އީޖާބީ ގޮތެއްގައި ވިސްނުން ބައްޓަން ކުރުން

މީހަކު ފައިވާން އުފައްދާ، ވިއްކުމުގެ ވިޔަފާރިއެއް ފެއްޓުމުގެ ބޭނުމުގައި މާހައުލު އޮތްގޮތް ބަލައި ދިރާސާއެއް ހެދުމަށްޓަކައި ކަމުގެ ފަންނުވެރި މާހިރަކު ޝަހަރަކަށް ފޮނުވިއެވެ. މި ފަންނުވެރި މާހިރު އެޝަހަރަށް  ދިޔައިރު އެ ޝަހަރުގެ އެއްވެސް މީހަކު ފައިވާނަށް އަރައިގެން ހިނގާއުޅޭތަނެއް ނުފެނެއެވެ. ދިރާސާ ފުރިހަމަ ކުރުމުގެ ތެރޭގައި ތަފާތުއެކި ގިންތީގެ އެކިފަންތީގެ ގިނަބަޔަކާ ސުވާލުކޮށް، އިންޓަވިއުކޮށް ސާމްޕްލް އެއްކުރިއެވެ. އޭނާގެ ބޮސްއަށް ބޭނުންވާ ދިރާސާ ހެދުމަށްޓަކައެވެ.

ދިރާސާއަށް ބޭނުންވާ ހުރިހާ ރޯމެޓީރިއަލް ލިބުމުން، އެނބުރި އައިސް ލިބުނު ޑާޓާތައް އެނަލައިސް ކުރިއެވެ. އަދި އެ ޝަހަރުގައި ފައިވާނުގެ ވިޔަފާރި ފެއްޓުމާގުޅޭގޮތުން ދިރާސާކުރި މީހެއްގެ ހައިސިއްޔަތުން، ދެކޭގޮތް (ދިރާސާގެ ރިޕޯރޓު) ކޮންކްލޫޝަންގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން ކުރެވުނު ސުވާލުތަކާއި ހޯދި މައުލޫމާތުތަކާ އަޅައިކިޔާ ޑާޓާތައް ފުރާނާލިއިރު، ލިބުނު ނަތީޖާވީ ފައިވާނުގެ ވިޔަފާރިއެއް ކުރުމަށް ވަރަށް އުއްމީދެއް ނެތް ނަތީޖާއަކަށެވެ.

ފައިވާން އުފައްދާ  ވިއްކަން ބޭނުންވެގެން ދިރާސާކުރުވި ފަރާތުން، ރިޕޯރޓު  ކިޔާލިއިރު ދިރާސާ ކުރި ފަރާތުގެ ސްޓޭޓްމަންޓްގައިވަނީ، އެ ޝަހަރުގެ މީހުން ފައިވާނަށް ނާރާއުޅޭތާ ވީ ދުވަސް ހަދާން ހުރި މީހަކުވެސް ނެތްކަމަށާއި، އަމުދުން ފައިވާނަށްއަރަން އަދި ފައިވާން ގަންނަން ބޭނުންވާ ހަމަ އެންމެ މީހަކުވެސް ނެތްކަމުގައެވެ. އަދި ދިރާސާކުރިފަރާތުން ވަރަށް ވިސްނުންތެރިކަމާ ބާރުވެރިކަމާއެކު ބުނެފައިވަނީ އެގައުމުގައި ފައިވާން ނުވިއްކެނޭކަމަށާއި އެ ގައުމުގެ މީހުން އެއްގޮތަކަށްވެސް ފައިވާން ބޭނުން ނުވާކަމުގައެވެ. އަދި އެމީހުންގެ އެ ޒަމާންވީ ސަގާފަތް ބަދަލުކުރަންވެސް ބޭނުންނުވާ ކަމުގައެވެ. ދިރާސާރިޕޯރޓް ނިންމާލަމުން ބުނެފައިވަނީ ގައުމުގެ މީހުންގެ ވިސްނުމާއި އާދަކާދަ ހުރިގޮތުން އެގައުމުގައި ފައިވާން ވިއްކުމަކީ ކުރެވިދާނެ ކަމެއްނޫން ކަމުގައެވެ.

މި ދިރާސާރިޕޯޓަށްފަހު، ފައިވާނުގެ ވިޔަފާރި ފައްޓަން ބޭނުންވި މީހާ ދެވަނަފަހަރަށް ވިޔަފާރީގެ ފަންނުވެރި އެހެން މާހިރަކު ހަމައެގައުމަށް ހަމަ އެދިރާސާކުރުމަށް ފޮނުވިއެވެ. މިފަހަރުގެ މަސައްކަތުގައިވެސް  ދިރާސާކުރުމަށްފަހު ރިޕޯރޓް ހުށައެޅުނެވެ. ދެވަނަފަހަރަށް ކުރިދިރާސާގައިވެސް ކުރީގެ ދިރާސާއާ މުޅިންއެއްގޮތް މައުލޫމާތުތައް ނުވަތަ ހަމަ އެމައުލޫމާތުތައް ފަށްފަށްވެ ތަކުރާރުވެފައި ހުއްޓެވެ.

އެހެންނަމަވެސް ރިޕޯރޓު ނިންމާލަމުން ބުނެފައިވަނީ ފައިވާނަށް އެރުމުން، މީހުންނަށް ލިބޭނޭ ފަސޭހަތަކާއި އޭގެ ފައިދާ އެގައުމުގެ މީހުންނަށް ވިސްނައިދީ އެމީހުން ހޭލުންތެރި ކުރުވެއްޖެނަމަ އެރަށުގައި ފައިވާން ވިއްކުމަށް  ވަރަށްބޮޑު ޑިމާންޑެއް އޮތް ކަމުގައެވެ.

ފަހުން މިހޯދުނު ހޯދުންތަކާއި ލިބުނު އުއްމީދުގެ އަލީގައި، ވިޔަފާރި ފައްޓަން ބޭނުންވި މީހާ އުންމީދުއާވެ ފައިވާން ވިއްކުމުގެ ވިޔާފާރި އެ ގައުމުގައިފައްޓަން ނިންމާ އެމަސައްކަތައިގެން ކުރިއަށް ދިޔައެވެ. ފަހުން މި ކުރެވުނު ދިރާސާ ކުރި މީހާ (ރިސާރޗަރ) ގެ އީޖާބީ ވިސްނުމުގެ ނަތީޖާއަކަށްވީ އެ ޝަހަރުގެ އެންމެން ފައިވާނަށް އަރަން ފެއްޓުމެވެ.

އަޅުގަނޑުމެންގެ، މި ރީތި ދޮންވެލީގެ ތުނޑިތަކާއި ނަލަ އަތިރިމަތިތަކާއި ކަނޑުއަޑީގެ ނަލަކަމާއި ހިތްގައިމުކަން ލިބިފައިވާ ދިވެހިރާއްޖޭގައި، ފަތުރުވެރިކަމުގެ ވިޔަފާރި ފެއްޓުމަށް ފުރަތަމަ ކުރެވުނު ދިރާސާގައިވެސް، ވަރަށް ގިނަ ސަބަބުތަކާއެކު ބުނެފައިވަނީ މިގައުމުގައި ފަތުރުވެރިކަމަކީ ކުރެވޭނޭ ވިޔަފާރިއެއް ނޫންކަމުގައެވެ. ނަމަވެސް ދުނިޔޭގެ ވާދަވެރި ފުރުސަތުގެ ތެރެއިން މަގުފަހިކޮށް، މިއަދު މިވިޔަފާރި މިވަނީ މިގައުމުގެ އެންމެ ބޮޑު ސިނާއަތަށްވެފައެވެ. އަދި ދިވެހިން މި ސިނާއަތު ތަރައްގީކުރިގޮތް ދުނިޔޭގެ އެހެންގައުމުތަކުގައި މިސާލެއްގެ ގޮތުންކިޔައިދީ، ކިޔަވައިދީ ދަސްކޮށްދޭންޖެހޭ ފަންނުވެރި، ނަފާވެރި ކަމަކަށްވެސް ވަނީ ވެފައެވެ.

 

 

މައުލޫމާތު  :ޑިޕޮލަމާއިން ޕަބްލިކްމެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ކޯސް. (2013)

ލިޔުނީ: ޢަބުދުއްސައްތާރު މުޙައްމަދު

ނ. މިލަދޫ އަށް އުފަން، ޢަބްދުއްސައްތާރު މުޙައްމަދުވަނީ ސަރުކާރުގެ ޚިދުމަތުގައި 20 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކުރައްވާފައެވެ. މި މުއްދަތުގައި އެރަށުކަތީބެއްގެ ހައިސިއްޔަތުން 7 އަހަރު ޚިދުމަތް ކުރައްވާފައިވެއެވެ. މިހާރު ވަޒީފާ އަދާކުރައްވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފަރާސްޓްރަކްޗަރ ގައެވެ. މިހާރު ވިލާކޮލެޖުގައި ޝަރިޢާ އެންޑް ލޯ އިން މަތީ ތަޢުލީމް ޙާޞިލުކުރައްވަމުން ގެންދަވާ ޢަބްދުއްސައްތާރު މުޙައްމަދު ވަނީ، އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިޕޮލޮމާއެއް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ވެސް ޑިޕޮލޮމާއެއް ހޯއްދަވާފައެވެ. މީގެ އިތުރުން ޢަބްދުއްސައްތާރު މުޙައްމަދުވަނީ 2004 ވަނަ އަހަރު މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓް އާއި އޭރުގެ ނުރަސްމީ ތަޢުލީމުދޭ މަރުކަޒާ ގުޅިގެން ހިންގެވި "ރައްރަށުގެ ވެރިންތަމްރީނުކުރާ ކޯސް" ބައިވެރިންގެ ތެރެއިން އެއްވަނަ ހޯއްދަވާފައެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz