“ކައިވެނި ރުޖޫޢަކުރުން”

އިސްލާމީ ޝަރީޢާ އަދި ޢާއިލާއާބެހޭ ޤާނޫނު އަލީގައި

 

އިސްލާމްދީން ދެކޭ ގޮތުގައި ޢާއިލާތައް ބިނާކުރުމުގައި ކައިވެންޏަކީ މުޤައްދަސް ގުޅުމެކެވެ. އެއީ ޠާހިރުކަމާއި ޢިއްފަތްތެރިކަމުގެ ވެއްޓެއް ޤާއިމްކުރެވޭ ގުޅުމެކެވެ. ކައިވެނީގެ ސަބަބުން ބިނާވާ ކޮންމެ ޢާއިލާއަކީ އުފާވެރި ޢާއިލާއަކަށް ނުވި ނަމަވެސް، އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރާ ޢާއިލާތަކެއްގެ ސަބަބުން ދުޅަހެޔޮ އަޚުލާޤެއްގެ ވެރި މުޖުތަމަޢުއެއް އުފެދި ބައްޓަންވުމީ، އިސްލާމްދީން ނުހަނު ބާރުއަޅާކަމެކެވެ. ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ކައިވެނީގެ ގުޅުމަށްވުރެ ބޮޑު އިޖުތިމާޢީ އެހެން އެއްވެސް ގުޅުމެއް ނުވެއެވެ. އެހެންކަމުން ކައިވެނީގެ ސަބަބުން ޖެހިގެންދާ މުޤައްދަޞް ގޮށް ސަބަބެއްނެތި މޮހާލުމަކީ އިސްލާމްދީން ބާރުއަޅާ ކަމެއް ނޫނެވެ. އިސްލާމްދީނުގައި މުތުޢަ ކައިވެނި ޙަރާމްކުރެއްވީ މި ސަބަބަށްޓަކައެވެ. ހަމައެހެންމެ އަނިޔާވެރިކަންމަތީ ތަޙައްމަލުކުރާ ގުޅުމެއް ދެމެހެއްޓުމަކަށްވެސް އިސްލާމްދީނުގައި ތަނެއްނުދެއެވެ.

ޤާނޫނީ ބައެއް މާހިރުން ވިދާޅުވެފައިވާ ގޮތުގައި ސީދާ ގޮތެއްގައި އިސްލާމީ އުސޫލުތައް އެންމެ ފުރަތަމަ ތަޤްނީނުކުރެވުނީ، ޢާއިލާއާބެހޭ ޤާނޫނުގައެވެ. އެހެންކަމުން ކައިވެންޏާއި ވަރިއާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން ކައިވެނި ރުޖޫޢަ ކުރުމުގު ގޮތުން، އިސްލާމްދީނުގައި ކަންކުރަން އޮތްގޮތާ ޤާނޫނުގައި ބަޔާންކުރެވިފައިވާ ގޮތް ދިރާސީ ނަޒަރަކުން ބަލައި އަޅާކިޔުމުން ލިބޭ ނަތީޖާވެގެންދާނީ، ޤާނޫނަށް ތަބަޢަވުމާ ނުވުން ފަހުމުވުމަށް ހުޅުވޭ މުހިއްމު ދޮރަކަށެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 70 ވަނަ މާއްދާއަށް ބަލާލާއިރު، އެ މާއްދާގައި ބުނަނީ، ރައްޔިތުންގެ މަޖިލީހުން ޤާނޫނުތައް ހަނދަންވާނީ އިސްލާމީ ޝަރީޢަތާ ޚިލާފު ނުވާގޮތަށެވެ. އެ ދުސްތޫރުގެ 10 ވަނަ މާއްދާ އާއި، 70 ވަނަ މާއްދާ އާއި 142 ވަނަ މާއްދާ ކިޔާލުމުން އެނގިގެންދަނީ އިސްލާމްދީނުގެ އަސްލަކާ[1] ޚިލާފު އެއްވެސް ޤާނޫނެއް ރާއްޖޭގައި ނުހެދޭނެކަމެވެ. އެހެންކަމުން ޢާއިލާއާބެހޭ ޤާނޫނު (4/2000) ގައި ލާޒިމްކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކައިވެނި ރުޖޫޢަކުރުމުގައި އިސްލާމީ ޝަރީޢާއާ ގުޅުންހުރި މިންވަރާއި އެ ޤާނޫނުގައި ތަންޒީމްކޮށްފައިވާ މަބްދަޢުތަކުގެ ތެރެއިން ކައިވެނި ރުޖޫޢަކުރުމުގެ އިޖުރާތުތައް ޤާނޫނުގައި އޮތްގޮތާ، އިސްލާމީ ޝަރީޢާގައިވާ ޙުކުމްތަކާއަޅާ ބެލުމުން އޭގެ ނަތީޖާ ދެނެގަނެވޭނެއެވެ.

ބައެއް ލަފުޒުތައް މާނަ

ރުޖޫޢަ

ރުޖޫޢަ މި ބަސް ނެގިފައިވަނި ރަޖުޢާ މި ބަހުންނެވެ. ޢަރަބި ބަހުގައި ރަޖުޢާގެ މާނައަކީ ރައްދުކުރުމެވެ. ޝަރުޢުގައި ރަޖުޢީ ވަރިއަކީ ބާއިން ވަރި[2] ނޫން ވަރިއެއްގެ ޢިއްދާގައި އިން އަންހެނަކު، ކައިވެންޏަށް އަލުން އަނބުރާ ގެނައުމެވެ. ނުވަތަ ކައިވެނި ރުޖޫޢަ ކުރުމެވެ.

ކައިވެނި

ދިވެހިބަހުގެ ރަދީފުގައި ވާގޮތުން ”ކައިވެނި“ މި ލަފްޒު ބޭނުންކުރެވެނީ، އަންހެނަކާއި ފިރިހެނަކު، ފިރިޔަކާ އަންބެއްގެގޮތުގައި ދިރިއުޅުމަށް ދީނީ ހަމަތަކުގެ މަތިން އެދެމީހުން ގުޅުވައިދޭ ގުޅުވައިދިނުމަށް ކިޔާ ނަމަކަށެވެ.[3]

ޢަރަބިބަހުގައި މިގުޅުމަށް ކިޔަނީ ”النِّكَاحُ“(ނިކާޙު) އެވެ. މިތަނުގައި ނިކާޙުގެ މާނައަކީ ޢަޤުދެވެ. އިޞްޠިލާހުގައި ނިކާޙުގެ މާނައަކީ ކައިވެނީގެގޮތުން ކުރެވޭ ޢަޤުދެވެ.[4]

އެހެންކަމުން ކައިވެނީގެ އިސްޠިލާޙީ ތަޢުރީފަކީ، ”އަންހެނަކާއި ފިރިހެނަކާ ދެމީހުން ކުރެ ކޮންމެ މީހަކުވެސް އެކަކު އަނެކަކުގެ ކިބައިން އަރާމާއި ހިތްހަމަޖެހުން ލިބި، އެއްދާންކުރުން ހުއްދަ ކޮށްދޭ ޝަރުޢީ ޢަޤުދެކެވެ.“[5]

ދިވެހިރާއްޖޭގެ ޢާއިލާއާބެހޭ ޤާނޫނު (4/2000) ގެ 3 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުންވެސް “ކައިވެނި” މި ލަފްޒު ބޭނުންކޮށްފައިވަނީ ”ޢަޤުދު[6] ގެ މާނައިގައެވެ.

ވަރި

ދިވެހި ބަހުގެ ރަދީފްގައި ވާގޮތުން ”ވަރި“ މި ލަފުޒު، ”ކާވެނީގެ ގޮށް މޮހޭމޮހުން“ މި މާނައިގައި ބޭނުންކުރެވެއެވެ.[7] ޢަރަބި ބަހުގައި (ވަރި) މި ލަފްޒަށް ކިޔަނީ”اﻟطﻼق“ އެވެ. މާނައަކީ ދޫކޮށްލުން ނުވަތަ ފޮނުވާލުމެވެ. ޢަރަބި ބަހުގެ ޢުރުފުގައި”اﻟطﻼق“ ގެ ބޭނުން ކުރެވެނީ، ކައިވެނީގެ ގޮށް މޮހާލުން ނުވަތަ ކައިވެނީގެ ޤައިދުތައް (ބަންދުތައް) ނިއުޅުވާލުމަށެވެ. ޝަރުޢީ އިސްޠިލާޙުގައި ”اﻟطﻼق“ ގެ މާނައީ ވަކި ޚާއްޞަ ލަފުޒަކުން ނުވަތަ ޚާއްޞަ ކަމަކުން ވިއަސް، ކައިވެނީގެ ޢަޤްދު އެކުގައި ނުވަތަ އެ ޢަޤްދުގެ ބައެއް ޤައިދުތައް މޮހައި ލުމެެވެ.[8]

ވަރީގެ ޙުކުމް

ކީރިތި ޤުރުއާނާއި ރަސޫލާ ﷺ ގެ ސުންނަތުން ސާބިތުވާ ގޮތުގައި ވަރިކުރުމުގެ ޢާއްމު ޙުކުމަކީ ހުއްދަކަމެކެވެ. ޢިލްމުވެރިން އެއީ ހުއްދަ ކަމެއްކަމަށް ވިދާޅުވެފައިވަނީ ކީރިތި ރަސޫލާ ﷺ ޙަފްޞަތުގެފާނު ވަރި ކުރެއްވުމާއި އަޞްޙާބުންވެސް އެ ބޭކަލުންގެ އަނބި އަނބި ކަނބަލުން ވަރިކުރުއްވާފައި ވުމާއި ކީރިތި ޤުރުއާނުގައި ވަރީގެ ވާހަކަ މުޠުލަޤުކޮށް އައިސްފައި ވުމެވެ. ނަމަވެސް ވަރިކުރުމުގެ ޙާލަތް ތަފާތުވުމުން އޭގެ ޙުކުމަށް ބަދަލު އާދެއެވެ. އެގޮތުން ވަރިކުރުން ޙަރާމްވުމާއި މަކުރޫހަވުމާއި ވަރި ކުރުން ސުންނަތްވުން ވެސް حكم ގެ ތެރޭގައި ހިމެނޭކަމަށް ޢިލްމުވެރީން ވިދާޅުވެފައި ވެއެވެ. އެެހެންކަމުން ޙަރާމްކަމަކަށް އަރައި ނުގަތުމަށްޓަކައި ވަރިއާ މެދު ރައްކާތެރިވުން މުހިއްމު ވެއެވެ.[9] އިލްމުވެރީން ވިދާޅުވާ ގޮތުގައި سورة الطلاق ގެ ފުރަތަމަ އާޔަތުންނާއި ބަޤަރާ ސޫރަތުގެ 229 ވަނައާޔަތުން ވަރިކުރުން ހުއްދަކަމުގެ ދަލީލު ލިބެއެވެ. سورة الطلاق ގެ 1 ވަނަ އާޔަތުގެ މާނައިގައި ވަނީ ”އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ، ފަހެ، އެކަނބަލުންގެ ޢިއްދައަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ! އަދި ތިޔަބައިމީހުން ޢިއްދާ ގުނާ ހަމަކުރާށެވެ!“[10] މި ފަދައިންނެވެ.

ރަޖުޢީ ވަރި

މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް (2014) ވިދާޅުވާ ގޮތުގައި ރަޖުޢީ ވަރިއަކީ ފުރަތަމަ ފަހަރާ ދެވަނަ ފަހަރަށް ކުރެވޭ ވަރިއެވެ. ތިންވަނަ ފަހަރަށް ވަރިކޮށްފި ނަމަ އެއީ ރަޖުޢީ ވަރިއަކަށް ނުވާނެއެވެ. ކައިވެނި ފަސްޚުރި ނަމަވެސް އެއީ ރަޖުޢީ ވަރިއަކަށް ނުވާނެއެވެ.

ވަރީގެ އަސްލަކީ އޭގައި ރުޖޫޢާކުރުން ލައްވާފައިވުމެވެ. އެހެންކަމުން ރުޖޫޢަކުރުމުގެ ފުރުޞަތަކީ ދިރިއުޅުން ހެޔޮ ގޮތުގައި އާރާސްތު ކުރުމަށާއި އަންހެނުން އަނިޔާ އަށް ހުށަހެޅި ނުގަތުމަށް ލިބިދީފައިވާ ދެވަނަ ފުރުޞަތެކެވެ.[11] އެހެންކަމުން އިސްލާމްދީނުގައި ކައިވެނި ރުޖޫޢަ ކުރުމުގެ ފުރުޞަތު ލިބިދީފައި އޮތުމުގެ އެއް މަޤްޞަދަކީ ޒަވާޖީ ޙަޔާތް މެދުނުކެނޑި ދެމެހެއްޓުމެވެ.

ވަރި ކުރުމަށްފަހު ރުޖޫޢަ ކުރުން ހުއްދަވާ ކަމުގެ ދަލީލަކީ، ބަޤަރާ ސޫރަތުގެ 229 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެވެ. އެ އާޔަތުގެ މާނައިގާ ވަނީ މިފަދައިންނެވެ. (ރުޖޫޢަ ކުރެވޭ ފަދަ ވަރިއަކުން)” ވަރިކުރުން އޮތީ ދެފަހަރުއެވެ.“[12] رجعي ވަރީގެ ސަބަބުން ކާވެނީގެ ގުޅުން ވަގުތުން ކެނޑިގެން ނުދާތީ، عدة[13] ގެ މުއްދަތުގައި ފިރިމީހާގެ ގޭގައި އިނުމުގެ حق އަނބިމީހާއަށް ލިބިގެންވެއެވެ. މީގެ ޝަރުޢީ ދަލީލަކީ އަންނަނިވި އާޔަތެވެ. (يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا الْعِدَّةَ  وَاتَّقُوا اللَّـهَ رَبَّكُمْ  لَا تُخْرِجُوهُنَّ مِن بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّا أَن يَأْتِينَ بِفَاحِشَةٍ مُّبَيِّنَةٍ  وَتِلْكَ حُدُودُ اللَّـهِ  وَمَن يَتَعَدَّ حُدُودَ اللَّـهِ فَقَدْ ظَلَمَ نَفْسَهُ  لَا تَدْرِي لَعَلَّ اللَّـهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا فَإِذَا بَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ)[14] މާނައީ:”އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ، ފަހެ، އެކަނބަލުންގެ ޢިއްދައަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ! އަދި ތިޔަބައިމީހުން ޢިއްދާ ގުނާ ހަމަކުރާށެވެ! އަދި ތިޔަބައިމީހުންގެ ވެރި ﷲ އަށް، ތިޔަބައިމީހުން ތަޤުވާވެރި ވާށެވެ! ތިޔަބައިމީހުން އެކަނބަލުންގެ ގެތަކުން އެކަނބަލުން ނުނެރޭށެވެ! އަދި އެކަނބަލުންވެސް ނުނިކުންނަ ހުށިކަމެވެ! ފާޅުވެ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް އެކަނބަލުން ގެނެސްފިއްޔާ މެނުވީއެވެ. އަދި އެއީ، ﷲ ކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި ﷲ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައިދާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ ނަފްސަށް އެމީހާ އަނިޔާވެރިވެއްޖެކަން ކަށަވަރެވެ. އެއަށްފަހު (އެބަހީ: ވަރިކުރުމަށްފަހު) ﷲ އެހެންގޮތެއް މެދުވެރި ކުރައްވައިފާނެކަންވެސް ތިބާއަކަށް ނޭނގެއެވެ. ފަހެ، އެކަނބަލުންގެ عدة ހަމަވުމާ ގާތްވެއްޖެހިނދު، ހެޔޮގޮތުގައި އެކަނބަލުން ހިފަހައްޓާށެވެ! (އެބަހީ: ކާވެނި ރުޖޫޢަކުރާށެވެ!) ނުވަތަ ހެޔޮގޮތުގައި އެކަނބަލުންނާ ވަކިވާށެވެ!“[15]

ރަޖުޢީ ވަރިއަކުން ވަރިވެފައިވާނަމަ ކައިވެނި ރުޖޫޢަކުރުމަށް ޝަރުޢީ ވަކި ހަމަތަކަކާއި ޝަރުޠުތަކެއް ވެއެވެ. އެ ޝަރުޠުތަށް ފުރިހަމަ ނުކޮށް ކައިވެނި ރުޖޫޢަ ނުކުރެވޭނެއެވެ. ހަމަ އެހެންމެ ރަޖުޢީވަރީގެ ޢިއްދާގައި އިންނަ މީހާ ދިރި އުޅެމުންދަނީ ފިރިމީހާގެ ގޭގައިކަމަށްވާނަމަ އެގޭގައި އަންހެން މީހާ ބޭންދުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ.

عدة ގެ މުއްދަތުގައި ފިރިމީހާގެ ގޭގައި އަންހެންމީހާ އިނުމުގެ ޙައްޤު ރާއްޖޭގެ ޢާއިލާއާބެހޭ ޤާނޫނުގައި ކަށަވަރު ކޮށްދީފައި ވެއެވެ.[16] މީގެ އިތުރުން ޢާއިލާއާބޭ ޤަވާޢިދުގެ 63 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ރަޖުޢީ ވަރިއަކުން ވަރިވެފައިވާ މީހާގެ ޢިއްދާގެ މުއްދަތުގައި އޭނާއަށް ޚަރަދު ދިނުމަށް ފިރިމީހާގެ މައްޗަށް ލާޒިމްކޮށްފައި ވެއެވެ.

ޢާއިލާއާބެހޭ ޤާނޫނު (4/2000) ގެ 69 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ވަރިކުރުމަށްފަހު ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތީން ކައިވެނި ރުޖޫޢަނުކޮށް އެއްވެސް މީހަކު ދެމަފިރިން ގޮތަށް އުޅުން ވަނީ މަނާކޮށްފައެވެ. އެހެންކަމުން ޢާއިލާއާ ބެހޭ ޤާނޫނުގެ 38 ވަނަ މާއްދާއަށް ރިޢާޔަތް ކުރާއިރު، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ ޝަރުޠުތައް އުނިވުމަށްފަހު، ވަރިކޮށްފައިވާ މީހަކާއެކު ދެމަފިރިންގޮތަށް އުޅުން މަނާކުރެވިފައި ވެއެވެ.

އެއްފަހަރާ 3 ފަށް ވަރިން ވަރިކުރުން

ބައެއް ޙާލަތްތަކުގައި ރުޅި އިސްކުރެވިގެން ނުވަތަ އަންހެން މީހާއަށް ދެރައެއް ދިނުމުގެ ނިޔަތުގައި ވަރީގެ ޢިބާރާތް އެކި ގޮތްގޮޮތަށް ބޭނުންކުރެވެއެވެ. މި ގޮތުން އެއް ފަހަރާ 3 ފަށް ވަރިއަކުން ވަރި ކުރުމަކީ ކޮށްއުޅުނު ކަމެކެވެ. މި މައްސަލައިގާ ޢިލްމުވެރީންގެ މެދުގައި އިޚްތިލާފު ވެފައިވެއެވެ. އެއީ ވަރިކުރުމުގެ ޢިބާރާތް ބޭނުންކުރާ ގޮތަކުން 3 ފަށް ވާނެ ކަމަށް ވިދާޅުވާ ޢިލްމުވެރީންނާއި ކިތަންމެ ވަރަށް ޢިބާރާތް ތަކުރާރު ކުރިޔަސް ވަރިވާނީ އެއް ފަހަރުކަމަށް ވިދާޅުވާ ޢިލްމުވެރީންނެވެ. ވަރިކުރުމުގެ ޢިބާރާތް ގެންނަ ގޮތުން އެއްފަހަރާ 3 ފަށް ވަރިއަކުން ވަރި ކުރެވިދާނެއެވެ. މި ގޮތަށް ވިދާޅުވާ ފަހުގެ ޢިލްމުވެރިންގެ ތެރޭގައި ފަޟީލަތުއް ޝައިޚް ޢަބްދުލްޢަޒީޒް ބިން ބާޒް ހިމެނި ވަޑައިގަންނަވައެވެ. މި ބޭކަލުންގެ ޙުއްޖަތަކީީ ޢުމަރުގެފާނުގެ ޚަލީފާކަމުގައި އެ ގޮތަށް ޙުކުމް ކުރައްވާފައިވުމެވެ.[17]

ނަމަވެސް ބައެއް ޢިލްމުވެރިން ވިދާޅުވަނީ ތިންފަށް ވަރިއަކުން ވަރިކޮށްފީމޭ ބުނި ނަމަވެސް ވަރިވާނީ އެންމެ ފަހަރަކު ކަމަށެވެ. މި ބޭކަލުންގެ އެއް ދަލީލަކީ އަބޫ ރުކާނާ އޭ ކިޔުނު ޞަޙާބީއަކު އޭނާގެ އަނބިކަނބަލުން އެއްފަހަރާ ތިންފަށްވަރި އަކުން ވަރިކުރެއްވުމަށްފަހު، އެކަމާ ދެރަވެގެން ކީރިތި ރަސޫލާ ﷺ ގެ އަރިހަށް އައިސް އެވާހަކަ ދެންނެވުމުން ޙަދީޘް ކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ.”ވަރިވެފައިވަނީ އެންމެ ފަހަރަކުއެވެ.“[18]

ޢިބާރާތް ބޭނުންކުރާ ގޮތުން (ނުވަތަ ވަރިކުރުމުގެ ޞީޣާ އޮންނަ ގޮތުން) ވަރިކުރުމުގައި އެއްފަހަރާ 3 ފަށްވަރިއަކުން ވަރި ވާނެކަމަށް ވިދާޅުވާ ޢިލްމުވެރީންގެ ރަޢުޔުއަށް ރައްދުދެއްވާ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކޮންމެ ޙުކުމެއްގައިވެސް ސަބަބެއް އޮންނާނެއެވެ. އެގޮތުން ޢުމަރުގެފާނުގެ ޚަލީފާކަމުގައި އެއްފަހަރާ 3 ފަށްވަރީގެ ޙުކުމް ޤާއިމުކުރެއްވީ ޙާލަތަށް ބައްލަވާ ވަރި ކުރުން ކޮންޓްރޯލުކޮށް ވަރިއަކީ ކުޅޭ ކުޅޭ އެއްޗަކަށް ނު ހެއްދެވުމުގެ ނިޔަތުގައެވެ. އެެހެންކަމުން މިއީ ޢާއްމު ޙުކުމަކަށްވުރެ ބޮޑަށް އިސްތިސްނާއީ ޙުކުމެކެވެ.[19]

މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް (2011) ވިދާޅުވާ ގޮތުގައި މި މައްސަލައިގެ ރާޖިހުގޮތަކީ އެއްފަހަރާ ތިންފަށްވަރި އަކުން ވަރިކޮށްފީމޭ ބުނިނަމަވެސް ވަރިވާނީ އެންމެ ފަހަރަކު ކަމެވެ. ވީމާ، ކައިވެނި ރުޖޫޢަ ކުރުމުގެ ފުރުޞަތު އެބަ އޮތެވެ.

މި މައްސަލައިގައި، ދިވެހިރާއްޖެގެ ޢާއިލާއާބެހޭ ޤާނޫނު ގެ 29 ވަނަ މާއްދާގައި ވާގޮތުން، އެއްފަހަރާ 3 ފަށް ވަރިއަކުން އަނބިހާ ވަރިކޮށްގެނެއް ނުވާނެއެވެ. އަދި ވަރީގެ ޢިބާރާތް ކިތައްމެވަރަށް ފައްކުރި ނަމަވެސް ވަރިވާނީ އެއްފަހަރުއެވެ. އެހެންކަމުން މިފަދަ މައްސަލަތަކާ ގުޅިގެން އިސްލާމީ ޝަރީޢާގައި ޢަމަލުކުރަމުންއަންނަ ”ރާޖިހު ރަޢުޔު“ މިވަނީ ޢާއިލާއާބެހޭ ޤާނޫނުން ރައްކާތެރި ކޮށްދީފައެވެ. އަދި މި ރާއްޖޭގައި ޝަރުޢީ ކޯޓުތަކުން ޢަމަލުކުރަނީވެސް މި ގޮތަށެވެ.

ކޯޓުން ކައިވެނި ރޫޅާލުން

ޢާއިލާއާބެހޭ ޤާނޫނު (4/2000) ގައި ވާ ގޮތުން ރުޖޫޢަ ކުރެވޭނީ ބާއިން ވަރި ނޫން ގޮތްތަކުން ވެފައިވާ ވަރިއެވެ. މި ގޮތުން އެ ޤާނޫނުގެ 26 ވަނަ މާއްދާ ގެ (ނ) އާއި 24 ވަނަ މާއްދާ އާއި 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާގެ ދަށުން ކޯޓުން ދެމަފިރިއަކު ވަރި ކޮށްދީފިނަމަ، ނުވަތަ ކާވެންޏެއް ފަސްޚު ކޮށްދީފިނަމަ، އެ ކާވެންޏެއް ރުޖޫޢައެއް ނުކުރެވޭނެއެވެ. މި ގޮތުން ކައިވެނި ފަސްޚުކޮށްދެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ “ވަރި ކުރުމާއި ކައިވެނި ރޫޅާލުން” މި ބާބުގައި ބަޔާން ކުރެވިފައިވާ އިޖުރާތުތައް އިސްލާމީ ޝަރީޢާގެ ޙުކުމްތަކާ ފުށުނާރައެވެ.

 

ކައިވެނި ރުޖޫޢަ ކުރުމުގެ ޙައްޤު

ޢާއިލާއާބެހޭ ޤާނޫނުގެ 63 ވަނަ މާއްދާގައި ބުނަނީ އެއްވެސް މީހަކަށް ކައިވެނި ކުރަން މަޖުބޫރުކުރުމަކީ ކުށެއްކަމަށެވެ. އެހެންކަމުން ރަޖުޢީ ވަރިއަކުން ވަރިވެފައިވާ އަންހެން މީހާއަށް ކައިވެނި ރުޖޫޢަކުރަން މަޖުބޫރު ކުރެވިދާނެ ހެއްޔެވެ؟

ތިމާގެ އަނބިމީހާ ރަޖުޢީ ވަރި އަކުން ވަރިވެފައިވާނަމަ ކައިވެނި ރުޖޫޢަކުރުމުގެ ޙައްޤު އޮތީ ފިރިހެން މީހާގެ އަތްމަތީގައެވެ. އެހެންކަމުން މިކަމުގައި އަނބިމީހާ ބޭނުން ނުވިކަމުގައިވިޔަސް ވަކި ޝަރުޠުތަކެއް ފުރިހަމަވެފައިވާނަމަ ފިރިމީހާއަށް ރުޖޫޢަ ކުރެވިދާނެކަމަށް ޢިލްމުވެރީން ވިދާޅުވެފައި ވެއެވެ. ޝަރުޠުތަކަކީ އަނބިމީހާއާއެކު ޖިމާޢުވެފައިވުމާ، ބާއިންނޫންވަރިއަކުން ވަރިކޮށްފައިވުމާއި، ޢިއްދާހަމަވެފައި ނުވުމެވެ.[20] މީގެ ދަލީލު ޢިލްމުވެރީން ގެންނަވާފައިވަނީ سورة البقرة ގެ 228 ވަނަ އާޔަތެވެ.

އެ އާޔަތުގެ މާނައިގައިވަނީ:”އަދި، ވަރިކޮށްފައިވާ އަންހެނުން، އެކަނބަލުންގެ އަމިއްލަ نفس ތަކާއިގެން ތިން قُرء ވަންދެން انتظار ކުރާހުށިކަމެވެ! (قُرء އަކީ، حيض ނުވަތަ طُهر އެވެ.) އަދި، އެކަނބަލުން، اللَّه އަށާއި، آخرة ދުވަހަށް، إيمان ވާ ކަމުގައިވާނަމަ، އެކަނބަލުންގެ رَحِم ތަކުގައި اللَّه އުފައްދަވާފައިވާ އެއްޗެއް (އެބަހީ: حيض ވުމާއި ބަލިވެއިނުންފަދަ ކަންތައް) ވަންހަނާކުރުން އެކަނބަލުންނަށް ހުއްދައެއް ނުވާނެތެވެ. އަދި، އެއުރެން إصلاح ކުރުމަށް އެދޭނަމަ، عدّة ގެ ދުވަސްވަރުގައި އެކަނބަލުން ކާވެންޏަށް އަނބުރައި ގެނައުން އެކަނބަލުންގެ ފިރީންނަށް حق ވެގެން ވެއެވެ. އަދި شرعى ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް حق ވެގެން ވެއެވެ. އަދި އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއް ލިބިގެންވެއެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.“ މިފަދައިންނެވެ.[21]

ވުމާއެކު ޢިއްދާގެ މުއްދަތުގައި އެކަށީގެންވާ މަޤުބޫލު ސަބަބެއްނެތި[22] ކައިވެނި ރުޖޫޢަކުރުމުން ދުރުވެ ގަތުމުގެ ޙައްޤު އަނބިމީހާއަށް ނެތް ނަމަވެސް އަނބިމީހާއާއެކު ރޭނުކޮށް ވަރިކުރުމުންނާއި، ބާއިންވަރިއަކުން ވަރިކުރުމާއި، ރަޖުޢީ ވަރިއަކުން ވަރި ކުރުމަށްފަހު ޢިއްދަ ހަމަވިއިރުވެސް ކައިވެނި ރުޖޫޢަ ކޮށްފައި ނުވާނަމަ، ކައިވެނި ރުޖޫޢަ ވުމުކަށް އަނބިމީހާއަށް މަޖުބޫރެއް ނުކުރެވޭނެއެވެ. އެކަށީގެންވާ ސަބަބެއް އޮވެގެން ކައިވެނި ރުޖޫޢަކުރަން އިންކާރުކުރުމަކީ އަނިޔާވެރިކަން ތަޙައްމަލުކުރުން ދުރުކުރުމަށާއި ޤަޞްދުގައި އަންހެންކަނބަލުންނަށް ލަނޑުދިނުމުގެ ދޮރު ބަންދުކުރުމަށް އޮތް ފުރުޞަތެކެވެ. އެެހެނީ ކޮންމެ 3 މަހުން ޢިއްދަ ހަމަވާން ކައިރިކޮށްފައި އިރުއިރުކޮޅުން ރަޖުޢީ ވަރިއަކުން ވަރިކުރާނަމަ އެއީ ދިރުއުޅުމަށްވުރެ ބޮޑަށް އަނިޔާ ދިނުންކަމަށް ބެލުމުގެ ފުރުޞަތު ޙާކިމަށް ލިބިގެންވާ ކަމެކެވެ. މި އެހެންކަމުން، ރުޖޫޢަކުރުމުގެ ޝަރުޠު އުނިވެފައިވާ ޙާލަތުގައި އަންހެން މީހާއަށް ކައިވެނި ރުޖޫޢަކުރުމަށް މަޖުބޫރުކުރާނަމަ އެއީ ޢާއިލާއާ ބެހޭ ޤާނޫނުގެ 63 ވަނަ މާއްދާގައި ބުނާފަދަ ކުށުގެ ޢަމަލެއްކަން މުޠުލަޤުކޮށް ކަށަވަރުވެއެވެ.

އަމިއްލައަށް ކައިވެނި ރުޖޫޢަކުރުން

ޢާއިލާއާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގައި ރަޖުޢީ ވަރިއަކުން ވަރިކުރުމަށްފަހު، ކައިވެނި ރުޖޫޢަކުރަންވާނީ ރާއްޖޭގައި ނަމަ، ކޯޓަށް ހުށަހަޅައިގެން، ޝަރުޢީ ހަމަތަކުގެ މަތިން ކަމަށް ބަޔާންކޮށްފައިވާއިރު، އެމާއްދާގެ (ށ) ގައި ބުނަނީ މިމާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތީން ކައިވެންޏެއް ރުޖޫޢަކުރުމުން، ރުޖޫޢަކުރެވުނު ކައިވެންޏާބެހޭ މަޢުލޫމާތު ކޯޓުން ކައިވެނީގެ ރަޖިސްޓްރަރއަށް ފޮނުވަންވާނެކަމަށް އޮންނައިރު، އެޤާނޫނުގެ 69 ވަނަ މާއްދާގައި ”އެއްވެސް މީހަކު އޭނާގެ އަނބިމީހާ ވަރިކުރުމަށްފަހު، މިޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ކައިވެނި ރުޖޫޢަކުރުމެއްނެތި، ދެމަފިރިއަކު ފަދައިން އުޅެމުންދިއުމަކީ ކުށެއްކަމަށާއި އަދި ފިރިހެނާއާއެކުގައި ދިރިއުޅެމުން ގެންދާ އަންހެނާވެސް އެކުރަނީ ކުށެއްކަމަށާއި، މިކުށުން ކުއްވެރިވެއްޖެ މީހެއްގެ އަދަބަކީ -/1000 ރުފިޔާ އަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުން ނުވަތަ 06 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުންކަމަށް“ އޮވެއެވެ. ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު)ގައި ކައިވެނި ރުޖޫޢަކުރުމާ ގުޅޭ ގޮތުން ހުރި މިމާއްދާތަކުގެ މައްޗަށް ބެލުމުން ދިވެހިރާއްޖޭގައި ކައިވެންޏެއް ރުޖޫޢަކުރަން ވެއްޖެނަމަ އެކަން ކުރަންޖެހޭނީ ކަމާ ގުޅޭ ކޯޓަށް ހުށަހަޅައިގެންކަން އަދި އެނޫން ގޮތަކަށް ކައިވެނި ރުޖޫޢަނުކޮށް ދެމަފިރިން ގޮތަށް ދިރިއުޅުން ބިނާކޮށް ދިރިއުޅުމަކީ، ޢާއިލާއާބެހޭ ޤާނޫނުގެ ދަށުން އަދަބުލިބިގެންވާ ކުށެއްކަން އެނގެއެވެ.

އެހެންކަމުން ޝަރުޢީ ހަމަތަކުގެ މަތީން ކައިވެނި ރުޖޫޢަކުރުމުގެ ޙައްޤު ލިބިދީފައި ވީނަމަވެސް އެކަން ކުރަންވާނީ މި ރާއްޖޭގައި ނަމަ އަމިއްލައަކަށް ނޫނެވެ. ޝަރުޢީ ކޯޓެއްގައި ރަޖިސްޓްރީ ކޮށްގެނެވެ. މީގެ މިސާލު ތިރީގައި މިވާ ޤަޟިއްޔާއިން ލިބެއެވެ.

މައްސަލަ 1: ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރ: 2014/HC-A/57

ދަޢުވާ ގެ ޚުލާސާ:

މިއީ، މުލަކުއަތޮޅު ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 07/K6C/2013 ޤަޟިއްޔާ އިން ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިޢުނާފު ކޮށްފައިވާ މައްސަލައެކެވެ. މައްސަލަ ނިންމި ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެނީ، އެޤަޟިއްޔާއަކީ، ދެމީހުން ކައިވެނިކޮށްގެން އުޅުމަށްފަހު ހިނގި ދެބަސްވުމެއްގައި 20 މާރޗް 2013 ގައި ވަރިކުރުމަށްފަހު، މިވަރި 20 މާރޗް 2013 ގައި ފެމިލީ ކޯޓުގައި ސާބިތުކޮށް ވަރިކުރިތާ ތިން ދުވަސް ފަހުން ދެމީހުން އަމިއްލައަށް ކައިވެނި ރުޖޫޢަކޮށް ޖިމާޢުވުމަށްފަހު އަންހެންމީހާ ފަހުން އޭނާގެ ރަށަށް ގޮސް އެހެން މީހަކާ  25 ޖުލައި 2013 ގައި މ.ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގައި ކައިވެނިކޮށްފައިވާތީ، އެކޯޓުގެ ކައިވެންޏަކީ ޞައްޙަ ކައިވެންޏަކަށް ނުވާތީ އެކައިވެނި ބާޠިލްކުރުމުގެ އަމުރެއް ނެރެދިނުމަށާއި، އަންހެން މީހާގެ ކުރީގެ ފިރިމީހާއާ ދެމީހުން ކައިވެނި އަމިއްލައަށް ރުޖޫޢަކުރި ކުރުމަކީ ޞައްޙަ ރުޖޫޢަ ކުރުމެއްކަމުގައި ކަނޑައަޅައި ދެއްވުމަށް އެދި ފުރަތަމަކައިވެނި މަތީގައި ހުރި ފިރިމީހާ، އަންހެން މިހާގެ މައްޗަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ.[23]

މައްސަލައިގާ ފާހަގަވީ ނުގުތާތައް

 1. ކައިވެނި ރުޖޫޢަކޮށްފައިވަނީ އަމިއްލައަށް ކޯޓުން ބޭރުގައި ދިވެހިރާއްޖޭގައިކަން.
 2. މައްސަލަ އިސްތިޢުނާފުކުރި މީހާގެ ނިޔަތަކީ، އަންހެން މީހާގެ ފުރަތަމަ ވަރި އެއީ ރަޖުޢީވަރިއަކަށް ވުމުން ކޯޓުން ބޭރުގައި ކުރި ރުޖޫޢަ ޞައްޙަކުރުމާއި އަންހެން މީހާއަކީ މިހާރުވެސް އޭނާގެ އަނބިކަން ސާބިތުކުރުން. އެހެންކަމުން ފަހުން ކުރި ކައިވެނި ބާޠިލުކަމަށާއި އެ ކައިވެނި ރޫޅާލަންޖެހޭކަމަށް އިސްތިޢުނާފު ކުރި މީހާ ދެކޭކަން.
 3. މި މައްސަލައިގާ ކިތާބީ ހެއްކެއްގެ ގޮތުގައި ފެންނަން އޮތް އެންމެ ފަހުގެ ލިޔުމަކީ ޝަރުޢީ ކޯޓުން ހަދައި ދީފައިވާ ވަރީގެ ސެޓްފިކެޓެވެ.
 4. ކައިވެނި ވަރީގެ މައްސަލަތަކަކީ އޭގެ ޒާތުގައި މަދަނީ މިންގަޑުން ބަލާ މައްސަލަތަކަކަށްވުމުން، އަމިއްލައަށް ކައިވެނި ރުޖޫޢަކުރުމުގެ ސަބަބަބުން ފަހުން އުފެދޭ މައްސަލަތައް ނިންމުމުގައި ބުރަވާނީ ފެންނަން ހުރި ހަޤީޤަތް (Balance of Probabilities) ތަކުގެ މައްޗަށެވެ. އެ ގޮތުން މި މައްސަލައިގާ ފެންނަން އޮތް ޑޮކިއުމަންޓަކީ (ކިތާބީ ހެއްކެތްކަމަށް ބެލެވޭ) ވަރީގެ ސެޓްފިކެޓެވެ. ކައިވެނި ރުޖޫޢަކުރި ކަމުގެ އެއްވެސް ހެއްކެތް ނެތެވެ.
 5. އަމިއްލައަށް ކައިވެނި ރުޖޫޢަކުރިކުރުން ޞައްޙަކަމަށް ބުނެ މައްސަލަ ހުށަހެޅިއިރު، އަންހެން މީހާވަނީ ޝަރުޢީ ކޯޓެއްގައި ޝަރުޢީ ހަމަތަކުގެ މަތީން ދެވަނަ ކައިވެންޏެއް ކޮށްފައެވެ.
 6. އެހެންކަމުން ކައިވެނި އަމިއްލައަށް ރުޖޫޢަކުރުމުން ފަހުން އުފެދޭ މައްސަލަތަކަށް ޙައްލު ހޯދާ މަޞްލަޙަތު ޤާއިމުކުރުން ޝަރުޢީ ކޯޓުތަކަށް އުނދަގޫ ވާނޭކަން.
 7. މަދަނީ މައްސަލައެއް ސާބިތުކުރުމުގެ މިންގަނޑުގެ ތެރެއިން ބަލާއިރު މި މައްސަލައިގެ އަސްލަކީ ޝަރުޢީ ކޯޓަކުން ވަރި ސާބިތުކޮށްފައިވާ ކަމާއި ޝަރުޢީ ކޯޓަކުން އަންހެން މީހާގެ ކައިވެންޏެއް ކޮށްދީފައި ވުމެވެ. އެހެންކަމުން ކައިވެނި ރުޖޫޢަކުރީ ޝަރުޢީ ހަމަތަކުގެ މަތީން ކަން ޝައްކެތް ނެތް މިންވަރަށް ސާބިތުކޮށްދިނުމަކީ މައްސަލަ އިސްތިޢުނާފުކުރި ފަރާތުގެ ޒިންމާއެއްކަން.

މައްސަލަ ނިންމެވުމުގައި ހައިކޯޓުން ކަނޑައެޅުއްވި ޤާއިދާ

 1. ހައިކޯޓުން މައްސަލަ ނިންމެވުމުގައި ބައްލަވާފައި ކަންކަމުގެ 3 ވަނަ ނަންބަރު ގެ (ހ) ގައި ވާގޮތުން، ފުރަތަމަ ކައިވެނި ރޫޅުމަށްފަހު، ކޯޓުގައި ވަރި ސާބިތުކުރުމަށްފަހު، ޢިއްދާގައި އިންދުވަސް ތަކުގައި ވަކި ތާރީޚެއްގައި ދެ މީހުން ޖިމާޢުވެފައިވާ ކަމަށް އަންހެން މީހާ އިންކާރުކުރުން.
 2. ފުރަތަމަ އިންމީހާގެ ކައިވެނި ރޫޅުމަށްފަހު މިދެމީހުން ކައިވެނި ރުޖޫޢަކުރުމަށް ރުހި އެއްބަސްވެގެން އެއްދާންކޮށް ޖިމާޢުވެފައިވާކަމަށް ފަހުން މިދެމީހުންމެ އެއްބަސްވެފައިވީ ނަމަވެސް، ޢިއްދައިގެ މުއްދަތުގެ ތެރޭގައި މިކައިވެނި ރުޖޫޢަކުރުމަށް ދެ މީހުންކުރެ އެއްވެސް މީހެއްގެ ފަރާތުންވެސް ކޯޓަށް އެކަން ހުށަހަޅައި މިކައިވެނި ރަޖިސްޓްރީ ކޮށްފައިނުވެއެވެ.
 3. ދިވެހިރާއްޖޭގެ ޤާނޫނުތައް ބުނާގޮތުން އަމިއްލައަށް ކައިވެނި ރުޖޫޢަކޮށްފައިވެސް ކޯޓުގައި އެކައިވެނި ރަޖިސްޓްރީ ނުކޮށްފިނަމަ އެކައިވެންޏެއް ރުޖޫޢަވީކަމަށް ޝަރުޢީ ކޯޓެއްގައި ސާބިތެއް ނުވާނެއެވެ.
 4. ޢާއިލާއާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގައި “ރަޖުޢީ ވަރިއަކުން ވަރިކުރުމަށްފަހު، ކައިވެނި ރުޖޫޢަކުރަނީ ރާއްޖޭގައި ނަމަ، ކައިވެނި ރުޖޫޢަކުރަންވާނީ، ކޯޓަށް ހުށަހަޅައިގެން، ޝަރުޢީ ހަމަތަކުގެ މަތިން” ކަމަށް ބަޔާންކޮށްފައިވެއެވެ.

މައްސަލައިގައި ހައިކޯޓުގެ ޙުކުމް

މި މައްސަލާއިގައި ހައިކޯޓުން ނިންމަވާފައިވަނީ ދަޢުވާ ކުރިމީހާއާ ކުރިން އިނދެގެން ހުރި އަންހެން މީހާއާ ދެމީހުން 22 މާރޗް 2013 ގައި ކައިވެނި އަމިއްލައަށް ރުޖޫޢަކުރިކުރުމަކީ ޞައްޙަ ރުޖޫޢެއް ނޫންކަމަށެވެ. މައިގަނޑު ސަބަބަކީ ޝަރުޢީ ހަމަތަކުގެ މަތީން ކޯޓުގައި ރުޖޫޢަކުރުން ރަޖިސްޓްރީ ނުކުރުމާއި ކައިވެނި ރުޖޫޢަކުރުމުގެ ކަންތަކުގައި ޢަމަލުކުރަންވީ ގޮތުގައި ފިޤުހު ޢިލްމުވެރީންގެ މެދުގައި އިޚްތިލާފު އުފެދިފައިވުމާއެކު ކައިވެނި ރުޖޫޢަކުރެވޭ ގޮތްތަކަކީ އެކަން ވަކިގޮތަކަށް ކުރަންޖެހޭކަމަށް ޤަތުޢީ ނައްސަކުން އަދި ޤަތުޢީ ދަލާލަތަކުންވެސް ސާބިތުވެފައިނެތްކަމެއް ކަމުގައިވާއިރު، ދިވެހިރާއްޖޭގައި ކައިވެންޏެއް ރުޖޫޢަކުރަންވެއްޖެނަމަ އެކަން ކުރުމުގައި ޢަމަލުކުރަންޖެހޭނެ ގޮތް ޤާނޫނު ނަންބަރު: 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައި ވުމެވެ. މީގެ އިތުރުން މިފަދަ މައްސަލަތަކުގައި އެންމެމަތީ މަޞްލަޙަތު ޙިމާޔަތްކުރުން އޮންނާނީ ދައުލަތުގެ މައްޗަށްކަމަށް ވުމުން ޤާނޫނު އަސާސީގެ 10 ވަނަ މާއްދާއާއި 142 ވަނަ މާއްދާގެ އިތުރުން 274 ވަނަ މާއްދާއަށް ރިޢާޔަތް ކުރައްވާފައި ވެއެވެ. އެހެނީ ރުޖޫޢަކުރުމުގެ އެންމެ މުހިއްމު އެއްމަޤްޞަދަކީ ނަޞްލު ހިމާޔަތްކުރުމާއި ކައިވެނީގެ ގުޅުން މެދުނުކެނޑި ދެމެހެއްޓުންކަމަށް ވާއިރު ޝަރުޢީ ހަމަތައް ދެމެހެއްޓޭނެ އެންމެ މަތީ މަޞްލަޙަތު އޮތީ ކޯޓުތަކުގައި ރަޖިސްޓްރީކޮށްގެން، އެ ކައިވެންޏެއް ރުޖޫޢަކުރި ކުރުމުގެ މައްޗަށް ކޯޓުތައް ހެކިކުރަން ޖެހޭނޭ ގޮތަށް ލާޒިމުކޮށް ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތައް ހިފެހެއްޓުން ކަމުގައި ވުން ހިމެނެއެވެ.

މައްސަލަ 2: ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރ: 2015/HC-A/348

ދަޢުވާ ގެ ޚުލާސާ

މިއީ، އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 12/U-2-C/2015 ޤަޟިއްޔާ އިން ނިމިފައިވާގޮތް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްފައިވާ މައްސަލައެކެވެ. މައްސަލަ ނިންމި ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެނީ، އެޤަޟިއްޔާއަކީ، ދެމީހުން ކައިވެނިކޮށްގެން އުޅުމަށްފަހު ހިނގި ދެބަސްވުމެއްގައި އަންހެނުން ވަރިކުރުމަށްފަހު މިވަރި ކޯޓުގައި ސާބިތުކުރުމަށްފަހު ދެމީހުން އަމިއްލައަށް ކޯޓުން ބޭރުގައި ކައިވެނި ރުޖޫޢަކޮށް ރުޖޫޢަކުރުމުގެ ނިޔަތާއެކު އެއްދާންކޮށްފައިވާތީވެ، އެ ކައިވެނި ރުޖޫޢަ ވެއްޖެކަމަށް މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާ އަދި ޢާއިލާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާއާއި 69 އަށް ރިޢާޔަތްކޮށް  އަމިއްލައަށް ކައިވެނި ރުޖޫޢަކުރި މީހުން ޖޫރިމަނާކޮށްފައިވާތީ، އަންހެން މީހާގެ ފަރާތުން އިސްތިޢުނާފުކުރި މައްސަލައެކެވެ.[24]

މައްސަލައިގައި ފާހަގަވީ ކަންތައްތައް

 1. މި މައްސަލައިގާވެސް ކައިވެނި ރުޖޫޢަކޮށްފައިވަނީ ދިވެހިރާއްޖޭގައި ކޯޓުން ބޭރުގައި އަމިއްލައަށެވެ.
 2. ކައިވެނި އަމިއްލައަށް ކޯޓުން ބޭރުގައި ރުޖޫޢަކުރި ނަމަވެސް މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވަނީ އެއީ ޞައްޙަ ރުޖޫޢަކުރުމެއްކަމަށެވެ.
 3. މައްސަލަ އިސްތިޢުނާފު ކޮށްފައިވަނީ، ކައިވެނި ރުޖޫޢަކުރުން ޞައްޙަ ގޮތުގައިކަން ކޯޓަށް ސާބިތުވާކަމަށް ކަނޑައެޅުމަށްފަހު، ޢާއިލާއާބެހޭ ޤާނޫނުގެ 69 ވަނަ މާއްދާއަށް ރިޔާޢަތްކޮށް ޖޫރިމަނާ ކޮށްފައިވާތީއެވެ.
 4. ޝަރުޢީ ހަމަތަކުގެ މަތީން އަމިއްލައަށް ރާއްޖޭގައި ކައިވެނި ރުޖޫޢަކުރުމުން އެއީ ޞައްޙަ ރުޖޫޢުކުރުމެއްކަމަށް ހައިކޯޓުގެ ނިންމުމުގެ ކުރިން ކޯޓުތަކުން ބަލައިގެންފައިވާ ކަން. ނަމަވެސް ރާއްޖޭގެ ޤަޟާއި ނިޒާމު މިހާރު ރޭވިފައިވާ ގޮތުން މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ރިޔާޢަތްކުރަން ޖެހުމުން، މެޖިސްޓްރޭޓްކޯޓުން މި މައްސަލައިގާ ޤާއިމުކުރި ޙުކުމް ބާޠިލުވެފައިވާކަން.

 

މައްސަލަ ނިންމެވުމުގައި ހައިކޯޓުން ކަނޑައެޅުއްވި ޤާއިދާ

 1. މި މައްސަލާއިގައި ހައިކޯޓުން ބެއްލެވި ކަންތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (22/201) ގެ 66 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ގޮތުން، ވަރި ސާބިތުކުރުމާއި އަމިއްލައަށް ކައިވެނި ރުޖޫޢަކުރުމުގެ ވާޤިޢާ ހިނގާފައިވަނީ ދިވެހިރާއްޖޭގައި (މާލޭގައި) ކަމަށް ވުމުން މި މައްސަލަ ބެލި އއ. ރަސްދޫ ކޯޓަކީ މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެން ނުވާ ކޯޓެއްކަމަށް ވުން ހިމެނެއެވެ.
 2. މީގެ އިތުރުން ކުރިން، މަތީ ކޯޓުތަކުން ނިންމަވާފައިވާ މިފަދަ މައްސަލަތަކަށް ރިޢާޔަތްނުކުރުމާއި އެއްވެސް ގޮތަކުން އަމިއްލައަށް ކައިވެނި ރުޖޫޢަކުރަން ޤަޞްދުކުރާ ހިސާބުން ކޯޓުގައި ރަޖިސްޓްރީ ނުކޮށް ޞައްޙަ ގޮތުގައި ކައިވެނި ރުޖޫޢަވިކަމަށް ކޯޓަށް ސާބިތުވިކަމަށް ކަނޑަނޭޅޭނޭ ކަމަށް ޙުކުމް ކުރައްވާފައި ވެއެވެ. މި ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރ: 2014/HC-A/57 ގައި ކަނޑައެޅިފައިވާ ލީގަލްޕްރެސިޑެންސް އަށް ރިޔާޢަތް ނުކޮށް ދަށުކޯޓުން މައްސަލަ ނިންމިކަން ފާހަގަކުރައްވާފައި ވެއެވެ.
 3. ކައިވެނި ރުޖޫޢަކުރުމުގެ މައްސަލައަކީ އިސްލާމީ ފަޤީހުންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައަކަށް ވުމުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ހެދިފައިވާ ޤާނޫނުތަކަށް ރިޢާޔަތްކުރާއިރު ކައިވެނި ރުޖޫޢަކުރެވޭނީ ޢާއިލާއާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގައިވާ ގޮތުން ޝަރުޢީ ކޯޓުންކަމަށް މި ޤަޟިއްޔާގައިވެސް ބައްލަވާފައިވެއެވެ.

މައްސަލައިގައި ހައިކޯޓުގެ ޙުކުމް

މި މައްސަލައިގައި ހައިކޯޓުން ނިންމަވާފައިވަނީ ދަޢުވާ ކުރިމީހާ ކައިވެނި އަމިއްލައަށް ރުޖޫޢަކުރިކުރުމަކީ ޞައްޙަ ރުޖޫޢެއް ނޫންކަމަށެވެ. މީގެ އިތުރުން ދަށުކޯޓުގެ ޙުކުމް ބިނާކުރުމުގެ އިޖުރާތުގައި މައްސަލަ ހުރިކަން ފާހަގަކުރައްވާ ދަށު ކޯޓުގެ ޙުކުމް ބާޠިލުކުރެއްވިއެވެ.

އެހެންކަމުން މި މައްސަލައަކީވެސް މައްސަލައިގެ އަސްލަށް ބަލާއިރު، ކުރިން ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރ: 2014/HC-A/57 ގައި ވާ ޙުކުމް ބިނާކޮށްފައިވާ މަފްޙޫމަށް ބަލާއިރު، ކޯޓުން ބޭރުގައި ކައިވެނި ރުޖޫޢަކުރުން ޤާނޫނީ ގޮތުން، ދިވެހިރާއްޖޭގައި ޞައްޙަކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ބާރުލިބޭ މައްސަލައެކެވެ. އެހެނީ ޢާއިލާއާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގައި ވާގޮތުންނާއި ކުރިން ދެންނެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިޢުނާފީ ޤަޟިއްޔާ ނިމުނު ގޮތަށް ބަލާއިރު ކޯޓުން ބޭރުގައި ރުޖޫޢާކުރިކުރުން ޞައްޙަކަމަށް ބެލެވޭނީ އެކައިވެނި ޝަރުޢީ ހަމަތަކުގެ މަތީން ރުޖޫޢަކޮށްފައިވަނީ ރާއްޖޭންބޭރުގައި ނަމައެވެ. މާނައަކީ ޢާއިލާއާބެހޭ ޤާނޫނުގެ (ހ) ގައި ބަޔާންވެފައި އެވަނީ ރާއްޖޭގައި ކައިވެނި ރުޖޫޢަކުރެވޭނެ އިޖުރާތެވެ.

އެހެންކަމުން، މަތީގައި ހުށަހަޅައިދީފައިވާ ދެ މައްސަލައިގައި ހައިކޯޓުން ކުރެއްވި ޙުކުމުންވެސް ކަށަވަރު ކުރެވެނީ، ކޮންމެ ޙުކުމެއްގެވެސް ލަނޑުދަނޑިއަކަށް ވާންވާނީ، ޢާއްމު މަޞްލަޙަތު ޤާއިމުކޮށް، ޙިމާޔަތްކޮށް ދެމެހެއްޓުން ކަމެވެ.

ނިންމުން

ޝަރުޢީ ކޯޓެއްގެ ޤާޟީއަކަށް ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ޤާނޫނު އަސާސީއާ ޚިލާފުކަމަށް ފެނިއްޖެނަމަ، އެފަދަ ޤާނޫނަކަށް ނުވަތަ ޤާނޫނެއްގެ އެފަދަ ބަޔަކަށް ކިޔަމަންނުވުމުގެ ފުރިހަމަ އިޚުތިޔާރާއި ބާރު ލިބިފައިވެއެވެ. ޤާޟީންނަށް މި ބާރު ލިބިދީފައިި އޮތުމަކީ، އިސްލާމީ ޝަރީޢާއާ ޚިލާފަށް ޙުކުމްކުރުމުން މަނާވެ ގަތުމަށް ލިބިދީފައިވާ ބާރެކެވެ. ނުވަތަ އެއީ އިސްލާމީ ޝަރީޢާއާ އެއްގޮތަށް ޙުކުމް ކުރުމަށް ލިބިދީފައިވާ ބާރެކެވެ. ޤާނޫނު އަސާސީގައި 144 ވަނަަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ކޮންމެ ކޯޓަކަށްމެ އެކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ޤާނޫނެއްގެ ތެރެއިން ޤާނޫނު އަސާސީއާ ޚިލާފުވާމިންވަރު ބާޠިލު ކަމުގައި ކަނޑައެޅޭނެއެވެ. އެހެން ކަމުން ޢާއިލާއާބެހޭ ޤާނޫނުގައި ބަޔާންކުރެވިފައިވާ އިޖުރާތުގެ ތެރޭގައި ނުހިމެނޭ ކަމެއް ނުވަތަ މީހަކު ކުރާ ދަޢުވާ އަކުންވެސް ކަމެއް ޤާނޫނުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ އެކަމެއްގެ އަސާސަކީ އިސްލާމީ ޝަރީޢާގައި އޮތް ގޮތަށް ބެލުން އެއީ ޢާއިލާއާބެހޭ ކަންކަމުގައި ލާޒިމްވާނޭ ކަމެކެވެ. މާނައަކީ އެހެން ބައެއް މުޢާމަލާތުގައި ތަހުޒީބީ މުޖުތަމަޢުތަކުގައި ޙުކުމްކުރާ ގޮތަށް އިނގިރޭސި ވިލާތުގެ ކޮމަން ލޯއަށް ބަލައިގެން ދިވެހިރާއްޖޭގެ ޢާއިލާއާބެހޭ ޤާނޫނުގެ މަފްޙޫމަށް ޢަމަލެއް ނުކުރެވޭނެއެވެ. ސަބަބަކީ ޤާނޫނު އަސާސީގެ މަޞްދަރަކީ އިސްލާމީ ޝަރީޢާއެވެ.

މި ކުޑަކުޑަ ދިރާސާކުރުމުގެ ތެރެއިން އެނގުނު ޙަޤީޤަތްތަކުގެ އަލީގައި ދަންނަވަން ޖެހެނީ، މި ރާއްޖޭގައި ވަރީގެ މައްސަލަތައް އިތުރުވެފައިވަނީ މީގެ ކުރީން ކުރެވިފައިވާ ބައެއް ދިރާސާތަކުގައި ބުނެފައިވާ ދާއިރާތަކުން އެކަންޏެއް ނޫނެވެ. ޝަރުޢީ ގޮތުން ޤަބޫލު ނުކުރެވޭ ޙާލަތްތަކުގައި ބުނެވޭ އެއްޗަކުން ނުވަތަ ކުރެވޭ ކަމަކުން ކައިވެނީ ގެ މުޤައްދަސް ގުޅުމާމެދު ޝައްކު އުފައްދައިގެން ކޮށްފައިވާ ވަރީގެ އަދަދުވެސް ވަރަށް ގިނަކަން އެނގުނެވެ. މި ރާއްޖޭގައި ވަރި ގިނަ ވުމާއި 3 ފަށް ވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ޝަރުޢީ ގޮތުން ވަރިއަކަށް ނުވާފަދަ ނުވަތަ ޢިލްމުވެރީންގެ މެދުގައި އިޚްތިލާފު އުފެދިފައިވާ ގޮތްތަކުގެ މައްޗަށް ވަރީ ގެ މައްސަލަ ތަކުގެ ވަޟުއީ ޙުކުމް މީސްތަކުން ބިނާކޮށްފައި ވުމެވެ. ނުވަތަ އަސްލުގައި އޮތް ކަމެއް ޝައްކެއްގެ މައްޗަށް އަމިއްލައަށް ބާޠިލު ކުރުމެވެ. މި ފަދަ ޢަމަލުތައް ކުރީޒަމާނުގައި ޝަރުޢީ ކޯޓުތަކުގަޔާ އަމިއްލައަށްވެސް ކުރުމެވެ. މީގެ މިސާލަކީ ބައެއް ޙާލަތުގައި ވަރިވީ ކަމަށް ޝައްކުގައި ތިބެގެންނޭ ބުނެ ކައިވެނި ރުޖޫޢަކުރަމުން ދިއުމާއި ވަރިކުރިކަމަށް ޝައްކުވެގެން ކައިވެނީގެ ޢަޤުދު ދެމެހެއްޓުމަށް އިންކާރުކޮށް ބާއިން ވަރިއަކުން ވަރިވެފައި އަލުން ޢަޤުދު ކުރަން އެދޭ އެދުމެވެ.

އެހެންކަމުން އަޅުގަނޑުގެ ހުށަހެޅުމަކީ، ޝަރުޢީ ކޯޓުތަކުގައި މިހާރު ނިމިފައިވާ ކައިވެނި ވަރީގެ މައްސަލަތަކުގެ މައްޗަށް ރަނގަޅު ޢިލްމީ ދިރާސާއެއް ކޮށް މިހާރުގެ ޢާއިލާއާބެހޭ ޤާނޫނު އިސްލާހްކޮށް، އެ ޤާނޫނުގައި ކަނޑައެޅިގެން ވަރި ނުވާނެ ޙާލަތްތަށް މުޠުލަޤަށް ބަޔާންކުރެވިއްޖެ ނަމަ އެއީ ވަރި މަދުކުރުމަށް އެޅިދާނެ މުހިއްމު ފިޔަވަޅެކެވެ.

 

[1]  އިސްލާމްދީނުގެ އަސްލު” ކަމުގައި ބުނެފައި އެވަނީ، ކިރިތި ޤުރުއާނާއި، މާތް ރަސޫލާ محمَّد ﷺ ގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން   އެކަމެއްގެ ޞައްޙަކަމާމެދު ޚިލާފު އުފެދިފައިނުވާ ޝަރުޢީ އުޞޫލްތަކާމެދެ ނަސްޚުން ދޭހަކޮށްދޭ އުސޫލުތަކަށެވެ.

[2]ބާއިން ވަރި“ އަކީ އެ ވަރީގެ ސަބަބުން ދެމަފިރިންގެ ގުޅުން ނިމުމަކަށް އަންނަ ވަރިއެވެ. އެހެންކަމުން ކައިވެނި ރުޖޫޢަކުރުމުގެ ޙައްޤެއް ފިރިމީހާއަކަށް މި ފަދަ ވަރިއަކުން ވަރިވެފައިވާނަމަ ލިބިގެނެއް ނުދާނެއެވެ. މި ޙާލަތުގައި އާ ރަނަކާއި އާ ޢަޤުދެއްގެ މައްޗަށް ނޫން ގޮތަކުން ވަރިވި މީހާ ޒަވާޖީ ޙަޔާތަށް އަލުން ނުގެނެވޭނެއެވެ. އެހެންކަމުން ބާއިން ވަރިއަކުން ވަރިވެއްޖެ ނަމަ އަނބިމީހާ މުޅިން ހިލޭ އަންހެނަކަށް ބަދަލުވާނެއެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ބާއިންވަރި ދެ ބަޔަކަށް ބެހިގެން ވެއެވެ. އަދި އޭގައި އެކިއެކި ޙާލަތްތައް ވެއެވެ. (ލެކްޗަރަރ ނޯޓްސް، އިސްލާމިކް ފެމިލީ ލޯ- 2017، ވިލާ ކޮލެޖް)

[3] ދިވެހިބަހުގެ ރަދީފު / http://radheef.mv/index.php?do=search ( މަޢުލޫމާތު ނެގީ 25 ޖެނުއަރީ 2017 ގެ ހެނދުނު 8:23 ގައި )

[4] http://dhisalafiyyah.net/article/2420 ( މަޢުލޫމާތު ނެގީ 25 ޖެނުއަރީ 2017 ގެ ހެނދުނު 8:30 ގައި )

[5] މުޙައްމަދު ރަޝީދު އިބްރާހީމް، “ފިޤުހުލްއަސްރަ” (ދިވެހިރާއްޖެ: ވިލާކޮލެޖް، ފުރަތަމަ ޗާޕު: ޑިސެމްބަރ 2013)ޞ: 16

[6]اَلْعَقْدُ“: (މުޙައްމަދު ނިމާލް – 2015 ) ވިދާޅުވާ ގޮތުގައި، އެއީ އެއްޗެއް އައްސައި ގޮއްޖަހައި ބަނދެލުމެވެ. (ޢަރަބިބަހުން މިބަސް ބޭނުން ކުރާނަމަ ބުނާނީ: اِعْتَقَدْتُ كَذَا) އެބަހީ: “އަހުރެން މިވެނި އެވެނި ކަމެއްގެ މައްޗަށް އަހަރެންގެ ހިތާއި ޒަމީރު ގޮއްޖަހައި ގުޅުވާލައިފީމެވެ.”

[7] ކުރީގެ މަޞްދަރު: “ދިވެހިބަހުގެ ރަދީފް” ( މަޢުލޫމާތު ނެގީ 25 ޖެނުއަރީ 2017 ގެ ހެނދުނު 8:23 ގައި )

[8] އިބްރާހީމް މާހިރުު “އިސްލާމިކް ފެމިލީ ލޯ” މޮޑިއުލް (ދިވެހިރާއްޖެ: ވިލާކޮލެޖް / ލެކްޗަރަރ ނޯޓްސް، 2017) ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ، ބެޗް-10

[9] http://www.kavaasaa.com/dheen/fiqh/alhukan/rajuee-vari.html (މަޢުލޫމާތު ނެގީ 31 ޖެނުއަރީ 2017 ގެ ހަވީރު 5:23 ގައި)

[10] القران الكريم ގެ ދިވެހި ތަރުޖަމާ،…..ޞ:1198

[11] http://dhiislam.com/86988 (މަޢުލޫމާތު ނެގީ: 3 މާރިޗު 2017 ގެ މެންދަމު 1:42 ގައި)

[12] القران الكريم ގެ ދިވެހި ތަރުޖަމާ،…..ޞ:73

[13] عدة: އެއީ އަންހެނާ އޭނާގެ ރަޙިމު ހުސްކަން ދެނެގަތުމަށްޓަކައި ނުވަތަ ފިރި މަރުވެގެން އެކަމުގެ ހިތާމަ ފާޅުކުރުމުގެ ގޮތުން އިންތިޒާރުކުރާ މުއްދަތަކަށް ކިޔާނަމެކެވެ. (މުޙައްމަދު ރަޝީދު އިބްރާހީމް، “ފިޤުހުލްއަސްރަ”…………..ޞ: 54)

[14] سورة الطلاق: 1-2

[15] القران الكريم ގެ ދިވެހި ތަރުޖަމާ، ………….. ޞ: 1198

[16] ޢާއިލާއާބެހޭ ޤާނޫނު (4/2000) ގެ 38 ވަނަ މާއްދާ: ”ކާވެނިކޮށްގެން އުޅުނުއިރު އަނބިމީހާ އުޅުނީ ފިރިމީހާގެ ގޭގައިކަމަށްވާނަމަ، ޢިއްދާގެ މުއްދަތުގެ ތެރޭގައި ނުވަތަ ކުދިންގެ ޙަޟާނަތު ހަވާލުކޮށްފައިވަނީ އަންހެނާއާ ކަމަށްވާނަމަ، އެއަންހެނާއަށް ޙަޟާނަތު އޮތްހައި ހިނދަކު، ކާވެނިކޮށްގެން އުޅުނުއިރު ދެމަފިރިން އުޅުނު ގެއިން އެއަންހެނާގެ ނުރުހުމުގައި، ނެރެންވާނީ އެއަންހެނާ އުޅޭނެ އެހެންތަނެއް ފިރިހެނާ ދެއްކުމަށްފަހުގައެވެ.“

[17] http://www.raajjeislam.com/9966 (މަޢުލޫމާތު ނެގީ 01 މާރޗް 2017 ގެ ހެނދުނު 11:04 ގައި)

[18] http://www.raajjeislam.com/9966 (މަޢުލޫމާތު ނެގީ 01 މާރޗް 2017 ގެ ހެނދުނު 11:04 ގައި)

[19] އިބްރާހީމް މާހިރުު “އިސްލާމިކް ފެމިލީ ލޯ” މޮޑިއުލް (ދިވެހިރާއްޖެ: ވިލާކޮލެޖް / ލެކްޗަރަރ ނޯޓްސް، 2017) ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ، ބެޗް-10

[20] http://www.kavaasaa.com/dheen/fiqh/alhukan/rajuee-vari.html (މަޢުލޫމާތު ނެގީ 31 ޖެނުއަރީ 2017 ގެ ހަވީރު 5:23 ގައި)

[21] القران الكريم ގެ ދިވެހި ތަރުޖަމާ،…………. ޞ:73

[22] ޢާއިލާއާބެހޭ ޤާނޫނު (4/2000) ގެ 26 ވަނަ މާއްދާގެ (ހ): “ރަޖުޢީ ވަރިއަކުން ވަރިކުރުމަށްފަހު، ކާވެނި ރުޖޫޢަ ކުރަނީ ރާއްޖޭގައިނަމަ،ކާވެނި ރުޖޫޢަ ކުރަންވާނީ، ކޯޓަށް ހުށަހަޅައިގެން، ޝަރުޢީ ހަމަތަކުގެ މަތިންނެވެ. ނަމަވެސް ކާވެނި ރުޖޫޢަ ކުރުމަށް އަންހެންމީހާ އިޢުތިރާޟު ކޮށްފިނަމަ، އޭނާ އެ އިޢުތިރާޟުކުރީ ޝަރުޢީގޮތުން މަޤުބޫލު ސަބަބެއް އޮވެގެން ކަމަށްވާނަމަ، އެ ދެމީހުންގެ ކާވެނި، ކޯޓުން ރުޖޫޢަކޮށްދީގެނެއް ނުވާނެއެވެ.”

[23] https://vaguthu.mv/news/194208 (މަޢުލޫމާތު ނެގީ: 01 މާރިޗް 2017 ގެ ހެނދުނު 10:02 ގައި )

[24] http://www.highcourt.gov.mv/dhi/mediamanager/2015-348.pdf (މަޢުލޫމާތު ނެގީ 03 މާރިޗް 2017 ގެ ހަވީރު 16:23 ގައި)

ލިޔުނީ: ޢަބުދުއްސައްތާރު މުޙައްމަދު

ނ. މިލަދޫ އަށް އުފަން، ޢަބްދުއްސައްތާރު މުޙައްމަދުވަނީ ސަރުކާރުގެ ޚިދުމަތުގައި 20 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކުރައްވާފައެވެ. މި މުއްދަތުގައި އެރަށުކަތީބެއްގެ ހައިސިއްޔަތުން 7 އަހަރު ޚިދުމަތް ކުރައްވާފައިވެއެވެ. މިހާރު ވަޒީފާ އަދާކުރައްވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފަރާސްޓްރަކްޗަރ ގައެވެ. މިހާރު ވިލާކޮލެޖުގައި ޝަރިޢާ އެންޑް ލޯ އިން މަތީ ތަޢުލީމް ޙާޞިލުކުރައްވަމުން ގެންދަވާ ޢަބްދުއްސައްތާރު މުޙައްމަދު ވަނީ، އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިޕޮލޮމާއެއް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ވެސް ޑިޕޮލޮމާއެއް ހޯއްދަވާފައެވެ. މީގެ އިތުރުން ޢަބްދުއްސައްތާރު މުޙައްމަދުވަނީ 2004 ވަނަ އަހަރު މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓް އާއި އޭރުގެ ނުރަސްމީ ތަޢުލީމުދޭ މަރުކަޒާ ގުޅިގެން ހިންގެވި "ރައްރަށުގެ ވެރިންތަމްރީނުކުރާ ކޯސް" ބައިވެރިންގެ ތެރެއިން އެއްވަނަ ހޯއްދަވާފައެވެ.

މިލިޔުންވެސް ކިޔާލާ

މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، މެސީގެ ކައިވެނީގެ ހަފްލާ މިއަދު ބާއްވަނީ.

އާޖަންޓީނާގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، މެސީގެ ފުރަތަމަ ކައިވެނީގެ ހަފްލާ  މިއަދު އޮންނާނެ ކަމަށް ކުޅިވަރުގެ ޚަބަރުތައް ފަތުރާ ބޮޑެތި …

ޚިޔާލެއްދެއްވާ

avatar
މޫސާ ޖަމީލު
މޫސާ ޖަމީލު

މިލިޔުމަކީވެސް ވަރަށްގިނަ މަޢުލޫމާތު ލިބިގެންދިޔަ ލިޔުމެކެވެ.

wpDiscuz