިޖުރާއީ ގޮތުން އެނގޭނެ ކަންކަމެވެ.

ކުރުކޮށް ދަންނަވާނަމަ، އިޖުރާއަތަކުން އެނގިގެންދަނީ ވަކި ކަމަކާ ނުވަތަ ތަޙްޤީޤެއްގައި ނުވަތަ ވަކި ދަޢުވާއަކާ ގުޅިގެން ފެށުނީއްސުރެން ނިމެންދެން އޭނާއާ މެދުގައި ޢަމަލު ކުރެވޭނެގޮތުގެ ހުރިހާ ތަފްސީލެކެވެ.

މިގޮތުން ބަލާއިރު ޖިނާއީ އިޖުރާއަތުގެ ތެރޭގައި 2 މަރުޙަލާއެއް ހިމެނެއެވެ. އެއީ 1. ތަޙްޤީޤުގެ މަރްޙަލާ 2. ޝަރީޢަތުގެ މަރްޙަލާއެވެ. މިގޮތުން ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް (ޤާނޫނު ނަންބަރު 2016/12) ބިނާވެފައިވަނީ މި ދެ މަރްޙަލާގައި ކަންތައްތައް ކުރަންވާނޭ ޤާނޫނީ އުޞޫލުތަކެވެ. އެ ޤާނޫނުގައިވާ ގޮތުން މި އުޞޫލުތައް ބިނާވެ ތަރުތީބު ކުރެވިފައިވަނީ އަންނަނިވި ދެ މަރުޙަލާގައި އެވާ ކަންތައްތަކުގެ މައްޗަށެވެ.

ތަޙްޤީޤުގެ މަރްޙަލާ ޝަރީޢަތުގެ މަރްޙަލާ
ހައްޔަރުކުރުން އިބްތިދާއީ އަޑުއެހުން
ހުއްޓުވުން
ބަލާފާސްކުރުން ފުރަތަމަ ޝަރީޢަތް ފެށުން
ތަޙްޤީޤު ހިންގުން
ހެކި ހޯދުން ޝަރީޢަތުގެ ފަހުގެ މަރުޙަލާ
ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދިއުން ޙުކުމްކުރުން

 

މަތީގައި އެ ވާ ޓޭބަލްގައި ބަޔާންވެފައިވާ އެންމެހައި މަރުޙަލާތަކުގެ އުޞޫލުތައް ބިނާވެފައިވަނީ 3 މަޤްޞަދެއް ޙާޞިލް ކުރުމުގެ މައްޗަށްކަން (ޤާނޫނު ނަންބަރު 2016/12) ގެ 2 ވަނަ މާއްދާއިން އެނގެއެވެ. އެއީ :-

– ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތެއްގެމަތިން ޖިނާއީ ކުށުގެ ތަޙްޤީޤުތައް ކުރިއަށް ގެންދިޔުމަށް މަގު ފަހިކުރުމާއި، އެފަދަ ތަޙްޤީޤުތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ އުޞޫލުތައް ކަނޑައެޅުން.

– ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތެއްގެމަތިން ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ބާރުއެޅުމާއި، އެފަދަ ދަޢުވާތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ އުޞޫލުތައް ކަނޑައެޅުން.

– ޖިނާއީ މައްސަލަތަކުގެ ޝަރީޢަތްތައް ވީހާވެސް އިންޞާފުވެރިކޮށް، އަދި އެކަށީގެންވާ އަވަސް މިނެއްގައި ހިންގުމަށްޓަކައި ބޭނުންވާ އުޞޫލުތައް ކަނޑައެޅުން.

މި މަޤްޞަދުތައް ޙާޞިލު ކުރުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ޤާނޫނު އައުމުން، ޖިނާޢީ ހުރިހާ ދަޢުވާއެއްގެ ހުރިހާ މަރުޙަލާތަކެއްގެވެސް އިޖުރާއަތާގުޅޭ ކަންކަން ހިންގާނީ، އެ ޤާނޫނުގެ ދަށުންކަމަށް އެ ޤާނޫނުގެ 212 ވަނަ މާއްދާއިން އެނގެން އެބަ އޮތެވެ.

މި ޤާނޫނު އައުމުގެ ކުރިންވެސް އަދި ފަހުންވެސް ޖިނާއީ އިޖުރާއަތުތަކަށް އިސްކަން ދީފައިވާކަން ކޯޓުތަކުގެ ޤަޟިއްޔާތަކުން ސާފުކޮށް ފެންނާން އެބަހުއްޓެވެ.

މިސާލަކަށް ސްޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު: 2/SC-A/2012 އަށް ބަލާލަމެވެ.

މި ދަޢުވާއަކީ މއ.މާޖެހިވިލާ ޢަބްދުﷲ ހާދީގެ މައްޗަށް ކުރެވުނު ”މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ“ ދަޢުވާއެކެވެ.

މައްސަލައިގައި ދައުލަތުން ދަޢުވާ ކޮށްފައިވަނީ މޯލްޑިވްސް ޕޮލިސްސަރވިސް އިން ހޯދާފައިވާ ހެކީގެ މައްޗަށް ބުރަވެއެވެ. ނަމަވެސް ހެކިބަސް ހޯދުމުގައި (ބިރުދައްކައި މަޖުބޫރު ކޮށްފައިވާކަމަށް ބުނެ) އިޖުރާއަތާ ޚިލާފު ވެފައިވާކަމަށް ބުނެ ދަޢުވާ ލިބުނު ފަރާތުން ދިފާޢު ނަގާފައިވެއެވެ. އަދި ހެކިބަސް ހޯދުމުގައި ބިރު ދެއްކިކަން ކޯޓަށް ސާބިތު ކޮށްދިނެވެ.

މި މައްސަލައިގައި ދަޢުވާ ލިބުނު ފަރާތުން ނެގި އިޖުރާއަތުގެ ދިފާޢު ކޯޓަށް ބަލައިގަނެ ދަޢުވާ ރައްދުވި ފަރާތުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ސްޕްރީމް ކޯޓުން ނިންމާފައިވަނީ އެ ކޯޓުގެ 7 ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

މި ޤަޟިއްޔާގެ ޙުކުމުގައި އިޖުރާއަތާ ޚިލާފުވުމުގެ ދިފާޢު ބޭނުން ކޮށްފައިވެއެވެ. އެއީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ އިޖުރާއަތާ ޚިލާފަށް ހެކި ހޯދާފައިވާތީއެވެ.

މިފަދަ އެހެން މައްސަލައަކަށް ބަލާއިރު ކުރިމިނަލް ކޯޓުގެ ޤާޟިއްޔާ ނަންބަރު: 945/Cr-C/2017

މި ދަޢުވާއަކީ މ. ގްލޯރީ ސުބުޙީ އިސްމާޢީލް މާހިރުގެ މައްޗަށް ދައުލަތުން ކުރި މަސްތުވާ އެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެކެވެ.

މި މައްސަލަ 19 އޮކްޓޯބަރ 2017 ގައި ބާޠިލު ކުރައްވާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އެއީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، ދައުލަތުން ހެކި ހޯދާފައިވަނީ، ޤާނޫނީ ޙުދޫދުގެ ތެރެއިން ނޫންކަމަށް އެނގެން އޮތަތީއެވެ.

މި ޤަޟިއްޔާތައް ބެލުމުން، ކުށް ސާބިތު ކުރުމުގައި އިޖުރާއަތަށް އިސްކަން ދީފައިވާކަން މުޠުލަޤުކޮށް އެނގެއެވެ. އެހެނީ ކުށް ސާބިތު ކުރުމުގެ ދެންހުރި ހުރިހާ މަރުޙަލާއެއް ފެށޭނީ، ނުވަތަ ބާކީ ދެންހުރި މަރުޙަލާތައް ތަރުތީބު ވެގެން އަންނާނީ އިޖުރާއަތުގެ އަސާސްތަކުގެ މައްޗަށެވެ. މި އަސާސްތައް ފުރިހަމަ ނުވާނަމަ ”ކައްޗަށް އެޅި ބިންގާ ކެއްޗާ ހަމައަށް ނެގިޔަސް ވާނީ ކައްޗޭ“ ބުނާ އުޞޫލުން ބާކީ ހުރިހާ ފަށަލަތަކެއް ވާނީ ބާޠިލުކަން އެނގެއެވެ.

އިޖުރާއަތު، ޤާނޫނުތަކުގައި އޮތް ގޮތް

މިހާރު ޢަމަލު ކުރަމުންދާ ދިވެހި ޤާނޫނުއަސާސީގެ ދެވަނަ ބާބުގެ 42 ވަނަ މާއްދާއިން ފެށިގެން 52 ވަނަ މާއްދާއާ ހަމައަށް ބަޔާން ވެފައިވަނީ، ހިފާ ހައްޔަރު ކުރުމުގައި ޢަމަލު ކުރަންވީ ގޮތާ ކުށެއްގެ ތުހުމަތު ކުރެވޭ މީހުންގެ ޙައްޤުތަކުގެ ވާހަކަ ބަޔާންކޮށްފައެވެ. މިގޮތުން 45 ވަނަ މާއްދާގައި ބުނެފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން އެކުލަވައިލައިި ފާސްކޮށްފައިވާ ޤާނޫނުގައި ބުނާ ގޮތަށް ފިޔަވައި އެހެން އެއްވެސް ގޮތަކުން މީހަކު ހިފާ ހައްޔަރު ނުކުރެވޭނޭ ކަމަށެވެ.

ތިރީގައި ބަލާލެވިފައި މިވަނީ މިހާރު ޢަމަލު ކުރަމުންދާ އިޖުރާއަތުގެ ޤާނޫނުގެ ކުރިން، ކޯޓުން ނިންމާފައިވާ ޤަޟިއްޔާއަކަށެވެ. މި ޤަޟިއްޔާގައި ރިޔާޢަތް ކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، އިޖުރާއަތަށް އިސްކަން ދޭންޖެހެނީ، އިންސާނީ ހަމަހަމަ ކަމާއި މިނިވަންކަން ކަށަވަރު ކޮށްދިނުމަށްވުރެ އިސްކަން ދޭންޖެހޭ އެއްވެސް ޤާނޫނީ ހަމައެއް ނެތްކަން ޔަޤީން ވާތީކަން އެނގެއެވެ.

މީގެ މިސާލަކަށް ސްޕްރީމް ކޯޓުގެ ގަޟިއްޔާ ނަންބަރު 2010/SC-A/19

މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 148/A-HC/2010 ގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް (ކުށެއްގެ ތުހުމަތުގައި މ. މާފަންނުވިލާ ޤާސިމް އިބްރާހީމް ހައްޔަރުކުރި މައްސަލަ ) ޤާނޫނާއި ޤަވާޢިދާ އެއްގޮތް ނުވާކަމަށް ބުނެ އެ މައްސަލަ މ. މާފަންނުވިލާ ޤާސިމް އިބްރާހީމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ޙުކުމް ކޮށްފައިވާ މައްސަލައެކެވެ.

މި ޤަޟިއްޔާގައި ޙަވަލާދީފައިވާ ޤާނޫނީ ނުކުތާތަކަށް، އެ ކޯޓުގެ ނަންބަރު 2010/SC-A/20 ޤަޟިއްޔާގައި، ޙުކުމް ކުރުމުގައިވެސް ފާހަގަ ކޮށްފައިވެއެވެ. އެހެންކަމުން މިއީ އެއް ބާވަތެއްގެ ދެ މައްސަލައެވެ.

މި މައްސަލައާ ގުޅިގެން، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލު ކުރާ އުޞޫލުތަކަށާއި ޖުރިސްޕްރޫޑެންސަށާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ސްޕްރީމް ކޯޓުން ބައްލަވާފައިވެއެވެ.

މި ގޮތުން ފަނޑިޔާރުން ބައްލަވާފައިވާ ކަންތައްތަކުގެ 2 ވަނަ މާއްދާއިން 7 ވަނަ މާއްދާއަށް ބަޔާން ވެފައިވަނީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހަކާމެދު ޤާނޫނީ ގޮތުން ޢަމަލު ކުރަންޖެހޭ ގޮތްތަކެވެ. މާނައަކީ، ކުށެއް ނުކުރާ މީހެއްގެ ގޮތުގައި ބަލައިގެން، ލިބެންޖެހޭ ޙައްޤުތައް ކަށަވަރު ކޮށްދިނުމުގެ އިޖުރާއަތުތަކެވެ.

މި ޤަޟިއްޔާގެ 2 ވަނަ ނަންބަރުގެ (ބ) ގައިވަނީ، ހައްޔަރު ކުރެވޭ ހިނދު ލަސްނުކޮށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަންވާނެކަމާއި، ހައްޔަރު ކުރެވިފައިވާ މީހާގެ ޙައްޤުތަކަށް ރައްކާތެރިވުމުގެ ގޮތުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހައްޔަރު ކުރެވިފައިވާ މީހެއް ހާޒިރު ކުރެވުމުން އޭނާގެ މައްޗަށް ލާޒިމްވެގެން ވަނީ ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ އެއްގޮތަށް ޝަރްޢީ ވާޖިބު އަދާކޮށް ކޮންމެ މައްސަލައެއްގައި އެ މައްސަލައެއްގެ ބާވަތުން އަންނަނިވި ކަންތައްތަކަށް ވަޒަން ކުރުންކަން.

 • ހައްޔަރު ކުރެވިފައިވަނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންކަން ނުވަތަ ނޫންކަން.
 • ޝަރީޢަތް ކުރުމުގެ ކުރީގައި ހައްޔަރުގައި ބެހެއްޓުން ޟަރޫރީކަން ނުވަތަ ނޫންކަން.
 • ބަންދުން ދޫކުރަން ޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުން.

(ޅ) ގައި ވަނީ، ބަންދުގައި ބަހައްޓަން ޖެހޭނަމަ ހައްޔަރު ކުރެވިފައިވާ މީހާގެ ފަސޭހަތަކަށް ރައްކާތެރިވުމާއި ހައްޔަރު ކުރެވިފައިވާ މީހާގެ އަސާސީ އެއްވެސް ޙައްޤަކާ ޚިލާފަށް ކަމަށްވާނަމަ ވަގުތުން ދޫކޮށްލުމަށް އަމުރު ނެރެންވާނެކަމާއި މި ޙައްޤަކީ މިނިވަންކަމުގެ ޙައްޤު ހިމާޔަތް ކުރުމަށާއި އަނިޔާވެރި (އާރބިޓްރަރީ) ހައްޔަރު ކުރުންތަކާއި މީހުންނަށް އިންސާނިއްޔަތާއި އިންސާނީ ކަރާމާތާ ޚިލާފު އަދަބު ދިނުމާއި ލާއިންސާނީ މުޢާމަލާތް ކުރުމާއި މަޖުބޫރުން ވީނުވީއެއް ނޭނގޭގޮތަށް ގެއްލުވާލުމާއި ދުނިޔެއިން އެކަހެރިކޮށް ވަކިތަނެއްގައި ބަންދުކުރުން ފަދަ އިންސާނީ ޙައްޤުތަކާއި ޚިލާފު ބޮޑެތި ޢަމަލުތައް ހުއްޓުވުމަށް ނުހަނު މުހިންމު ވަޞީލަތެއްކަމާއި މިފަދަ ދަޢުވާއެއް ހުށަހެޅިއްޖެނަމަ ލަސްނުކޮށް ހައްޔަރު ކުރެވިފައިވާ މީހަކު ކޯޓަށް ހާޒިރު ކޮށްދިނުން ހައްޔަރުކުރި ފަރާތުގެ މައްޗަށް ލާޒިމްވާކަމާއި ހައްޔަރު ކުރެވިފައިވަނީ ޣައިރު ޤާނޫނީ ގޮތެއްގައި ކަމަށްވާނަމަ ހަމަ ވަގުތުން ދޫކޮށްލަން ކޯޓުން އަމުރު ކުރަން ވާނެކަމާއި އެގޮތުން ކޮންމެ  ދައުލަތަކުންވެސް އެދައުލަތެއްގެ ޤާނޫނުގައި މިފަދަ ދަޢުވާތަކާބެހޭ ޤާނޫނާއި ކޯޓު އިޖުރާއަތު ހުންނަން ޖެހޭކަމާއި އޭގެ ތެރޭގައި ”ހޭބިއަސް ކޯޕަސް“ ޠަބީޢަތުގެ އަމުރު ނެރުމުގެ ނިޒާމް ފަސޭހަ ގޮތެއްގައި އަދި އަވަސް ގޮތެއްގައި ހުންނަން ޖެހޭނޭކަމެވެ.

