ޙަަަަަަަަަަަޤީޤަތް

ދިއްކޮށްލި މުސްކުޅިވެފައިވާ ކުރަކި އަތުގައި ހިފީ ހިފާހިތަކުން ނޫނެވެ. އެއް މިޔަކަނުން ހީލުމަށްފަހު ހަތަރުކަޅި ހަމަކޮށްލިތަނާ ފެނުނީ އަލިމުތްތަކެއްފަދަ ކަރުނަތައް އެ މިލާފައިވާ ކޯތާފަތްމައްޗަށް އޮހޮރޭތީއެވެ. ކޮންމެވެސް އެއްޗެކޭ ބުނަން އުޅޭހެން ހީވިއެވެ. އެހެނަސް އަރުތެރެއިން ނިކުތީ ” ދަރިފުޅާ… ” މި ލަފުޒު އެކަންޏެވެ. އާނިޔާ މާބޮޑު ސަމާލުކަމެއް ނުދީ ވާތުގައި ހުރި ފެންތަށި ބެހެއްޓިއެވެ. އަދި އޭނާގެ މޫނުމައްޗަށް ރޫގިނަ ކޮށްލާފައި ކަނާއަތުގައި އޮތް ބަތްތަށި އެމުސްކުޅި އަންހެނާ ބާއްވާފައި އޮތް އެނދު ކައިރީގައި ހުރި ކުޑަމޭޒުމަތީގައި ބެހެއްޓިއެވެ. ނިކަން އަވަސް ހިނގުމުގައި އޭނާ ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ.

އާކިފާ ހިތުގައި ޖެހުނެވެ. އޭނާގެ ޙަޔާތުގެ ފަސްމަންޒަރު ސިފަވަމުން ދިޔައެވެ. ކުކުޅު ފަހަތުން ފިޔޮއްތައް ދާހެން ދަރިންފަތި ފަހަތުލައިގެން އެއްގެއިން އަނެއް ގެއަށް ހިނގި ދުވަސް ފާއިތުވެއްޖެއެވެ. އެއީ މާޒީއެވެ. އެއީ ލޮލުން ކަރުނަ އަޅައި އުޅުނު ހިތްދަތި ދުވަސްތަކެވެ.  އެއްއިރު ކާނެ އެއްޗެއް ލިބިއްޖެނަމަ ދެން ކުދިން ކޮޅު ބައިތިއްބަން ޖެހުނީ ހައިބަނޑާއެވެ. ބަފައެއްގެ މާ ބޮޑު އެހީތެރިކަމާއި ނުލައި ފަސް ކުދިން ބަލާ ބޮޑު ކުރި ޙާލު ފެންނާނީ ރަށު މީހުންނަށެވެ.

މިހާރު އަތްފައި ހެލި ބޮޑެތިވުމުން އެކަން ހަނދާންނެތުނަސް މައިން ވާނީ ހަމަ މައިންނަށެވެ. ދަރިންވާނީ ދަރިންނަށެވެ. އާކިފާގެ ހިތާމައަކީ އެއީއެވެ. އޭނާ މުސްކުޅިވި ދުވަހުގައި އެއިން އެއްވެސް ދަރިއަކު އޭނާއާއި އަޅާ ނުލުމުންނެވެ. ދަރީންގެ ރުހުން ނުލިބުނީމައެވެ.

ލިބުނީ ނިކަމެތިކަމުގެ މައްޗަށް ނިކަމެތިކަމެވެ. ދަރިންގެ ހިތުގައި އުފެނިދުނީ ރަޙުމާއި ލޯބީގެ ބަދަލުގައި ފޫހިކަމާއި ނަފުރަތެވެ. އެމީހުން އާކިފާއާއި ދިމާއަށް ގޮވަމުން ދިޔަ ފަތިވަރަކީ އަޑުއަހާން އެހާ ފަސޭހަ ވާހަކަތަކެއް ނޫނެވެ. ” މިއީ މަންމަ ބޭނުންވިގޮތް… ދަރިން އަބަދުވެސް ކައިރީގައި ތިބެން. ކިހާ ތާހިރު! މިހާރު ދެން މިޖެހުނީ އުމުރު ދުވަހު މި މުޑުދާރު ތަނުގައި ހޭކި ހޭކި ތިބެން” ނުރުހުންތެރި ރާގެއްގައި އާނިޔާ ވާހަކަ ދެއްކިއެވެ. އެނާއަށް ހީވާނީ ބޮޑު މުޞީބާތަކާއި ކުރިމަތިވެގެން އުޅޭހެނެވެ. އިރުއިރުކޮޅާއި ތުން ދަމާފައި އެޒާތުގެ އެއްޗެއް އޭނާގެ މަންމައަށް އަޑުއިވުމަށް ގޮވަމުން ދެއެވެ.

ކުރާނީ ކީއްހެއްޔެވެ؟ އެއީ އާކިފާ ކިތަންމެ އަޑުއަހަން ބޭނުން ނުވި ވާހަކަތަކެއް ނަމަވެސް މިއަދު އެނޫންގޮތެއް ނެތެވެ. ދެކަންފަތުގައި އަތްއަޅާ ބާރުކޮށްލި ނަމަވެސް ފެންނަމުން ދިޔަ ނަފުރަތުގެ މަންޒަރުން ހިތް ފަޅައިގެން ދާ ވަރުވެއެވެ. އޭނާއަށް އޮތީ މިއަދު ލިބޭ ވޭނަށް ކެތްކޮށްލައިގެން އޮތުމެވެ. އާއެކެވެ. މިއަދު އާކިފާއަކީ ނުކުޅޭ މީހެކެވެ.  ކުރިމަތިވި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އޭނާގެ ކަނާތުފަޔަށް ވަނީ ވަރަށް ބޮޑަށް ގެއްލުންލިބިފައެވެ. ފަރުވާކުރެވެން އޮތީ ފައި ބުރިކޮށްލައިގެންނެވެ. އެދުވަހުންފެށިގެން އެނާ ހިނގާ އެހެދީ އަސާގަނޑެއްގެ އެހީގައެވެ. އެއްވެސް ދަރިއަކަށް އެކަން އިހްސާސްވެ ނުކުރެވެއެވެ.

ދަރިންނަށް ވަނީ ޙަޤީޤަތް އޮޅިފައެވެ. އެމީހުންގެ ބައްޕައާއި އެކުގައި ދަރިންކޮޅު ފޮނުވުމަށް އެދުނު ދުވަހުން ފެށިގެން އާކިފާ ހުންނަނީ މާޔޫސްކަމުގެ ފޭރާން ލައިގެންނެވެ. އެކަމަކު ދަރިންގެ މުސްތަޤުބަލު އުޖާލާވާން އޮތީ ނައީމާއެކު އޭނާގެ ރަށްކަމަށްވާ ކުޅުދޫފުއްޓަށް ކުދިންކޮޅު ފޮނުވާލައިގެންނެވެ. އާކިފާ ގެންދިއުމަށް ނައީމު ކިންތަންމެ ވަރަކަށްވެސް މަސައްކަތް ކުރިއެވެ. އެހެނަސް އޭނާ އުޅެބޮޑުވި ފަސްގަނޑާއި ގެދޮރު ދޫކޮށް ނައީމުގެ ހަގުއަނބި ކައިރިއަށް އެމީހުންގެ ރަށަށް ދިއުމަކީ އޭނާ ބޭނުންވާގޮތެއް ނޫނެވެ. ” ދުވަސްކޮޅަކު އުޅެފައި އަންނަންޖެހިދާނެ. އޭރުން ނައީމު އަހަރެން މަތިން ފޫހިވާނެ. އެކުދީންވެސް އޭރުން ދެރަވާނެ. މިރަށުގައި އަހަރެން އިނަދީ.” އޭނާގެ ޖަވާބު ކުރުވެފައި ސާދާއެވެ.

ދުވަސްތައް ފައިތުވަމުން މާޒީ ހަނދާން ނެތެމުން ދިޔައެވެ. ދަރިންގެ ހިތުގައި އާކިފާއަށް އޮތް ލޯބި ހީނަރުވަމުގެ ސަބަބަކަށްވީ، ތަފާތު މާހައުލަކަށް ދިރުއުޅުން ބަދަލުވުމެވެ. މަންމައާއި ދުރުވެ ގުޅުން ކެނޑުމެވެ. ދޮންމަންމަގެ ލޯބި ލިބުނުލެއް ބޮޑުވުމުންނެވެ. ދޮންމަންމައަކީ ދަރިންނުލިބޭ މީހެއްކަމުން އޭނާ އެ ފަސް ކުދިން ދެކުނީ އެއީ އޭނާގެ އަމިއްލަ ދަރީންކަމުގައެވެ.

14 އަހަރުފަހުން ދަރިން އެނބުރި މަންމަގެ ފަސްގަނޑަށް އައީ ލިބުނު ކުއްލި ޚަބަރުންނެވެ.  މަންމައޮތީ ހަސްފަތާލުގައެވެ. ރަށުން ފަރުވާ ދިނުމަށްފަހު މާލެ ގެންދިޔައިރު ނައީމު ހުރީ ރާއްޖެއިން ބޭރުގައެވެ. ހުރިހާ ކަމެއްވެސް ކޮށްދިނީ އާކިފާގެ އެއްބަނޑު މީހުންނެވެ. ދަރިންތިބީ މަންޒަރު ބަލަން ދުރުގައެވެ. ދުރުހިލޭ ބައެއްގެ ގޮތުގައެވެ.

