ދިވެހިރާއްޖޭގައި ޟިލްމްނީ މާއްދާތަކުގެ ޑޮކްޓްރިން ބަލައިގެންފައިވޭ!

ޟިމްނީ (Implied) މާއްދާއަކީ އެއްބަސްވުމުގައި ހިއްސާވާ ދެ ފަރާތް ނުވަތަ ފަރާތްތަކުގެ މެދުގައި، އެބައި މީހުންގެ ޢަމަލުކުރަމުން އަންނަ އުސޫލެއްގެ މައްޗަށް ބިނާކޮށް ވެވޭ އެއްބަސްވުމެކެވެ. މިފަދަ އެއްބަސްވުންތަކަކީ އަނގަބަހުން ނުވަތަ ލިޔެކިޔެމުން ވެވޭ އެއްބަސްވުމެއް ނޫނެވެ. ކަމުގެ މާހިރުން ބަޔާންކުރާ ގޮތުގައި މިއީ ކުރެހިފައިވާ ނުވަތަ ޚިޔާލުގެ މައްޗަށް ބިނާވާ އެއްބަސްވުމެކެވެ. މުދަލެއް ގަނެވޭ ނުވަތަ ބަދަލު ކުރެވޭ ހިނދު، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، ޤާނޫނުގެ ދަށުން މުދާ ބަދަލުކުރާ ފަރާތްތަކުން ނުވަތަ މުދާ ވިއްކާ ފަރާތުން މުދަލަށް ދޭ ވަކި ކަހަލަ އިތުބާރަކީ އިމްޕްލައިޑް ކޮންޓްރެކްޓްގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެހެންކަމުން، އިމްޕްލައިޑް ކޮންޓްރެކްޓެއް ބިނާވެގެން ވަނީ މުޢާމަލާތުގައި ބައިވެރިވާ ފަރާތްތަކުގެ ޢަމަލުތަކުގެ މައްޗަށެވެ. ޤާނޫނުން މާނަކުރެވޭ ގޮތުގައި، މިފަދަ ޙާލަތްތަކުގައި ޝާމިލްވާ ފަރާތްތަކުގެ މެދުގައި އަނގަބަހުން ނުވަތަ ލިޔެކިޔުމުން ފެންނަން އޮންނަ އެއްބަސްވުމެއް ނެތް ނަމަވެސް، މުޢާމަލާތުގައި ބައިވެރިވާ ފަރާތްތައް ތިބޭނީ ޤާނޫނުގައި ބަނދެވިގެންނެވެ. މިގޮތުން، ކޮންޓްރެކްޓެއްގައި ކަނޑައެޅި ބަޔާންވެފައިވާ މާއްދާތަކުގެ އިތުރުން، ކޯޓުތަކުގެ ފަރާތުން އެކޮންޓްރެކްޓުތަކުގައި ޟިމްނީ ގޮތުން ހިމެނޭނެ ކަމަށް ކަނޑައަޅާ ތިން ބާވަތެއްގެ ނުވަތަ ތިން ވައްތަރެއްގެ މާއްދާތަކެއް ހުރެއެވެ. އެއީ:-

  1. މައްސަލައިގެ ވާޤިއާތަކަށް ބަލާފައި ހިމަނާ ޟިމްނީ މާއްދާތައް.
  2. ޤާނޫނީ ގޮތުން ހިމަނާ ޟިމްނީ މާއްދާތައް.
  3. އުރުފަށް ނުވަތަ ވަކި ބާވަތެއްގެ ވިޔަފާރިއެއްގައި ގެންގުޅޭ ޢާއްމު އުޞޫލުތަކަށް ބަލާފައި ހިމަނާ ޟިމްނީ މާއްދާތައް މިއެވެ. ދެން މިބަލައިލެވެނީ މި ތިން ބާވަތުގެ ތެރޭގައި ހިމެނިދާނެ ޟިމްނީ މާއްދާތަކުގެ ބައެއް މިސާލުތަކަށެވެ.

ވާޤިއާތަކަށް ބަލައިގެން ހިމަނާ ޟިމްނީ މާއްދާ

މިފަދަ މާއްދާތަކަކީ މުޢާމަލާތުގެ މަޤްޞަދު ޙާޞިލުކުރުމަށް ހިމެނޭ މާއްދާތަކެވެ. ނުވަތަ އެއީ މުޢާމަލާތުގައި ނުހިމެނޭ ފަންނީ ފަރާތަކުން އެ މުއާމަލާތެއްގައި ކޮންމެހެން ހުންނަން ޖެހޭނެކަމަށް ބުނުމުން އެކަން މުޢާމަލާތުގައި ހިމެނޭ ދެފަރާތުން ޤަބޫލުކުރާ މާއްދާތަކެވެ. އެ ގޮތުން މިކަމުގެ އެންމެ ކުޑަ މިސާލަކީ، މުދާ ބަދަލުކުރެވޭ މަޤްޞަދުގެ މިސާލެވެ. މީހަކު އޭނާގެ ކާނާ ރައްކާތެރިކޮށް ބެހެއްޓުމަށްޓަކައި އައިސްއަލަމާރިއެއް ގަންނަން ދެއެވެ. އެ އައިސްއަލަމާރި އޭނާ ގަންނަނީ ލިޔެކިޔުމުން ޤާއިމްކުރެވޭ އެއްބަސްވުމެއް ހެދުމަށް ފަހު އެއް ނޫނެވެ. ނަމަވެސް މުދަލުގެ އަސާސީ މަޤްޞަދަށް ބަލާއިރު، އެ އައިސްއަލަމާރިން އޭނާގެ ކާނާއަށް ފިނިކަން ނުލިބޭނަމަ ނުވަތަ އެ ކާނާއަށް ރައްކާތެރިކަން ނުލިބޭނަމަ އޭގެ ބޭމުނެއް ކޮބާ ހެއްޔެވެ؟ މިހާލަތުގައި އެ މުދާ ވިއްކި ފަރާތުން އެ މުދަލުގެ އަސާސީ މަޤްޞަދު އެ މުދާ ގަތް ފަރާތަށް ހާސިލްކޮށްދޭން ލާޒިމްކުރެއެވެ.

ލިޔެކިޔުމުން ޤާއިމްކުރެވިފައި ނުވާ ނަމަވެސް، އިމްޕަލައިޑް ކޮންޓްރެކްޓަކީ އޭގެ މައްޗަށް ޤާނޫނުގެ ބާރު ހިނގާ ނުވަތަ އެއަށް ޤާނޫނީ ހައިސިއްޔަތު ލިބިގެންވާ އެއްޗެކަން މަތީގައި ބަލާލެވިފައިވާ މިސާލުން އެނގެއެވެ.

ޤާނޫނީ ގޮތުން ހިމަނާ ޟިމްނީ މާއްދާތައް

ޤާނޫނީ ގޮތުން ބަލާފައި ވަކި ބާވަތެއްގެ މުޢާމަލާތްތަކުގައި ސިޔާސަތަށް ބަލާފައި ހިމަނަން ފެންނަ ކަމަށް ކޯޓުތަކުން ކަނޑައަޅާ މާއްދާތަކެއް ހުރެއެވެ. މީގެ ތެރޭގައި ހިމެނޭނީ ވަކިކަހަލަ މަޤްޞަދެއް ޙާޞިލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ވަކި ބާވަތެއްގެ މުޢާމަލާތްތަކުގައި ހިމަނާ މައްދާތަކެވެ. މީގެ މިސާލަކީ ދެފަރާތެއްގެ ދެމެދުގައި އެއްބަސްވުމެއް އޮތްނަމަވެސް ނުވަތަ އެއްބަސްވުމުގައި ވާ މާއްދާއަކުން އެކަކު އަނެކަކުމައްޗަށް ކަމެއްކުރުން ލާޒިމްކޮށް ހެދޭ ކޮންޓްރެކްޓެއްގައި އެހެން ޤާނޫނަކުން މަނާކަމެއް އޮތްނަމަ ކޯޓުން އެ މާއްދައެއް ބާޠިލުކުރާނެއެވެ. ނުވަތަ ޤާނޫނަކުން ލާޒިމުކުރާކަމެއް ކޮންޓްރެކްޓެއްގައި ނުހިމެނުމުން ވަކި ފަރާތަކުން އެއިން ރެކެން މަސައްކަތްކުރާ ހިނދު ޟިމްނީ ގޮތުން އެ މާއްދާ ކޯޓުން ހިމަނާނެއެވެ. އާންމު އުސޫލުން ބާލާއިރު، އެއްބަސްވުމުގެ ތެރެއަށް އިމްޕްލައިޑް ހަމަތައް އިތުރުކުރަނީ ޝަރުޢީ ކޯޓަކުން ނުވަތަ ޤާނޫނަކުން ބާރުލިބިގެންނެވެ. ޤާނޫނަކުން ބާރު ލިބިގެން އިމްޕްލައިޑް ހަމަތައް އިތުރުކުރާއިރު، ޤާނޫނު ހަދާ ފަރާތުން މިފަދަ ހަމަތަކުގައި ހިމެނުން ލާޒިމްކުރާ ބައެއް މާއްދާތައް ހުރެއެވެ. މީގެ މިސާލުތައް ގިނަގުނަ އިރު، އެއް މިސާލަށް އަލިއަޅުވާލާނަމެވެ.

މީގެ މިސާލަކީ ދިވެހި ރާއްޖޭގެ ހައި ކޯޓުގެ ގަޟިއްޔާ ނަންބަރު: 2011/HC-A/54 ގައި ފަނޑިޔާރުން ފާހަގަ ކުރެއްވި ކަންތައްތަކަށް ބަލާއިރު، ކޮންޓްރެކްޓެއްގައި ލިޔެވިފައި ނެތް ނަމަވެސް، އެހެން ޤާނޫނު ތަކާއި ޤަވާޢިދުތަކުގެ ތެރެއިން، ޢިމާރާތެއް ކުރުމުގެ މަސައްކަތަކީ، ވަކި ފެންވަރެއްގައި ކޮންޓްރެކްޓަރ ކުރުން ލާޒިމުވާ މަސައްކަތެއްކަމަށް ނިންމަވައި، ޟިމްނީ ގޮތުން ބަލައިގަނެވޭނޭ މާއްދާއެއްގެ ގޮތުގައި ފަންނީ މަސައްކަތުގެ ކޮލިޓީ ހިމަނުއްވާފައި ވުމެވެ.

ޢުރުފުގެ ގޮތުން ހިމަނާ ޟިމްނީ މާއްދާ

އިމްޕްލައިޑް ކޮންޓްރެކްޓަކީ ޤާނޫނުގައި އެކަމެއް ބަޔާންވެފައި ނެތްނަމަވެސް، އާދަވެގެން ކަމެއް ކުރަމުން އަންނަ މަގުން އެކަމެއް ކުރިއަށް ގެންދިއުމަށް ބާރުއަޅާކަމެކެވެ. ނުވަތަ އެކަމަކަށް ޤާނޫނީ ހައިސިއްޔަތު ލިބިގެންދާ ކަމެކެވެ. މިކަން އެންމެ ރަނގަޅަށް ދޭހަވާ އެއްމިސާލަކީ ޖަނަވާރުންނަށް ފަރުވާދޭ ޑޮކްޓަރުންނާއި ފަރުވާ ލިބިގަންނަ ޖަނަވާރުގެ ވެރިފަރާތާއި ދެމެދު ޢަމަލުކުރެވެމުން އަންނަ އުސޫލެވެ. އެއީ ޖަނަވާރަކު ބަލިވެ ނުވަތަ ހާނީއްކައެއްވެގެން، ޖަނަވާރުންނަށް ޚާއްޞަ ކްލިނިކް ނުވަތަ ހޮސްޕިޓަލަކަށް ގެނެވޭ ހިނދު، ކޮންމެވެސް ވެޓްރިނޭރިއަނެއް އެ ޖަނަވާރަކަށް ފަރުވާދެއެވެ. މިފަދަ ފަރާތްތައް އެ ޖަނަވާރަށް ފަރުވާ ދެނީ ވަރަށް ބޮޑަށް ސަމާލުވެ ތިބެ، އެންމެ އެކަށޭނެ ގޮތެއްގައެވެ. މި ގޮތަށް އެކަން ކުރަނީ، ފަރުވާއަށް ފަހު އެ ޖަނަވާރުގެ ވެރިފަރާތުން އެ ފަރުވާއަށް ވާ އުޖޫރަ ވެޓްރެނޭރިއަނުންނަށް ދޭތީއެވެ. ނަމަވެސް އެއްވެސް ހައިސިއްޔަތަކުން މިފަދަ ފަރާތަކަށް އުޖޫރައެއް ދިނުމަށް ވަކިން ޚާއްޞަ ޤާނޫނެއް ނޯވެއެވެ. މިއީ އެންމެ އިހުއްސުރެވެސް މިކަން ހިނގަމުން އަންނަ މަގުކަމަށް ވުމުން، މިކަމަށް ޤާނޫނީ ހައިސިއްޔަތު ލިބި، މި ކަމުގައި ޝާމިލްވާ ދެފަރާތް އިމްޕްލައިޑް ކޮންޓްރެކްޓްގެ ތެރެއަށް ވަދެގެންދަނީއެވެ.

މީހަކު ދުވަހު ކުއްޔަށް ކޮޓަރިއެއް ކުއްޔަށް ހިފާ އިރު، ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމުގައި ކޮޓަރިއަށް ކަރަންޓާ ފެނާ ފޯރުވައި ދިނުމަކީ ކޮޓަރި ކުއްޔަށްދޭ ފަރާތުގެ ޒިންމާއެއްކަމަށް އެއްވެސް މީހަކު އެއްބަސްވުމެއްގައި ނުލިޔާނެއެވެ. އެހެނެއްކަމަކު ކޮޓަރި ކުއްޔަށް ދޫކުރުމަށްފަހު ކުއްޔަށް ހިފާ މީހާ ކޮޓަރިއަށް ވަންނައިރު އެތަނުގައި ފެނާ ކަރަންޓާ ނެތްނަމަ، މިޙާލަތުގައި ކުއްޔަށް ދޫކުރިފަރާތުން އެތަނަށް ފެނާ ކަރަންޓާ ނުދީ، “ތިމަންނާ ކުއްޔަށް ދިނީ ކޮޓަރިއޭ، ކަރަންޓާ ފެނާ ދޭކަށް ނުބުނަމޭ” މިހެންބުނެ ކޮންޓްރެކްޓުން ރެކެވުމަށް ފުރުޞަތު ލިބިގެނެއް ނުވެއެވެ. ސަބަބަކީ ޟިމްނީ ގޮތުން ބަލާއިރު ކޮންޓްރެކްޓެއްގައި ލިޔެވިފައި ނެތަސް ކަރަންޓާ ފެނަކީ ކޮޓަރިއެއް ކުއްޔަށް ދޭއިރު އަސާސީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެއްޗަކަށްވުމެވެ.

ކޮމަން ލޯގައި އިމްޕްލައިޑް ޝަރުޠުތަކާއި އަސާސްތައް

އިނގިރޭސި ޤާނޫނުގައި އިމްޕްލައިޑް އަސާސްތަކަކީ ނުވަތަ ޝަރުޠުތަކަކީ އެއްބަސްވުމެއްގައި ޝާމިލްވާ ދެފަރާތް ނުވަތަ ފަރާތްތަކުގެ ލިޔެކިޔުމުގައި ކަނޑައެޅި ބަޔާންކުރެވޭ ޝަރުޠުތަކާއި ހަމަތަކުގެ އިތުރަށް ކަނޑައެޅޭ އުސޫލުތަކެވެ. ނުވަތަ އެއީ މުޢާމަލާތުގައި ދެފަރާތުގެ ޝީޣާގެ މަތީން ހިމަނާފައިވާ ލާޒިމް ކަންތައްތަކަށް ބަދަލު ގެނައުމާއި އެކަންކަން އެހެން މަގަކަށް ފުރޮޅާލުމުގެ ބާރު ލިބިގެންވާ މާއްދާތަކެވެ ނުވަތަ އެއްބަސްވުމެވެ. އިނގިރޭސި ޤާނޫނުގައި އިމްޕްލައިޑް ހަމަތަކުގެ މަޤްޞަދަކީ އެއްބަސްވުމުގައި ބައިވެރިވާ ފަރާތްތަކުގެ މައްޗަށް ވިޔަފާރީގެ މުޢާމަލާތްތައް ކާމިޔާބުކަމާއެކު ހިންގުމުގެ ފުރުޞަތު ދިނުމާއި، ކަންކަން ވީ އެންމެ ލުއި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމުގެ އިތުރަށް އެއްބަސްވުމުގައި ޝާމިލްވާ ފަރާތްތައް ހަމަހަމަ ކުރުމެވެ.

