300 މިލިޔަން ރުފިޔާނަގަން ޖެހުނީ ކުރީ ސަރުކާރުން ކަންކޮށްފައިވާ ގޮތުން- އައްބާސް

ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ނުހިމަނާ ހަތަރު ބިލިޔަނެއްހާ ރުފިޔާ ކުރީ ސަރުކާރުން ޚަރަދުކޮށް، އެކިއެކި ބިލްތަކަށް ފައިސާ ނުދައްކާ އެބަހުރިކަމަށާއި، އޭރުގެ ސަރުކާރުން ދައުލަތުގެ ބައިތުމާލު ބޭނުންކޮށްފައިވަނީ ގާނޫނޫތަކުން ބޭރުން އެބޭފުޅުން ބޭނުންވާ ކަންތައްތަކެއް ކުރުމަށްޓަކައި ކަމަށް ސަރުކާރުން ބުނެފިއެވެ.

ދައުލަތުގެ ބަޖެޓް ސަޕޯޓެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އިން ނެގުމަށް ސަރުކާރުން ނިންމާފައިވާ ތިންސަތޭކަ މިލިޔަން ރުފިޔާގެ ލޯނާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވީ ޑރ. ވަހީދުގެ ސަރުކާރުން މިއަދު ތިންސަތޭކަ މިލިޔަން ރުފިޔާގެ ލޯނެއް ނަގަންޖެހުނީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ޕްރޮގްރާމް ބަޖެޓެއްކަމަށް ބުނެ ފާސްކޮށްފައިވާ ބަޖެޓުގެ ބޭރުން ޚަރަދުތައްކޮށް، އިންތިހާއަށް ދައުލަތުގެ ދަރަނި ބޮޑުކުރުމާއި ގުޅިގެން އެދަރަނިތައް ދެއްކުމުގެ ބޭނުމުގައިކަމަށެވެ. އެގޮތުން ސާކް ސަމިޓްގައި ރައްޔިތުން ލައްވާ ކުރުވާފައިވާ މަސައްކަތްތަކަށް ފައިސާ ނުދައްކާ ހުރި ބިލްތަކާއި، ސިއްޚީ ޚިދުމަތުގެ ބިލްތަކާއި ދަތުރުފަތުރުތައް ކުރުމަށްފަހު ފައިސާ ނުދައްކާހުރި ބިލްތައް އިންތިހާއަށް ގިނަކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ ރައްޔިތުން ލައްވާ މަސައްކަތް ކުރުވުމަށްފަހު އެއަށް އުޖޫރަނުދިނުމަކީ ޑރ.ވަހީދުގެ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށާއި، ކޮންމެ ގޮތަކަށް ފައިސާދޭންޖެހުނަސް ރައްޔިތުުންނަށް އެފައިސާ ދެއްވާނެކަމަށެވެ. އައްބާސް ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ކޮށްފައިވާ ކަންކަމުގެ ސަބަބުން ދައްކަންޖެހޭ އެއްވެސް ފައިސާއެއް ދެއްކުމަށްޓަަކައި ރައީސް ޑރ. ވަހީދުގެ ސަރުކާރުން ދައުލަތުގެ އެއްވެސް ހަރު މުދަލެއް ނުވިއްކާނެކަމަށެވެ. އައްބާސް ވިދާޅުވީ ޕްރޮގްރާމް ބަޖެޓްގެ ނަމުގައި ކުރީ ސަރުކާރުން ފާސްކޮށްފައިވާ ބަޖެޓަކީ މިހާރު އޮޅުން ބޮޅުންގަނޑެއްގެ ތެރޭގައިވާ ބަޖެޓެއްކަމަށެވެ.

ރާއްޖޭގެ ދިމާވެފައިވާ އިގްތިސޯދީ ހާލަތާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ގައުމުއްގެ އިގްތިސޯދު ހަލާކުވެގެންދިއުމުގެ އެންމެ ބޮޑު އެއްސަބަބަކީ ވެރިކަމުގެ ގޮނޑި ހެލުންކަމަށާއި އެކަން އެގޮތަށްވެއްޖެނަމަ އިގްތިސޯދު ހީނަރުވެގެންދާނެކަމަށެވެ. އަދި ވެރިކަން ރަނގަޅުވާ ވަރަކަށް އިގްތިސޯދުވެސް ރަނގަޅުވެގެންދާނެކަމަށް އައްބާސް ވިދާޅުވިއެވެ. އައްބާސް ވިދާޅުވީ ވަސީލަތްތައް ލިބި، އޭގެ ބޭނުން ރަނގަޅުގޮތުގައި ނުހިފުމުގެ ނަތިއްޖާ މިއަދު ކުރީގެ ރައީސް ނަޝީދު އުފުލަވަމުންދާކަމަށެވެ.

މަސްދަރު: ދިޓީވި

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz