ޖެހިޖެހިގެން ކުށްލި ދެމަރު ދާދި އެއްގޮތަކަށް – ލަންދޫ ވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި.

ނ.ލަންދޫގައި އެއްދޯންޏަކުން މަހަށްދިޔަ ދެ އެކުވެރިން ދާދި އެއްގޮތަކަށް ވަރަށް ކައިރިކައިރީގައި ނިޔާވުމުން އެރަށު ރައްޔިތުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ވަރަށްބޮޑަށް އެކަމާ ހާސްވެފައެވެ.

ދެއެކުވެރިންގެ ތެރެއިން 44 އަހަރުގެ އާދަމް އިސްމާޢީލް މިމަހުގެ 21 ވީ ބުރާސްފަތި ދުވަހު ނިޔާވެފައިވާއިރު، އަޙްމަދު ފައިސަލް 45އ. ( ފައިބެ ) ނިޔާވެފައިވަނީ 28 ވީ ބުރާސްފަތި މިއަދު އެވެ. މަރުޙޫމްފައިސަލް ގެ ޖަނާޒާގެ ކަންތައް މިހާރުވަނީ ނިމިފައެވެ.

މި ދެއެކުވެރިންގެ އާދަޔާ ޚިލާފު މަރުގެ ކަންތައްތައް ހިނގާދިޔަގޮތަށް ބަލާއިރު ދެމީހުންވެސް މަރުވެފައިވަނީ ވަރަށް އެއްގޮތް ކަންތައްތަކަކަށްފަހުގައެވެ. އެގޮތުން ދެމީހުން މަރުވި ދުވަހާއި މަރުވި ތަނާއި އަދި މަރުވި ގަޑިއާއި ވަޅުލެވުނު ގަޑިފަދަ ކަންކަމަކީ ވަރަށްބޮޑަށް ޙައިރާންކަން ލިބޭފަދަ ގޮތަކަށް އެއްގޮތްކަމެއް ހުރި ކަންކަމެވެ. އަދި މިވާހަކަތަކަކީ ރަށުގެ ރައްޔިތުންގެ މެދުގައި ވަރަށް ބާރަށް އެކިއެކި ގޮތްގޮތަށް ދެކެވެމުންދާ ވާހަކަތަކެވެ.

މިއަދު ނިޔާވި މަރުހޫމް ފައިސަލްގެ ހަށިގަނޑު ލަންދުއަށް ގެނައިއިރު ރައްޔިތުން ވަނީ ބަނދަރަށް އެއްވެފައި

އެއްބަޔަކު ބުނާގޮތުންނަމަ މިއީ އެއްދޯންޏަކުން މަހަށްދިޔަ އެއްޢުމުރެއްގެ ދެމީހަކު މިފަދަ ގޮތަކަށް ލަންދޫގެ ޙަޔާތުގައިވެސް މަރުވި ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ ސިޙުރުވެރިކަމެއްކަމަށްވެސް ވެދާނެއެވެ. ނުވަތަ މިއީ މަސްވެރިކަމަށް ހެދި ފަންޑިތައިގެ ސަބަބުން ދިމާވެގެން އުޅޭކަމެއްކަމަށްވެސް ބެލެވިދާނެއެވެ.

ދެމީހުންވެސް މަރުވީ މަހަށްގޮސް އުޅެނިކޮށް:

ކައިރިކައިރީގައި މަރުވި މި ދެއެކުވެރިންނަކީ ނ.ލަންދޫގައި ދުއްވާ މުރިނގު 2 ( މަސްދޯނި ) ން ދުވަސްތަކެއްވަންދެން މަހަށްދިޔަ ދެމީހުންނެވެ. މި ދެމީހުންގެ އެކުވެރިކަމާ ރަޙްމަތެރިކަމަކީ ސިޔާސީ އެއްޕާޓީ ( އެމްޑީޕީ ) ގެ އިސް ދެ އެކްޓިވިސްޓުންނަށް ވެފައި ދެމީހުންގެ ގެ އެއްއަވަށެއްގައި ދެ ގެވެސް ވަރަށް ކައިރީގައި ހުރުމާއި އެކު އެކަކު އަނެކަކަށް ކުޑައިދުވަހުއްސުރެ އުފެދި ގުޅިލާމެހިފައިވާ އެކުވެރިކަމެކެވެ. އަދި ދެމީހުންގެމެދުގައި ޝެއަރނުކުރެވޭ ނެ އެއްވެސް ޕާރސަނަލް ވާހަކައެއްވެސް ނުހުންނާނެކަމަށް މިދެމީހުންގެ ވަރަށް ގާތް މީހުން ބުނެއެވެ.

މިދުވަސް ވަރު ލަންދޫގައި މަހަށްދަނީ ދިއްލައިގެން އެންދަމާ ގޮތަށް ރޭގަނޑު 11 ޖަހާ އެހާކަށްހާއިރު ފުރައިގެން ދުރުހިސާބުތަކަށް އެންދަމަށް ދާގޮތަށެވެ. އެގޮތުން ކުރިން މަރުވި އާދަމް މަރުވިދުވަހުވެސް މަހަށް ފުރީ އެދުވަހުގެ ކުރީ ރޭ 11 ޖަހައި އެހާކަށް ހާއިރުއެވެ. އަދި މިއަދު މަރުވި ފައިސަލް މަރުވީވެސް ރޭ 11 ޖަހާ އެހާކަށް ހާއިރު މަހަށް ފުރައިގެން ށ.މާއުނގޫދޫ ކައިރިން އެންދަމަން އުޅެފައި ބޮޔަށް ދިޔަމަގުމަތީގައެވެ.

ދެމީހުން މަރުވި ވަގުތާއި ދުވަސް:  

ދެމީހުންވެސް މަރުވީ ދާދި އެއްގަޑިއެއްގައެވެ. ހަފްތާގެ ބުރާސްފަތީގައެވެ. ފުރަތަމަ މަރުވި އާދަމް އިސްމާޢީލް މަރުވީ 21 ވަނަދުވަހު ( ބުރާސްފަތި) ށ.މާއުނގޫދޫ ކައިރިން އެންދަމައިގެން ބޮޔަށް ގޮސް ވަރުގަދަޔަށް ކުރުދޮށީގައި މަސްބާނަން ތިއްބައެވެ. އެއީ ގާތްގަޑަކަށް އެދުވަހުގެ މެންދުރުވާން ކައިރިވެފައިވަނިކޮށެވެ. އަދިހަމަ މިއަދުމަރުވި އަޙްމަދު ފައިސަލްވެސް މަރުވީ ހަމަ އެރަށު ބޭރުމަތިން އެންދަމައިގެން ށ.ބޮޔަށް ގޮސް ހަމަ ކުރީދުވަހެކޭ އެއްގޮތަށް ފޯރީގައި މަސްބާނަން ތިއްބާ ގާތްގަޑަކަށް 9 ޖަހަން އުޅެނިކޮށެވެ.

ދެމީހުންވެސް މަރުވިއިރު ބުރަމަސައްކަތުގައި:

ފުރަތަމަ މަރުވި އާދަމް މަރުވީ ފިލާގަނޑުމަތީގައި ދޮށިއަޅަމުން ގަދަޔަށް މަސްބާނަން ހުރެފައި ކުށްލިއަކަށް މެޔަށް ތަދެއް އަރާތީ ދޮށިބޭއްވުމަށްފަހު މަޑުމަޑުންގޮސް މަސްކަނދުގަނޑުގެ ފަހަތުން ފައްގަޑާ ކައިރީގައި އިށީދެލައިގެން އިރުކޮޅަކު އިނދެފައި އޮށޯއޮތް ތަނުންނެވެ. އާދަމް އޮށޯއޮތުމާ މަރުވުމާ ދެމެދު 5 މިނިޓްވެސްނުވާނެކަމަށް އެދޯނީގެ އެހެން މަސްވެރިންބުންޏެވެ.

ފައިސަލް މަރުވީ މިއަދު ހަމަ އެދޯނީގައި ، ހަމަ އެ ބޮޔަށް ގޮސް ގަދަޔަށް މަސްބާނަމުން ދިޔައިރު އެންއުކަން ހުއްޓާ ކުށްލިއަކަށް ޑެގްމައްޗަށް ވެއްޓުނު ވަގުތު އެވެ. ފައިސަލް ވެއްޓުނީ މަރުވެގެން ކަމަށް ބެލެވޭކަމަށްވެސް އެދޯނީގެ އެހެން މަސްވެރިންބުނެއެވެ.

ދެމީހުންވެސް މަރުވުމުން ފުރަތަމަ އެއް ހިޔާވައްސަކަށް:  

ފުރަތަމަ މަރުވި އާދަމް މަރުވެގެން ނ.ކެނދިކުޅުދޫ ސިއްހީ މަރުކަޒަށް ގެންދިޔައީ މަރުވިއިރު ދޯނި ހުރި ސަރަޙައްދާއި އެންމެކައިރީގައި ހުރި ސިއްހީ މަރުކަޒަކީ ކެނދިކުޅުދޫ ސިއްޙީ މަރުކަޒަށްވުމުންކަމަށް ދޯނީގެ ކެޔޮޅުބުނެއެވެ. އަދި މިއަދު މަރުވި ފައިސަލްވެސް މަރުވީ ހަމައެސަރަހައްދުގައި ދޯނި ހުއްޓައި ކަމުން ފައިސަލް މަރުވުމުންވެސް ކެނދިކުޅުދުއަށް ގެންދިޔައީ އެވެ. އެހެންކަމުން މިދެމީހުންވެސް މަރުވުމުވުމުން އިއްތިފާޤަކުން ނަމަވެސް ފުރަތަމަ ގެންދެވިފައި މިވަނީ އެއް ހިޔާވައްސަކަށެވެ.

ކަށުނަމާދުގައި ބައިވެރިމީހުން:

ލަންދޫގެ ތާރީޚްގައިވެސް މިހާގިނަމީހުން އަދި މިހާތަނަށް އެއްވެސް މީހެއްގެ ކަށުނަމާދުގައި ބައިވެރިވެފައިވީކަން އެނގޭކަށް ނެތެވެ. އަދި ހަމަ އެހެންމެ ކުރިންމަރުވި އާދަމްގެ ކަށުނަމާދުގައިވެސް ހަމަ މިހާގިނައިން މީހުން ބައިވެރިވިއެވެ. މި ދެ މަރުޙޫމްގެ ކަށުނަމާދުގައިވެސް ލަންދޫ އެންމެ ބޮޑު މިސްކިތް ފުރޭވަރަށް މީހުން ބައިވެރިވެފައިވެއެވެ. އެހެންކަމުން މިއީވެސް އިއްތިފާޤަކުންނަމަވެސް އެއްގޮތްވެގެންދިޔަ ކަމެކެވެ.

ވަޅުލެވުނު ގަޑި:

ކުރިން މަރުވި އާދަމް އިސްމާޢީލް މަރުވިދުވަހު އިރުއޮށްސުމުގެ ކުރިން ހިނަވާ ކަފުންކޮށް ނިމިފައި ވީނަމަވެސް އޭނާގެ ޢާއިލާގެ ބައެއް މެމްބަރުން ރަށުންބޭރުގައި ތިބުމާއެކު އެމީހުން މައްޔިތާގެ މޫނުދެކެން ބޭނުންވެގެން އެމީހުން ލަންދުއަށް އައިސް މޫނުދެކި ޖަނާޒާގައި ބައިވެރިވެވުނީ އެރޭ 8 ޖެހިއިރުއެވެ. ކަށުނަމާދުކޮށް ނ.ލަންދޫ ސަހަރާގައި ވަޅުލެވުނުއިރު ހުރީ ގާތްގަޑަކަށް 8:30 ވެފައެވެ.

ހަމަ އެހެންމެ މިއަދު މަރުވި ފައިސަލްވެސް ހިނަވާ ކަފުންކޮށް ހުރިހާކަމެއް މިއަދުގެ ޢަސުރުނަމާދުގެ ކުރިން ނިމިފައިވީނަމަވެސް ރަށުން ބޭރުގައި ތިބި އާއިލާގެ މެމްބަރުން މޫނު ދެކެން އައިސް މޫނު ދެކި މައްޔިތާ ވަޅުލުމުގެ ކަންތައް ނިމިފައިވަނީ މިރޭ 8:30 ގައެވެ.

ފުލުހުންގެބަސް:

މި ދެމަރުވެސް ވަނީ ފުލުހުން ތަޙްޤީޤުކުރަންފަށާފައެވެ. ކުރީދުވަހު މަރުވި އާދަމް ގެ ހަށިގަނޑުވެސް ފުލުހުން ވަނީ ބަލާޗެކްކޮށްފައެވެ. އޭގެ އިތުރުން މިއަދުމަރުވި ފައިސަލްގެ ހަށިގަނޑުވެސް ބަލާޗެކްކުރުމުގެ އިތުރުން ފުލުހުންގެ ފޮރެންސިކް ޓީމެއް ކެނދިކުޅުދޫ ސިއްޙީ މަރުކަޒަށް ވަޑައިގެން ލޭގެ ސާމްޕަލް އާއި އަދި ޔޫރިންގެ ސާމްޕަލް ވަނީ ނަގާފައެވެ. ފުލުހުން ބުނީ އެ ސާމްޕަލް ތައް ޗެކްކޮށް އޭގެ ނަތީޖާ ލިބުމުންނޫނީ މަރުވި ގޮތާމެދު ވަކިއެއްޗެއް ބުނަން ދަތިކަމަށެވެ. އަދި އެތަކެތީގެ ނަތީޖާ ވީހާވެސް އަވަހަކަށް ލިބޭތޯ ދަނީ ބަލަމުންކަމަށްވެސް ފުލުހުންބުނެއެވެ.

ރަށުތެރޭގައި ދެކެވޭވާހަކަ:

ކޮންމެއަކަސް މިއީ ވަރަށް ސީރިއަސް މައްސަލައެއްކަމަށް ރަށުގެ ކޮންމެ ފަރުދަކުވެސް ޤަބޫލުކުރެއެވެ. ކައުންސިލްގެ މެމްބަރަކު މިއަދު ވިދާޅުވީ މިއީ ސިހުރުގެ ކަމެއްތޯ ބަލާނެކަމަށެވެ. އެއީ ރަށުތެރޭގައި އެގޮތަށް ވާހަކަ ދެކެވޭތީ ކަމަށް އޭނާބުންޏެވެ. ރަށުތެރޭގައި ބައެއް މީހުން ބުނާގޮތުން އެއީ އެދޯނި މަސްބާނާތީ އެކަމާ ހަސަދަވެރިވާ ބަޔަކު ނުވަތަ މީހަކު ހަދާފައި ހުރި ފަންޑިތައަކަށް ވެދާނެއެވެ. ނުވަތަ އެދޯނި މަސްވެރިކަމަށް އިތުރަށް މޮޅުކުރުމަށް އެދޯނީގެ ކެޔޮޅުން ނުވަތަ ވެރިން ބޭނުންވެގެން ކުރިކަމަކުން ވެގެން އުޅޭގޮތެއްކަމަށްވެސް ވެދާނެއެވެ.

މި ދެމަރު މިހާކައިރިކައިރީގައި ހިނގާދިއުމުން ރައްޔިތުން ތިބީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައެވެ. ދެ މަރުޙޫމްގެ ޢާއިލާގެ މެމްބަރުންގެ އިތުރުން ޢާއްމު ބައެއް މީހުންވެސް ވަނީ މިއަދު ބޮލަށް އެނބުރުން އަރުމާއި، ހެއަށް ގޮތް ވުން ފަދަ ކަންކަން ދިމާވެގެން ލަންދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނަށްވަނީ އެޑްމިޓްކޮށްގެންވެސް ފަރުވާދީފައެވެ. އަދި މިހާރުވެސް ގިނަ މީހުން ތިބީ އެ ބިރުވެރިކަމާއި ހާސްކަމުގެ ތެރޭގައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ މަންފާ އަޙްމަދު ފައިސަލް ( ފައިބެ ) ކުއްލިގޮތަކަށް ނިޔާވެއްޖެ.

ނ.ލަންދޫ މަންފާ އަޙްމަދު ފައިސަލް ޢަބުދުއްޞަމަދު ( ފައިބެ ) ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ. ފައިސަލް ނިޔާވެފައިވަނީ މިއަދު މަހަށްގޮސް އުޅެނިކޮށް …

ޚިޔާލެއްދެއްވާ

avatar
dhivehseh
dhivehseh

niyaavun beynun nukuranee keehvebaa,

އިބްނު ހަޖަރު
އިބްނު ހަޖަރު

އިންނާ ލިﷲ ވައިންނާ އިލައިހި ރާޖިޢޫން .. ދެ މީހުންގެ ފުރާނައަށްވެސް ސުވަރުގެ މިންވަރު ކުރައްވާ ޢައިލާއަށް ކެތްތެރިކަން ދައްވާށިއެވެ.

wpDiscuz