3 ރޭ

3reyފިރުކެމުން ދިޔަ ވިލާ ތަކުން އުޑުމަތީގެ ސާފުކަން ބަނަކުރުމަށް ތައްޔާރުވާ ކަމުގެ އިންޒާރު ދެމުންދިޔައެވެ. އިރުގެ އަލިކަން ފަޑުކުރަމުން ދިޔަ ވަގުތުކަމަށް ވީތީޔާއިއެކު އެ އަނދިރިކަމަށް އިތުރުވީ ވިއްރާސާގެ ކަޅުވިލާތަކެވެ. އާދައިގެ މަތިން ޒިދުނާ ނިކަން ޒީނަތްތެރިވެގެން އެނާގެ ލޯބިވެރިޔާގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުރީ ބޮޑުމަގު މެދުގައެވެ. ވިލުނޫ ކުލައިގެ އަރިފެޅިހެދުމަކާއި ކަޅު ހަރުވާޅެއް ލައިގެން ފަށުވި ދޯޕައްޓާއެއް ކަރަށް މަހާލައިގެން އޭގެ އެއް ކޮޅުގެ ކަން، އޭނާގެ ބޯކިރު ކުލައިގެ ދައްތަކުގެ ތެރޭގައި ތާށިކޮށްލައިގެން މަޑުމަޑުން ހަފާލަ ހަފާލަ ހުންނަތާ ފަނަރަ ވަރަކަށްމިނެޓް ވީ ފަހުން، ލޮލުގެ ކޮޅާ ކޮޅުން ކޮންމެވެސް މީހެއް އަންނަތީ ފެނިގެން ހަލުވި ހިނގުމެއްގައި އެދިމާއަށް އޭނާ މިސްރާބު ޖެހިއެވެ.
އެނާ އެދިމާލަށް ހިނގަން ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް އެމީހަކާއި ބޮޑުމަގުން ބައްދަލުވިއެވެ. ކަންދިމާވި ގޮތުން ޒިދުނާ މުޅިން މާޔޫސް ވެގެން ކަރުއެލުނެވެ. އެނާ ހީކުރީ އެމީހަކީ ސާހިދު ކަމަށެވެ. އޭނާ ވީ ފޫއްސެއްގެ ބޮޑުކަމުން އެނބުރި ގެއަށް އައުމަށްޓަކައި ހިނގައި ގަތް ވަގުތު، ވިދާލި ވިދުވަރަކާއި އެކު މުޅި އުޑުމަތި ނުހަނު އަނދިރިކޮށް އޮއްވާ އަލިވެގެން ދިޔައެވެ. ޒިދުނާ ނިކަން ބިރުން ހުރެ ފިސާރި ބާރަށް ދުއްވައިގަތެވެ. އޭރު އޭނާގެ ހިމަ ހޯލިތަކެއްފަދަ އިނގިލިތަކުން ދެކަތްފަތުގައި އަތްއަޅާ ބައްދުކޮށްފާ ވަނީ އިވެން ތައްޔާރުވާ ބިރުވެރި ގުގުރީގެ އަޑަށެވެ. ދެތިން ފަހަރު އިތުރަށް ވިދާލުމަށްފަހު ގުގުރީގެ އަޑުފަށްގަނޑު މަޑުމަޑުން ބާރުވަމުން ދިޔައެވެ. ނާހަން ކިތައްމެ ހިތްވަރެއްކުރިޔަސް އިވޭހާ ބާރަށް ޖަހާލި ގުގުރިޔާއެކު ވާރޭ ވެހެން ފެށިއެވެ.
ވައިރޯޅިވެސް ކުޑަކޮށް ގަދަވެލީ އެވަގުތުއެވެ. ޒިދުނާއަށް ގެއަށް އާދެވުނު އިރުވެސް ވާރޭ ތުނިކުރާކަށް ނޫޅެއެވެ. އޭރު މަޤްރިބު ނަމާދު ބައްގީގެ އަޑުވެސް ކައިރީ ހުރި މިސްކިތުން ގޮވާ އަޑު ކޮންމެވެވެސް ވަރަކަށް އިވެމުންދިޔައެވެ. ޒިދުނާގެ ބައްޕަ ކޮރު ހިނގުމެއްގައި ކަޅުކުލައިގެ ކުޑައެއް އަޅާއިގެން މިސްކިތައް ދާން ނިކުތީވެސް ހަމަ އެވަގުތުއެވެ. ” ދަރިފުޅާ! ތެމިފޯވެގެން ކޮންތާކަށް ގޮސްފަތަ ތިއަންނަނީ؟” އަވަސް ރާގެއްގައި ޒުބޭރު އެނާގެ ދަރިފުޅުކުރެން އެއްސެވެ. “ނުދަން މާ ދުރަކަށް” ޒިދުނާ ދިނީ ކުރު ޖަވާބެކެވެ. އަވަހަށްގޮސް ތެއްބާލައިގެން ނަމާދުކޮށް ޤުރުޢާން ކިޔެވުމަށް ނަޞޭހަތް ދިނުމަށްފަހު ޒުބޭރު ހިނގައްޖެއެވެ.
އާދައިގެ މަތިން ޒިދުނާ އޭނަގެ މަންމަޔާއި އެކު ނަމާދުކުރުމަށް ދޮޅިއަޅާ ތައްޔާރުވެލިއެވެ. އެވަގުތު އޭނާގެ މަންމަ މެދުގޭތެރޭގައި އިލޮށިފަތިން ފެންތައް މައިދޮރުން ބޭރަށް ކަހަމުންދިޔައީ ނިކަން މަޑުމަޑުންނެވެ. ތަޅަންގަނޑުގާއި ފެންހެދިގައި ވުމުން އެފެންތައް މެދުގޭތެރޭގައި ދަމާފައިވާ ރޯނުގައި ހުރި އަންނައުތަކަށް ހަޑިފެން ބުރާފާނެކަމަށް ވިސްނިގެންނެވެ. އެފެނަކީ ގޭގެ ފުރާޅުގައި ހުރި ހަލާކުވެފައިވާ ތަންތަނުން ގޭތެރެއަށް ފައިބަމުންދިޔަ ފެނެކެވެ. މިއީ ވާރޭ ކޮޅެއް ވެހިއްޖެ ދުވަހެއްގެ ޙާލެވެ. ޒިދުނާވެސް އެކަމުގައި މަންމައާއިއެކު ބައިވެރިވެ، ބޮޑުއަށީގައި ހުރި ފެންތައް ފޮހެލުމަށްޓަކައި ބައްޕަ ލާ މުންޑުތަކުގެ ތެރެއިން ބައުވެފައިވާ މުންޑެއް ބޮޑުކޮޓަރި ރޯނުން ހިފައިގެން އައެވެ. އޭރު މަންމަ ވަނީ ގޭތެރޭގައި މާލޫދަކަށް ކައްކައިގެން އުޅޭހެން ތެލިތަކާއި ތަށިތައް އަރުރާލަފައެވެ.
ދެމައިން ނަމާދު ކުރަމުން ދިޔައިރު ތަސްބީޙައެއްހެން އިވެމުން ދިޔައީ ލޯތަށިތަކަށާއި ތެލިތަކަށް “ޓިއް ޓިއް” ކިޔާ ފެންތިކި ތަޅަމުން ދާ އަޑެވެ. ނަމާދުކޮށް ނިމުމުން ޤުރުއާން ކިޔަވަން ފެށިއެވެ. އެއީ އެރަށު މީހުންގެ ޒަމާންވީ އާދައެކެވެ. ސަބަބަކަށް ވެފައިވަނީ ކުރީ ޒަމާނުން ފެށިގެންވެސް އެރަށާއި އަތޮޅުގެ އެހެން ރަށްތަކަށް ވެސް ތަފާތު އެކި ކަހަލަ ބިރުވެރި ނުރައްކާތެރި ހާދިސާތައް ކުރިމަތިވެފައި ވާތީއެވެ. ގިނަބަޔަކު އެކަހަލަ ހާދިސާތައް ޤަބޫލުކުރިޔަސް ނުކުރާ މީހުން ވަކި މަދެއްނޫނެވެ. ވެދާނެއެވެ. ބައެއް މީހުންނަށް އެބައި މީހުން ބިރުންތިބޭ ތީ ފެންނަ ބިރުވެރި މަންޒަރު ތަކަކީ އެންމެ ފަހު ވަޤުތު ޙިޔާލީ ފުލޯކަކަށް ވެފާވާތީއެވެ. ނުވަތަ ބައެއް ފަހަރު މީހުން ބިރުގަންނުވަންވެސް އެޒާތުގެ ނާމާން ވާހަކަ ކިޔައިދޭ މީހުންއުޅޭ ކަމަށް ޤަބޫލުކުރާތީއެވެ.
ކޮންމެއަކަސް އިސްދޫ ކަލައިދޫ އަކީ ބިންބޮޑު މާރަށެކެވެ. ރަށުގެ ތާރީޚް ގައި ލިޔެފައިވާ ގޮތުން އެރަށުގައި ފުރަތަމަ މީހުން ދިރިއުޅުނީ އިހައްދޫ ކިޔާ ވަކި ހިސާބެއްގައެވެ. ރަށް ގިރުމުގެ ސަބަބުން އެއަވަށުގެ މީހުން ރަށުގެ ދެކުނަށާއި އުތުރަށް ބަދަލުވިއެވެ. މިދެއަވަށުގެ ދެމެދުގައި ގާތްގަނޑަކަށް ވިއްސަކަށް ކިލޯމީޓަރުގެ ދުރުމިން ހުރި ރާސްތާ މަގެއް އޮވެއެވެ. އެއީ އިސްދޫއާއި ކަލައިދޫ ކިޔާ ދެ އަވަށަށެވެ. ޒަމާންވީ މީހުންގެ ވާހަކަތަކުން އެނގޭ ގޮތުގައި އެރަށުގައި ތަފާތު އެކިނަން ކިޔާ މަގުތަކެއް މިދެއަވަހުގެ ދެމެދުގައި އޮވެއެވެ. އެނަންތައް ދެވުނީ އެކި އެކި ހާދިސާތަކާއި ގުޅުވައިގެންނެވެ. އެގޮތުން “ފުރޭތަ ދުށް މަގު” މިނަން ކިޔާ މަގެއް ކަލައިދޫ އާއި ދުރު ހިސާބެއްގައި އޮވެއެވެ. މިނަން މިމަގަށް ދެވުނީ އެ މަގު އޮންނަ ހިސާބުން ފުރޭތަކަހަލަ ޖިންނި ފެންނާތީއޭވެސް ބުނެވެއެވެ.
ގަޑިން 8 ޖެހުމާ ގާތްވެދާނެއެވެ. ޒުބޭރުވެސް މިސްކިތުން ގެއަށް އައީ ވިއްސާރަކޮށް އުޅޭތީ، ޢިޝާވެސް ކޮށްގެނެވެ. ދެމައިން އަޅުކަމުގެ ކަންތައް ނިންމާލުމަށްފަހު ރޭގަނޑުގެ ކެއުން ތައްޔާރު ކުރަން އުގެންފިއެވެ. ވިއްސާރަވުމުން ބަދިގެގަނޑުގައި ކެއްކޭނެ ގޮތެއް ނެތެވެ. ދަރުތައް ހުރީ ތެމިފައެވެ. ނަސީބަކުން މަންމަ އަސުރު ކެއްކި ބަތް ކޮޅަކާއި ކޮލުފެން ކޮޅެއް ބާކީ ހުއްޓެވެ. ތިން މައިން ކެއުމަށް އިންސާފުކުރަމުން ދިޔައީ ދިރިއުޅެމުންދާ ނިކަމެތި ޙާލުން މިންޒުވާނެ ދުވަހަކަށް ފޮނި އުއްމީދުތަކެއް ކުރަމުންނެވެ. ޒުބޭރު އޭނާގެ ދަރިފުޅުގެ ކައިވެނީގެ ވާހަކަ އަންހެނުންނާއި ޙިއްސާ ކުރީވެސް އެރެއެވެ. އެމީހުން އެކައިވެންޏާއި ނުހަނު ޤަބޫލެވެ. ޔަޤީނެވެ. އެއާއިލާއަށް ތަނަވަސް ކަމާއި އުފާވެރިކަން ލިބުން ގުޅިފައިވަނީ ސާހިދާއެވެ. އޭނާއަކީ ކަލައިދޫގެ ނަން ހިނގާ މައްޝޫރު މުއްސަނދި އާއިލާއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. އެދެކުދިން ލޯބީގެ ގޮތުން ގުޅުނު ފަހުން ކޮންމެވެސް ވަރެއްގެ އެހީތަކެއް ދިޔައީ ޒިދުނާގެ އާއިލާއަށް ލިބެމުންނެވެ.
ގުޅުމެއް ގިނަދުވަހު ދެމިގެންދަނީ އެ ގުޅޭ ދެ މީހެއްގެ ދެމެދު އުފެދޭ ޖަޒުބާތުތަކެއްގެ އަސަރުގައި ނިކަން ވަރުގަދަ ފަންވަރެއްވެސް ހުރެގެންނެވެ. މިއީ އެދެ ލޯބިވެރިން ނިކަން ޤަބޫލުކުރާ އުސޫލެކެވެ. ޒިދުނާއަކީ އިސްދޫ އަވަށުގައި އުޅޭ ކުއްޖެއް ކަމުން ދެ މީހުންނަށް މާގިނަ ގިނައިން ބައްދަލު ކުރެވޭ ގޮތެއް ނޯވެއެވެ. އެއްދުވަހުކު މި ދެމީހުން ލޯބީގެ ބައްދަލުވުންތައް ބޭވުމަށްޓަކައި ވަކި ޚާއްސަ ތަނެއް ގޮތުގައި “ފުރޭތަ ދުއް މަގު” ޙިޔާރުކުރިއެވެ. އަދި ކޮންމެ ރެއަކުވެސް ދެނަމާދު ވަގުތު އެ މަގަށް އައުމަށް ޒިދުނާއަށް ސާހިދު ދަޢުވަތު ދީފިއެވެ. ޒިދުނާ ވީ އުފަލެއްގެ ބޮޑުކަމުން އޭނާގެ ރީތި ނަލަނަލަ އިސްތަށިގަނޑުގައި އިން ފޮޅިފައިވާ ފިނިފެންމާ ރަކި ހިނިތުންވުމަކާއިއެކު ސާހިދަށް ހަދިޔާކުރިއެވެ.
ޖެހިގެން އައި ދުވަހުގެ ރޭ މަޤްރިބު ނަމާދަށް ގޮވުމުގެ ކުރިން ޒިދުނާ އެނާގެ ލޯބިވެރިޔާއާއި ބައްދަލުކުރުމަށްޓަކައި ގެއިން ނިކުމެގެން ބޮޑުމަގުން ހިނގަމުން ދަނީއެވެ. އޭރު ސާހިދުވެސް ފެންވަރާ ނަލަވެލައިގެން ޒިދުނާއަށް އަގުބޮޑު ހަދިޔާއެއް ހިފައިގެން އެ މަގަށް އައުމަށް ތައްޔާރުވަނީއެވެ. ޒިދުނާ އަވަސް ހިނގުމުގައި ހިނގާފައި ދިޔައިރު އެމަގުގައި ވަނީ އޭނާގެ ދޯޕައްޓާގައި އުނގުޅާފައިވާ އަތަރުގެ މީރުވަސް ހިފާފައެވެ. އެހިސާބަށް ދެވުނުއިރު އިރުއޮއްސި އުޑުމަތީގެ މަންޒަރު، ރަތްރީދުލުގެ ވިލާތަކަކުން އެދެ ލޯބިވެރިންގެ ނަން ފަވަމުން އެމީހުންނަށް މަރުހަބާ ކިޔަމުން ދިޔަ ކަހަލައެވެ. ޒިދުނާ އަވަސް ކަޅިއަކާއެކު ސާހިދު ކޮބައިތޯ ބަލާލިއެވެ. އޭރު އަދި ސާހިދެއް ނާދެއެވެ. އެހެންވެ ޒިދުނާ އެތާ ހުރި ނިކަގަހެއްގައި އެލުވާފައިވާ ފޮތި ޖޯލެއްގައި އޮށޯވެ ލައިގެން އޮވެ ހެއްލަމުން މަޑުމަޑުން ލަވައެއް ކިޔަމުން ދިޔައެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި ސާހިދުއެތަނަށް އައީ ޒިދުނާ އެންމެ ބޭނުންވާ ހަދިޔާ ހިފައިގެންނެވެ. ލޯބީގެ ދަރުބާރު ހުވާލުމަށްފަހު ފެށުމުގެ ގޮތުން ޒިދުނާގެ ވާތުގެ ހިމަ ތޮޅިއެއްފަދަ ކަށިއިނގިލީގައި ރަން އަގޮނޓެއް އަޅުވާލަދިނީ ނުހަނު ލޯބިންނެވެ. ހަމަ މިއުސޫލުން ދެވަނަރޭވެސް މި ދެ ލޯބިވެރިން ބައްދަލުކޮށް ލޯބީގެ އެކިއެކި ވަޢުދުކޮށް ޒިދުނާގެ ކަނާއަތުގައި ބަބުޅާ ވިދާ ރިހިކެވެލިކޮޅެއް އަޅުވަދިނީ ވަކިވުމަށް ތައްޔާރުވެލުމަށްފަހުއެވެ. އޭރު މެންދަމު 12 ޖެހުމާއި ކައިރިވަނީއެވެ. ޒިދުނާ ގެއަށް އަންނަނީ، އެކަނި އަންނަން ބިރުން ސާހިދުއާއި އެކުއެވެ. ކިތަންމެ ލަހުން އައިނަމަވެސް ޒިދުނާ ހުރީ ސާހިދާއެކު ކަން އެނގުމުން އޭނާގެ މައިންބަފައިން ޝަކުވާކުރުމުގެ ބަދަލުގައި ހިނިތުންވެލަނީ، ކައިވެނީގެ ރަންކިޔާފައި ވާތީއެވެ.
ލޯބީގެ ދަރުބާރުގެ ތިންވަނައަށްވީރޭ ސާހިދު ބޭނުންވީ ޒިދުނާއަށް ނޭނގި އޭނާގެ ކަރުގައި ރަންފަށެއް އެޅުވުމަށެވެ. އެހެންވެ އޭނާ އެރޭ ދުރާލާ ކުރިން ތައްޔާރުވެލައިގެން އައިސް ހުރީ ނިކަގަސްދޮށުގައެވެ. ކުއްލިއަކަށް އޭނާގެ ނޭފަތަށް އުނދަގޫ ކުރިވަހަކަށްވީ އާދަޔާ ހިލާފަށް ދުވަމުންދިޔަ ފަރުހަކި ވަހެވެ. އޭނާ އަވަސް އަވަހަށް ފަރާތް ފަރާތަށް އެނބުރިބަލަންފެށިއެވެ. އޭނާއަށް އެނގިފައިވާ ގޮތުން އެވަހަކީ، ކޮންމެވެސް ނާމާންކަމެއްގެ ފެށުމެވެ. އެހެންވެ އޭނާ އެމަގުން ހޭޅިފަށާއި ދިމާލަށް ހިނގާލުމާއި އެކު މަގުލާއި ކުރެދި ގަސްތަކުގެ ތެރެއިން ފެނުނީ އިހައްދޫއާއި ދިމާ ތޮށިމަތީގައި ހުރި ބިޔަ ކަޅުކުލައިގެ އެންދެރިގަނޑެއް ހެންހުރި ފުރޭތައެކެވެ. އޭތި އަވަދިނެތި ކަމުންދިޔަ ފަރުމަސްތައް ކެއުން ހުއްޓާލުމަށްފަހު ކުއްލިއަކަށް ޤައިބުވެއްޖެއެވެ. މުޅި މަޢުހައުލަށް ވެރިވެފާވަނީ ނާމާން ހަމަހިމޭންކަމެވެ.
ސާހިދު ބިރުން ތުރުތުރުއަޅަމުން އައިސް އެމަގުގައި ހުރި ނިކަގަހަށް އަރައި އެ ފުރޭތައަށް ފިލަން މަސައްކަތްކުރިއެވެ. ސާހިދު ހީކުރީ ފުރޭތައަށް އޭނާ ފެނުނީ ކަމަށެވެ. މާގިނަ އިރުތަކެއް ނުވަނީސް، ޒިދުނާ ފަރިހިނގުމުގައި އައިސް ޖޯލީގައި ޖައްސާލިތަން ވެސް ސާހިދަށް ފެނުނެވެ. އޭނާ އަވަހަށް ތިރިއަށް ފޭބުމަށް މަސައްކަތްކުރިނަމަވެސް އެކަން ވާގޮތެއް ނުވިއެވެ. އޭނާ ތިރި ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. ސާހިދުގެ ސިފަގައި ޒިދުނާގެ ކައިރީ އެހެރީ މިހާރު އެއްކަލަ ފުރޭތައެވެ. ޒިދުނާ އަށް ސާހިދު ކިބައިން ތަފާތުކަމެއް ފެނުމާއި އަޑަށް އައިސްފާވާ ބަދަލުން ސުވާލުތައް ކުރިމަތި ކުރަން ފެށިއެވެ. ފުރޭތަގެ ވާހަކަ ހުރި ގޮތުން ޒިދުނާއަށް ކޮންމެވެސް ނުބައެއް އުޅޭކަމަށް ޝައްކެއްވިއެވެ. ” އަހަރެން ކަލޭދެކެ ލޯބިވަމެ، ކަލޭ އެހެން ފިރިހެނަކާއެކު ތިއުޅޭ އުޅުން ބަލާކަށެއް މަށަކަށް ދެން ކެތެއް ނުވާނެ!” ރުޅިވެރި ރާގެއްގައި ފުރޭތަ ޒިދުނާއަށް މުޙާތަބު ކުރިއެވެ.
ޒިދުނާގެ ޝައްކު ޔަޤީނާއި ގާތައް ގެންދިޔައީ ކުރިމަތީގައި ހުރި ސާހިދު ބިރުވެރި ސިފައަކަށް ބަދަލުވަމުންދާތައް ފެނުމުންނެވެ. ޒިދުނާ ނިކަން ބާރަށް ހަޅޭލައްވައިގަންނަން މަސައްކަތް ކުރިވެސްމެވެ. ނަމަވެސް ގަތްފައިވާ ބިރެއްގެ ބޮޑުކަމުން ކަރުން އަޑެއް ނިކުންނަވަރެއް ނުވިއެވެ. އަލިފާން އަގުރުގަނޑެއް ހެންވާ ދެ ލޮލާއި ކެހެރިތަކާއި ތޫނު ދެދަޅު ފެނުމުން، ޒިދުނާއާއި ސާހިދުވެސް ބިރުން ފިތްކެޑޭ ވަރުނުވީ ކިރިޔާއެވެ. ސާހިދު ވަރަށް ހިތްވަރުކޮށްގެން މަޑުން ގަހުގައި ވާނުވާ ބަލަން އޮތެވެ. އޭނާއަކަށް ތިރިއަކަށް ފައިބާކަށްވެސް ނުކެރުނެވެ. އޭނާގެ އޭހާ ހިތްވަރެއްނެތެވެ. ކުއްލިއަކަށް ފުރޭތަގެ ލޯތްބަށް ނުރުހުމުން ޒިދުނާ ދިރިހުއްޓާ އޭނާގެ މޭގަނޑު ދަމައިގަނެގެން ކާން ފެށިއެވެ. ފުރޭތަ ބަނޑުފުރުނީ ޒިދުނާގެ ކަށިތައް ފިޔަވާ ހުރިހާ މަހެއް ކާލުމަށްފަހުއެވެ. ޒިދުނާ އެހާ ރަޙްމުކުޑަގޮތަކަށް ޤަތުލްވެގެން ދިޔައީ ސާހިދުގެ ލޯމަތީގައެވެ. އެހެނަސް އޭނާއަށް ވަނީ އެ މުޞީބާތުން ޒިދުނާ ސަލާމަތް ކުރުމަށް ނުކުޅެދިފައެވެ.
އެރޭގެ ފަހުން ސާހިދު، އެނާގެ ލޯބިވެރިޔާގެ ޤާތިލެއް ކަމުގައި ޤަބޫލުކޮށް އެކަމާ ހިތާމަކުރަމުން ދިޔައެވެ. އެންމެފަހުން ދުނިޔޭން މޮޔަވެފައިވާ މީހެކެއްގެ ގޮތުގައި ދިރިއުޅުމުގެ ބަނަދުވަސްތައް ވޭތުކުރަމުންގެންދިޔައެވެ. އަދި އެހާދިސާގެ ފަހުން އެ ސަރަހައްކީ ނާމާން ބިރުވެރި ތަނެއްގެ ގޮތުގައި މީހުން ޤަބޫލުކުރަންފެށިއެވެ. އެންމެފަހު ވަޤުތު ޒިދުނާގެ އާއިލާއަށްވެސް ލިބުނު ހިތާމާއެއްގެ ކޮޅެއްނެތެވެ. އުފާވެރި ތަނަވަސް ދިރިއުޅުމަކަށް ދުށް ހުވަފެންތައް ވީ ބިލާހަކަށެވެ. ލިބުނީ ދުވަހަކުވެސް ހަނދާނުން ނުފިލާ ވަރުގެ ހިތްދަތިކަމާކާއި ކެކުޅުންތަކެކެވެ. ހުރި ހަމައެކަނި ދަރިފުޅެވެ. ނިމިގެން ދިޔައީ ކޮންފަދަ ހިތި ނިމުމަކުން ހެއްޔެވެ؟ ( ނިމުނީ)

މިލިޔުންވެސް ކިޔާލާ

މަޔަކަށްޓަކައި ދަރިޔަކުވީ ގުރުބާނީ

މަލީޝާއަކީ އާދައިގެ އާއިލާއަކަށް އުފަން ވަރަށް ރީތި ކުއްޖެކެވެ. އެހާމެ މަޑުމައިތިރި ކުއްޖެއްވެސްމެއެވެ. މަލީޝާގެ ރީތިކަމާއި އެއްވަރަށް މީހުން އޭނާއާއި …

ޚިޔާލެއްދެއްވާ

avatar
wpDiscuz