އިނގިރޭސި ކޯޓުތަކުގެ ނިންމުންތަކަށް ބަލާއިރު އިމްޕްލައިޑް ހަމަތަކުގެ ތެރެއިން އުސޫލީ ހަމަތަކަކީ މުޢާމަލާތެއްގައި ބައިވެރިވާ ދެފަރާތުގެ ނުވަތަ ފަރާތްތަކުން ޤާއިމްކުރާ އެއްބަސްވުމުގައި ބުނެފައިވާ ކަންކަން ހާސިލްކުރުމަށް ކޮންމެހެން ބޭނުންވާ ހަމަތަކާއި އުސޫލުތަކެވެ. މިފަދަ ކަންކަން ޤާނޫނުގައި ބަޔާންކުރެވިފައެއް ނުވާނެއެވެ. އިމްޕްލައިޑް ހަމަތަކުގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ ހަމަތަކަކީ ދެފަރާތެއްގެ ދެމެދުގައި ވާ އެއްބަސްވުމެއްގެ ބާވަތުން އެކުލެވޭ ހަމަތަކެކެވެ. އެގޮތުން ވަޒީފާގެ އެއްބަސްވުމާއި  ބިން ކުއްޔަށް ދިނުމަށް ހެދޭ އެއްބަސްވުންތައް މި ހަމަތައް ހިމެނޭ އެއްބަސްވުގެ ތެރެއަށް ވަދެގެންދެއެވެ. މި ހާލަތުގައި އިމްލައިޑް ހަމަތަކުގެ ބޭނުމަކީ އެއްބަސްވުން ޤާއިމްކުރެވޭ ދެ ފަރާތުގެ މެދުގައި އޮންނަ އިތުބާރާއި ޔަޤީންކަން އިތުރުކޮށް އެއްބަސްވުމުގެ މާޙައުލުގެ އިތުބާރު ދެމެހެއްޓުމަށެވެ.

އެންމެ ކައިރިން ފެންނަން އޮތް އެއް މިސާލަކީ 1998 ވަނަ އަހަރު އިނގިރޭސި ވިލާތުގައި ފާސްކުރެވުނު “އަސާސީ މުސާރައިގެ ޤައުމީ އޮނިގަނޑު” ނުވަތަ “ދި ނެޝަނަލް މިނިމަން ވޭޖް އެކްޓް” – 1998 އެވެ. މި ޤާނޫނުގެ ދަށުން ވަޒިފާއާ ބެހޭ އެއްބަސްވުން ޤާއިމްކުރާއިރު ވަޒީފާ އަދާކުރާ މީހާގެ އަސާސީ މުސާރަ ކަމުގައި ކަނޑައަޅާންވާނެ މިންވަރު ބަޔާން ކޮށްފައިވެއެވެ. އެ ގޮތުން 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މީލާދީ ގޮތުން 21 އަހަރު ފުރިފައިވާ ކޮންމެ ފަރާތަކަށް، އޭނާ މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 6.19 ޕައުންޑް ދޭންޖެހޭނެކަމަށް ލާޒިމްކޮށްފައިވެއެވެ. މީގެ އަނެއް މިސާލަކީ 1977 ވަނަ އެކުލަވާލެވުނު “ދި އަންފެއަރ ކޮންޓްރެކްޓް ޓާރމްސް އެކްޓް” – 1977 އާއި 1979 ވަނަ އަހަރު އެކުލަވާލެވުނު “ޕްރޮވިޝަންސް އޮފް ދި ސޭލްސް އޮފް ގުޑްސް އެކްޓް” – 1979  ގެ ދަށުން މުދަލެއް ވިއްކާއިރު އެ މުދަލެއް ރަނގަޅު ހާލަތުގައި ހުރުމަށް ލާޒިމްކުރެއެވެ. އަދި މުދަލުގައި ހުންނަޖެހޭ މި ސިފަ، މަޤްބޫލު ހާލަތަކައިގެން މެނުވީ އުނި ނުކުރެވޭނެކަމަށް ބަޔާން ކުރެވިފައި ވެއެވެ. އިމްޕްލައިޑް ހަމަތަކުގެ ތެރެއިން ޤާނޫން ލާޒިމް ކުރާ ކަންތައްތަކާއި އުޞޫލީ ކަންކަމުގެ ތަފާތު ދެނެގަތުމަށް ކޯޓުތަކުން އިންތަކެއް ކަނޑައަޅާފައި ވެއެވެ.

 

ދެފަރާތެއްގެ މެދުގައިވާ އެއްބަސްވުމެއް ކުރިއަށް ގެންދިއުމަށް އުޒުރުވެރިވާ ޙާލަތެއް މެދުވެރިވެ އެ އެއްބަސްވުމަށް ޢަމަލު ކުރެވޭނަމަ ނުވަތަ މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އޮންނަ ހަމަތަކީ އިމްޕްލައިޑް ހަމަތަކުގެ ތެރެއަށް އެންމެ އެކަށޭނެ ގޮތެއްގައި ފެތޭ ކަންކަން ތޯ، މިއީ ޤާނޫނީ ތަޅުމުގައި މިއަދު އެންމެ ގަދައަށް ބަހުސްކުރެވެމުންދާ އެއް މައްސަލައެވެ. އިނގިރޭސި ޤާނޫނުގައި “ރިމޯޓްނެސް” އަކީ ހެދިފައިވާ އެއްބަސްވުމެއް އުވާލުމުން ނުވަތަ ޚިލާފުމުން، އެއްބަސްވުމުގައި ޝާމިލްވާ ދެފަރާތް ކުރެ ފަރާތަކަށް ލިބޭ ގެއްލުމުގެ ބަދަލު އަނެއް ފަރާތުން ހޯދުމުގައި ވަކި މިންވަރަކަށް ވުރެ މައްޗަށް ނުދާނޭ ހެން ބަދަލު ކަނޑައެޅުމެވެ. މިސާލެއްގެ ގޮތުން ބަޔާން ކުރާނަމަ، ބަދަލުގެ ގޮތުގައި ލިބިދެވެނީ ވަރަށް މަދު ލާރިކޮޅެއް ނަމަ ނުވަތަ ބަދަލުގެ ގޮތުގައި ނަގަންޖެހެނީ އެތައް މިލިއަނަކުން ގުނާލެވޭ، ބަދަލު ފޯރުކޮށްދޭ ފަރާތަށް ތަޙައްމަލް ނުކުރެވޭ މިންވަރެއް ނަމަ، އެ ބަދަލެއް ނަގައިދިނުމާ މެދު ކޮންމެވެސް އުސޫލުތަކެއް ކަނޑައެޅުމަށް މިހާރު ދަނީ މަސައްކަތް ކުރެވެމުންނެވެ. “ރިމޯޓްނެސް” އާ އެކު ދެން ބަޔާންކުރެވޭ އަނެއް ބަޔަކީ “ފްރަސްޓްރޭޝަން” އެވެ. މިއީ ދިމާވާ ކުއްލި ޙާލަތެއްގައި ހެދިފައިވާ އެއްބަސްވުމެއް ނިމުމަކަށް އަންނަ ނުވަތަ  ގެނެވޭ ޙާލަތެވެ.  ނުވަތަ މިއީ ދިމާވާ ޙާލަތެއްގެ ސަބަބުން، އެއްބަސްވުމުގެ މަޤްޞަދު ގެއްލި، ނުވަތަ ވެވޭ އެއްބަސްވުން ތަންފީޒުުކުރަން ދަތިވާ ޙާލަތެއް މެދުވެރިވުމެވެ. މީހަކު ކާރެއް ގަންނަން ގޮސް، އެ ކަމުގެ އެއްބަސްވުން އެކުލަވާލެވި، އޭނާއާ ހިސާބަށް ކާރު ގެންދިއުމުގެ މަގުމަތީގައި އެ ކާރު ހަލާކުވުމަކީ، މި ބަޔާންކުރެވުނު “ފްރަސްޓްރޭޝަން” ގެ ތެރެއަށް ވަދެގެންދާ ޙާލަތެކެވެ. މި ޙާލަތުގައި ބަދަލު ހޯދައި ދީ، ނެގުމާ މެދު ޤާނޫނީ ޢިލްމުވެރިންގެ މެދުގައި ވަރަށް ބޮޑެތި ޚިޔާލު ތަފާތުވުން އެބަހުއްޓެވެ.

ދެފަރާތެއްގެ މެދުގައި ވާ އެއްބަސްވުމެއް ނިމުމަކަށް ގެނެވިދާނެ އަނެއް ހައިސިއްޔަތަކީ އިނގިރޭސި ޤާނޫނުގައި ބުނާ “ކޮމަން މިސްޓޭކްސް” އެވެ. މިއީ އެއްބަސްވުމެއްގައި ބަޔާންކޮށްފައިވާ ކަމެއް ނުވަތަ އިމްޕްލައިޑް ހަމައެއްގެ މާނަ ދެ ފަރާތަށް ދެ ގޮތަކަށް ކުރެވި، އެ ކަމުގައި ދެބަސްވެވޭ ހިސާބެވެ. މި ޙާލަތުގައި އެއްފަރާތަށް މާނަކުރެވޭ ގޮތަކުން އެއްބަސްވުމުގެ މަޤްޞަދު ގެއްލި ތަންފީޒުކުރުމަށް ހުރަސްއެޅޭނަމަ، އެ އެއްބަސްވުމެއްގެ ސަބަބުން ލިބިދޭ ގެއްލުމުގެ ބަދަލު އަނެއް ފަރާތަށް ނަގައިދެވޭނެ ކަމާމެދު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ.

ބައެއް މިސާލު – ކޯޓު ކޭސްތަކުގެ އަލީގައި

އިންސާނުން ޢާއްމު ގޮތެއްގައި އެމީހުން ބޭނުންތައް ޙާޞިލްކުރުމުގައި އެކިފަރާތްތަކަށް ރައްދު ކޮށްދޭންޖެހޭ މެސެޖްތައް ރައްދު ކޮށްދިނުމަށް ބޭނުންކުރާ ހަމައެކަނި ވަޞީލަތަކީ އަނގަބަހުން ބުނާ ބުނުމެއް ނޫނެވެ. އޭގެ އިތުރުން އިޝާރާތުންނާއި އެހެނިހެން ގޮތްގޮތުން ހާމަކޮށްދޭ ހުށަހެޅުންތައްވެސް އެއީ އަނގަބަހުން ނުވަތަ ލިޔުމުން ރައްދުކުރާ ހުށަހެޅުމެކޭ އެއްގޮތަށް ސާފުކޮށް ބަޔާންވެފައިވާ ހުށަހެޅުން ތަކެއްގެ ގޮތުގައި ބެލެވެއެވެ. އެހެންކަމުން ކޮންޓްރެކްޓެއް ޤާއިމްކުރުމަށް އެއްފަރާތުން އަނެއްފަރާތަށް ރައްދުކުރާ ހުށަހެޅުން ރަސްމީ ސިފައެއްގައި ވަކި ގޮތަކަށް ލިޔެފައި އޮތުން އެއީ ކޮންމެހެން ޝަރުޠެއްނޫނެވެ. އިޝާރާތަކުން ނުވަތަ ޙަރަކާތަކުން ހާމަކޮށްދޭ ނުވަތަ ހުށަހަޅައިދޭ ހުށަހެޅުމަށް ޤާނޫނީ ޢިލްމުވެރިން ދޭނަމަކީ (Implied and Express offer) “އިމްޕްލައިޑް އޮފަރ” ނުވަތަ “ޟިމްނީ” ހުށަހެޅުމެވެ. އަދި އަނގަބަހުން ނުވަތަ ލިޔުމުން ނުވަތަ މުޚާތަބުކޮށް ހުށަހަޅާ ހުށަހެޅުމަށް ކިޔަނީ “އެކްސްޕްރެސް އޮފަރ” އެވެ. ވުމާއެކު ހުށަހެޅުން ރައްދުވާ ފަރާތް (އޮފަރީ ) އަށް އެމީހަކަށް ހުށަހެޅުނު ހުށަހެޅުން ޤަބޫލު ކުރުމުގައިވެސް ޟިމްނީކޮށް  ނުވަތަ  ޞަރީޙަބަހުން ހުށަހެޅުން ޤަބޫލުކުރުމުގެ ފުރުޞަތު އޮވެއެވެ.

ޟިމްނީ ގޮތެއްގައި ހުށަހެޅޭ ހުށަހެޅުމަށް ބިނާކޮށް ކޮންޓްރެކްޓެއް ޤާއިމްވުމަށްޓަކައި ދެފަރާތުން އެއްވިސްނުމެއްގައި (meeting of mind ) ކޮންޓްރެކްޓުގެ ތެރެއަށް ވަނުން ވަރަށް މުހިންމެވެ. މިސާލަކަށް ސްމާރޓް ފޯނަކާއި ޓެބްލެޓެއް ގެންގުޅޭމީހަކު އެމީހާގެ ފޯނު ވިއްކާލަން އުޅޭއިރު ގަންނަމީހާއަށް އެ ގަނަވެނީ ފޯނުުކަން ކަށަވަރުވާން ޖެހެއެވެ. އޭގެ ބަދަލުގައި އޭނާ ޓެބްލެޓް ގަތުމުގެ ވިސްނުމުގައި ކޮންޓްރެކްޓްގެ ތެރެއަށް ވަދެފިނަމަ އެ ކޮންޓްރެކްޓް ފުރިހަމައެއް ނުވާނެއެވެ.

ނީލަމުގައި މުދާ ވިއްކާ ތަނެއްގައި މީހަކު މުދާގަތުމަށް އަގު ހުށަހެޅުމަކީ ޟިމްނީ ގޮތެއްގައި ހުށަހެޅޭ ހުށަހެޅުމެކެވެ. ހަމަ އެފަދައިން މީހަކު ރަށަކަށްދާން ފެރީއަކަށް އެރުމުން އެމީހާ ދަތުރު ފުރިހަމަ ކުރުމަށް ޓިކެޓަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް މަޖްބޫރުވާނެއެވެ. ސަބަބަކީ ކޮންމެ މީހަކުވެސް ފެރީއަށް އަރަންޖެހޭނީ ވަކިމަންޒިލަކަށް ގެންގޮސްދޭނެ ކަން ޤަބޫލުކޮށް ޓިކެޓުގެ އަގު އަދާކުރަން ޖެހޭނެކަން އެނގި ހުރެއެވެ.

މިފަދަ އެެހެން މިސާލަކީ ސެލްފް ސަރވިސް ރެސްޓޯރެންޓަކުން އަމިއްލައަށް ތަކެތި ނަގައިގެން ކެއުމަށް އިންސާފު ކޮށްފި ނަމަވެސް “އިމްޕްލައިޑް އޮފަރ” އެއް (ޟިމްނީ ހުށަހެޅުމެއް) އޮތްކަމަށް ކަނޑައެޅިގެން ދެއެވެ. މިއިން ކޮންމެ ޙާލަތަކީވެސް ޟިމްނީ ހުށަހެޅުމެއް އޮތް ޙާލަތެއް ކަމަށް ބަލައި އެމީހެއްގެ މައްޗަށް އެމީހަކު ބޭނުންކުރި ޚިދުމަތަށް އަގުއަދާކުރަން މަޖުބޫރު ވާނެއެވެ. މިފަދަ ކޮންޓްރެކްޓް ތަކަކީ ލިޔުމުން ނުވަތަ އަނގަބަހުން ވަކި ކަންތައްތަކެއް ޝަރުޠުކޮށް ޤާއިމްކުރާ އެއްބަސްވުން ތަކެއްނޫނެވެ. މިއީ ޟިމްނީ ހުށަހެޅުމުގެ ބައެއް މިސާލެވެ.

ކޯޓުތަކުގެ ބައެއް ނިންމުންތައް

 އަޕްޓޮން – އޮން – ސެވަން އާރޑީސީ V ޕަވަލް، (England C A -1942 1 All E.R.220) 

މި ކޭސްގައި ދަޢުވާލިބޭ ފަރާތްކަމަށްވާ ޕަވަލްގެ ފާރމްގައި އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. އޭނާ ހީކުރީ އަޕްޓޮންގެ އެ ހިސާބު ގަނޑުން ނިއްވުމުގެ ޚިދުމަތް ހިލޭ ލިބޭނެ ކަމަށެވެ. އަދި ފަޔަރ ބްރިގޭޑަށް އޭނާގެ ފަރމުން އަލިފާން ނިންވުމުގެ މަސައްކަތް ކޮށްދިނުމަށް އޭނާ އެދުނެވެ. ޕަވަލްގެ އެދުމާ އެއްގޮތަށް އޭނާ ފަރމުން އަލިފާން ނިއްވައި ދިނުމަށްފަހު ޕަވަލްގެ ފަރމް ހުރީ ހިލޭ އަލިފާން ނިއްވުމުގެ ޚިދުމަތްދޭ ސަރަޙައްދުން ބޭރުގައި ކަމަށްވާތީ އަލިފާން ނިއްވުމުގެ ޚަރަދު ހޯދުމަށް ފަޔަރ ބްރިގޭޑުން ދަޢުވާ އުފުލިއެވެ. މި މައްސަލާގައި ކޯޓް އޮފް އެޕީލުން ނިންމެވީ މައްސަލައިގެ ޙަޤީޤަތަށް ވާޞިލުވާއިރު ދަޢުވާ ލިބޭ ފަރާތުން އެދުނު އެދުމަކަށް އޭނާގެ ފަރމުން އަލިފާން ނިއްވައި ދިނުމުގެ ޚިދުމަތް ފޯރުކޮށް ދީފައިވާތީ ދެފަރާތުގެ ދެމެދުގައި އިމްޕްލައިޑް ޓަރމްތަކެއްގެ މައްޗަށް ބިނާވެފައިވާ އެއްބަސްވުމެއް އޮތްކަމަށް ކަނޑައަޅައި އަދި ޕަވަލް ޚިދުމަތް ލިބިގަނެފައި ވަނީ އެ ޚިދުމަތަށް އަގު އަދާކުރުމަށް އެއްބަސް ވެގެން  ކަމަށާއި އެއީ އިމްޕްލައިޑް ޓަރމްތަކެއްގެ މައްޗަށް ވެފައިވާ އެއްބަސްވުމެއް ކަމަށެވެ. ވުމާއެކު ޚިދުމަތުގެ އަގު ޕަވަލް އަދާކުރަން ޖެހޭނެކަމަށެވެ.

ސްޓީވަން V ބްރޮމްލީ އެންޑް ސަން، ((1919) 2KB 722(CA)  

މި މައްސަލާގައި ސުޕްރީމްކޯޓުގެ ނިންމެވުމަކީ މުދާ އުފުލުމަށް ބޯޓެއް ޗާޓަރު ކުރި ފަރާތުން ބޯޓް ޗާޓަރ ކުރީ ދަނޑުތަކެއް އުފުލުމަށް ކަމަށް ވުމާއެކު އެ ފަރާތުން ލޯޑުކުރީ ޢާއްމު ވިޔަފާރި މުދާކަމަށްވިޔަސް ބޯޓް ޗާޓަރކުރި ބޭނުމަކީ ދަނޑު އުފުލުން ކަމަށްވާތީ ދެފަރާތުގެ ދެމެދުގައި ޢާއްމު ވިޔަފާރި މުދާ އުފުލުމާބެހޭ ވާހަކަ ދެކެވިފައި ނުވާތީ ބޯޓް ޗާޓަރ ކުރި ފަރާތުން ބޮޑު ރޭޓުން ( ދަނގަނޑު އުފުލުންކަމަށް ބަލައި ) އަގު އަދާކުރަން ޖެހޭނެ ކަމަށެވެ. އަދި ޗާޓަރ ކުރި މުއްދަތު ހަމަވުމާއެކު ބޯޓުގެ ވެރިފަރާތަށް ބޯޓް ޙަވާލު ކޮށްފައި ނުވާތީ އެ ހިސާބުން ދެފަރާތުގެ ދެމެދުގައި ސައިލެންޓް އެގްރިމެންޓެއް އުފެދޭނެ ކަމަށާއި ވުމާއެކު ބޯޓު ފުރަތަމަ ޗާޓަރ ކުރި ބޭނުމަށް އަގުނަގާ ރޭޓުން ބޯޓު ވެރިފަރާތަށް ރައްދުނުކޮށް ހޭދަވި ދުވަސް ތަކަށްވެސް އަގު ނެގޭނެ ކަމަށެވެ.

ހަރިދާސް ރަންޗޯރދާސް V މާކަންޓައިލް ބޭންކް އޮފް އިންޑިޔާ ލިމިޓެޑް، (1919 – 20 471A17)

ކޭސްއަށް ބަލާއިރު ބޭންކުތަކުގެ ކަސްޓަމަރުން ބޭންކުން ލޯނު ނަގަނީ ކޮމްޕައުންޑު އިންޓަރެސްޓް އުޞޫލުން، ލޯނުގެ އިންޓަރެސްޓް ބޭންކުން ހިސާބު ކުރާނެކަން އެނގިތިބެ ކަމަށްވާތީ، ނުވަތަ އެގޮތަށް އިންޓްރެސްޓް ހިސާބު ކުރުމަށް ކަސްޓަމަރ ދެކޮޅު ހަދާފައި ނުވާތީ ލޯނަށް ފައިސާ ނުދެއްކުމުގެ ސަބަބުން އިތުރަށް ހޭދަވާ ދުވަސް ތަކަށް ވެސް އެރޭޓުން އިންޓްރެސްޓް ހިސާބު ކުރުވޭނެ ކަމަށް ކޯޓުން ނިންމާފައި ވެއެވެ.

 ކްލާރލް V އާރލް އޮފް ޑުންރަވަން އެވެ. (The Satanita – 1897  AC 59)

މި މައްސަލާގައި، ޔޮޓް ކްލަބުގެ ފަރާތުން ބާއްވާ ޔޮޓްރޭހުގެ ޢާއްމު ޤަވާޢިދަކީ ރޭހުގެ ބައިވެރިއަކު ހަދާގޯހެއް ( ފައުލެއް) ގެ ސަބަބުން ޔޮޓަކަށް ގެއްލުމެއް ލިބިއްޖެ ނަމަ އެ ލިބުމު ގެއްލުމެއްގެ ބަދަލު އެ ގޯހެއް ( އެފައުލެއް) ހެދި ފަރާތުން ގެއްލުން ލިބުނު ޔޮޓުގެ ވެރިފަރާތަށް ލިބިދިނުމެވެ. ވުމާއެކު، މިފަދަ ޙާލަތް ތަކުގައި ދެފަރާތުގެ ދެމެދުގައި ހުށަހެޅުމަކާއި ޤަބޫލުކުރުމެއް ކަނޑައެޅި ލިޔެވިފައިވާ ކޮންޓްރެކްޓެއްގެ ތެރެއިން ޤާއިމް ކުރެވިފައި ވަނިކޮށް ނުފެނުނު ނަމަވެސް ގެއްލުމުގެ ބަދަލު ޝަރްޢީ މަރްޙަލާއިން ނަގައި ދެވޭނެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރ:2012/HC-A/238

މި ޤަޟިއްޔާއަކީ ލ މާވަށު ވިކްޓްރީ ހައުސް އިސްމާޢީލް ރަފީޢު، އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޑެޑް ގެ މައްޗަށް ރައްދުވާ ގޮތަށް ދިވެހި ރާއްޖޭގެ ހައިކޯޓުގައި 9 އޯގަސްޓް 2012 ގައި އިސްތިއުނާފު ކޮށް، 27 މެއި 2013 ގައި ނިމިފައިވާ މައްސަލަ އެކެވެ.

ދަޢުވާގެ ޚުލާޞާއަކީ، ސިވިލް ކޯޓުގެ ނަންބަރ 1878/Cv-C/2011 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށް ބުނެ، އިސްމާޢީލް ރަފީޢު، ވިކްޓަރީހައުސް / ލ.މާވަށް ގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.

މި ޤަޟިއްޔާގައި، އިސްތިއުނާފު ކުރިފަރާތުން ބުނެފައިވަނީ، ސަޕްލައި ކޮށްދީފައިވާ ތަކެތީ ގެ އަގަށްވާ ފައިސާ އަކާއި އަދި އެ ފައިސާ ނުލިބި ލަސްވި ދުވަސްތަކުގެ ޖޫރިމަނާ ފައިސާ ހިމެނޭ ގޮތުން 5.2 މިލިއަން ރުފިޔާ އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޑެޑް އިން ހޯދައި ދިނުމަށެވެ.

މި މައްސަލަ ދިރާސާ ކުރި އިރު ފާހަގަ ކުރެވުނު ނުކުތާ ތަކުގެ ތެރޭގައި މައްސަލަ ހުށަހެޅި ފާރާތާއި ރައްދުވާ ފަރާތާ ދެމެދު މުދާ ސަޕްލައި ކުރުމަށް ލިޔުމުން ހެދިފައިވާ “ކޮންޓްރެކްޓެއް” ނެތްކަން ފަނޑިޔާރުން ފާހަގަ ކުރައްވާފައިވާކަން އެނގުނެވެ. އަދި މައްސަލަ ބެއްލެވި ފަނޑިޔާރުން ފާހަގަ ކުރެއްވި ނުކުތާ ތަކުގެ (ނ)ގައި ( ތިންވަނަ ކަންތަކުގައި ) ޟިމްނީ ގޮތުން ބައްލަވައި ކަންތައްތަކެއް ހިމަނުއްވާފައި ވެއެވެ.

އެއީ އައި.އާރ ސްޓޯރ ފަރާތުން އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ޙަވާލުކޮށްފައިވާ 04 ބިލުގެ ތެރެއިން ހަމަ ކޮންމެ ބިލެއްގައިވެސް މިބިލުގައިވާ ފައިސާ 15 ދުވަހުގެ ތެރޭގައި ދެއްކެވުން އެދެމެވެ. މި މުދައްތުގެ ތެރޭގައ ފައިސާ ނުދައްކަވައިފިނަމަ އިތުރުވާ ކޮންމެ ދުވަހަކަށް ބިލްގައިވާ ޖުމްލަ ޢަދަދުގެ %2 ދައްކަންވާނެއެވެ.” މި ފަދައިން ލިޔެފައިވާ ލިޔުމާއި މެދު އެކުންފުނީގެ ފަރާތުން އިޢުތިރާޟް ކުރުމެއްނެތި ތިބުމުންނެވެ. އެހެންކަމުން އެއީ ޟިމްނީ (implied) ގޮތުން ޤަބޫލު ކޮށްގެން ތިބި ތިބުމެއް ކަމަށާއި އަދި އެކަން އެގޮތަށް ހިނގާފައި ވުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 292/HC-A/2012 ޤަޝިއްޔާގައި ކަނޑައަޅާފައިވާ ގޮތުގެމަތިން މި މައްސަލާގައި ހިމެނޭ ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމެއް ކަމަށްވެސް ބައްލަވާފައި ވެއެވެ.

އަދި (އެ އެއްބަސްވުމަށްފަހު ދެފަރާތުގެ ޢަމަލުތައް ހުރިގޮތުން) އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ޙަވާލުކޮށްފައިވާ 04 ބިލެއްގައި ބަޔާން ކޮށްފައިވާ ކުރިން ދެންނެވިފައިވާ ޝަރުޠުތަކަކީ އެދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގެ ބައެއްގޮތުގައި ހިމެނިފައިވާ، އެއަށް އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުރުމަތްތެރިކޮން ހިތަންޖެހޭ ޝަރުޠު ތަކެއްކަމަށް ޝަރީޢަތަށް ފާހަގަ ކުރެވޭ ކަމަށްވެސް ކަނޑައަޅުއްވާފައި ވެއެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންނާބެހޭ ޤާނޫނެއްނެތި ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަން ކުރި މައްސަލަ

ދިވެހިރާއްޖޭގައި މިހާރު ޢަމަލު ކުރަމުންދާ ފެހި ޤާނޫނު އަސާސީގެ ( ޤާނޫނު އަސާސީ – 2008 ) ގެ 285 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށިއިރު، ޚިދުމަތުގައި ތިބި ފަނޑިޔާރުންގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަނޑިޔާރުންނާއި ޝަރުޠު ފުރިހަމަނުވާ ފަނޑިޔާރުން ދެނެގަތުމަށްޓަކައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން 27 ޖުލައި 2010 ގައި އެކުލަވާލި މިންގަނޑުގައިވެސް ޟިމްނީ މާއްދާއެއް ހިމަނާފައި ވެއެވެ. އެ ދުވަސް ވަރު އެފަދަ މިންގަނޑެއް އެ ކޮމިޝަނުން ފާސްކުރަން ޖެހުނީ ފަނޑިޔާރުންނާބެހޭ ޤާނޫނެއް އެކުލަވާލެވިފައި ނެތުމުން، ޤާނޫނު އަސާސީގެ 149 ވަނަ މާއްދާއަށް އަދި 157 ވަނަ މާއްދާއަށް ހަވާލާ ދީއެވެ.

މި ގޮތުން އެ ލިޔުމާމެދު ވިސްނައި، ނަޒަރު ކުރިއިރު، އެ ލިޔުމުގެ 6 ވަނަ ނަންބަރުގެ (ށ) ގައިވަނީ  ފަނޑިޔާރުންނާބެހޭ ޤާނޫނެއް ނެތް ނަމަވެސް، ދިވެހި ރާއްޖޭގެ އެންމެހައި ރައްޔިތުން ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުން، ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ޢައްޔަނުކުރުމުގައި އެއްވެސް އިޢުތިރާޟެއް ކޮށްފައި ނުވާކަމީ، ޤާނޫނު އަސާސީގެ 149 ވަނަ މާއްދާގައި ބުނާ ޝަރުޠު ތަކަށް ބަލައިގެން ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނު ކުރުމަށް ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުން ޟިމްނީ އެޕްރޫވަލް ދީފައިވާކަމަށް އެއްވެސް އޮޅުމެއް ނެތް މިންވަރަށް އެނގޭ ކަމެއްކަމުގައެވެ.

އެހެންކަމުން، ފަނޑިޔާރުންނާ ބެހޭ ޤާނޫނެއް ނެތި ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނު ކުރުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޢަމަލުކުރި ގޮތުގެ ތެރެއަށް މިވަނީ ސީދާ ގޮތެއްގައި ރައްޔިތުންގެ ބަހެއް ނެތި ނަމަވެސް ޟިމްނީ ގޮތުން އެކަން ބަލައިގަނެ، ރައްޔިތުންގެ ރުހުން އޮތްކަން ޟިމްނީ ގޮތުން ހިމަނާފައިކަން އެނގެއެވެ. މި މައްސަލަ ދިރާސާކުރުމުން އެނގުނު ގޮތުގައި ޟިމްނީ ގޮތުން މާއްދާއެއް ހިމެނުން އޮތީ ހަމައެކަނި ކޮންޓްރެކްޓެއް ތަންފީޒުކުރުމުގެ ގޮތުން ނޫންކަންވެސް އެނގެއެވެ.

 ހައިކޯޓު ޤަޟިއްޔާ ނަންބަރު: 2011/HC-A/54 ގައި ޟިމްނީ މާއްދާ މާނަ ކޮށްފައިވާ ގޮތާއި ސަބަބު

މަތީގައި ހަވާލާދިފައިވާ ޤަޟިއްޔާގައި، ޟިމްނީ ގޮތުން މާނަ ކުރައްވަފައިވަނީ، ފަންނީ ގޮތުން ވަކި ހަމަތަކާއި އުޞޫލުތަކުން ނުވަތަ މަސައްކަތުގެ ކޮލިޓީވަކި ފެންވަރެއްގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެވެ. ޤަޟިއްޔާ ދިރާސާކުރުމުން އެކަން އެނގޭނޭ ސަބަބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

ދަ ގޭޓް ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށް ރައްދުވާ ގޮތަށް، މުޙައްމަދު ނަޢިމު ހ. ޓޫފްލާވަރ ގެ ފަރާތުން ދިވެހި ރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މަތީގައި ހަވާލާދީފައިވާ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯރޓުގައި ފާހަގަ ކޮށްފައިވާ ކަންކަމަށް ނަޒަރު ކުރާއިރު އެ ރިޕޯރޓުގެ 7 ވަނަ ސަފްޙާގެ ދެ ވަނަ ޕެރެގްރާފުގައިވާ ގޮތުން ޢިމާރާތެއް ކުރުމަށް ހެދޭ އެއްބަސްވުން ތަކުގައި، ކަނޑައެޅިގެން ލިޔުމުން އެނގެން ނެތްނަމަވެސް ނުވަތަ ދެފަރާތުން އެކަމަށް ކުރިން ވާހަކަދެކެވި އެފަދަ ނިޔަތެއް ނެތް ނަމަވެސް ޟިމްނީ ގޮތުން އެއްބަސްވެވޭ ކަންތައްތަކެއް ހުންނާނެއެވެ. މީގެ އެންމެ އަސާސީ ކަމެއްކަމަށް ހައި ކޯޓުގެ އެ ނިންމުން އެނގެނީ ޢިމާރާތެއް ކުރުމުގެ މަސައްކަތަކީ ވަރަށް ގިނަގުނަ ފަންނީ މަސައްކަތްތަކާއި އަދި އެހެނިހެން ޤާނޫނުތަކާއި ޤަވާޢިދުތަކުން ބަނދެވުމުގެ ތެރެއިން، ކޮންޓްރެކްޓް ވެވޭ ދެފަރާތުން ޢަމަލުކުރަންޖެހޭ ކަންތައްތަކެއް ހުރުމެވެ. އެ ގޮތުން ބަލާއިރު އެފަދަ ހުރިހާ ކަމަކީ ކޮންޓްރެކްޓްގައި ލިޔެވިފައި ސާފު ޢިބާރާތުން އެނގެން ނެތް ނަމަވެސް ޟިމްނީ ގޮތުން ކޯޓުން ބަލައިގަނެވޭނޭ ކަންތައްތައް ކަމަށް ކޯޓުން ދެކޭކަން އެނެގެއެވެ.

މަސައްކަތެއް ކުރުމުގައި ފަންނީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ރަނގަޅަށް ކުރުމަށް ކޮންޓްރެކްޓެއްގައި ބަޔާންނުކުރި ނަމަވެސް، އެއީ ފަންނީ ހަމަތަކުން ރަނގަޅަށް ކުރަން ލާޒިމުވާ މަސައްކަތުން، ކޮންޓްރެކްޓަރަށް ރެކެވޭނޭ ކަމެއް ނޫންކަމަށްވެސް ހައިކޯޓުން ކަނޑަ އަޅުއްވާފައި ވެއެވެ. އަދި ޢިމާރާތްކުރުން ފަދަ މަސައްކަތްތަކަކީ ވަރަށް ގިނަ އެހެނިހެން ޤަވާޢިދުތަކުގައި ބުނާ ކަންތައްތަކެއް ފުރިހަމަކޮށް ވަކިކަހަލަ ހުއްދަ ތަކެއް ނަގަންޖެހޭ މަސައްކަތަކަށްވާއިރު، އެފަދަ ކަންކަމަކީވެސް ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގައި ކޮންމެހެން ނުހިމެނި ނަމަވެސް ޟިމްނީ ގޮތުން ޢަމަލުކުރުން ލާޒިމު ވާނެ ކަންތައްތަކެއް ކަމަށްވެސް މި ޤަޟިއްޔާއިން އެނގިގެން ދެއެވެ.

މަތީގައިވާ ކަންތައްތަކަށް ބެލުމުން، ހައިކޯޓު ޤަޟިއްޔާ ނަންބަރު: 2011/HC-A/54 ގައި ޟިމްނީ ގޮތުން ބައްލަވާފައިވާ ކަންތައްތައް ހިމެނެނީ ޟިމްނީ މާއްދާތަކުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ، “މައްސަލައިގެ ވާޤިއާތަކަށް ބަލާފައި ހިމަނާ ޟިމްނީ މާއްދާތައް” އަދި  “ޤާނޫނީ ގޮތުން ހިމަނާ ޟިމްނީ މާއްދާތައް” މި ދެބަޔަށެވެ. އެހެނީ ޢިމާރާތްކުރުމުގެ މަސައްކަތްތައް ކުރުމުގައި ވަރަށް ގިނަ އެހެން ޤާނޫނުތަކާއި ޤާވާޢިދުން ލާޒިމުކުރާ ހުއްދަތައް ނެގުމަކީ ކޮންޓްރެކްޓަރ ގެ ޒިންމާއެއްކަން ކަށަވަރުކުރެވެއެވެ. އަދި މައްސަލައިގެ ދެ ފަރާތުގެ މަޤްޞަދަށް ބަލާއިރު ޢިމާރާތެއް ކުރަން ބަޔަކާ ޙަވާލުކުރާނީ، ކޮށް ނިންމާ މަސައްކަތްތައް ވަކިފެންވަރެއްގައި ބެހެއްޓުމުގެ މަޤާޞިދުތަކާއެކުގައެވެ. މި ޙާލަތުގައި ދެފަރާތުގެ އަޞްލު ނިޔަތަކަށްވާނީ މަސައްކަތުގެ ކޮލިޓީ ވީހާވެސް ރަނަގަޅަށް ހުރުމެވެ. އެހެން ކަމުން ހަމައެކަނި ކޮންޓްރެކްޓަރ ބޭނުން ގޮތަކަށް މަސައްކަތްކޮށްގެނެއް ދެފަރާތުގެ ޙާޤީޤީ ނިޔަތުގައިވާ މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ.

މި ޤަޟިއްޔާގައި ޟިލްމްނީ މާއްދާއެއް ހިމެނި ސަބަބު

ހައިކޯޓު ޤަޟިއްޔާ ނަންބަރު: 2011/HC-A/54 ގައި ޟިމްނީ ގޮތުން ފަންނީ މަސައްކަތްތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅުއްވާފައިވާ ސަބަބަކީ ޢިމާރާތެއް ކުރުންފަދަ ފަންނީ އެތައް މަސައްކަތެއް ހިމެނޭ ކަމެއްގައި އެފަދަ ކަންކަން ސާފުކޮށް ކޮންޓްރެކްޓްގައި ލިޔެވިފައި ނެތް ޙާލަތެއްގައި ޟިމްނީ ގޮތުން ފަންނީ މަސައްކަތްތައް އެޕްލައި ނުކޮށްފިނަމަ މަސައްކަތުގެ ވެރިފަރާތަށް ލިބިގެންދާނެ ގެއްލުންތަކުން ސަލާމަތްކޮށްދީ، މަސައްކަތް ކުރުވި ފަރާތުގެ މަސްލަހަތާއި ޙައްޤު ހިމާޔަތްކޮށްދީ ޤާނޫނީ ފަރުވާ ލިއްބައި ދިނުމުގެ ގޮތުންނެވެ. މިގޮތުން ބަލާއިރު ޟިމްނީ ގޮތުން ފަންނީ މަސައްކަތް ތަކަށް ބެލެވޭނޭ ކަމަށް ހައިކޯޓުން ފާހަގަކޮށްފައިވާ ގޮތުގައި ޢިމާރާތެއްގެ ކޮންކްރިޓްގެ މަސައްކަތްތައް ކުރުމުގައި ފަންނީ ގޮތުން ރަނގަޅަށް ނުވަތަ މަސައްކަތުގެ ކޮލިޓީ ވަކި ފެންވަރެއްގައި ހުންނަން ޖެހޭނޭ ކަމަށް ޤަބޫލުކުރާ ވަރަށް ގިނަކަންކަން ކޮށްފައިވަނީ ފަންނީ މިންގަނޑުތަކާއި އުސޫލުތަކާ ޚިލާފަށްކަން ސާބިތު ވާތީކަން އެނގެއެވެ. އަދި ޟިމްނީ ގޮތުން ފަންނީ މަސައްކަތް ތަކަށް ބެލެވޭނޭކަމަށް ހައިކޯޓުން ކަނޑަ އެޅުމުން، ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފު ވެފައިވާ ކަމަށް ހައިކޯޓުން ނިންމަވާފައި ވެއެވެ. އަދި ޟިމްނީ ގޮތުން ބަލައިގެން ފަންނީ މަސައްކަތް ތަކުގައި ފަންނީ މިންގަޑުތަކާ ޚިލާފަށް ހުރި ހުރިހާ މައްސަލަ ތަކެއްގެ ޒިންމާ ނަގަން ޖެހޭނީ، ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއަށް  ރިޢާޔަތް ކުރާއިރު، ދަގޭޓް ޕްރައިވެޓް ލިމިޓެޑް ކަމަށް ކަނޑަ އަޅާފައި ވެއެވެ.

މި ޤަޟިއްޔާގައިވާ ގޮތުން ފަންނީ ގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ފެންވަރު އެއީ ޟިމްނީ ގޮތުން ބަލައި ނުގަނެވޭނެ ނުޤުތާއެއް ކަމަށް ހައި ކޯޓުން ނިންމެވިނަމަ ކޯޓުތަކުން ބަލަންޖެހޭ ނުވަތަ ބަލަމުން އަންނަ އިޖުތިމާޢީ ޒިންމާ ނެތުމަށް މަގުފަހި ވުމުގެ ފުރުޞަތު ލިއްބައި ދިނީހެވެ. މީގެ އިތުރުން ހައިކޯޓު ޤަޟިއްޔާ ނަންބަރު: 2011/HC-A/54 ގައި ޟިމްނީ ގޮތުން ގެންނަވާފައިވާ މާއްދާ ނުހިމެނުނު ނަމަ، އެ ޤަޟިއްޔާއަށް ފަހު ހެދޭ ކޮންޓްރެކްޓް ތަކުގައި، ޢިމާރާތްކުރުން ފަދަ ބޮޑެތި ފަންނީ ކަންކަން ހިމެނޭ ކޮންމެ މަސައްކަތެއްގައި ފަންނީ ވާހަކަ ތަކުގެ ނުވަތަ ކޮލިޓީއާގުޅުންހުރި އެންމެހާ ވާހަކަތަކުގެ ތަފްޞީލު ހިމަނަން ޖެހުމުގެ ތަކުލީފު، ކޮންޓްރެކްޓް ވެވޭ ފަރާތްތަކުން އުފުލަން ޖެހޭނެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2011/HC-A/54 ގައި ދިވެހިރާއްޖޭގެ ހައިކޯޓުން، ހިމެނުއްވި ޟިމްނީ މާއްދާގެ ސަބަބުން، މަސައްކަތްތަކުގެ ވެރިފަރާތަށް ބޭނުންވާ ފެންވަރުގައި ކުރަންޖެހޭ ފަންނީ މަސައްކަތްތައް ރަނގަޅަށް ފަންނީގޮތުން ފެންވަރުގައި ނުނިމެނީސް، (މަސައްކަތުގެ ކޮލިޓީ ނެތް ނަމަވެސް) އަގު އަދާކުރަންޖެހުމުގެ “ލީގަލް ޕްރެސީޑެންސީ” އެއް ޤާއިމުވުމުން ސަލާމަތްވެފައި ވެއެވެ.

މަޢުލޫމާތު ހޯދި ގޮތް ( ރިފަރެންސް )

  1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ – 2008
  2. ކޮންޓްރެކްޓާ ބެހޭ ޤާނޫނު ( ޤާނޫނު ނަންބަރު: 4/91 )
  3. ޢަބްދުﷲ ރަޝީދު، “ކޮންޓްރެކްޓާބެހޭ ޤާނޫނު” ޤާނޫނުގެ ސިފަތަކާއި ޤާނޫނުން ލިބިދޭ ފުރުޞަތުތައް ދެނެގަތުން (ދިވެހިރާއްޖެ، ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝަރސް، ފުރަތަމަ ޗާޕު: 2015 )
  4. ޙުސްނުއްސުޢޫދު، “ދިވެހިރާއްޖޭގެ ކޮންޓްރެކްޓާ ބެހޭ ޤާނޫނު ދެނެގަތުން” (ދިވެހިރާއްޖެ، ލޯ އިންސްޓިޓިއުޓް ފުރަތަމަ ފޮޓޯ ކޮޕީ، ޖޫން 2015)
  5. ޙަމްޒާ ލަޠީފް، މޮޑިއުލް “ކޮންޓްރެކްޓް ލޯ”  (ދިވެހިރާއްޖެ، ވިލާކޮލެޖް، ލެކްޗަރަރ ނޯޓްސް، 2016) ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ، ބެޗް-10

 

  1. http://www.investopedia.com/terms/i/implied_contract.asp (މަޢުލޫމާތު ނެގީ: 29 މެއި 2016 ގެ ހަވީރު 4:03 ގައި)
  2. http://e-lawresources.co.uk/Home.php (މަޢުލޫމާތު ނެގީ: 26 ޖޫން 2016 ގެ ހެނދުނު 10:19 ގައި)
  3. http://www.gov.mv/dhi/highcourt_decisions.php (މަޢުލޫމާތު ނެގީ: 16 ޖޫން 2016 ގެ މެންދުރުފަހު 12:46 ގައި)
  4. http://jsc.gov.mv/2010/02/251 (މަޢުލޫމާތު ނެގީ: 26 ޖޫން 2016 ގެ ހަވީރު 04:26 ގައި)

 

ލިޔުނީ: ޢަބުދުއްސައްތާރު މުޙައްމަދު

ނ. މިލަދޫ އަށް އުފަން، ޢަބްދުއްސައްތާރު މުޙައްމަދުވަނީ ސަރުކާރުގެ ޚިދުމަތުގައި 20 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކުރައްވާފައެވެ. މި މުއްދަތުގައި އެރަށުކަތީބެއްގެ ހައިސިއްޔަތުން 7 އަހަރު ޚިދުމަތް ކުރައްވާފައިވެއެވެ. މިހާރު ވަޒީފާ އަދާކުރައްވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފަރާސްޓްރަކްޗަރ ގައެވެ. މިހާރު ވިލާކޮލެޖުގައި ޝަރިޢާ އެންޑް ލޯ އިން މަތީ ތަޢުލީމް ޙާޞިލުކުރައްވަމުން ގެންދަވާ ޢަބްދުއްސައްތާރު މުޙައްމަދު ވަނީ، އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިޕޮލޮމާއެއް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ވެސް ޑިޕޮލޮމާއެއް ހޯއްދަވާފައެވެ. މީގެ އިތުރުން ޢަބްދުއްސައްތާރު މުޙައްމަދުވަނީ 2004 ވަނަ އަހަރު މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓް އާއި އޭރުގެ ނުރަސްމީ ތަޢުލީމުދޭ މަރުކަޒާ ގުޅިގެން ހިންގެވި "ރައްރަށުގެ ވެރިންތަމްރީނުކުރާ ކޯސް" ބައިވެރިންގެ ތެރެއިން އެއްވަނަ ހޯއްދަވާފައެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz