ކޮންމެ ރަށަކަށް ފަޔަރ ފައިޓަރ ޕަންޕެއް!

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ފަޔަރފައިޓަރ ޕަންޕެއް ބޭނުންވެއްޖެއޭ ބުނުމުން ބައެއް މީހުން ހޭނެއެވެ. އަދި ބުނާނެއެވެ. ޕަންޕެއް ނޫނަކަސް ބޭނުން ބޮޑު ކިތަންމެ އާލާތެއް އެބަހުއްޓެވެ. ޕަންޕަކަށްވުރެ ކޮންމެ ރަށަކަށް މިވެނި އެވެނި އެއްޗެއް މާބޮޑަށްވެސް މުހިންމުވާނެއެވެ. އެހެން އެކަންވުންވެސް އެކަށީގެންވެއެވެ. އެއީކީ މައްސަލައެއް ނޫނެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ ވިސްނުމަށް އަންނަ އެއްޗެއް ހާމަކުރުމުގެ މިނިވަންކަން އޮންނާނެއެވެ. އަދި އެމިނިވަންކަމުގެ ބޭނުން ޤާނޫނުތަކާ ޤަވާއިދުތަކަށް ތަޢާރަޒް ނުވާގޮތެއްގެ މަތިން އަނެކުންނަށް ހާމަކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް މުހިއްމު ކަމެކެވެ.

ރާއްޖެ ތަރައްޤީވެ މީހުންގެ ވިސްނުމާއި ފިކުރާ ޚިޔާލު ތަނަވަސްވެ ހިފާގެންގުޅޭ އާލާތާއި، އެހެނިހެން ވަސީލަތްތައް ތަރައްޤީވެ ކުރިއަރައިގެން ދިއުމަކީ އަޅުގަނޑުމެން ނުހަނު އުފާކުރާކަންކަމެވެ. އަދި އެކަންކަމުން ދޭހަވެގެންދަނީ އަޅުގަނޑުމެން ދިވެހިންގެ އިޤްތިޞާދީ ފުދުންތެރިކަން ކުރިއަރަމުން އަންނަ މިންވަރެވެ. އެއީ މިއަދަކު އިހައްދުވަހަކު ވީކަމެއްނޫނެވެ. އަބަދުވެސް ދުނިޔޭގައި މީހުން އުޅެންފެށީންސުރެވެސް ދުވަހެއް ދުވަހަކަށް ކަންކަން ދާނީ ތަރައްޤީވެ ކުރިއަރަމުންނެވެ.

އިންސާނީ ވަސީލަތް ތަރައްޤީކުރުމަކީ ކޮންމެ ސަރުކާރަކުންވެސް ވަރަށް ބޮޑު އަހަމިއްޔަތުކަން ދޭކަމެއްކަމަށް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން މިސަރުކާރުންވެސް ތަފާތު ކޯސްތައް އެކި ފެންވަރުގައި ހިންގަމުންދާއިރު އެކިއެކި އެވެއަރނެސް ޕްރޮގްރާމްތައްވެސް ދަނީ ހަމަ ވަރަށް ގިނައަދަދަކަށް މީހުން ހޭލުންތެރިކުރުމަށާއި، ރައްޔިތުންގެ ސަލަމަތާއި ރައްކާތެރިކަމަށްޓަކައި ކުރިއަށް ގެންދަމުންނެވެ. އެފަދަ ޕްރޮގްރާމް ތަކުގެ ތެރޭގައި އެންމެގިނައިން ހިންގިފައިވާ އެއްޕްރޮގްރާމަކީ ފަޔަރފައިޓިން ޓްރެއިން ކޯސްކަމަށް ވެދާނެއެވެ.

މިހާތަނަށް ދިޔައިރު ފަޔަރފައިޓިން ކޯހެއް ކޮންމެވެސް ލެވެލެއްގައި ނުހިންގޭ ރަށެއް މި ދިވެހިރާއްޖޭގައި އޮންނާނެއެކޭ ހީއެއް ނުވެއެވެ. ހަމަކަށަވަރުންވެސް އެނގޭ އެއްކަމަކީ ސަރުކާރުން ނޫންކަމުގައި ވިޔަސް ސްކޫލްލެވެލްގައި ނަމަވެސް ފަޔަރފައިޓިން ޓްރޭނިންގ ގެ ކޮންމެވެސް އެއްޕްރޮގްރާމެއް ސްކޫލްގެ ދަރިވަރުންނަށް ނަމަވެސް ހިންގިފައިވާނެކަމެވެ. އަދި އެކަމުގެ ތަމްރީން ލިބިފައިވާ އެކިޢުމުރުގެ ދެޖިންސްގެ މީހުންވެސް އަޅުގަނޑުމެންގެ ކޮންމެ ރަށެއްގައިވެސް ތިބޭނެކަމީ އެންމެންވެސް ޤަބޫލުކުރާނެ ޙަޤީޤަކެވެ.

މިމަމުޒުމޫނުގައި އަޅުގަނޑު އަލިއަޅުވާލަން މިއުޅޭ އަސްލު ވާހަކައަށް ދާނަމެވެ. ދަންނަވަން މިއުޅޭވާހަކައަކީ އަތެއްއޮތަކަސް ބަތެއް ނުކެކޭނެވާހަކައެއެވެ. ކަންކަން ކުރަންދަންނަ މައުލޫމާތާއި ހުނަރު ހުރި މީހުން ތިބައްކަސް ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެވާހަކައެވެ. ކަމެއްޖެހޭނީ ނުވަތަ ކާރިސާއަކާއި ދިމާވާނީކީ ބުނެފައެއްނޫނެވެ. އަލިފާނުގެ ޙަދިސާއެއް ނުވަތަ ރަށުގައި ފެންބޮޑުވުން ނުވަތަ ފަޅުތެރެއަށް ލާންޗެއް ނުވަތަ ދޯންޏެއް އަޑިޔަށް ދިއުން ކަހަލަ ކުއްލި ކަމެއް ދިމާވެދާނެއެވެ. އެފަދަ ކަންކަން މިހާރުވެސް ދަނީ މަދުންނަމަވެސް ދިމާވަމުންނެވެ. ނަމަވެސް ހިތާމައާއި އެކު ދަންނަވާލަންޖެހެނީ އަޅުގަނޑުމެން ގެ އަތޮޅުތެރޭގައި އެންމެ ކުޑަމިނުން މިފަދަ ކަމަކަށް ބޭނުންކޮށްލާނެ ފެންޕަންޕެއްގެ ވަރުވެސް ނެތްވާހަކައެވެ. އެފަދަ ހާދިސާއެއް ދިމާވެއްޖިއްޔާ ކުއްލި ހާލަތުގައި ބޭނުންކޮށްލާނެ އެއްވެސް ވަސީލަތެއް އަމިއްލަ ފަރުދެއްގެ އަތުގައިވެސް ނުވަތަ ސަރުކާރުގެ ފަރާތުންނަމަވެސް ހޯދިފައި ނެތްވާހަކައެވެ. މިއީ އަޅުގަނޑުމެން މިކަމާ ވިސްނާލަންޖެހޭ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.

މިފަދަ ވަސީލަތްތައް ނުވަތަ ވަސީލަތެއް ހޯދައިދިނުމަކީ މިއަދުގެ ސަރުކާރަށް މާބޮޑުކަމެކޭ އަޅުގަނޑު ދަންނަވާކަން ނެތީމެވެ. އެހެނީ އަޅުގަނޑުމެންގެ ލޯމަތީގައި ސަރުކާރުގެ ފަރާތުން އެކިއެކި ކަންކަމަށް ކުރެވިގެންދާ ވިޔާނުދާ ބޮޑެތި ޚަރަދުތައް ފެންނަމުން ދަނީ މަދެއްކޮށެއް ނޫނެވެ. އެފަދަ ބޮޑެތި ޚަރަދުތަކުގެ ބަދަލުގައި މިފަދަ ބޭނުންތެރިކަމެއް ކޮންމެ ރަށަކަށް ކޮށްދިނުމަކީ ސަރުކާރުގެ އެންމެ މަތީ ވެރިންގެ ހިސާބުން ފެށިގެންގޮސް ރަށްރަށުގެ ކައުންސިލަރުންނާ ހަމައަށްވެސް އެބޭފުޅުންގެ އިސްތަށިފުޅުގައި އެޅިފައިވާ ފަރުދީ ނުވަތަ އިޖްތިމާޢީ ޒިންމާއެއް ކަމުގައި ނޫނީ ނުވާނެއެވެ.

މިދަންނަވަނީ ސަރުކާރުން ރަށްރަށަށް ކަންކަން ކޮށްދީފައި ނެތްވާހަކަ އެއް ނޫނެވެ. މާނައޮޅުވައި ނުލައްވައްޗެވެ. ވަރަށްގިނަ ކަންކަން ފާއިތުވެ ދިޔަ ޒަމާންތަކުގައިވެސް އަދި މިހާރުވެސް ސަރުކާރުންދަނީ ރަށްރަށުގެ ރައްޔިތުންނަށްޓަކައި ކޮށްދެއްވަމުންނެވެ.

އެހެންކަމުން މިހާރުވެސް ބާޒާރުން ލިބެންހުރި އޭގެ އަގު -/10000ރ. ( ދިހަހާސް ރުފިޔާ ) ވުރެ މައްޗަށް ނުދާ ވަރުގެ އާދައިގެ “ފަޔަރ ފައިޓަރޕަންޕެއް” ކޮންމެ ރަށަކަށް ފޯރުކޮށްދެއްވިއްޖެނަމަ އަލިފާނުގެ ހާދިސާތަކާއި، ފެންބޮޑުވުމުގެ ކުއްލި ހާދިސާތަކާއި އަދިވެސް މިފަދަ ކުދިކުދި ނުރައްކާތެރި ކަންކަމުން ޢާއްމު ރައްޔިތުން ސަލާމަތްވުމަށް އެޅިދާނެ މިއީ ވަރަށްމުހިއްމު ފިޔަވަޅެއްކަމުގައި ދެކެމެވެ. އަދި މިކަމުގައި ރަށްރަށުގެ ކައުންސިލްތަކުންނާއި، އަތޮޅުކައުންސިލް ތަކުގެ އިތުރުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން އިސްނަންގަވައި ޢާއްމުރައްޔިތުންގެ ސަލާމަތާއި އެރައްޔިތުންގެ މުދަލުގެ ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑަށް ވިސްނާވަޑައިގެން މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވައިދެއްވާނެކަމަށް އުންމީދުކުރަމެވެ. ނޫންނަމަ މިއަށްވުރެ ރަގަޅު ވިސްނުމެއް މިކަމަށް ގެންނަވައި އެފަދަ ވަސީލަތެއް ނުވަތަ ވަސީލަތްތަކެއް ރަށްރަށުގައި ޤާއިމް ކޮށްދެއްވުމަކީ އަޅުގަނޑު ހިތުން ވަރަށް ގިނަރައްޔިތުންގެ އެދުމެއްކަމުގައި ވާނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ތިލަފުށީކައިރީގައި އޮއްވާ ރޯވި ބޯޓުން އިންސާނެއްގެ ހަށިގަނޑު އަނދާފައިވަނިކޮށް ފެނިއްޖެ.

ތިލަފުށީ ކައިރީގައި އޮތް ބަރޯސާ ނަމަކަށް ކިޔާ މަސްބޯޓެއްގައި މިދިޔަ ބުދަދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ބޯޓްތެރޭގައި އަނދާފައި އޮތް …

ޚިޔާލެއްދެއްވާ

avatar