(އ) ގައިވަނީ ކުށެއް ކޮށްފިނަމަ ތުހުމަތުކޮށް ތަޙްޤީޤް ކުރާ ފަރާތަކަށް މައްސަލައެއް ހުށަހެޅުމުން ލަސްނުކޮށް އެ މައްސަލައެއް ތަޙްޤީޤުކޮށް ނިންމަން ވާނެކަމާއި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެމީހަކާމެދު ޝަރީޢަތްކޮށް ނިންމަން ވާނެކަމެވެ.

އެހެންކަމުން، އެއްވެސް މީހެއްގެ ގަޔަށް އަތްލައި ހިފައި ހައްޔަރުކޮށް ނުވަތަ ބަންދު ކުރުމަކީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކުރެވިފައިވާ ޞައްޙަ ހައްޔަރެއް ކަމަށް ޝަރްޢީ ކޯޓަކަށް ކަނޑައެޅޭނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ އާއި 45 ވަނަ މާއްދާ އާއި 46 ވަނަ މާއްދާ އާއި 48 ވަނަ މާއްދާ އާއި 49 ވަނަ މާއްދާ އާއި 57 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އަދި އެ މާއްދާތަކުގައި ކަނޑައެޅިފައިވާ އިޖުރައަތާ (ޑިޔު ޕްރޮސީޖަރއާ) އެއްގޮތަށް ހައްޔަރު ކުރުމާއި ބަންދު ކުރުމުގެ އެންމެހައި އިޖުރާއަތުގެ ޢަމަލު ކުރެވިފައި ވާކަން ކޯޓަށް ސާބިތު ކުރެވިގެން ކަން އެނގެއެވެ.

މީހެއްގެ ގަޔަށް އަތްލައި ހިފައި ހައްޔަރުކުރީ ނުވަތަ ބަންދުކުރީ ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިންކަން ސާބިތުކުރަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ރ) އިން ލާޒިމް ކުރަނީ ދައުލަތުގެ މައްޗަށް ނުވަތަ ހައްޔަރު ކުރިފަރާތުގެ މައްޗަށް ކަމަށްވާތީ އާއި މީހުންނަށް ޤާނޫނުއަސާސީގެ 41 ވަނަ މާއްދާއިން ޔަޤީންކޮށް ދީފައިވާ އެކިތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން މ. މާފަންނުވިލާ ޤާސިމް އިބްރާހީމްގެ ކިބައިން ހިފަހައްޓައިގެން ނުވާނެކަމަށް ޙުކުމުގައިވެއެވެ.

1997 ގެ ޤާނޫނުއަސާސީގައި ވާގޮތުން 07 ދުވަހަށްވުރެ ދިގު މުއްދަތަކަށް އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް ބެހެއްޓޭނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންކަމުގައި ބަޔާން ކޮށްފައި ވެއެވެ.

ޤާނޫނު ނަންބަރު 05/78 (7 ދުވަހަށް ވުރެ ދިގު މުއްދަތަށް މީހުން ހައްޔަރު ކުރުމުގައި ނުވަތަ ބަންދު ކުރުމުގައި ޢަމަލު ކުރަންވީ ގޮތުގެ ޤާނޫނު) ގެ އެއްވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވަނީ ހަތް ދުވަހަށްވުރެ ދިގު މުއްދަތަކަށް މީހަކު ބަންދު ކޮށްފައި ބެހެއްޓޭނީ ރައީސުލްޖުމުހޫރިއްޔާ ޢައްޔަނުކުރާ ތިން މީހެއްގެ މައްޗަށް އެކުލެވޭ ކޮމިޓީއަކަށް ހުށަހަޅައި، އެކޮމިޓީގެ ހުއްދަ ލިޔުމުން ލިބިގެން ކަމުގައެވެ.

މިގޮތުން ހުއްދަ ދެވޭނީ ފަނަރަ ދުވަހުގެ މުއްދަތަށް ބަންދު ކޮށްފައި ބެހެއްޓުމަށްކަމަށް މި މާއްދާގައި ބަޔާން ކުރެއެވެ. އަދި ފަނަރަ ދުވަހަށްވުރެ ދިގު މުއްދަތަކަށް މީހަކު ބަންދުގައި ބެހެއްޓޭނީ އެމީހަކު ހައްޔަރުކޮށްފައި ބެހެއްޓުމުގެ މައްސަލަ، އެފަދަ މައްސަލަތައް ބެލުމަށް ރައީސުލްޖުމުހޫރިއްޔާ ކަނޑައަޅާ ޤާޟީއަކަށް ހުށަހަޅައި، އެޤާޟީ ނިންމާ ނިންމުމެއްގެ މައްޗަށްކަމަށް ކުރިން ދެންނެވުނު ޤާނޫނުގެ ދެ ވަނަ މާއްދާގައި ބަޔާން ކޮށްފައި ވެއެވެ.

މި ޤާނުނުއަސާސީ އާއި ޤާނޫނަށް ބަލާއިރު އެނގެނީ ޖިނާއީ އިޖުރާއަތަށް ޢަމަލު ކުރުމަށް އޭރުވެސް އިސްކަން ދީފައިވާކަމެވެ. އަދި އެއީ ކުށްކުރާ މީހާއަށް ނުވަތަ ކުށެއްގައި ތުހުމަތު ކުރެވޭ މީހަކަށްވެސް ޙައްޤުތަކެއް ވާކަމާއި އެ ޙައްޤުތައް ލިބި ދިނުމަކީ ޤާނޫނީ ޒިންމާއެއް ކަމަށް ވާތީކަން ކަށަވަރު ވެއެވެ.

އިސްލާމީ ޝަރީޢަތުގައި ވެސް އިޖުރާއަތަށް ބަލަން ޖެހޭ

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގައި ”ޝަރީޢަތް“ މާނަ ކޮށްފައިވާ ގޮތުން ”އިސްލާމީ ޝަރީޢަތް“ ކަމަށް ބުނެފައިވަނީ، ”ކީރިތި ޤުރުއާނާއި، ކީރިތި ރަސޫލާ محمَّد ﷺ ގެ ސުންނަތުގައިވާ، ޖިނާއީ، މަދަނީ، އަލްއަހުލުއްޝަޚްޞިއްޔާ އާއި މިނޫންވެސް ކަންތައްތަކާއި ގުޅިފައިވާ އަހްލުއްސުއްނާ ވަ ޖަމާޢަތުގެ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތަށެވެ.“ މިހެންނެވެ.

އެހެންކަމުން ޤާނޫނުއަސާސީގައި ވާގޮތުން ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢަތަށް ޢަމަލުކުރަން ޖެެހެއެވެ. އެ ދުސްތޫރުގެ 10 ވަނަ މާއްދާގެ (ހ) ގައިވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައެވެ. އަދި އިސްލާމްދީނަކީ ދިވެހި ރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރު ކަމުގައެވެ. އަދި އެ މާއްދާގެ (ށ) ގައިވަނީ، އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް ދިވެހި ރާއްޖޭގައި ނުހެދޭނެ ކަމުގައެވެ.

