އިސްލާމް ދީން ޢަޞަބިއްޔަތާ ދެކޮޅެވެ.

ޢަޞަބިއްޔަތަކީ ނަޞްލީ އެއްބައިވަންތަކަމަށް ހުރަސް އެޅުމުގެ އެއް މަގެވެ. އިސްލާމްދީން ގޮވައިލާފައިވަނި މުޅި އިންސާނީ އުއްމަތުގެ އެއްބައިވަންތަކަމަށެވެ. މީގެ އިތުރުން ޝަރީޢަތާއި ދީނީ އެއްބައިވަންތަކަމާއި އިންސާނީ ނަޞްލުގެ އެއްބައިވަންތަކަމަށް އިސްލާމް ދީން ގޮވާލައިފައި ވެއެވެ. އެހެންކަމުން އިސްލާމް ދީނުގައި އަޞަބިއްޔަތު ގެ އެއްވެސް މިންވަރެއް އެކުލެވިގެނެއް ނުވެއެވެ. އިސްލާމް ދީނަކީ މުޅި އިންސާނިއްޔަތަށް އެއްވެސް ތަފާތުކަމެއްނެތި ފޮނުއްވި ދީނެކެވެ. ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. “ހަމަކަށަވަރުން އާދަމްގެފާނުން ފެށިގެން މިއަދާހަމައަށްވެސް މީސްތަކުން ފުނަލެއްގެ ދަތްތައް ފަދައިން (ހަމަހަމަ) ވެއެވެ. ޢަރަބީންގެ މީހަކަށް ޢަޖަމީންގެ މައްޗަކަށް މާތްކަމެއްނުވެއެވެ. އަދި ދޮން މީހަކަށް ކަޅު މީހެއްގެ މައްޗަށް މާތްކަމެއް ނެތެވެ. ތަޤުވާ ވެރި ވުމުން މެނުވީއެވެ.”
ހެޔޮ ޖަޒާދެއްވުމާއި ޢަޒާބު ދެއްވުމުގައިވެސް ތަފާތުކުރުމެއް ލައްވާފައެއްނުވެއެވެ. އިސްލާމް ދީނުގައި މީހާގެ ތަފާތުކަން ދެނެ ގަންނަން އޮތް ހަމައެކަނި މިންގަނޑަކީ އެ މީހެއްގެ އީމާންތެރިކަމާއި އެ މީހަކު ﷲ ގެ ހަޟްރަތަށް ތަޤުވާވެރި ވީ މިންވަރެކެވެ. އިންސާނުން އުފައްދަވާފައިވަނީ އެއް ނަޞްލަކުންކަމާއި ﷲ އަށް ތަޤްވާވެރިވާ މީހާ މާތްވެގެންވާކަން ބަޔާންކުރައްވާ ކީރިތި ޤުރްއާނުގައި الله سبحانه وتعالى ވަޙީ ކުރައްވާފައި ވެއެވެ. ( يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ، إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ ، إِنَّ اللَّـهَ عَلِيمٌ خَبِيرٌ ) (سورة الحجرات – 13) މާނައީ: ” އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ.”
މި އާޔަތް ފެއްޓުމުގައި އެވާ ﴿ يَا أَيُّهَا النَّاسُ ﴾ މާނައީ ” އޭ މީސްތަކުންނޭވެ! ” މިހެން އޮތް ބަސްފުޅުން އެނގިގެންދަނީ މި އާޔަތުގައި މުޚާޠަބު ކުރެވިފައިއެވަނީ އެންމެހާ މީސްތަކުންނަށް ކަމެވެ. އެއްވެސް ގޮތަކުން ވަކި ބަޔަކަށް ނުވަތަ ވަކި ޤަބީލާއަކަށް ނޫނެވެ. އެހެންކަމުން އެކިއެކި ޤައުމުތަކުގައި އެކި ނަޞްލެތަކުގެ މީހުން ލެއްވި ނަމަވެސް އެއްވެސް ތަފާތުކުރުމެއްނެތި އަންގަވާފައިއެވަނީ އެންމެހާ މީސްތަކުންނަށެވެ. މިއާޔަތުން ނަޞްލުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި އިންސާނުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅެން ނުޖެހޭކަމަށް ދަލީލު ލިބެއެވެ.
މި އާޔަތުގައި އަންގަވާފައިއެވާ ތަޤުވާވެރިވާ މީހާގެ މާތްކަން ބޮޑުވެގެންވާކަމުގެ އެންމެ ރަނގަޅު އެއް މިސާލަކީ ބިލާލުގެ ފާނާއި މައްކާގެ ބޮޑެއްކަމުގައިވާ އަބޫޖަހުލެވެ. ބިލާލުގެ ފާނަކީ އިސްލާމުވެވަޑައިގަތުމުގެ ކުރިން ކަޅު ނަޞްލުގެ އަޅެކެވެ. އެހެންނަމަވެސް ﷲ ގެ ހަޟްރަތުގައި ތަޤުވާވެރި ވުމުގެ ސަބަބުން ބިލާލުގެ ފާނުގެ މަޤާމު މަތިވެރިވެފައި، މައްކާގެ ބޮޑެއްކަމުގައިވާ އަބޫޖަހުލު ނިކަމެތި ކުރެއްވިއެވެ. ބިލާލުގެފާނު ހިމެނި ވަޑައިގެންނެވި ބަދުރު ހަނގުރާމައިގައި، 313 މުސްލިމުން 1400 ކާފިރުންނާ، ހަނގުރާމައިގެ މައިދާނުގައި ކުރިމަތި ލީހިނދު، މުސްލިމު އުއްމަތަށް ﷲ ނަސްރު ދެއްވިއެވެ.
އިސްލާމްދީން އައުމުގެ ކުރިން ދުނިޔޭގެ މީސްތަކުން ވަނީ ޢަޞަބިއްޔަތަށް ގޮސް ހުސްވުމުގެ ސަބަބުން އިންސާނީ ނަޞްލުގެ އެއްބައިވަންތަކަން ގެއްލިގެން ގޮސްފައެވެ. އެބަޔަކު ރުހޭގޮތް ނުވަތަ ތާއީދު ކުރާގޮތް ގަދަކުރުމަކީ އެބައެއްގެ އާދަޔަކަށް ވަނީ ވެފައެވެ. އެއީ ކިތަންމެ ގޯސް ޢަމަލެއްކަމުގައި ވީނަމަވެސް ތިމާގެ ގަބީލާ މީހުންނަށް ނުވަތަ ދޮން މީހަކު ކަޅުމީހުންގެ މައްޗަށް ހަމައާ އިންސާފެއްނެތި ގަދަވެ ގަތުންވަނީ އާއްމު ވެފައެވެ. އާދަކާދަޔާއި އުޅުންތަކާއި ގުޅުންތައް މިފެންވަރުގައި ވަނިކޮށް އިސްލާމްދީން މީސްތަކުންނަށް ގެނެސްދިނީ އިންސާފާ ހަމަހަމަ އުޞޫލެވެ. ކޮންމެ މީހަކު ކުރިޔަސް ގޯސްކަމެއް ވާނީ ގޯސްކަމެއް ކަން އިސްލާމްދީން އަންގާދިނެވެ. އަދި ކޮންމެ މީހަކު ކުރިޔަސް ރަގަޅުކަމެއް ވާނީ ރަގަޅކަމެއްކަން ބަޔާންކޮށް ހާމަކޮށްދިނީ އިސްލާމްދީނެވެ. އަސަބިއްޔަތު ނައްތާލުމުގެ މޮޓޯއަކަށް ވީ “ބުނާމީހާއަށް އަދި ކަން ކުރާ މީހާގެ ނަޞްލަށް ނުވަތަ ކުލައަށް ނުބަލާށެވެ.” ބަލަންވީ އޭނާ ބުނީ ކޮންކަހަލަ ބަހެއްތޯއެވެ. ކުރީ ކޮންކަހަލަ ޢަމަލެއްތޯއެވެ. އިންސާފު ކުރެވެންވާނީ އޭގެ މައްޗަށެވެ.
މަޢުލޫމާތު ހޯދި ގޮތް
القران الكريم ގެ ދިވެހި ތަރުޖަމާ، (ދިވެހިރާއްޖެ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ފުރަތަމަ ޗާޕު، 2007)
ޢަބްދުﷲ ފާރޫޤް ޙަސަން، ނަބަވީ ސީރަތާއި މިޒަމާނުގެ މައްސަލަތައް، ( ދިވެހިރާއްޖެ، ފުރަތަމަ ޗާޕު، 2013)
ޢަބްދުﷲ ފާރޫޤް ޙަސަން، އިސްލާމްދީން – ރައްވެހި ދުނިޔޭގެ މޭސްތިރި، ( ދިވެހިރާއްޖެ، ދެވަނަ ޗާޕު، 2013)
މޫސާ އަންވަރު، ” مدخل إلى العلاقات الدولية ” ލެކްޗަރަރ ނޯޓްސް، (ދިވެހިރާއްޖެ، ވިލާކޮލެޖް / 2016) ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ / ބެޗް-10
ޔޫސުފް އަލްޤަރަޟާވީ، “އިސްލާމް ދީނުގައި ޙަލާލާއި ޙަރާމް” (ތަރުޖަމާ: އިސްމާޢީލް ނާޖީ – 2003 – ދިވެހިރާއްޖެ)

 

ލިޔުނީ: ޢަބުދުއްސައްތާރު މުޙައްމަދު

ނ. މިލަދޫ އަށް އުފަން، ޢަބްދުއްސައްތާރު މުޙައްމަދުވަނީ ސަރުކާރުގެ ޚިދުމަތުގައި 20 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކުރައްވާފައެވެ. މި މުއްދަތުގައި އެރަށުކަތީބެއްގެ ހައިސިއްޔަތުން 7 އަހަރު ޚިދުމަތް ކުރައްވާފައިވެއެވެ. މިހާރު ވަޒީފާ އަދާކުރައްވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފަރާސްޓްރަކްޗަރ ގައެވެ. މިހާރު ވިލާކޮލެޖުގައި ޝަރިޢާ އެންޑް ލޯ އިން މަތީ ތަޢުލީމް ޙާޞިލުކުރައްވަމުން ގެންދަވާ ޢަބްދުއްސައްތާރު މުޙައްމަދު ވަނީ، އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިޕޮލޮމާއެއް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ވެސް ޑިޕޮލޮމާއެއް ހޯއްދަވާފައެވެ. މީގެ އިތުރުން ޢަބްދުއްސައްތާރު މުޙައްމަދުވަނީ 2004 ވަނަ އަހަރު މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓް އާއި އޭރުގެ ނުރަސްމީ ތަޢުލީމުދޭ މަރުކަޒާ ގުޅިގެން ހިންގެވި "ރައްރަށުގެ ވެރިންތަމްރީނުކުރާ ކޯސް" ބައިވެރިންގެ ތެރެއިން އެއްވަނަ ހޯއްދަވާފައެވެ.

މިލިޔުންވެސް ކިޔާލާ

ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި އިސްލާމީ ޝަރީޢަތުގެ ދައުރު

ކީރިތި ރަސޫލާ محمَّد ﷺ އިސްލާމީ ޝަރީޢަތައިގެން ވަޑައިގެން ދުވަސްވަރު މިޒަމާނުގައި މިހުންނަގޮތަށް، ބާރު ލިބިގެންވާ ފަރާތަކުން ހަދައިގެން ޢަމަލުކުރަންޖެހޭ …

ޚިޔާލެއްދެއްވާ

avatar
wpDiscuz