އިސްލާމް ދީނަށް ގޮވާލުމަށް ޝަރުޢު ކުރައްވާފައިވާ އުޞޫލު

ކީރިތި ޤުރުއާނުގައި މާތް الله ވަޙީ ކުރައްވާފައިވެއެވެ. ﴿ ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِۖ وَجَادِلْهُم بِالَّتِي هِيَ أَحْسَنُۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۖ وَهُوَ أَعْلَمُ بِالْمُهْتَدِينَ  ﴾ ﴿سورة النحل ١٢٥﴾ މާނައީ: “حكمة އާއި، ރިވެތި وعظ އާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ جدل ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހުން، މޮޅަށް ދެނެވޮޑިގެންވެތެވެ. އަދި ތެދުމަގުލިބިގެންވާ މީހުންވެސް، މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ.”

އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿ فَبِمَا رَحْمَةٍ مِّنَ اللَّـهِ لِنتَ لَهُمْ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّـهِ إِنَّ اللَّـهَ يُحِبُّ الْمُتَوَكِّلِينَ﴾ ﴿سورة آل عمران ١٥٩﴾ މާނައީ: އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، اللَّه ގެ حضرة ން ލެއްވި رحمة އެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، خُلق ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު عفو ކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ مشورة ކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު عزم ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު اللَّه އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން، وكيل ކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.”

ﷲ ތަބާރަކު ވަތަޢާލާ އެކަލާނގެ މުޤައްދަސް ފޮތުގައި އަދިވެސް ހަޙީ ކުރައްވާފައިވެއެވެ.﴿ وَلَا تُجَادِلُوا أَهْلَ الْكِتَابِ إِلَّا بِالَّتِي هِيَ أَحْسَنُ إِلَّا الَّذِينَ ظَلَمُوا مِنْهُمْۖ وَقُولُوا آمَنَّا بِالَّذِي أُنزِلَ إِلَيْنَا وَأُنزِلَ إِلَيْكُمْ وَإِلَـٰهُنَا وَإِلَـٰهُكُمْ وَاحِدٌ وَنَحْنُ لَهُ مُسْلِمُونَ ﴾ ﴿سورة العنكبوت ٤٦﴾ މާނައީ: “ރިވެތިވެގެންވާ ގޮތުގައި މެނުވީ ތިޔަބައިމީހުން ފޮތުގެ أهل ވެރިންނާ جدل ނުކުރާށެވެ! އެއުރެންގެ ތެރެއިން އަނިޔާވެރިވެގެންވާ މީހުން ފިޔަވައި އެހެން މީހުންނަށެވެ. އަދި ތިމަންމެންނަށް ބާވައިލެއްވި ފޮތަށާއި، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށް ތިމަންމެން إيمان ވެއްޖައީމޭ ތިޔަބައިމީހުން ބުނާށެވެ! ތިމަންމެންގެ إله އަކީވެސް، އަދި ތިޔަބައިމީހުންގެ إله އަކީވެސް އެއް إله އެކެވެ. އަދި ތިމަންމެން އެކަލާނގެއަށް ކިޔަމަންވެ، إسلام ވަމުއެވެ.”

މި ތިން އާޔަތުން އަހަރުމެންނަށް އެނގެނީ ﷲ ގެ ދީން ކަމުގައިވާ އިސްލާމްދީނަށް  ގޮވާލެއްވުމަށް ކީރިތި ރަސޫލާ محمد صلى الله عليه وسلم ގެންގުޅުއްވުމަށް ﷲ ޢަމުރު ކުރައްވާފައިވާ މަތިވެރި އުޞޫލެވެ. އެއްވެސް ޙާލެއްގައި އެއްވެސް ތަނެއްގައި މީސްތަކުން، ޙައްޤު ދީންކަމުގައިވާ އިސްލާމް ދީން ޤަބޫލުނުކޮށްފިނަމަ، ކަނޑީގެ ބާރުން ނުވަތަ ގަދަ ބާރުން މީސްތަކުން އިސްލާމް ދީނަށް ވެއްދުމަކަށް الله سبحانه وتعالى އަންގަވާފައި ނުވާކަން ވަރަށް ފުރިހަމައަށް ދަލީލު ލިބެއެވެ. ކީރިތިރަސޫލާގެ محمد صلى الله عليه وسلم ޒަމާނުގައި ވެސް ދީނަށް މީސްތަކުންނަށް ދަޢުވަތު ދެއްވީ މި އުޞޫލުތަކުންނެވެ. އަދި ދީނަށް މީސްތަކުންނަށް ދައުވަތު ދެއްވަމުން އެކިއެކި ޞަޙާބީން ފޮނުއްވެވި އިރު، އެ ބޭކަލުންނަށް އެންގެވީ ވެސް ހަމަ މި އުޞޫލުގެ މަތީން ދީނަށް ގޮވައިލެއްވުމަށެވެ. ފޮތުގެ އަހުލުވެރިންކަމަށްވާ ޔަމަންގެ މީހުންނަށް ދީނަށް ގޮވައިލެއްވުމަށް މުޢާޒް ބުނު ޖަބަލް، ޔަމަނަށް ފޮނުއްވެވި ހިނދު، ކީރިތި ރަސޫލާ، މުއާޒްގެފާނަށް ވަޞިއްޔަތްކުރެއްވި މަޝްހޫރު ޙަދީޘްގައި ވަނީ މި އުޞޫލުތަކެވެ. އެހެންކަމުން ކީރިތި ރަސޫލާގެ ޒަމާނުގައި ވެސް އަދި އެ ކަލޭގެފާނަށް ފަހުގައި ޚަލީފާއިންގެ ޒަމާނުގައި ވެސް އަދި އޭގެ ފަހުން އުފެދުނު އުމަވީ ދައުލަތާއި އައްބާސީ ދައުލަތާއި އުސްމާނީ ދައުލަތުގައި ވެސް އިސްލާމް ދީނަށް ގޮވައިލުމުގެ ކަންތައް ދިޔައީ މި އުސޫލުގެ މަތީންނެވެ. އަދި އެއަށް ފަހުގައި ޤިޔާމަތާ ޖެހެންދެން މި ބިންމަތީގައި އިސްލާމީ ރިސާލަތު ފަތުރާ ކޮންމެ މީހަކުމެ ހިނގަން އޮތީ ވެސް މި މަގެވެ.

ކަނޑި ބަޑީގެ ބާރުން ނުވަތަ ގަދަބާރުން މީސްތަކުން އިސްލާމް ދީނަށް ވެއްދުމެއް ނުވެއެވެ.

މަޢުލޫމާތު ހޯދި ފޮތްތައް

  1. القران الكريم ގެ ދިވެހި ތަރުޖަމާ، (ދިވެހިރާއްޖެ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޗާޕު1، 2007)

ލިޔުނީ: ޢަބުދުއްސައްތާރު މުޙައްމަދު

ނ. މިލަދޫ އަށް އުފަން، ޢަބްދުއްސައްތާރު މުޙައްމަދުވަނީ ސަރުކާރުގެ ޚިދުމަތުގައި 20 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކުރައްވާފައެވެ. މި މުއްދަތުގައި އެރަށުކަތީބެއްގެ ހައިސިއްޔަތުން 7 އަހަރު ޚިދުމަތް ކުރައްވާފައިވެއެވެ. މިހާރު ވަޒީފާ އަދާކުރައްވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފަރާސްޓްރަކްޗަރ ގައެވެ. މިހާރު ވިލާކޮލެޖުގައި ޝަރިޢާ އެންޑް ލޯ އިން މަތީ ތަޢުލީމް ޙާޞިލުކުރައްވަމުން ގެންދަވާ ޢަބްދުއްސައްތާރު މުޙައްމަދު ވަނީ، އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިޕޮލޮމާއެއް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ވެސް ޑިޕޮލޮމާއެއް ހޯއްދަވާފައެވެ. މީގެ އިތުރުން ޢަބްދުއްސައްތާރު މުޙައްމަދުވަނީ 2004 ވަނަ އަހަރު މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓް އާއި އޭރުގެ ނުރަސްމީ ތަޢުލީމުދޭ މަރުކަޒާ ގުޅިގެން ހިންގެވި "ރައްރަށުގެ ވެރިންތަމްރީނުކުރާ ކޯސް" ބައިވެރިންގެ ތެރެއިން އެއްވަނަ ހޯއްދަވާފައެވެ.

ޚިޔާލެއްދެއްވާ

avatar