ޢިލްމުވެރީން ވިދާޅުވެފައި ހުރި ވާހަކަތަކަށާއި ދިވެހިރާއްޖޭގައި ހެދިފައި ހުރި ޤާނޫނުތަކަށް ބަލާއިރު، ގޯތި ގެދޮރަށް ވަނުމުގައިވެސް އިޖުރާއަތުތަކެއް ވެއެވެ. މިއާ ޚިލާފަށް ގެއަކަށް ވަދެ މީހަކު ހައްޔަރުކުރާނަމަ ނުވަތަ ބަލައި ފާސްކުރާނަމަ ނުވަތަ ހެކި ހޯދާނަމަ އެވެސް ވާނީ، ބާޠިލު ގޮތަކުން ހޯދާ ހެއްކަކަށެވެ.

ކީރިތި ޤުރްއާނުގެ سورة النور ގެ 27 އަދި 28 ވަނަ އާޔަތުގައި ގޯތި ގެދޮރަށް ވަނުމުގައި ޢަމަލުކުރަންޖެހޭ ގޮތް ވަރަށް ސާފުކޮށް ބަޔާންވެފައި އެބައޮތެވެ. ﷲ ވަޙީ ކުރައްވައިފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا وَتُسَلِّمُوا عَلَىٰ أَهْلِهَا  ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ، فَإِن لَّمْ تَجِدُوا فِيهَا أَحَدًا فَلَا تَدْخُلُوهَا حَتَّىٰ يُؤْذَنَ لَكُمْ  وَإِن قِيلَ لَكُمُ ارْجِعُوا فَارْجِعُوا  هُوَ أَزْكَىٰ لَكُمْ  وَاللَّـهُ بِمَا تَعْمَلُونَ عَلِيمٌ ) މާނައީ: ”އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ أهل ވެރިންނަށް سلام ކޮށް إذن ލިބިގެންފުމަށް ދާންދެން ނުވަންނާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަ ކުރުމަށްޓަކައެވެ. ފަހެ، އެ ގެތަކުން ތިޔަބައިމީހުންނަށް އެކަކުވެސް ނުފެނުނުނަމަ، ތިޔަބައިމީހުންނަށް إذن ދެވިއްޖައުމަށް ދާންދެން އެ ގެތަކަށް ތިޔަބައިމީހުން ނުވަންނާށެވެ! އަދި ތިޔަބައިމީހުން އެނބުރި ހިނގައިދާށޭ ތިޔަބައިމީހުންނަށް ބުނެވިއްޖެނަމަ، ފަހެ، ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ! އެގޮތް ތިޔަބައިމީހުންނަށް ސާފުކަންބޮޑެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.“ ( القران الكريم ގެ ދިވެހި ތަރުޖަމާ، (ދިވެހިރާއްޖެ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ފުރަތަމަ ޗާޕު: 2007) ޞ:729 )

މި އާޔަތުގެ މާނައަށް ބަލާއިރު ”އިޛްނަ ލިބިގެންފުމަށް ދާންދެން ނުވަންނާށެވެ.“ މި ބަސްފުޅުން އެނގިގެން ދަނީ ގޯތި ގެދޮރަކީ ޙުރުމަތްތެރިކަން ލިބިދީފައިވާ ތަންތަންކަމެވެ. އަދި އިޛްނަ ލިބިގެންވާ ފަރާތަކަށް މެނުވީ ގޯތި ގެދޮރަށް ވަދެ ފަރުދީ ޙައްޤުތަކާއި މިނިވަންކަމަށް ނުހިފެހެއްޓޭނޭ ކަމެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) އަށް ރިޔާޢަތް ކުރާއިރު ކުށެއްގެ ތުހުމަތުގައިވެސް، (މި ޤާނޫނުގައި އިސްތިސްނާ ކޮށްފައިވާ ޙާލަތްތައް ފިޔަވައި) ”އަމިއްލަ ތަންތަން“ ބަލައި ފާސްކުރާނަމަ ކޯޓުއަމުރު ހޯދަން ޖެހޭނެއެވެ. މިއީ ޤާނޫނީ ގޮތުން އިޛްނަ ހޯދުމެވެ. އަދި އެތަނެއް ބަލާ ފާސްކުރުމުގެ ކުރީން ކޯޓު އަމުރު ދައްކަން ޖެހޭނެއެވެ.

މިސާލަކަށް މައްސަލައެއްގެ ފުރަތަމަ މަރްޙަލާގައި (އިބްތިދާއީ އަޑުއެހުމުގައި) ދަޢުވާ ލިބޭ ފަރާތުން މި ބުނަނީ، ”ތަޙުޤީޤު ހިންގި އިރު ހެކި ހޯދުމަށް ގެއަކަށް ވަދެފައިވަނީ ކޯޓު އަމުރު ނުދައްކައޭ“ މި ފަދަ އިޖުރާއަތުގެ ދިފާއެއް ޝަރީޢަތް ނުފަށަނީސް ވެސް (އިބްތިދާޢީ އަޑުއެހުމުގައި) ކޯޓުގައި ސާބިތު ކޮށްދެވިއްޖެ ނަމަ މައްސަލަ އެހާ ހިސާބުން ބާޠިލު ކުރާނެއެވެ. ސަބަބަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 52 ވަނަ މާއްދާގައި ބުނަނީ ހެކި ހޯދަންވާނީ ޤާނޫނާ އެއް ގޮތަށް ކަމަށެވެ.

ޝަރީޢަތް ފެށުމުގެ ކުރިން މައްސަލަ ބާޠިލު  

ކުރިމިނަލް ކޯޓުގެ ޤަޟިއްޔާ ނަންބަރު 1045/Cr-C/2017 ބާޠިލު ކަމަށް ޝަރީޢަތުން ކަނޑައެޅުމުގައި އިޖުރާއަތުގެ ޤާނޫނުގެ 45 ވަނަ މާއްދާއާ ޚިލާފަށް ތަޙްޤީޤު ކުރިއަށް ގެންގޮސްފައިވާތީ އާއި 40 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ހައްޔަރުކޮށްފައިވާތީ އާއީ ޕްރޮސިކިއުޓް ކުރުމުގެ އިޖުރާއަތުގެ ޤަވާޢިދު (ޤަވާޢިދު ނަންބަރު 2017/R-76 ) ގެ 24 ވަނަ ނަންބަރުގެ (ށ) އަދި (ނ) ގައި ކަނޑައެޅިފައިވާ އިޖުރާއަތާ ޚިލާފަށް ކަންކަން ހިނގާފައިވާކަން ޝަރީޢަތަށް ފެނިގެންނެވެ.

މި މައްސަލައިގައި ދައުލަތުން ދެ ދަޢުވާއެއް ކޮށްފައިވެއެވެ. އެއީ ހ. ވައިޓް ފްލާވަރ މުޙައްމަދު ނަޝްވާން ނިޡާމް، މަސްތުވާ އެއްޗެހި ބޭނުން ކުރުމާއި ޓްރެފިކް ކުރުމުގެ ދަޢުވާއެވެ.

މައްސަލައިގައި، ކަށަވަރު ކުރެވުނު ޙައްޤުތައް

– ބޮޑެތި ކުށްތަކުގެ ތަޙްޤީޤު ހިންގުމުގައި ޤާނޫނީ ގޮތުން ބޮޑެތި ފުށުއެރުންތަކެއްގެ ތެރެއަށް ހުށަހެޅިގެން ދިއުން ހުއްޓުވުން.

– ކިތަންމެ ބޮޑު ކުށެއްގެ ނަމަވެސް، ތުހުމަތު ކުރެވޭ ފަރާތްތަކާމެދުވެސް ޤާނޫނީ އިދާރާތަކުން ކަންކުރަންވާނީ ޤާނޫނުއަސާސީގައި ބުނާ ޙައްޤުތައް ނުގެއްލޭ ގޮތަށްކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުން.

މީގެ އިތުރުން ބަލާއިރު، ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ އަޞްލަކީ ނުވަތަ އަސާސަކީ އެންމެ މަތީ ދުސްތޫރު ކަމުގައިވާ ޤާނޫނުއަސާސީ އެވެ. މި ޤާނޫނުއަސާސީގައި ވަނީ ފަރުދުންގެ ޙައްޤުތައް ބުނެދީފައެވެ. ޤާނޫނުއަސާސީ ގެ 16 ވަނަ މާއްދާގެ (ރ) އިން މިކަން ކަށަވަރު ކޮށްދެއެވެ. އެހެންކަމުން ޤާނޫނުއަސާސީއާ ޚިލާފަށް ތަރުތީބު ވެގެން އޭގެ ފަހަތުން ދެން ހިނގާ ކޮންމެ ކަމެއް ބާޠިލު ވާނެއެވެ. ސަބަބަކީ ބާޠިލު ކަމެއްގެ މައްޗަށް ތަރުތީބު ކުރެވޭ ކޮންމެ ކަމެއް ބާޠިލުވާނެތީއެވެ.

ކުރިން ބަޔާން ކުރެވުނު ﷲ ގެ ވަޙީ ބަސްފުޅުގެ އިތުރުން، އިސްލާމީ އުއްމަތުގެ 2 ވަނަ ޚަލީފާ ޢުމަރުގެފާނުގެ ޚަލީފާ ކަމުގައި ހިނގާފައިވާ ހާދިސާއަކުން ދަލާލަތުކުރާ ގޮތުގައިވެސް އިޖުރާއަތަށް އިސްކަން ދޭންޖެހޭނެކަން ސާބިތުވާން އެބަ އޮތެވެ.

(މި ހާދިސާގެ ތަފްސީލު އަޅުގަނޑުނަގާފައި މިވަނީ މި ލިޔާ މަޞްދަރުންނެވެ.)

Umar on Spying: Umar pardons a people for drinking because he spied on them

އެ ހާދިސާގައި ވާގޮތުން، އެއްރެއަކު ޢުމަރުގެފާނު މަދީނާގެ އަހުލުވެރިންގެ ޙާލަތާއި ކަންކަން ހުރިނެތްގޮތް ބައްލަވައި ލެއްވުމަށްޓަކައި އަރިހުގައި ޢަބްދުއްރަޙްމާން ބިން ޢައުފު ބަހައްޓަވައިގެން ހިންގަވަމުން ވަޑައިގަތެވެ. އެހެން ވަޑައިގަންނަވަނިކޮށް، ބައްތިއެއްގެ އަލިކަމެއް ހުރި ގެއެއްގެ ތެރެއިން ފިރިހެނަކު ލަވަ ކިޔަމުންދާ ކަހަލަ އަޑެއް އިވިވަޑައިގަތުމުން ފާރުމަތިން ބެއްލެވުމަށްފަހު އެގޭގެ ތެރެއަށް ދެކަލުން ފައިބާ ވަޑައިގަތެވެ. އެހިނދު، އެ ފިރިހެނާގެ ގާތުގައި އަންހެނަކު އިންދާ ފެނިވަޑައިގަތެވެ. އަދި އޭނާގެ އަތުގައި ރާފުޅިއެއް އޮތެވެ. އޭނާ ވަނީ ރާބޮއިގެން މަސްތުވެފައިވާ ޙާލުގައެވެ. އޭނާގެ ކައިރިއަށް ހުއްޓި ވަޑައިގެން ޢުމަރުގެފާނު ވިދާޅުވިއެވެ. ”އޭ ﷲގެ ޢަދުއްވާއެވެ. ކަލޭ ހީކުރަނީ ކަލޭ ބޮޑު ފާފައަކަށް އަރައިގަންނަމުން ދާހިނދު ﷲ ކަލޭގެ ތި ޢަމަލު ސިއްރު ކުރައްވާނެކަމަށް ހެއްޔެވެ؟“

އެހިނދު އޭނާ ދެންނެވިއެވެ. ”އޭ އަމީރުލް މުއުމިނީންއެވެ! ތިމަންނާގެ ގައިގައި ހިފައިގަތުމަށް ކަލޭގެފާނު އަވަސްވެ ވަޑައި ނުގަންނާށެވެ. ތިމަންނާ ﷲ އަށް މި އުރެދުނީ އެއްކަމަކުން (އެއްފަހަރު) ކަމުގައިވާނަމަ، ކަލޭގެފާނު ތިން ކަމެއްގައި އެކަލާނގެއަށް އުރެދިއްޖެއެވެ.

އެހެނީ، މާތް ﷲ ވަޙީ ކުރައްވައިފައިވަނީ (ولا تجسسوا – سورة الحجرات: 21) މިހެންނެވެ. ނަމަވެސް ކަލޭގެފާނު ތިމަންނާގެ ފަހަތުން ޖާސޫސް ކުރައްވައިފީމުއެވެ. އަދި އެކަލާނގެ އަންގަވަނީ (وَأْتُوا الْبُيُوتَ مِنْ أَبْوَابِهَا – سورة البقرة: 189) ”އަދި ތިޔަބައިމީހުން ގޭގެޔަށް، އެ ގޭގޭގެ ދޮރުދޮރުން ވަދެއުޅޭށެވެ!“ ( القران الكريم ގެ ދިވެހި ތަރުޖަމާ، ޞ:59) ނަމަވެސް ކަލޭގެފާނު އެރުއްވީ ގޭގެ ފުރަގަހުން ފާރުމަތިންނެވެ. އަދި ތިމަންނާގެ ކައިރިއަށް ގޭތެރެއަށް ވެންނެވީ ސަލާމް ގޮވުމެއް ހުއްދައެއް ނެތިއެވެ. މާތް ﷲ އަންގަވަނީ (لا تدخلوا بيوتا غير بيوتكم حتى تستأنسوا وتسلموا على أهلها ) ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ أهل ވެރިންނަށް سلام ކޮށް إذن ލިބިގެންފުމަށްދާނދެން ނުވަންނާށެވެ!“( القران الكريم ގެ ދިވެހި ތަރުޖަމާ، ޞ: 729)

އެހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ. ”ތިމަންކަލޭގެފާނު ކަލެއަށް ޢަފޫ ކޮށްފިނަމަ ކަލޭގެފަރާތުން ހެޔޮކަމެއް ފެންނާނެހެއްޔެވެ؟“ އޭނާ ދެންނެވިއެވެ. ”އާދޭހެވެ. ކަލޭގެފާނު ތިމަންނާއަށް ޢަފޫ ދެއްވައިފިނަމަ ދެވަނަ ފަހަރަށް އެނބުރި މިކަމަށް ދުވަހެއްގައިވެސް ރުޖޫޢަ ނުވާނަމެވެ.“ އެހިނދު އެކަލޭގެފާނު އޭނާއަށް މަޢާފު ދެއްވައި ނިކުންނެވުމަށްފަހު އޭނާ ދޫކޮށްލެއްވިއެވެ.

މި ހާދިސާއަށް ބަލާއިރު ޢުމަރުގެފާނު އެވަނީ ކުށެއްކުރިކަމަށް ތުހުމަތު ކުރެވުނު މީހަކު ޝަރީޢަތަކާނުލައި ދޫކޮށްލައްވާފައެވެ. އަދި ތުހުމަތު ކުރެވުނުމީހާ އޭނާގެ ދިފާޢުގައި އެ ދެއްކި ވާހަކަތަކަކީ، ކަންކުރަންވާ އުޞޫލުތަކާއި ހަމަތަކުގެ (އިޖުރާއަތުގެ) ވާހަކަކަން ސާފުކޮށް އެނގެއެވެ.

އެހެންކަމުން ކީރިތި ޤުރުއާނުގެ އިތުރުން މަތީގައި ބަޔާން ކުރެވިފައިވާ ޢުމަރުގެފާނުގެ ޚަލީފާކަމުގައި ދިމައިވި ހާދިސާއަށް ބަލާއިރު އާއި ޤާނޫނުއަސާސީގައި އިސްލާމީ ޝަރީޢާ މާނަކޮށްފައިވާ ގޮތުން މައްސަލަތައް ހިންގުމުގެ ހުރިހާ ފަށަލަތަކެއްގައިވެސް އިޖުރާއަތަށް ބަލަންޖެހޭނޭކަން ނުވަތަ އިސްކަން ދޭންޖެހޭކަން މުޠުލަޤުކޮށް އެނގެއެވެ.

އިޖުރާއަތަށް އިސްކަން ދޭންޖެހޭ ސަބަބު

އިޖުރާއަތެއް އޮތުމުގެ މުހިއްމުކަން ވަރަށް ގިނަ ގޮތްގޮތަށް ތިލަކުރެވިދާނެއެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއްކަމަކީ ރޫލް އޮފް ލޯ ޤާއިމު ކުރުމެވެ. މި ގޮތުން ބަލާއިރު ޢަދުލު އިންސާފު ޤާއިމު ކުރެވޭތަން މީހުންނަށް ފެންނަން ޖެހޭނެ ކަމަށް ބުނެއުޅޭ މަޝްހޫރު ބަހެއް އޮވެއެވެ. “Justice seems to be done” (ޖަސްޓިސް ސީމްސް ޓު ބީ ޑަން) މި ޢިބާރާތުގައި މި ބުނަނީ ޢަދުލު އިންސާފަކީ ޤާއިމު ކުރެވޭތަން ފެންނަން ޖެހޭ އެއްޗެކެވެ.

އެހެންކަމުން އެއީ ވަރަށް ބޮޑަށް ދެފުށް ފެންނަ ގޮތަށް އޮންނަން ޖެހޭ އެއްޗެކެވެ. ޢަދުލު އިންސާފު ޤާއިމު ކުރެވޭތަން ފެންނާނީ ކުރިއާލައި އެކަން ކުރާނެ ގޮތް ފެންނަން އޮވެގެންނެވެ.

މިގޮތުން، އަޅުގަނޑު ބުރަވާ ގޮތުގައި ކޮންމެ ތަނެއްގައިވެސް، ލިޔެވިފައިވާ ނުވަތަ ތަޢާރުފް ވެފައިވާ އިޖުރާއާތެއް އޮތުމަކީ، މައްސަލައެއް ހުށަހެޅުމަށްޓަކައި ނުވަތަ ޝަރީޢަތް ކުރިއަށް ގެންދިއުމަށްޓަކައި ނުވަތަ ތަޙްޤީޤު ހިންގުމަށްޓަކައި ކޮންމެހެން ބޭނުންކަމެކެވެ. ސަބަބަކީ މިސާލަކަށް، މީހަކު، މީހަކު އަތުން ނެގި ފައިސާތަކެއް ނުދީފިނަމަ އެ ފައިސާ ހޯދުމަށްޓަކައި ކޯޓަށް މައްސަލަ ހުށަހެޅޭނެ ގޮތެއް ނެތްނަމަ އެމައްސަލައެއް ހުށައެއް ނޭޅޭނެއެވެ. ހަމަ އެހެންމެ ދެމަފިރިއަކަށް ލިބިފައި ހުރި ދަރިއެއްގެ ޙަޟާނަތު ލިބެނީ ކާކަށްތޯ އުފެދޭ މައްސަލަތަކަށް ޤާނޫނީ ފަރުވާ ހޯދުމަށް، ކޯޓަށް ވަންނާނެ މަގެއް ނެތްނަމަ، އެތަކެއް މަޞްލަޙަތެއް ގެއްލިގެން ހިނގައިދާނެއެވެ.

މީގެ އިތުރުންވެސް، ނުޙައްޤުން ކަންކަން ކުރެވެމުންދާއިރު، އެކަމަށް އިދިކޮޅު ހަދައި އޭނާގެ ޙައްޤު ހޯދުމުގައި ވަކާލާތު ކުރަން ފަސޭހަ ވެގެން ދާނެއެވެ. މިސާލަކަށް މުވައްޒަފަކަށް ވަކި ހާލަތެއްގައި ދޭން ކަނޑައަޅާފައި އޮތް އެލަވަންސެއް އެބަ އޮތްކަން އެމީހާއަށް އެނގޭނަމަ އޭނާއަށް އެ ހާލަތު ފުރިހަމަވުމާއެކު އެ ހޯދަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ނުދީފިނަމަ އެ ހޯދުމަށް ދަޢުވާ ވެސް ކުރެވިދާނެއެވެ.

އިޖުރާއަތެއްގައި ކަންކަން ސާފުވެފައި އޮތުމުގެ މުހިއްމު އަނެއް ކަމަކީ، މީހަކަށް ލިބެން އޮތް ޙައްޤެއްކަމަށް އޭނާއަށް ހީވިނަމަވެސް، އިޖުރާއީ ގޮތުން އެކަން ބަޔާންވެފައި އޮތްގޮތަށް ބަލާއިރު، އެއީ އޭނާއަށް ލިބެން ނެތް ޙައްޤެއްކަން އެނގިއްޖެނަމަ އެކަމުގައި ވަގުތާ ފައިސާ ހޭދަނުކޮށް، އެހެން ކަމަކަށް އޭނަގެ ކުރިމަގު ބައްޓަން ކުރުމަށް ފަސޭހަވެގެން ދާނެއެވެ.

މީގެ އިތުރުންވެސް، މަތީގައި ބަޔާން ކުރެވުނު އެންމެހައި ކަންކަމަށާއި ޤާނޫނުތަކަށް ރިޔާޢަތް ކުރާއިރު، އިޖުރާއަތަށް އިސްކަން ދޭންޖެހެނީ، އެއީ ޢަދުލުވެރިކަމާއެކު ޝަރީޢަތް ފެށުމުގެ ކުރީގެ މަރަޙަލާއަކަށް ވުމާއި އެއީ ޝަރީޢަތް ހިންގުމުގެ އަސާސްކަމަށް ވުމެވެ. ހަމަ މިއާއެކު، މި މަރްޙަލާގައި އަދި ޝަރީޢަތް ހިންގުމުގައިވެސް އިންސާނީ ކަރާމާތާއި އިންސާނީ ޙައްޤުތަކަށް އިސްކަން ދޭންޖެހޭތީއެވެ. އިންސާނީ ކަރާމާތާއި އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަކީ، އެހެން ހުރިހާ ކަމަކަށްވުރެ އިސްކަން ދޭންޖެހޭ ކަމެއްގެ ގޮތުގައި އިސްލާމްދީނާއި ބައިނަލްއަޤުވާމީ މުޢާހަދާތަކުން، ކަށަވަރު ކޮށްދީފައިވާ ކަމެކެވެ.

الله سبحانه وتعالى ވަނީ އެކަލާނގެ އެންމެ ފުރަތަމަ ޚަލްޤުކުރެއްވި އިންސާނާ އާދަމްގެފާނަށް ސަޖިދަ ކުރުމަށް މަލާއިކަތުންނަށް އަންގަވައިފައެވެ. ﷲ ގެ މި އެންގެވުމުން ހާމަވެގެންދަނީ އިންސާނާގެ ކަރާމާތްތެރިކަމާއި މާތްކަމެވެ. މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ. (وَلَقَدۡ كَرَّمۡنَا بَنِيٓ ءَادَمَ وَحَمَلۡنَٰهُمۡ فِي ٱلۡبَرِّ وَٱلۡبَحۡرِ وَرَزَقۡنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلۡنَٰهُمۡ عَلَىٰ كَثِير مِّمَّنۡ خَلَقۡنَا تَفۡضِيل) މާނައީ: ”ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدم ގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން رزق ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ.“ (القران الكريم ގެ ދިވެހި ތަރުޖަމާ، ޞ:588)

އިންސާނުންގެ ޙައްޤުތަކާބެހޭ ޢާއްމު ޤަރާރު (ދަ ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިޔުމަން ރައިޓްސް) ގެ އެއް ވަނަ މާއްދާގައި ”ހުރިހާ އިންސާނުންވެސް ދުނިޔެއަށް އުފަންވަނީ، މިނިވަންކަމުގައި، ހަމަހަމަ ޙައްޤުތަކާއެކު، ހަމަހަމަ ދަރަޖައެއްގައި ކަމޭހިތެވިގެންވާ ބައެއްގެ ގޮތުގައެވެ. ހެޔޮވިސްނުމާއި، ހެޔޮބުއްދީގެ ބާރު އެ މީހުންނަށް ލިބިގެންވެއެވެ. އަދި އެކަކު އަނެކަކާމެދު އެ މީހުން މުޢާމަލާތް ކުރަންވާނީ އުޚުއްވަތްތެރިކަމުގެ ރޫޙެއްގައި“ ކަމަށް ބަޔާން ކޮށްފައިވެއެވެ. މިއީ 10 ޑިސެމްބަރ 1948 ގައި އދ. މަޖިލީހުގެ ޢާއްމު ޖަލްސާއިން ފާސްކޮށް އިޢުލާންކޮށްފައިވާ ޤަރާރެކެވެ.

އެހެންކަމުން މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭ ހިނދު ނުވަތަ ޖިނާއީ ދަޢުވާގެ ޝަރީޢަތް ކުރެވޭހިނދު، އިޖުރާއަތާ އެއްގޮތަށް ކަންތައްތައް ބައްޓަންކޮށް ތަރުތީބު ކުރުމުގެ ޙައްޤަކީ، އިންސާނީ އަސާސީ ޙައްޤުތަކުގެ ތެރެއިން ރައްކާތެރި ކުރެވިގެންވާ ޙައްޤެކެވެ. ރާއްޖޭގައިވެސް، މި ޙައްޤަކީ، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ވާގޮތުން ރައްކާތެރި ކޮށްދީފައިވާ އަސާސީ ޙައްޤެކެވެ.

މި ޙައްޤުގެ ފެށުން އައިސްފައިވަނީ، އިންސާނީ ޙައްޤުތަކުގެ އެންމެ މަތީ ޤަރާރު ކަމުގައިވާ ކީރިތި ޤުރުއާނުންނެވެ. އެއީ އިސްރާ ސޫރަތުގެ 70 ވަނަ އާޔަތުގައި ”ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އާދަމުގެ ދަރިން މާތްކުރެއްއްވީމޭ“ ވަޙީކުރެއްވި ހިސާބުންނެވެ.

މީގެ އިތުރުން ޢަދުލުވެރިކަމާއެކު ޝަރީޢަތް ކުރެވުމުގެ ޙައްޤަކީ، މަދަނީ އަދި ސިޔާސީ ޙައްޤުތަކުގެ ބައިނަލްއަޤްވާމީ މުޢާހަދާ ICCPR ގެ 14 ވަނަ މާއްދާއިންވެސް އިތުރަށް ތަފްޞީލުކޮށްދީ ކަށަވަރު ކޮށްދީފައިވާ ޙައްޤެކެވެ. މި މުޢާހަދާގައި ދިވެހިރާއްޖޭން ބައިވެރިވެފައިވެއެވެ. ޖިނާއީ ކޮންސެޕްޓްގައި ހިމެނޭ އިޖުރާއަތަކީ ޢަދުލުވެރިކަމާއެކު ޝަރީޢަތަށް ވާޞިލު ކޮށްދިނުމުގެ ފުރަތަމަ ބައެވެ.

މި ރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ އާއި 51 ވަނަ މާއްދާގައި ޢަދުލުވެރި ޝަރީޢަތުގެ ޙައްޤުތައް ހިމެނިގެންވެއެވެ. މި ޙައްޤު ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އިން ކަށަވަރު ކޮށްދެއެވެ.

ހަމަ އެހެންމެ، 51 ވަނަ މާއްދާއަށް ބަލާއިރު އަންނަނިވި ކަންތައްތައް ހިމެނެއެވެ.

 • ކުށުން ބަރީޢަވުމަށް އެކަށީގެންވާ ވަގުތާއި ވަޞީލަތް ލިބުން.
 • އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާ ކުރުމުގެ ފުރުޞަތު ލިބުން.
 • އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީޢަވުމަށް މަސައްކަތްކުރުން.
 • އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ކުށް ޝަރީޢަތަށް ސާބިތުވުން. އެހެންނޫންނަމަ، ކުށެއްނެތް މީހެއްކަމުގައި ބެލުން.

މިއީ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ އަސާސީ ޙައްޤުގެ ތެރޭގައި ހިމެނޭ ޙައްޤުތަކެއްކަމަށް ވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހާވެސް މި ޙައްޤުތަކުން މަޙްރޫމެއް ނުކުރެވެއެވެ. މާނައަކީ ކުށެއްގެ ތުހުމަތުގައިވާ މީހަކާމެދު ޢަމަލު ކުރާ ގޮތަކުން ”އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް މިންވަރަށް“ ކުށް ސާބިތު ކުރުމަށް މަގުފަހި ވާނީ އިޖުރާއަތުތަކަށް އިސްކަން ދީގެންނެވެ.

ކުށެއް ކުރި ކަމަށް ތުހުމަތުކުރެވޭ އެއްވެސް މީހަކާ މެދު އިޖުރާއަތާ ޚިލާފަށް ޢަމަލުކުރެވޭނީ ނުވަތަ ލިބިފައިވާ އަސާސީ ޙައްޤެއް ހަނިކުރެވޭނޭ ގޮތް ވަރަށް ފުރިހަމަ ގޮތެއްގައި ޤާނޫނީ ވަކީލު މުޙައްމަދު ނަޝީދު ލިޔުއްވާފައި އެބަ އޮތެވެ.

މުޙައްމަދު ނަޝީދު (2017) އޭނާގެ ބްލޮގްގައި ވިދާޅުވެފައިވާ ގޮތުގައި ޤާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ޙައްޤެއް އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ، 2 ޓެސްޓަކުން ފާސްވެގެންނެވެ.

މުޙައްމަދު ނަޝީދު ލިޔުއްވާފައިވާ ގޮތުގައި، ”އެ ދެ ޓެސްޓު ބަޔާން ކޮށްފައިވަނީ، ޤާނޫނުއަސާސީގެ 16 ވަނަމާއްދާގެ (ހ) ގައެވެ. ފުރަތަމަ ޓެސްޓަކީ، އިޖުރާއީ ގޮތުން ފުރިހަމަވާންޖެހޭ ޓެސްޓެކެވެ. އަނެއް ޓެސްޓަކީ، މައުޟޫޢީގޮތުން ފުރިހަމަވާންޖެހޭ ޓެސްޓެކެވެ.“

މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ”އަސާސީ ޙައްޤެއް ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް މެދުވެރިކޮށެވެ. މާނައަކީ، ޤާނޫނުގެ މާނައިގައި ހިމެނޭ ޤަވާޢިދެއް މެދުވެރިކޮށް ނުވަތަ އުސޫލެއް މެދުވެރިކޮށް އެކަމެއް ނުކުރެވޭނެއެވެ. އެކަންކުރެވޭނީ، އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް މެދުވެރިކޮށެވެ. މިއީ، އިޖުރާއީ ގޮތުން ފުރިހަމަވުން ލާޒިމުކުރާ ޓެސްޓެކެވެ.“

މުޙައްމދު ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ”ދެވަނަކަމަކީ، އެގޮތަށް ފާސްކުރާ ޤާނޫނަކުންވެސް އެކަން ކުރެވޭނީ، މިނިވަން ދިމިޤްރާތީ މުޖުތަމަޢެއްގައި އެފަދަ ޙައްޤެއް ހިފެހެއްޓިދާނެ ކަމަށް ޤަބޫލުކުރެވޭ މިންވަރަށެވެ.“ މިއީ މައުޟޫޢީގޮތުން ފުރިހަމަވުން ލާޒިމކުރާ ޓެސްޓެކެވެ.

އެހެންކަމުން، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި އެވަނީ، މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢެއްގައި ޙައްޤެއް ހިފެހެއްޓޭނެ މިންވަރާއި ކަން ކުރަންވާނޭ ގޮތާއި ނިސްބަތް މުޠުލަޤުކޮށް ބަޔާން ކޮށްދީފައެވެ.

ނިންމުން

އިޖުރާއަތަށް ބެލުމަކީ ޤާނޫނުއަސާސީގެ 2 ވަނަ ބާބުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެކެވެ. އެހެންކަމުން ޤާނޫނީ ޙުކޫމަތު ދަމަހައްޓާ މި އަސާސީ ޙައްޤު ކަށަވަރު ކުރެވޭނީ އިޖުރާއަތަށް އިސްކަން ދީގެންނެވެ.

ބައެއް ޙާލަތުގައި އިޖުރާއަތާ ޚިލާފުވެގެން މައްސަލަތައް ބާޠިލުކުރުމަކީ ތުހުމަތުކުރެވޭ މީހާ ކުށް ނުކުރާކަމުގެ ދަލީލެއް ނޫނެވެ. އެހެނެއް ކަމަކު އެއީ ޤާނޫނީ ގޮތުންނާއި ޝަރުޢީ ގޮތުން ބޭނުންކުރެވޭ ހުއްދަ ދިފާޢު އެކެވެ.

އިޖުރާއަތު ފުރިހަމަ ނުވުމުގެ ސަބަބުން، ކުށެއްގައި ތުހުމަތު ކުރެވޭ މީހާ ދޫވެގެން ދިއުމަކީ، ކުށަށް އަދަބު ދިނުމަށް އިޖުރާއަތަށް ބަލަން ނުޖެހޭނޭކަމަށް ބުނާ ބުނުމަށް އޮތް ޙުއްޖަތެއް ނޫނެވެ. ސަބަބަކީ ކުށް ކުރި މީހަކު ދޫވުމަށްވުރެ، ކުށެއް ނުކުރާ މީހަކަށް އަދަބެއް ނުލިބުން އިންސާނީ ޙައްޤަށްޓަކައި މުހިއްމު ވެއެވެ.

އިންސާނީ މިނިވަންކަމާއި ކަރާމާތާ ގުޅުންހުރި ކަންކަން، ޤާނޫނީ ބާރުގެ ދަށުން ހިނގަނީ ރަނގަޅަށްތޯ ނުވަތަ އިޖުރާއަތުތަކާ އެއްގޮތަށްތޯ ނުބެލި ޙުކުމްތައް ބިނާކުރެވޭނަމަ، އިންސާފު ލިބުމުގެ ތަޞައްވުރު ކިލަނބުވެ، ވެރިކަން ހިންގުމުގެ ނިޒާމުގެ މުހިއްމު އެއް އުންޞުރު ކަމުގައިވާ ”ޗެކް އެންޑް ބެލެންސް“ ގެ ނިޒާމް ގެއްލިގެން ހިނގައިދާނެއެވެ.

މަޢުލޫމާތު ހޯދި ގޮތް

 1. القران الكريم ގެ ދިވެހި ތަރުޖަމާ، (ދިވެހިރާއްޖެ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޗާޕު1، 2007)
 2. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ – 2008
 3. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ – 1997
 4. ޖިނާއީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު: 12/2016)
 5. 7 ދުވަހަށްވުރެ ދިގު މުއްދަތަށް މީހުން ހައްޔަރު ކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤާނޫނު (ޤާނޫނު ނަންބަރު: 78/5)
 6. ސްޕްރީމް ކޯޓުގެ ގަޟިއްޔާ ނަންބަރު: 2010/SC-A/20
 7. ސްޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު: 2/SC-A/2012
 8. ސްޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު: 2010/SC-A/19
 9. ކުރިމިނަލް ކޯޓުގެ ޤަޟިއްޔާ ނަންބަރު: 1045/Cr-C/2017
 10. ކުރިމިނަލް ކޯޓުގެ ޤަޟިއްޔާ ނަންބަރު: 945/Cr-C/2017
 11. ޕްރޮސިކިއުޓް ކުރުމުގެ އިޖުރާއަތުގެ ޤަވާޢިދު (ޤަވާޢިދު ނަންބަރު: 2017/R-76)
 12. އދ ގެ، އިންސާނުންގެ ޙައްޤުތަކާބެހޭ ޢާއްމު ޤަރާރު – 1948
 13. ލިމާން މުޙައްމަދު، ”ކްރިމިނަލް ލޯ-1“ ލެކްޗަރަރ ނޯޓްސް، (ދިވެހިރާއްޖެ: ވިލާކޮލެޖް، މެއި 2017) ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ، ބެޗް-10

ވެބްސައިޓްތައް

 1. http://www.mnasheed.com/2017/09/right-to-a-fair-trial (މަޢުލޫމާތު ނެގީ: 18.11.2017 ދުވަހުގެ ހަވީރު 16:38 ގައި)
 2. https://abuaminaelias.com/dailyhadithonline/2013/01/29/umar-on-spying-umar- pardons-a-people-for-drinking-because-he-spied-on-them/

(މަޢުލޫމާތު ނެގީ: 18.11.2017  ދުވަހުގެ ހަވީރު 16:38 ގައި)

 1. https://hrdiscussion.com/hr111894.html (މަޢުލޫމާތު ނެގީ: 19.11.2017 ދުވަހުގެ ހަވީރު 16:30 ގައި)
 2. https://ar.wikipedia.org/wiki/ (މަޢުލޫމާތު ނެގީ: 19.11.2017 ދުވަހުގެ ހަވީރު 16:30 ގައި)
 3. wipo.int/edocs/mdocs/arab/ar/ (މަޢުލޫމާތު ނެގީ: 19.11.2017 ދުވަހުގެ ހަވީރު 16:30 ގައި)

ލިޔުނީ: ޢަބުދުއްސައްތާރު މުޙައްމަދު

ނ. މިލަދޫ އަށް އުފަން، ޢަބްދުއްސައްތާރު މުޙައްމަދުވަނީ ސަރުކާރުގެ ޚިދުމަތުގައި 20 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކުރައްވާފައެވެ. މި މުއްދަތުގައި އެރަށުކަތީބެއްގެ ހައިސިއްޔަތުން 7 އަހަރު ޚިދުމަތް ކުރައްވާފައިވެއެވެ. މިހާރު ވަޒީފާ އަދާކުރައްވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފަރާސްޓްރަކްޗަރ ގައެވެ. މިހާރު ވިލާކޮލެޖުގައި ޝަރިޢާ އެންޑް ލޯ އިން މަތީ ތަޢުލީމް ޙާޞިލުކުރައްވަމުން ގެންދަވާ ޢަބްދުއްސައްތާރު މުޙައްމަދު ވަނީ، އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިޕޮލޮމާއެއް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ވެސް ޑިޕޮލޮމާއެއް ހޯއްދަވާފައެވެ. މީގެ އިތުރުން ޢަބްދުއްސައްތާރު މުޙައްމަދުވަނީ 2004 ވަނަ އަހަރު މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓް އާއި އޭރުގެ ނުރަސްމީ ތަޢުލީމުދޭ މަރުކަޒާ ގުޅިގެން ހިންގެވި "ރައްރަށުގެ ވެރިންތަމްރީނުކުރާ ކޯސް" ބައިވެރިންގެ ތެރެއިން އެއްވަނަ ހޯއްދަވާފައެވެ.

މިލިޔުންވެސް ކިޔާލާ

ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި އިސްލާމީ ޝަރީޢަތުގެ ދައުރު

ކީރިތި ރަސޫލާ محمَّد ﷺ އިސްލާމީ ޝަރީޢަތައިގެން ވަޑައިގެން ދުވަސްވަރު މިޒަމާނުގައި މިހުންނަގޮތަށް، ބާރު ލިބިގެންވާ ފަރާތަކުން ހަދައިގެން ޢަމަލުކުރަންޖެހޭ …

ޚިޔާލެއްދެއްވާ

avatar
މާހިޔާ
މާހިޔާ

ވަރަށް ރަނގަޅު ދިރާސާ އެއް. އެއްކޮން ކިޔާފީމެވެ.