ބަނޑު ހިކޭނަމަ އަދި ބޮޑުކަމުދާން އުނދަގޫވާނަމަ މިއޮތީ ދާއިމީ ފަސޭހަ ޙައްލެއް!

ބައެއް މީހުންނަކީ ޢާއްމުގޮތެއްގައި ބަނޑު ހިކިފައި ބޮޑުކަމުދާން އުނދަގޫވެ އެކަމުގައި ދަތިތަކެއް ތަޙައްމަދު ކުރަންޖެހިފައިވާ މީހުންނެވެ. މިކަން ދިމާވަނީ ހަމައެކަނީ ދޮށީ ޢުމުރުގެ މީހުންނަށް އެކަންޏެއްނޫނެވެ. އެންމެ ތުއްތު ކުދިންގެ ޢުމުރުން ފެށިގެން ޒުވާނުންނާއި، ދޮށީ ޢުމުރުގެ މީހުންނަށްވެސް މިކަން ދިމާވެއެވެ.

ބަނޑުހިކޭނަމަ އަދި ޤަވާޢިދުން ބޮޑުކަމު ނުދެވޭނަމަ ގިނަމީހުން ޑޮކްޓްރީ ބޭސް ބޭނުންކުރެއެވެ. އަދި ބައެއް މީހުން ސަނާމުކި ފަތް ކައްކައިގެން ނިދަން އޮށޯތުމުގެ ކުރިން އޭގެ ފެންބޮއެ ހަދައެވެ. މި ފަދަ ކަންކަމަކީ އާދަވެގެން އެކަން ކުރަންފަށައިފިނަމަ ދެވި ހިފާ އަދި އެއާ ނުލައި ނޫޅެވޭ ހިސާބަށް ދާ ކަންކަމެވެ.

ނަމަވެސް ބަނޑުހިކޭމީހުންނަށް ދެވިދާނެ ފަރުވާއެއްގެ ގޮތުގައި މުރަނގަފަތް ބޭނުންކުރުމަކީ ބަނޑުގެ ހަޖަމް ރަގަޅުކޮށްދީ ފަސޭހައިން ބޮޑުކަމުދެވުމުގެ އިތުރުން ހަށިގަނޑަށްވެސް އޭގެ ސަބަބުން ވަރަށް ބޮޑަށް ފައިދާކުރާނެ ފަތެކެވެ. ބޮޑުކަމު ނުދެވި ހުންނަން ޖެހިއްޖެނަމަ ނުވަތަ އުނދަގޫ ތަކެއް ވާނަމަ ކޮންމެ ދުވަހެއްގެ މެންދުރު ބަތާއެކު މުރަނގަ ފަތް (ޖޯޑެއްހާ ހުންނަވަރަށް) ބަތްކާއިރު ރޮލާ ކާށެވެ. އޭރުން މާގިނައިރު ތަކެއްނުވެ ފަސޭހަކަމާއެކު ފާޚާނާ ކުރެވިދާނެއެވެ.

މުރަނގަ ފަތަކީ ކެއުމުގައި ވަރަށް އަޅުގަނޑުމެން ގިނައިން ބޭނުންކުރާ ފަތުގެ ބާވަތެކެވެ. ރޮލާ ކެއުމުގެ އިތުރުން ތަފާތު ވައްތަރުގެ ކާނާގެ ބާވަތްތައް ތައްޔާރު ކުރުމުގައި މުރަނގަ ފަތް ބޭނުންކުރެވޭކަން ފާހަގަ ކުރެވެއެވެ. އަދި މިއީ ދިވެހިރާއްޖޭގެ ކޮންމެ ރަށަކުންވެސް ފަސޭހަކަމާއެކު ގިނަޢަދަދަކަށް ލިބެންހުންނަ ފަތެކެވެ. އެހެންކަމުން މިއީ އެއްވެސް މީހަކަށް އުނދަގޫވާނެކަމެއްކަމަކަށް ނުބެލެވެއެވެ.

މުރަނގަ ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތަކަށް ބަލާއިރު މުރަނގަ ފަތަކީ ޕްރޮޓީންގެ ރަގަޅު މަޞްދަރެކެވެ. 100 ގުރާމްގެ މުރަނގަ ފަތުގައި 9.8 ގްރާމްގެ ޕްރޮޓީން ހުރެއެވެ. މިއީ ދުވާލެއްގެ މައްޗަށް މީހަކަށް ބޭނުންވާ ޕްރޮޓީންގެ 17.5 އިންސައްތަ އެވެ. ހިއްކާ މުގުރާފައި ހުންނަ މުރަނގަ ފަތުގައި އެތައް ބައިވަރު އެމިނޯ އެސިޑް ހުންނާނެ އެވެ. މުރަނގަ ގަހުގައި ހުންނަ ޅަކުރިތަކުގެ ފަތްތަކަކީ ވިޓަމިން އޭ އިން މުއްސަދިވެފައިވާ އެއްޗެކެވެ. 100 ގްރާމުގެ މުރަނގަ ފަތުގައި 7564 އިންޓަނޭޝަނަލް ޔުނިޓްގެ ވިޓަމިން އޭ އެކުލެވިގެން ވެއެވެ. ވިޓަމިން އޭ އަކީ ތަފާތު އެތައް ފައިދާތަކެއް ހަށިގަނޑަށް ފޯރުކޮށްދޭ އެންޓިއޮކްސިޑެންޓެކެވެ. އެގޮތުން ވިޓަމިން އޭ އިން ލިބިދާނެ ފައިދާތަކުގެ ތެރޭގައި، ހަށިގަނޑުގައިވާ ތެތްދުލިފަށަލަތަކަށް ލިބޭ ގެއްލުންތައް މަރާމާތުކޮށް ރަގަޅުކުރުން، ދިފާޢީ ބާރު ރަގަޅުކޮށްދިނުން، ލޮލުގެ ފެނުން ރަގަޅުކޮށްދިނުން އަދި ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz