9 ޑިސެމްބަރ – ލަންދުއަށްވެސް މާޅެންދުއަށްވެސް ބޮޑުދުވަހެއް!

މިހިނގާ ޑިސެމްބަރ މަހުގެ 9 ވަނަދުވަސް ވެގެންދާނީ ނ.މާޅެންދޫ އަށާއި، ނ.ލަންދޫއަށް ވަރަށް ތާރީޚީ ބޮޑުދުވަހެއްކަމަށް އެ ދެރަށުގެ ރައްޔިތުންނާއި، ޚާއްޞަކޮށް ދެރަށުގެ ޒުވާނުން ބުނަމުން އެބަދެއެވެ.

މި ދެރަށުގެ މީހުން މިގޮތަށް ބުނަމުން އެދަނީ ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވުމަށް ފަހުގައެވެ.

ސިޔާމް މައުރޫފް ކަޕްގައި މާޅެންދޫ ސަޕޯޓަރުން ސަޕޯޓްކުރަނީ / ފޮޓޯ: ސިޔާމް މައުރޫފްކަޕް އެފްބީ ޕޭޖް

ނ.މާޅެންދޫގައި މިހާރު ކުރިއަށްދާ ދިވެހިރާއްޖޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތުގެ ކްއާޓަރ ފައިނަލަށް ދަތުރުކުރި 8 ޓީމް އިއްޔެ ކަށަވަރު ވެފައިވާއިރު އަދި އެ ޓީމް ތަކުގެ ކުޅުން ހަމަޖެހިފައިވާ ގޮތުން ކްއާޓަރ ފައިނަލްގެ އެންމެ ފޯރިގަދަ ވާނެކަމަށް ބެލެވޭމެޗަކީ ގިނަބަޔަކު ޤަބޫލުކުރާގޮތުގައި މާޅެންދޫ އާއި ލަންދޫ ވާދަކުރުމަށް ހަމަޖެހިފައިވާ މެޗްކަމަށް ބެލެވެއެވެ.

ކްއާޓަރ ފައިނަލްގެ މެޗްތަކުގެ އެންމެ ފަހުމެޗަށް މިދެރަށުގެ މެޗް ވެފައިވާއިރު ޓީމްތައް ވާދަކުރަންޖެހޭ ގޮތަށް ބަލާއިރު އަދި ފާއިތުވެ ދިޔަތާންގައި މި ދެޓީމް ބައްދަލުކުރި މެޗްތަކަށް ބަލާއިރު ފެނިގެންގޮސްފައިވަނީ ދެޓީމުންވެސް ވަރަށް ހަމަހަމަ ކުޅުމެކެވެ.

މިހާރު ހިނގަމުން މިދާ ސިޔާމް މައުރޫފް ސޮކަރ ކަޕްގައި އަދި މިހާތަނަށް މިދެޓީމް ވާދަކޮށްފައި ނުވިނަމަވެސް މީގެ ކުރީގެ ބައެއް މުބާރާތް ތަކުގައްޔާއި، އެކުވެރިކަމުގެ މެޗްތަކުގައި މިދެޓީމްވަނީ އެކިފަހަރުމަތިން ވާދަކޮށްފައެވެ.  އެކުވެރި ކަމުގެ ގިނަމެޗްތަކެއް ކުޅެ މާޅެންދޫ ލަންދޫ އަތުން ބަލިވެފައިވީނަމަވެސް އެންމެ ފަހުން މިދެރަށް ބައްދަލުކުރި އެކުވެރި ކަމުގެ މެޗްވަނީ ލަންދޫގައި ކުޅެ 3 – 1 ން މާޅެންދޫ އެ މެޗް ކާމިޔާބު ކޮށްފައެވެ.

އަދި އެންމެ ފަހުން ބޭއްވި މިނިވަން ޗެމްޕިއަން ޝިޕް ގެ ނ.އަތޮޅުގެ ޗެމްޕިއަންކަންވެސް ވަނީ މާޅެންދޫ ނަގާފައެވެ.

ލަންދޫ ޓީމަށް ބަލާއިރު އެޓީމުންވެސްވަނީ މިނިވަން ޗެމްޕިއަން ޝިޕް 2016 ގައި ފައިނަލްގައި ނ.އަތޮޅުގެ އެންމެ ވަރުގަދަ ހޮޅުދޫ ފުޓްބޯޅަ ޓީމާއި ބައްދަލުކޮށް ކުޅުނު ދެމެޗުގެ ނަތީޖާއިން މޮޅުވެ 2016 ވަނައަހަރުގެ ނ.އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި ޝިޔާމް މައުރޫފްކަޕްގެ 2014 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައިވެސް ލަންދޫ ޓީމް ވަނީ ކުޅެފައެވެ.

9 ޑިސެމްބަރ ވާ ހޮނިހިރު ދުވަހަކީ މި ދެރަށުގެ މީހުންނަށް ބޮޑުދުވަހަކަށް ވެފައިމިވަނީ ހަމައެކަނި ފުޓްބޯޅައިގެ ތާރީޚް ގައި މިދެޓީމް ހޯދާފައިވާ ކާމިޔާބީ ތަކުގެ ސަބަބަކުންނޫނެވެ. އެހެނެއްކަމަކު ޒަމާނުއްސުރެ މިދެރަށުގެ ރައްޔިތުންނަކީ އެކިއެކި ކަންކަމުގައި ވާދަކުރަމުން އައިސް މިއަދާހަމައަށްވެސް އެކަން އެގޮތުގައި ދަމަހައްޓަންބޭނުންވާ ބަޔަކު ދިރިއުޅޭ ދެރަށަށް ވުމުންނެވެ. ޢުމުރާނީ ތަރައްޤީއާއި، ތައުލީމީ އަދި ފަންނީ ޤާބިލް ކަމުގައި މިދެރަށުގެ ރައްޔިތުން އެއްބަޔަކު އަނެއްބަޔަކަށް ފާޑުކިޔާ ހަޖޫޖެހުންކަހަލަ ކަންކަން މާޒީގައި ހިނގާފައިވާކަން ތަރީޚީ ފަތްފުށްތަކުން ސާބިތުވެއެވެ. އެކަމުގެ ސަބަބުން ވަރަށް ހިތާމަވެރި ޙާދިސާތައްވެސް ދެރަށުގެ ރައްޔިތުންގެ މެދުގައި ހިނގާފައިވާކަމީ ޤަބޫލުންކުރަން ބޭނުންނުވިޔަސް ޙަޤީޤަތެވެ. އަދި ދެރަށުގެ ހަރުކުލައިގެ މީހުންގެ ވާހަކަ ތަކުން އެނގޭ ޙަޤީޤަތަކީ ފެށުނީއްސުރެވެސް ކޮންމެކަމެއްގައިވެސް މިދެރަށުގެ ވާދަވެރިކަން އިންތިހާއަށް ގޮސްފައިވާކަމެވެ.

ސިޔާމް މައުރޫފް ކަޕްގައި ލަންދޫ ސަޕޯޓަރުން ސަޕޯޓްކުރަނީ / ފޮޓޯ: ސިޔާމް މައުރޫފްކަޕް އެފްބީ ޕޭޖް

އެހެން އެކަން އޮތްނަމަވެސް އަދި ދޭތެރެދޭތެރެއިން ދެރަށުގެ ދެމެދުގައި އެކިއެކި މައްސަލަތައް ޖެހުނުނަމަވެސް މިދެރަށުގެ ރައްޔިތުންނަކީ ނުހަނު އެކުވެރި އެއްބައިވަންތަ ރައްޔިތުން ތަކެކެވެ. އޭގެ ހެއްކެއްގެ ގޮތުން އެއްރަށެއްގައި ކުރެވޭ ބޮޑެތި މަސައްކަތްތަކުގައި އަނެއްރަށެއްގެ ރައްޔިތުން އެހީތެރިވާން ދިއުމާއި، އެއްބަޔަކަށް ދިމާވާ ކުއްލި ކާރިސާ ތަކުގައި އަނެއްބަޔަކު ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަކީ މިދެރަށުގެ ރައްޔިތުންގެ ޚާއްޞަ ސިފައެވެ. މިއީވެސް މާޒީގައި ވެސް އަދި މިހާރުވެސް މިދެރަށުގެ ރައްޔިތުން ދައްކައިދެމުންދާ ރީތި ނަމޫނާއެކެވެ.

ކޮންމެއަކަސް ސިޔާމް މައުރޫފް ކަޕްގެ ކްއާޓަރ ފައިނަލްގެ ބޮޑުމެޗަށް މާޅެންދޫވެސް އަދި ލަންދޫވެސް ތައްޔާރުވަމުންދާއިރު ކޮންމެ ޓީމަކުންވެސް ތައްޔާރުވަމުންދާނި ސީދާ ކާމިޔާބީއަށްކަން ޔަޤީނެވެ. މެޗްގެ 90 މިނިޓް ނިމުމުގެ ކުރިން މެޗްގެ ނަތީޖާނެރެ އެއްޓީމުން އަނެއްޓީމް ބަލިކުރެވޭތޯ އެކަމުގެ އަޒުމުގައެވެ. އަދި ދެރަށުގެ ރައްޔިތުންވެސް ތިބޭނީ މި މެޗަށްޓަކައި ކެތްމަދުވެފައިވާ އިންތިޒާރީއެއްގައެވެ.

ޕެނެލްޓީޖަހައިގެންވެސް ކްއާޓަރގެ މެޗްތަކުގެ ނަތީޖާ ނެރޭނެތީ އެނގި ކަށަވަރުވާކަމަކީ މި މެޗް އެއްވަރު ނުވާނެކަމެވެ. ކޮންމެވެސް އެއްބަޔަކު މޮޅުވާނެކަމެވެ. ބޮޑު ދުވަހުގެ ބޮޑުމެޗްގެ ނަތީޖާވެސް އެނގޭނީ ހަމަ ކުޅެލީމައެވެ. އެދުވަހަށް އިންތިޒާރު ކުރަމާ ހިނގާށެވެ.

ލަންދޫއާއި އެންމެކައިރީގައިވާ އަދި އެންމެ އެކުވެރި މާޅެންދޫ ގެ ރައްޔިތުންނަށާއި އަދި “މާޅެންދޫ އެފްޓީ” ފުޓްބޯޅަޓީމަށާއި، ލަންދޫގެ އެކުވެރި އެއްބައިވަންތަ އެއްޓީމެއްގެ ގޮތުގައި ވާދަކުރާ “ޓީމް ލަންދޫ” ގެ ކުޅުންތެރިންނަށްވެސް ކާމިޔާބީއަށް އެދެމެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެއްވެސް މެޗަކުން ބަލިނުވެ މިލަދޫއިން ޗެމްޕިއަންކަން ހޯދައިފި

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިލަދޫޓީމުން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދައިފިއެވެ. މިއީ ނ.އަތޮޅުގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz