ހަމްދަރުދީ ވުމުގެ ގޮތުންވެސް އިންސާނެއްގެ ފުރާނަ ހިފުން އިސްލާމްދީނުގައި ހުއްދައެއް ނޫން!

އިސްލާމީ ޝަރީޢާގައިވަނީ މައިގަނޑު 5 މަޤްޞަދަކަށް އިސްކަން ދެއްވައި އެ މަޤްޞަދުތައް ޙިމާޔަތް ކޮށްފައެވެ. އޭގެ ތެރެއިން ހިމާޔަތްކުރެވިފައިވާ އެކައްޗަކީ الله سبحانه وتعالى ޚަލްޤުކުރައްވައިފައިވާ އިންސާނުންގެ ފުރާނައެވެ. އެހެންކަމުން އިންސާނާގެ ނަފްސާއި ފުރާނައަކީ ތިމާގެ އަމިއްލަ މިލްކެއް ނޫނެވެ. ޙައްޤެއް އޮވެގެން މެނުވީ، އިސްލާމީ ވެއްޓެއްގައިި އިސްލާމީ ޝަރީޢާގެ މަފްހޫމްގެ ތެރެއިން މީހެއްގެ ފުރާނައެއް ނުހިފެނެއެވެ. އެއީ ޣައިރު މުސްލިމެއްގެ ފުރާނައެއް ކަމުގައި ވިޔަސްމެއެވެ. އަދި އިންސާނަކު އަމިއްލައަށް ބޭނުންވި ކަމަށްވިއަސް ތިމާގެ ނަފްސު ހަލާކުކޮށްލައި ފުރާނަ ދުއްވާލައި ނުހެދޭނެއެވެ. ނަމަވެސް ތަހުޒީބުވެފައިވާ ކަމަށް ދަޢުވާކުރާ ބައެއް އެހެން މުޖުތަމަޢުތަކުގައި ޝިފާ ނުލިބޭނެ ކަމަށް ޤަބޫލުކުރާ ބަލި މީހުންގެ ފުރާނަ ހިފުމަށް (ޔޫތަނޭޒިއާ Euthanasia) އެހީތެރިވެއެވެ.

ހިތުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރ މުޙައްމަދު ޙަނީފް އަބޫބަކުރު ވިދާޅުވެފައިވާ ގޮތުގައި އޮގާވެރިވުމުގެ ގޮތުން މީހެއްގެ މަރު ހިފުން ހުއްދަކޮށްފައިވާ ތަންތަނުގައި، އެފަދަ މަރުޙަލާތަކުގައި އިންޖެކްޝަނެއްވެސް ބޭނުންކުރެއެވެ. މި ޙާލަތުގައި އިންސާނަކު މަރާލުމުގެ އިޖުރާތުތައް ފުރިހަމަ ކުރާއިރު ޤާނޫނީ ގޮތުންނާއި މެޑިކަލްގެ ގޮތުން ބަލާ ފުރިހަމަކުރަންޖެހޭ ގިނަ ކަންތައްތަކެއްވާކަމށްވެސް ޑޮކްޓަރ ފާހަގަ ކުރެއްވިއެވެ.

އިންސާނާ ބަލިވުމަކީ ޠަބީޢީ ކަމެކެވެ. އެއީ الله سبحانه وتعالى ގެ އަޅުތަކުން އިމްތިޙާނު ކުރެއްވުމަށް މެދުވެރި ކުރައްވައި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ބަލި ވެއްޖެނަމަ އިންސާނުންނަށް އޮތީ ކެތްތެރި ވުމެވެ. އަދި ސަބަބުތަކުގައި ހިފުމާއެކު ޝިފާ ދެއްވުމާއި ރަޙްމަތަށް އެދި الله سبحانه وتعالى ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމެވެ. ކެތްތެރިވުމާއި ދުޢާ ދެންނެވުމަކީ ﷲ ގެ ދަރުމައާ ޘަވާބު ނުހަނު މަތިވެރި ދަރަޖައަކަށް ލިބޭ ކަމެއްކަން ކީރިތި ޤުރްއާނުންނާއި ރަސޫލާ محمد صلى الله عليه وسلم ގެ ޙަދީޘް ތަކުން އެނގެއެވެ. ސޫރަތުލް ބަޤަރާގެ 155 ވަނަ އާޔަތުގައި الله سبحانه وتعالى ވަޙީ ކުރައްވާފައި ވެއެވެ. (وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ)  މާނައީ،”ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާ ހުށީމެވެ. އެއީ ބިރުވެރިކަމާއި ބަނޑުހައި ހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރި ކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ!“

އަލްއިމާމު ބުޚާރީ ރިވާ ކުރައްވާފައިވާ ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާ ވެއެވެ. (لا يَتَمَنَّيَنَّ أَحَدُكُمُ الْمَوْتَ لِضُرٍّ نَزَلَ بِهِ ، وَلَكِنْ لِيَقُلْ: اللَّهُمَّ أَحْيِنِي مَا كَانَتِ الْحَيَاةُ خَيْرًا لِي ، وَتَوَفَّنِي إِذَا كَانَتِ الْوَفَاةُ خَيْرًا لِي)  މާނައީ،”ތިޔަބައިމީހުންގެ ތެރެއިން ހަމައެކަކުވެސް މުޞީބާތެއް ކުރިމަތިވުމުން މަރުވުމަށް އުއްމީދު ނުކުރާށެވެ! އެވަރުގެ ކަމަކާކުރިމަތި ވެއްޖެނަމަ، މިފަދައިން ދުޢާކުރާށެވެ! ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މިޙަޔާތުގެ ދިރިއުޅުން މިއަޅާއަށް ހެޔޮވެގެންވާނަމަ، މިއަޅާ ދިރިދަމަހައްޓަވައިފާންދޭވެ! މަރުވެދިއުން މިއަޅާއަށް ހެޔޮވެގެންވާނަމަ، މިއަޅާ މަރުގަންނަވާފާންދޭވެ!“

ޙައްޤަކާ ނުލައި އެންމެ ފުރާނައެއް ދުއްވާލި މީހަކީ މުޅި އިންސާނިއްޔަތުގެ ފުރާނަ ދުއްވާލި މީހެއްފަދައެވެ. ހަމަ މި ގޮތަށް އެންމެ ފުރާނައެއް ސަލާމަތްކުރި މީހަކީ މުޅި އިންސާނިއްޔަތު ދިރުވިފަދަ މީހެކެވެ. މިއީ އިސްލާމްދީނުގައި ކަން އޮތް މަގެވެ. ފުރާނައިގެ އަގެވެ. އިސްލާމްދީނުގައި ފުރާނައިގެ އަގު މިހާ ބޮޑުއިރު ހަމްދަރުދީ ވުމުގެ ގޮތުން ފުރާނައެއް ހިފިދާނެހެއްޔެވެ؟ އަލްމާއިދާ ސޫރަތުގެ 32 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. (مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِي إِسْرَائِيلَ أَنَّهُ مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا) މާނައީ:”އެކަމަށްޓަކައި އިސްރާއީލްގެ ދަރިންގެ މައްޗަށް، ތިމަންރަސްކަލާނގެ ކަނޑައެޅުއްވީމެވެ. نفس އެއް މަރައިގެން، ނުވަތަ ބިމުގައި فساد އެއް އުފައްދައިގެން ނޫންގޮތަކަށް، نفس އެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ نفس ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ.“

މި އާޔަތުން ވަރަށް ސާފުކޮށް އެނގޭ އެއްޗަކީ ޙައްޤެއް އޮވެގެން ނޫން ގޮތަކުން ފުރާނައެއް ހިފުމުގެ ބޮޑުކަމެވެ. އެހެންކަމުން އެއީ ހުއްދަވެގެންވާ ކަމެއް ނޫންކަމެވެ.

ސައުދީ ޢަރަބިއްޔާގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޢަބްދުﷲ ބިން ބާޒު އާ ޙަވާލާދެއްވައި ރާއްޖޭގެ ޢިލްވެރިއެއް ކަމަށްވާ އަލްއުސްތާޛު ޙަސަން ޒަހީން (2016) ލިއުއްވަފައިވާ ގޮތުގައި، ” ޔޫތަނޭޒިއާ ނުވަތަ  އޯގާތެރިވުމުގެ ގޮތުން މީހަކު މަރާލުމަކީ އިސްލާމްދީނާ ޚިލާފުކަމެކެވެ. މީހަކު މަރުވުމުގެ ކުރިން އޭނާގެ މަރު ނިންމުމަކީ ޝަރީޢަތާ ޚިލާފު ކަމެކެވެ. އެއްވެސް މީހެއްގެ ފުރާނަ އެއްވެސް ސަބަބަކަށްޓަކައި ނުހިފޭނެއެވެ. މި މައްސަލާގައި ޔޫރަޕިއަން ކައުންސިލް ފޮރ ފަތުވާ އެންޑް ރިސާރޗުން ނެރެފައިވާ ފަތުވާގައި، އިސްލާމްދީނުގައި އޯގާތެރިވުމުގެ ގޮތުން މީހަކު މަރާނުލެވޭނެ ކަމަށާއި، އަދި އެކަމަށް އެހީ ނުވެވޭނެކަމަށްވަނީ ނިންމާފައެވެ. އެބޭފުޅުންގެ ފަތުވާގައިވާ ގޮތުން ރަނގަޅު ނުވާނޭފަދަ ބައްޔެއް ޖެހިފައިވާ މީހަކު ނަމަވެސް، ނުވަތަ އެނޫން ބައްޔެއް ޖެހިފައިވާ މީހަކުނަމަވެސް އޭނާ މަރާލުން އިސްލާމީ ޝަރީޢަތުގައި އެއްވެސް މީހަކަށް ހުއްދައެއް ނުވާނެއެވެ. އެއީ އޭނާ އަމިއްލައަށް ނުވަތަ ޑޮކްޓަރު ނުވަތަ އޭނާގެ ޢާއިލާގެ މީހުންނަށް ކަމުގައި ވިޔަސްމެއެވެ. އަދި އޭނާ މަރާލަނީ އެބަލިން ރަނގަޅު ނުވާނޭކަމުގެ ޔަޤީންކަން ލިބިފައިވުމުން ނުވަތަ އޭނާއަށް ޖެހިފައިވާ ބަލި އޭނާގެ ފަރާތުން އެހެން މީހުންނަށް ޖެހުމުން ރައްކާތެރިވުމުގެ ގޮތުން ކަމުގައި ވިޔަސް އެކަމެއް ހުއްދައެއް ނުވާނެއެވެ. މިގޮތަށް މީހަކު މަރާލުން ހިމެނޭނީ “ޤަޞްދުގައި މީހަކު މެރުން” ކަމުގައި، އެބޭކަލުން ދެކިލައްވައެވެ. ހަމައެއާއެކު މި މައްސަލާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ މަޝްހޫރު ޢިލްމުވެރިޔާ ޑރ. ޔޫސުފުލް ޤަރުޟާވީވެސް ޔޫތަނޭޒިއާ އާބެހޭގޮތުން ވިދާޅުވެފައިވަނީ ”އޯގާތެރިވުމުގެ ގޮތުން މީހަކު މަރާލުމަކީ އިސްލާމްދީނުގައި ޙަރާމްކަމެކެވެ. މިކަން ހިމެނޭނީ، ޑަކްޓަރު ނުވަތަ މިކަން ކުރާމީހާ ޤަޞްދުގައި މީހަކު މެރުން ކަމުގައެވެ. ޙައްޤަކައިނުލައި ޤަޞްދުގައި މީހުން މެރުމަކީ ރަޙްމަތުގެ މި އިސްލާމްދީނުގައި ބޮޑުވެގެންވާ ފާފައެކެވެ.“

ހަމްދަރުދީ ވުމުގެ ގޮތުން، ދުނިޔެމަތީގައި ލިބޭ ވޭނާއި ކެކުޅުން ހައްލުކުރުމުގެ ގޮތުން އިންސާނެއްގެ ފުރާނަ ހިފައިފި ނަމަ އެމީހަކަށް އާޚިރަތުގައި އޮތީ ވޭނާއި ޢަޛާބައި ކެކުޅުމެވެ. މިކަން ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅުން ދަލީލުކޮށްދެއެވެ. އެކަލޭގެފާނު ހަދީޘް ކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. ”ތިޔަބައިމީހުންގެ ކުރީންއުޅުނު މީހުންގެ ތެރޭގައި ޒަޚަމެއްވެފައިވާ މީހަކު ވިއެވެ. އޭނާގެ ޒަޚަމަށް ޝިފާއެއް ލިބިދާނެ ކަމާމެދު ނާއުއްމީދު ވުމުން، ވަޅިއެއް ނަގައިގެން އޭނާގެ އަތް ޒަޚަމުކުރިއެވެ. ދެން އެތަނުން ލޭފައިބައި އޭނާމަރުވިއެވެ. އެކަމާމެދު މާތް ﷲ ނިދާ އިއްވެވިއެވެ. ތިމަންރަސްކަލާނގެ އަޅާ މަރުގެންނެވުމުގެ ކުރިން އޭނާ އަމިއްލައަށް މަރުވުމަށް އަވަސްވެގެންފި އެވެ. ތިމަންރަސްކަލާނގެ އޭނާގެ މައްޗަށް ސުވަރުގެ ޙަރާމް ކުރައްވައިފީމެވެ.“

މީގެން ޖުމްލަ ގޮތެއްގައި އަޅުގަނޑުމެންނަށް އެނގިގެން މިދަނީ ޙައްޤަކާ ނުލައި މީހަކު މެރުމާއި އޯގާތެރި ވުމުގެ ގޮތުންވެސް އިންސާނެއްގެ ފުރާނައެއް ހިފުމަކީ އިސްލާމްދީނުގައި ހުއްދަވެގެން ވާކަމެއް ނޫންކަމެވެ. އެހެންކަމުން އެއީ އިސްލާމީ ޝަރުޢީ އުޞޫލުތަކުން ބަލާއިރު ޙަރާމް ކަމެއްގެ ގޮތުގައި ޢިލްމުވެރިން ފަތުވާ ދެއްވައެވެ.

ލިޔުނީ: ޢަބުދުއްސައްތާރު މުޙައްމަދު

ނ. މިލަދޫ އަށް އުފަން، ޢަބްދުއްސައްތާރު މުޙައްމަދުވަނީ ސަރުކާރުގެ ޚިދުމަތުގައި 20 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކުރައްވާފައެވެ. މި މުއްދަތުގައި އެރަށުކަތީބެއްގެ ހައިސިއްޔަތުން 7 އަހަރު ޚިދުމަތް ކުރައްވާފައިވެއެވެ. މިހާރު ވަޒީފާ އަދާކުރައްވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފަރާސްޓްރަކްޗަރ ގައެވެ. މިހާރު ވިލާކޮލެޖުގައި ޝަރިޢާ އެންޑް ލޯ އިން މަތީ ތަޢުލީމް ޙާޞިލުކުރައްވަމުން ގެންދަވާ ޢަބްދުއްސައްތާރު މުޙައްމަދު ވަނީ، އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިޕޮލޮމާއެއް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ވެސް ޑިޕޮލޮމާއެއް ހޯއްދަވާފައެވެ. މީގެ އިތުރުން ޢަބްދުއްސައްތާރު މުޙައްމަދުވަނީ 2004 ވަނަ އަހަރު މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓް އާއި އޭރުގެ ނުރަސްމީ ތަޢުލީމުދޭ މަރުކަޒާ ގުޅިގެން ހިންގެވި "ރައްރަށުގެ ވެރިންތަމްރީނުކުރާ ކޯސް" ބައިވެރިންގެ ތެރެއިން އެއްވަނަ ހޯއްދަވާފައެވެ.

މިލިޔުންވެސް ކިޔާލާ

ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒްކުރުމުގެ ހުރިހާ އިންތިޒާމްތަކެއް އަންނަމަހުގެ ނިޔަލަށް ނިމޭނެ

އަންނަމަހުގެ ނިޔަލަށް ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒްކުރުމުގެ ހުރިހާ އިންތިޒާމްތަކެއް ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ …

ޚިޔާލެއްދެއްވާ

avatar
މޫސާ ޖަމީލު
މޫސާ ޖަމީލު

ދިރާސާގެ އަލީގައި މިފަދަފައިދާހުރި ލިޔުންތައް ލިޔުއްވައިގެން ހޭލުންތެރިކަމާއި މަޢުލޫމާތު މުއްސަނދި ކުރުމަށް މަސައްކަތް ކުރުމަކީ އިންސާނިއްޔަތަށް ދިރުން ލިބިގެންދާނެ ކަންކަމެވެ. މިލިޔުން ވަރަށްވެސް ފުރިހަމަ.

Anonymous
Anonymous

This Is a plot twist. To grab attention. Transplant is not harm. And the limit of accuracy in this writing is not to be trusted

ހަލީމު
ހަލީމު

މިއީ ވަރަށް ފުރިހަމަ ލިޔުމެއް . ވަރަށްގިނަ ދިރާސާ ތައް ކޮށްފައިވާކަން މިލިޔުން ކިޔާލުމުން އެނގޭ އަދި ވަރަށް ބައިވަރު މައުލޫމާތު ލިބޭ. އެކަމަކު މިލިޔުމުގެ ސުރުޚީ ކަމަކު ނުދޭ… އިސްލާމްދީނުގައި މަރުހިފުމަކީ އޭގެ ޒާތުގައި ގޯސްކަމެއްނޫން. އެކަމަކު އެއީ ވަކި ޙައްޤުތަކަކާ ލައިގެން. އެހެންނޫންތޯ.؟

wpDiscuz