ކޮންމެއަކަސް މަސްދުވަހުގެ ފަރުވާއަކަށް ފަހު އާކިފާގެ ރަށަށް އޭނާ ގެންދެވުނެވެ. އެހެނަސް ދެމަހުން އެއްމަހު ފަރުވާ ހޯދުމަށްޓަކައި މާލެ ދާންޖެހުންވީ، އޭނާގެ ދަރިންނަށް ލިބުނު ތަކުލީފަކަށެވެ. ” އޭރުވެސް ބައްޕަގެ ބަސް ޤަބޫލުކޮށް އަހަރެމެން ކައިރިއަށް އުޅެން އައިނަމަ މިދުވަހެއް ނުފެނުނީސް.” މޫނު ކުނިކޮށްގެން ހުރެ ދޮށީ ސޮރު ވާހަކަ ދެއްކިއެވެ. ” ވެއްޖެ ވިއްޔާ މާ ރަށް ދެކެ ލޯބިވާ މީހަކަށް ހެދިގެން ރަށުގައި އުޅެން. ތީ އަހަރެމެންދެކެ ލޯބިވާ މަންމައެއް ނޫން” ދޮންބެގެ ވާހަކަގައި ބައިވެރިވުމުގެ ގޮތުން މާރިޔާ ވާހަކަ ދެއްކިއެވެ. އެއީ އާކިފާގެ އެންމެ ހަގުދަރިއެވެ. ކިޔަވާ ނިމުނު އިރު އަމިއްލަ މަންމައަށް އިޙްތިރާމުކުރަން ނޭނގުނެވެ. ވެދާނެއެވެ. އެމީހުން ކުޑައިރު ގެންގުޅުނު ނިކަމެތި ޙާލު މިއަދު ހަނދާން ނުވާނީއެވެ. އެ އިޙްސާސްތަކާއި ވޭނީ ހަނދާންތައް ބިންވަޅުނެގިފައިވާ ވަނީ އެ މައުސޫމް މަންމަގެ ހިތުގައި އެކަންޏެވެ. ވީއިރު އެކަން އެހެން ބަޔަކަށް އިހްސާސް ކުރެވޭނެ ބާއެވެ؟

އިޙްސާސްކުރެވޭނަމަ ބަލިއެނދުގައި އޮންނަންޖެހުނު ދުވަހު އައިސް އެފަތިވަރުތަކެއް ނުގޮވީހެވެ. އެހެނަސް ދަރިން ކޮންމެ ގޮތަކަށް ކަންތައްކުރި ކަމުގައިވިޔަސް މިއަދު އާކިފާއަށް ފަރުވާލެއްނެތެވެ. އެނާ އަބަދުވެސް ދަރިންދެކެ ލޯބިވެއެވެ. ދަރިންނަށް ހެޔޮގޮތްވުމަށް އެދެއެވެ. އެއީ ޙަޤީޤީ މަންމައެއްގެ ލާމަސީލު ނަމޫނާއެކެވެ. މަރުދުވަހަށްވެސް ދަރިންގެ ހެޔޮ ފިރުމުންތަކަށް އެދެމުން ދިޔައެވެ. އެހެނަސް ލިބެނީ ވޭނެއެވެ. މިއީ ކޮންކަހަލަ ދުނިޔެއް ބާއެވެ؟ ދަރިންނާއި ދުރުގައި ހުރީ އެމީހުންނަށް ހެޔޮއެދިގެން ރަނގަޅުގޮތް ވާން ބޭނުންވާތީއެވެ. ކުރާނީ ކީއްހެއްޔެވެ؟ ރަނގަޅު ކޮންމެ ކަމަކަށް ރަނގަޅު ގޮތް މިންވަރު ނުވެދާނެއެވެ. މިއީވެސް އިމްތިޙާނެކެވެ.  މިންވަރަށް ރުހެން ދަސްކުރާށެވެ. މިއީ ޙަޤީޤަތެވެ. (ނިމުނީ)

ލިޔުނީ: އިބްރާހިމް ޝާމިލް

އިބްރާހިމް ޝާމިލް އަކީ ޒުވާން ލިޔުންތެރިއެކެވެ. ޢާއްމުކޮށް ލިޔެއުޅެނީ ތަފާތުވައްތަރުގެ ވާހަކައެވެ. އަދި މުޖުތަމަޢުގެ ޙާލަތާ ގުޅޭގޮތުން މަޒުމޫނާއި ، ޅެންވެސް ހައްދަވާ އުޅުއްވައެވެ.

ޚިޔާލެއްދެއްވާ

avatar
ައަރުމީލް
ައަރުމީލް

މީގެ ކުންނަކީ ކޮބާ

ދޮން ހަސަން
ދޮން ހަސަން

ވާހަކަ ވަރަށް ރީތި .. އެކަމަކު ވީނުވީއެއް އޮޅުމެއް ނުފިލި.

wpDiscuz