މިފަހަކަށް އައިސް ގިނަބައެއްގެ މަޤްބޫލުކަން ހޯދަމުން އަންނަ ވާވޭ ކުންފުނިން މިއަހަރު ތެރޭގައި ތަޢާރަފްކުރަން ހަމަޖައްސާފައިވާ 3 ފޯނުގެ ތެރެއިން ވާވޭ މޭޓް 10 ގެ ޕްރޯ ވާޝަންގެ ފޮޓޯއެއް ލީކް ކޮށްލައިފިއެވެ. އަދި އެފޮޓޯއާއި އެކު އެފޯނުގެ ބައެއް ސިފަތައް ކަމަށްބުނާ ވާހަކަ ތަކެއްވެސް ވަނީ ލީކް ވެފައެވެ.
ސްމާޓް ފޯނުގެ ވިޔަފާރީގައި ކުންފުނިތައް ވާދަކުރަމުން ދާއިރު ވާވޭކުންފުނިން މިއަހަރުވަނީ ވާވޭ މޭޓް 10، ވާވޭ މޭޓް 10 ޕްރޯ އަދި ވާވޭ މޭޓް 10 ލައިޓް ނެރުމަށް ނިންމާފައެވެ.
މި މަހުގެ 16ގައި ވާވޭގެ ފޯނުތައް ތައާރަފްކުރާ އިވެންޓް ބާއްވާނެކަން އެކުންފުނިން މިހާރުވަނީ ކަށަވަރު ކޮށްދީފައެވެ.
ވާވޭ މޭޓް 10 ޕްރޯގެ ފޮޓޯއެއް ކަމަށް ބުނާ ފޮޓޯ ލީކް ކޮށްލައިފައިވަނީ ވާވޭ މޭޓް 10 ގެ ފީޗަރސްތައްވެސް ލީކްކޮށްލި އިވާން ބްލާސް އެވެ. ފޮޓޯއެއް އެޓޭޗްކޮށް އޭނާ ވަނީ ޓްވީޓެއް ކޮށްފައެވެ.
Huawei Mate 10 Pro pic.twitter.com/3RgjObXmw6
— Evan Blass (@evleaks) October 1, 2017
ވާވޭއިން މި މަސް ތެރޭގައި ތިން މޮޑެލް ތައާރަފް ކުރާނެކަންވެސް ލީކުކޮށްލާފައިވަނީ ބްލާސް އެވެ. އޭނާ ކުރިން ބުނެފައިވަނީ ވާވޭ މޭޓް 10 ޕްރޯ މޮޑެލްގައި ހިމަނާފައިވަނީ “އެޖް ޓު އެޖް” ޑިސްޕްލޭ އެއް ކަމަށާއި އެ ފޯނުގައި ތިން ކެމެރާ ހިމެނޭނެ ކަމަށެވެ. އެއީ ފަހަތުގައި 12 މެގަޕިކްސެލް އަދި 20 މެގަޕިކްސެލްގެ ޑުއަލް ކެމެރާއެއްގެ އިތުރުން ކުރިމަތީގައި އަށް މެގަޕިކްސެލްގެ ކެމެރާއެއް ކަމަށެވެ.
އެޕަލް ކުންފުންޏަށް އެމީހުންގެ އެންމެ ފަހުގެ ފޯނު އައިފޯން 8 ގެ ސްކްރީން ނައްޓާ މައްސަލަ ދިމާވެ އެކަން މީޑިއާގައި ފެންމަތިވެފައިވާއިރު އަދި ސެމްސަންގ ކުންފުނީގެ ނޯޓް 8 ގައިވެސް މިފަހަރުވެސް ބެޓްރީގެ މައްސަލަ އުޅޭކަމަށް އަޑުތައް ފެތުރެމުން މިދާ ދަނޑިވަޅުގައި ވާވޭ ކުންފުނިން ނެރޭ ފޯނުތައް ބާޒާރުގައި ކިހާވަރެއްގެ ޑިމާންޑަކާއެކު ފައިތިލަސާބިތު ކޮށްލާނެބާއޭ މިހާރު އުފެދޭ ސުވާލެކެވެ. އެންމެންވެސް ޤަބޫލުކުރާ އެއް ޙަޤީޤަތަކީ ވާވޭ ކުންފުންޏަކީ މިފަހަކަށް އައިސް ސްމާޓް ފޯނުވިއްކުމުގައި ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އެންމެ އަވަހަށް ކުރިއަރަމުން އަންނަ ކުންފުނިކަމުގައެވެ.
ޚިޔާލެއްދެއްވާ