ވަސީލަތްތަކުގެ ނާދިރުކަން – އިސްލާމީ ނަޒަރަކުން

އިސްލާމީ އިޤްތިޞާދު ނިޒާމު ފިޔަވައި  އެހެން ނިޒާމުތަކުގައި (ސެކިއުލަރ ނިޒާމްތަކުގައި )  ޤަބޫލުކުރާ ގޮތުގައި އިންސާނާގެ އެދުންތަކަށް ހައްދެއް ނުވެއެވެ. އެހެން ނަމަވެސް ވަސީލަތްތައްވަނީ ވަކި ލިމިޓެއްގައި ލައްވާފައެވެ. ވަސީލަތްތައް މަދުވެފައިވަނީ ފިތުރަތުގެ ސަބަބުންކަމަށްވެސް ބައެއް މީހުން ބުނަމުން ގޮސްފައިވެއެވެ. އެހެންކަމުން ވަސީލަތްތަކަކީ ތަދު (scarcity of recourses) އެއްޗެއްގެ ގޮތުގައި ސެކިއުލަރ ނިޒާމްތަކުގައި ދެކެއެވެ. މިނަޒަރިއްޔާއިން ބަލާއިރު އިންސާނުންގެ ހައްދެއް ނެތް އެދުންތަކަށް (wants) ލިބިފައިވާ މަދު މިންވަރު ލިބުނުގޮތަކުން އަތުލައިގަތުމަށް ވާދަކުރެއެވެ. މި ވާދަކުރުން ބިނާކޮށްފައިވަނީ ފުރުޞަތާއި ޤާބިލިއްޔަތުގެ (efficiencies) މައްޗަށެވެ. މިފަދަ ފިކުރުތަކުގެ ސަބަބުން އެމީހަކަށް ލިބުނު ކޮންމެ ގޮތަކުން ވަސީލަތްތައް ހޯދުމަށް މަގުފަހި ކޮށްދިނެވެ. ޙަޤީގަތުގައި ވަސީލަތްތައް ނާދިރުވަނީ މިހާހިސާބުންނެވެ. އިޤްތިޞާދީމައްސަލަތައް އުފެދެން ފެށިގެން އަންނަނީ މިހާހިސާބުންނެވެ. މުޅި ދުނިޔޭގެ އިޤްތިޞާދުތަކުގެ މައިގަނޑުގެ ޙަޤީޤީ މައްސަލައަކީވެސް މިއެވެ. ކޮންމެ ޙާލަތެއް މެދުވެރިވެގެންނަމަވެސް ވަސީލަތްތައް ނާދިރުވާނަމަ މި މައްސަލައަށް ހައްލު ހޯދުމުގެ ބޭނުމުގައި ދެންޖެހެނީ ބޭނުންތަކުގެ ތެރެއިން އިސްކަންދޭނީ ކޮންކަމަކަށްތޯ ކަނޑައަޅާށެވެ. މިދެންނެވި އިސްކަންދިނުމުގެ ތެރެއިން ޖެހެނީ އެއްކަމެއް ނެގުމަށްފަހު ކޮންމެވެސް އެހެންކަމެއް  (trade off) ދޫކޮށްލާށެވެ. މިސާލަކަށް ދާދި ފަހަކާޖެހެންދެން ސްރީލަންކާއަކީ ދިގުމުއްދަތެއްގެ ދާޚިލީ ހަނގުރާމައެއްގެ ތެރޭގައި އޮތް ޤައުމެކެވެ. އެހެންކަމުން އެ ޤައުމުގައި ހަނގުރާމައަށް އިސްކަންދީ އަގުހުރި އެތައް ވަގުތެއްވަނީ(opportunity cost)  ހަނގުރާމައަށްގޮސް ހުސްވެފައެވެ. ހަނގުރާމައިގާ ބޭކާރުވި ވަގުތުތަކުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް މަސައްކަތްކުރުމަށް ވަގުތު ދެވިފައި ނުވާނެއެވެ. މާނައަކީ ޤައުމުގެ ތަރައްޤީގެ ކަންކަމުގައި ވަގުތުވަނީ ނާދިރު އެއްޗަކަށްވެފައެވެ.

އިސްލާމްދީނުގައި ވާގޮތުން އިންސާނާގެ ހައްދެއް އަދި އިމެއްނެތް އެދުންތަކާ އެއްވަރަށް ވަސީލަތްތަކުގެ ބޭނުން ނުހިފުނު ނަމަވެސް އިންސާނުންގެ ބޭނުން (needs) ތަކަށް ވާވަރަށް ނުވަތަ ފުދޭ މިންވަރަށް ވަސީލަތާއި މުދާވަނީ މި ކާއިނާތުގައި الله سبحانه وتعالى ލައްވައި ތަނަވަސް ކޮށްދެއްވާފައެވެ. އެކަލާނގެ ކީރިތި ޤުރްއާނުގައި ބަޤަރާ ސޫރަތުގެ 29 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވާ އާޔަތުގެ މާނައިގެ ތަރުޖަމާގައިވަނީ މިފަދައިންނެވެ. ” އެކަލާނގެއީ، ތިޔަބައިމީހުނަށްޓަކައި ބިމުގައިވާ އެންމެހާ ތަކެތި ހެއްދެވި ރަސްކަލާނގެއެވެ.”

އިސްލާމީ އިޤްތިޞާދީނަޒަރިއްޔާގައި ވާގޮތުން ޤައުމެއްގެ އިޤްތިޞާދީވަސީލަތްތައް (ބޭނުންތައް) ތަރުތީބު ކުރެވެންޖެހޭނީ ވަކިއުޞޫލަކާއި ހަމަތަކެއްގެ މަތީގައެވެ. މިގޮތުން އިސްލާމްދީނުގައި ފުރަތަމައަށްް އިސްކަން ދީފައިވަނީ ޟަރޫރިއްޔަތަށެވެ. (މިއީ ކޮންމެހެން ހުންނަންޖެހޭ ނުވަތަ ރައްކާތެރި ވާންޖެހޭ ކަންކަމެވެ. މިގޮތުން 5 ކަމެއް އިސްލާމްދީނުގައި ވެއެވެ.)

ދެން ޙާޖިއްޔާތަށެވެ. (މިއީ އިންސާނުންގެ މުހިއްމު ބޭނުންތަކެވެ. މިސާލަކަށް ދިރިއުޅޭ ގެއެއްގައި ފޯނެއް ހުރުން މިހާރު އެއީ ބޭނުންތެރިކަމެކެވެ.)

އެންމެ ފަހުން ކަމާލިއްޔަތަށެވެ. (މިއީ ދިރި އުޅުމުގެ ބެނުން އިތުރަށް ފުރިހަމަކުރުމެވެ. މިސާލަކަށް ގެއަކަށް އިންޓަރނެޓް ލުމާއި ކޭބަލް ޓީވީ ލުމަކީ ދިރިއުޅުމުގެ ކަންކަން އިތުރަށް ފުރިހަމަ ކުރުމެވެ.)

މީގެ މާނައަކީ އެންމެ ފުރަތަމަ އަސާސީ އަދި ޟަރޫރީ ބޭނުންތަކެވެ. ދެން އިންސާނުންގެ އެހެނިހެން ބޭނުންތަކަށެވެ. އޭގެފަހުގައި ކަންކަން ތަރައްޤީ ކުރުމަށާއި ފުދުންތެރިކަން އިތުރު ކުރުމަށެވެ. އިސްލާމްދީނުގައި ޙިމާޔަތްކޮށް ރައްކާތެރި ކުރަންޖެހޭ ޟަރޫރީ 5 މަޞްލަޙަތުވެއެވެ. އެއީ ދީނާއި ފުރާނަ ޙިމާޔަތްކުރުމާއި މުދަލާއި އަބުރު ރައްކާތެރި ކުރުމާއި ބުއްދި އާއި ފިކުރު ހިމާޔަތްކުރުމެވެ. އެހެންކަމުން އިސްލާމީ އިޤްތިޞާދީ ނިޒާމެއްގައި ރިސޯސްތައް އެލޮކޭޓްކުރެވިފައި ހުންނަންވާނީ މި ބަޔާންކުރެވުނު 5 މަސްލަޙަތު ޙިމާޔަތް ކުރުމަށެވެ. އެއްވެސް ގޮތަކުން މާރުކޭޓުގައި އެންމެ ބާރަށް ވިކޭތަކެތި ބަލައިގެން އެ ތަކެއްޗަށް ސަޕްލައިކުރުމަށް ތަކެތި އުފެއްދުމަކަށް ނޫނެވެ. މިސާލަކަށް ބަލާނަމަ، އިސްލާމްދީނުގައިވާ ގޮތުން މާރކެޓްގައި ކިތަންމެ ޑިމާންޑް މަތި ނަމަވެސް ރަލާއި މަސްތުވާކޮންމެ އެއްޗެއް ވިއްކަން ހުއްދަ ނުދެވެނީ ނުވަތަ ޙަރާމް ކުރައްވާފައިވަނީ ކުރިން ދެންނެވުނު ޟަރޫރިއްޔަތުގެ ދަށުންނެވެ. އެހެނީ މަސްތުވާ ތަކެއްޗަކީ އިންސާނާގެ ބުއްދިއާ ފިކުރު ހަލާކުކޮށްލާ އެއްޗެކެވެ. ބުއްދިއަކީ ޟަރޫރީ މަޞްލަޙަތުގެ ތެރޭން ޙިމާޔަތް ލިބިގެންވާ އެއްޗެކެވެ. ހަމަ މިގޮތަށް ޖުވާ އާއި ރިބާ (މިޒަމާނުގައި ބޭންކްތަކުގެ ލޯނަށް ނަގާ އިންޓަރެސްޓް ) ގެ މުޢާމަލާތުން ކިތަންމެ ބޮޑު މާއްދީ ފައިދާއެއް ލިބުނު ނަމަވެސް، ހުއްދަ ނޫން މި ވިޔަފާރީގެ ސަބަބުން، އިންސާނާގެ އަބުރާއި މުދާ ބަނގުރޫޓު ވެގެންދާލެއް މަދެއް ނޫނެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން މުދަލާއި އަބުރަކީވެސް އިސްލާމްދީނުގެ ޟަރޫރިއްޔަތުގެ ތެރޭގައި ހިމެނޭ ދެއެއްޗެެވެ.

އެހެންކަމުން ވަސީލަތްތައް ނާދިރުވެފައިވަނީ އެހެން ފަލްސަފާތަކުގައި ދެކޭގޮތަށް ފިޠުރަތުގައި އެތަކެތި ލައްވާފައި ނުވާތީކީ ނޫނެވެ. ނުވަތަ އިންސާނުންގެ އެދުންތަކަށް ހައްެދެއް ނެތިފައި، ވަސީލަތްތައް މަދުކަމަކުން ނޫނެވެ. ވަސީލަތްތައް ނާދިރުވަނީ ހައްދެއް ނެތި ލިބިގަތުމާއި ބޭނުންކުރެވޭ ނުރަނގަޅު އުޞޫލުތަކުގެ ސަބަބުންނެވެ. ޚަރަދު ކުރުމުގެ ބާރު (purchasing power) ހުއްދަނޫން ގޮތުގައި ބޭނުން ކުރުމުންނެވެ. ނުވަތަ އިސްރާފު ކުރުމުންނެވެ. މީގެ އިތުރުން ހޯދައި ލިބިގަތުމުގެ ޢިލްމީ ކުޅަދާނަކަމާއި ޤާބިލުކަން އިންސާނުންގެ ނެތުމުންވެސް ވަސީލަތްތައް ނާދިރު ކަމަށް ބެލެވެއެވެ. މިނޫނަސް ބާރުގަދަ ބައެއް ފަރާތްތަކުން ވަކިކަހަލަ ވަސީލަތްތައް ކޮންޓްރޯލުކޮށްގެން އުޅޭތީވެސް ވަސީލަތްތަކުގެ ނާދިރުކަން އިޙްސާސ ކުރެވެއެވެ. އެހެނީ ބައެއް ވަސީލަތްތަކަކީ އެ ވަސީލަތް ލައްވާފައިވީ ނަމަވެސް ޒަމާނާއި ޤާބިލުކަމުގެ ގޮތުން ހޯދައި ނުގަނެވޭ ތަކެއްޗެވެ. މީގެ މިސާލަކީ މިހާރު ދުނިޔޭގައި ބޭނުންކުރާ ހަކަތައިގެ ބައެއް ބާވަތްތަކަކީ ދުނިޔޭގައި ކުރިން ލައްވާފައިވި ނަމަވެސް ހޯދިފައިވާ ތަކެއްޗެއްނޫނެވެ. ހަމަ އެގޮތަށް މިހާރަކަށްއައިސް ސައިންޓިސްޓުން ހޯދާފައިވާ ގޮތުގައި އެއް ދުވަހުގެ އިރުގެ އަލީން އެ ލިބޭ ހަކަތަ ރައްކާތެރިކޮށް ބޭނުން ކުރެވޭނަމަ އެއީ އެއް އަހަރު ދުވަހު ބޭނުން ކުރެވިދާނޭހާ ހަކަތައެވެ. ނަމަވެސް އިންސާނުންގެ އެފަދަ ޢިލްމީ ޤާބިލުކަން އަދި ލިބިފައި ނުވެއެވެ. ސައިންސްގެ މި ޙަޤީޤަތުން ދަލީލު ލިބެނީ އިޤްތިޞާދީ ވަސީލަތްތައް ދުނިޔޭގައި ލައްވާފައި ނުވަނީ ނޫންކަމެވެ. މީގެ އިތުރުން ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅަކުން ދަލީލު ލިބޭގޮތުގައި ﷲ ވަނީ މި ދުނިޔޭގައި ކޮންމެ ބައްޔަކަށް ޝިފާ ލައްވާފައެވެ. އެހެންނަމަވެސް އަދިވެސް އިންސާނުން ފަރުވާ ހޯދިފައިވާނުވާ ބަލިތައް ދުނިޔޭގައި އެބަހުއްޓެވެ. މީގެންވެސް ދަލީލުކޮސްދެނީ ވަސީލަތް ލައްވާފައިވާކަމެވެ. އެކަމަކު އެ  ވަސީލަތް ހޯދާ ލިބި ގަތުމުގެ ޤާބިލިއްޔަތު އަދި އިންސާނުންގެ ނެތީކަމެވެ.

ނާދިރުކަމަށް ބެލެވޭ ބައެއް ސަބަބު

މި ޤަރުނުގައި އިޤްތިޞާދީ ވަސީލަތްތައް ނާދިރުވެފައިވާ އެންމެ ބޮޑު އެއް ސަބަބަކީ ބޭކާރު ތަކެއްޗަށް ޚަރަދު ކުރުމެވެ. ނުވަތަ އިޤްތިޞާދީ ވަސީލަތްތައް ހުސްވެ ނާދިރު އެއްޗަކަށް ވެގެންދާތަން ފެންނަނީ އިންސާނުންގެ ނުކުޅެދުންތެރިކަމާއި  ދަހިވެތިކަމުގެ  (greed and inefficiency) ސަބަބުން، އިސްލާމީ  ހުދޫދުތަކުން  ބޭރުވެ  އެއްވެސް ޙިކުމަތްތެރިކަމެއްނެތް ގޮތުގައި ބޭނުންހިފަން ފެއްޓުމުންނެވެ. ނުވަތަ އެއީ އިސްރާފު ކުރުމުގެ ނަތީޖާއެވެ. މިފިކުރުގެ ސަބަބުން މިއަދު ވަސީލަތްތަކުގެ ނާދިރުކަން ވެފައިމިވަނީ އިޖުތިމާޢީ ބޮޑުމައްސަލައަކަށެވެ. މިގޮތުން ތިރީގައި މި ދަންނަވާލަނީ އިސްރާފުގެ ދަރަޖައަށް ދުނިޔޭގައި ކުރެވެމުންދާ ހޭދަތަކުގެ ކުޑަ ތަފްޞީލަކާއި ދުނިޔޭގެ އެންމެހައި އިންސާނުންގެ އަސާސީ ބެނުންތަކަށް ފުދޭ މިންވަރުކަމަށް ބެލެވޭ މިންވަރެއްގެ ދިރާސާއެކެވެ. (ޢަބްދުﷲ ފާރޫޤް ޙަސަން – 2013 )

މި ދިރާސާއަށް ބަލާއިރު އިޤްތިޞާދީ އެހެން ނިޒާމުތަކުގައި ޤަބޫލުކުރާ ގޮތަށް މުދަލަކީ އެއްވެސް ޙާލެއްގައި އެހެން ފަލްސަފާތަކުގައި ވާގޮތަށް ބޭނުންހާ ގޮތަކަށް ހޯދާ ބޭނުންހާ ގޮތަކަށް ހޭދަކުރަން ލިބިފައިވާ ވަސީލަތެއް ނޫންކަން އެނގެއެވެ. އިސްލާމްދީނުގައި ވިޔަފާރިކުރާ ހިނދުގައްޔާއި މަސައްކަތުގެ ދާއިރާގެ ތެރޭގައި ޙަލާލު ގޮތްތަކާއި މަގުތައް ޚިޔާރުކުރުމަށް ބާރުއަޅާފައިވަނީ ވަސީލަތްތައް ނާދިރުވިޔަ ނުދިނުމެވެ. ބަޤަރާ ސޫރަތުގެ 169 ވަނައާޔަތުގެ މާނައިގައި ވެއެވެ. “އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން ޙަލާލު ރަނގަޅުތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ޝައިޠާނުންގެ ފިޔަވަޅުތަކަށް  ތިޔަބައިމީހުން ތަބަޢަނުވާށެވެ.  (އެހެނީ)  ހަމަކަށަވަރުން  އެޝައިޠާނާއީ  ތިޔަބައިމީހުންނަށް ހުރި ކަނޑައެޅި ބަޔާންވެގެންވާ ޢަދާވާތްތެރިއެކެވެ.” (ޢަބްދުﷲ ފާރޫޤް ޙަސަން – 2013 )

ނާދިރުކަމަށް ބެލޭވޭ ބައެއް ވަސީލަތުގެ މިސާލު

މާތް ނަބިއްޔާ صلى الله عليه وسلم އިރުޝާދުދެއްވާފައިވާ ގޮތުގައި ބިންފިޔަވައި އެނޫން ޤުދުރަތީ ވަސީލަތްތައްވެސް އިންސާނުންގެ މެދުގައި ބެހިގެން ދާންޖެހޭނީ ހަމަހަމަކަމާ ޢަދުލުވެރިކަމާއެކުގައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “މުސްލިމުންވަނީ ތިންކަމެއްގައި ބައިވެރިވެގެންނެވެ. އެއީ ސޫފިތައް ހުއިހައްޕާ ވިނަދަނޑުތަކާއި، ފެނާއި، އަލިފާނެވެ.” (އަޙްމަދު، އަބޫދާއޫދު، އިބްނު މާޖާ) ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘުން އެނގޭގޮތުގައި ފެނުގެ ބޭނުންކުރުމާއި، އަލިފާނުގެ ބޭނުންކުރުމާއި، ސޫފިތައް ހުއިހައްޕާ ވިނަދަނޑުތައް ބޭނުންކުރުމުގައި އެންމެންގެ ޙައްޤު އެއްވަރެކެވެ.

ޢިލްމުވެރީން ވިދާޅުވާގޮތުގައި ކީރިތި ރަސޫލާ صلى الله عليه وسلم މި ހަދީޘް ބަސްފުޅުގައި އެވާ އަލިފާނުގެ މާނައިގައި ހަކަތަ ނުވަތަ އެނަރޖީ (energy) ގެ ހުރިހާ ބާވަތްތަކެއް ޝާމިލުވެއެވެ. ސޯލަރ އެނަރޖީވެސް ހިމެނޭނީ އެންމެން ހިއްސާވާ ވަސީލަތެއް ކަމުގައެވެ. އިތުރުސާހިބާގެ މިބަސްފުޅުން ދޭހަވަނީ މިބާވަތްތަކުގެ ބޭނުންކުރާންވާނީ ޢާއްމު މަންފާއަށް އެކަމުގެ ސަބަބުން ނޭދެވޭއަސަރެއް ނުކުރާގޮތަށްކަމެވެ. ހަމައެކަނި މިހާރުގެ ޖީލެއް ނޫނެވެ. އިންސާނުންގެ އަންނާން އޮތް ނަސްލުތަކަށްވެސް މިޤުދްރަތީ ވަސީލަތްތަކުގެ ފައިދާ ލިބިގަނެވޭނޭކަމުގެ ޔަޤީންކަން އޮންނަފަދަ ގޮތެއްގައިކަމެވެ. މި ވަސީލަތްތަކުގެ މައްޗަށް އެއްވެސް މީހަކު ވެރިވެގަނެ އަތްގަދަ ކޮށްލުމާއި، އިސްރާފުގެ ދަރަޖައިގާ މިވަސީލަތްތައް ބޭނުން ކުރުންވަނީ މަނާވެގެންނެވެ. ޤުދުރަތީގޮތުން ލިބޭންހުންނަ ފެނުގެ ވަސީލަތްތައް (ކޯރުތަކާއި، ފެން ގަނޑުގަނޑާއި، ބިމުގެ އަޑީގައިވާ (aquifer) ފެނާއި ކަނޑުތަކުގެ) ބޭނުންކުރާންވާނީ އެންމެނަށް އެ ވަސީލަތްތައް ލިބިގަތުމާއި ފައިދާހޯދުން ޢާއްމުވާ ގޮތަށެވެ. އަލިފާން އެންދުމުގެ ހުރިހާ ވަސީލަތްތަކެއް (ލަކުޑި­­­ އާއި، ބޯޓުދެއްޔާއި، ޕެޓްރޯލާއި، އިލެކްޓްރިސިޓީއާއި، ސޯލަރ އެނާރޖީ) ގެ ކަންތައް އިންތިޒާމުކޮށް ބެލެހެއްޓުމަކީ ސަރުކާރުތަކުގެ ޙައްޤެކެވެ. ޖަންގަލިތަކާއި، ބޯޓުދެލިނަގާ ވަޅުތަކާއި، ތެޔޮވަޅުތަކާމެދު ފަރުދަކަށް އަމިއްލަ މިލްކުވެރިކަމުގެ ދަޢުވާ ކުރެވިގެން ނުވާނެއެވެ. މިތިން ވަސީލަތްވެސް ބޭނުންކުރެވޭން ޖެހޭނީ ޢާއްމު ފައިދާއަށްޓަކައެވެ. ސަރުކާރުގެ ނިޒާމެއްގެ ދަށުން އެއްވެސް މީހަކާމެދު ބޭއިންސާފު ނުކުރެވޭ ގޮތަށް ދެމެހެއްޓެނިވި ގޮތުގައެވެ.

ޤުދުރަތީ ވަސީލަތްތައް ބޭނުންކުރުމުގެ ހުއްދަދެއްވުމުގެގޮތުން އިސްލާމީ އިޤްތިޞާދުގައި ބިމާބެހޭ ގޮތުން އެކަށައަޅާފައިވާ އުޞޫލަކީ އެކެއްގެ ބާރުގެ ދަށުގައި ބޭއްވޭނީ އެމީހަކަށް ދިރުވައި އާލާކުރެވޭހާ ބިމެވެ. އެ މީހަކަށް ދިރުވައި އާލާނުކުރެވޭހާ ގިނަ ބިންތަކަށް ވެރިވެ އެ ބިންތައް ވީރާނާ ކުރުމަކީ އޭނާގެ ހައްޤެއް ނޫނެވެ. ސަބަބަކީ ކުރީންވެސް ދެންނެވި ފަދައިން ޤުދުރަތީ ވަސީލަތްތަކުގެ ބޭނުންކުރުމަކީވެސް ޙައްދެއް އޮންނަންޖެހޭކަމެކެވެ. އިންސާނާ އެކަމަށް މަސްއޫލު ވާންޖެހޭ ކަމެކެވެ. އެއްވެސް ކަމެއްގައި އިންތަކާއި ޗާޓުތަކުން ބޭރުވުމަކީ އެކަކަށްވެސް ލިބިގެންވާ ޙައްޤެއްނޫނެވެ.

ބިމުގައި ގަސްގަހާގެހި ލައްވައިފައިވުމާ އެތަކެތި އާލާވަމުން ދިޔުމަކީ މިދުނިޔޭގައި ދިރުންހުރިކަމުގެ ސާބިތު ހެއްކެވެ. ފަތްޕިލާވެއްޔާއި ގަސްގަހާގެއްސަކީ ހަމައެކަނި އިންސާނުންނާއި ސޫފިތަކުގެ ކާނާއެއް ނޫނެވެ. އިންސާނާގެ ދިރިހުރުމަށް ބޭނުންވާ ބޭސްވެރިކަމުގެ މައިގަނޑު ވަސީލަތެވެ. އިންސާނުންނަށާއި ދިރޭތަކެއްޗަށް އޮކްސިޖަން ލިބިދިނުމުގެ ޒަރީޢާއެވެ. އިންސާނުންގެ ހައްދެއްނެތް އެދުންތަކާއި މުއްސަނދިވެ މުދާވެރި ވުމުގެ ލާލަޗްގެ ތެރެއިން، ގަސްގަހާގެހިން މިދުނިޔެ މަޙުރޫމުވެއްޖެނަމަ އިންސާނީ ޙަޔާތަށް ބަޔާންނުކުރެވޭފަދަ ކެކުޅުންތަކެއް ކުރިމަތިވާނެކަން ޔަޤީނެވެ. މިޒަމާނުގައި ކަންތައް ވަމުންމިދަނީ އެގޮތަށެވެ. އެންމެފަހުގެ ނަތީޖާއަކަށްވާނީ ބިމުގައި ދިރުމެއް ދެމިހުރުމުގެ އެކަށޭނަކަމަށް މަސްއަލަތަކެއް ކުރިމަތިވުމެވެ. (ޢަބްދުﷲ ފާރޫޤް ޙަސަން – 2013 )

ބިމާއި ބިމުގައި ދިރިއުޅޭ ސޫފިތަކާއި ގަސްގަހާގެއްސާއި ފަތްޕިލާވެއްޔާއި ވެޔޮވެލާވެލި ޙިމާޔަތް ކުރެއްވުމަށްޓަކައި އެކަށީގެންވާ ތަންތާނގައި ޙިމާޔަތް ކުރެވިފައިވާ ސަރަހައްދުތައް ޤާއިމްކުރަން ކީރިތި ރަސޫލާ صلى الله عليه وسلم އަމުރު ކުރައްވާފައިވެއެވެ. އިތުރުސާހިބާ ދެއްކެވި މިނަމޫނާ އާއި، މި އިރުޝާދާ އެއްގޮތަށް މުޅިދުނިޔޭގައި ޢަމަލު ކުރެވެމުން އައިނަމަ އެއްވެސް ބާވަތެއްގެ ދިރޭއެއްޗެއް ދުނިޔެއިން ހުސްވެގެން ހިނގައިދާނެތީ މިއަދު އިންސާނުން ބިރުން އުޅޭކަށެއް ނުޖެހުނީސްކަން ކަށަވަރެވެ. ކީރިތި  ރަސޫލާ صلى الله عليه وسلم ގަސްހެއްދުމަށް ދެއްވައިފައިވާ  ސަމާލުކަން  ދޭހަވާ ހަދީޘްފުޅެއްގެ މާނައިގައިވެއެވެ. “ތިޔަބައިމީހުންކުރެ  ދަނޑުގޮވާންކުރާ  މީހެއްގެ އަތުގައި އޭނާ އިންދަމުން ގެންދިޔަ ގަސްތަކުގެ  ތެރެއިން ގަހެއް އޮއްވައި ޤިޔާމަތްވެއްޖެކަން އެނގުނަސް ފަހ އެގަސް އިންދާ ހުށިކަމެވެ.”(ޙަދީޘް ރިވާ ކުރެއްވީ އިމާމު ބުޚާރީ އާއި އިމާމު އަޙްމަދު ) ޤުދުރަތީ ވަސީލަތްތަކުގެ ތެރެއިން ފެނުގެ އަހައްމިއްޔަތު ވަރަށް ރަނގަޅަށް އިސްލާމްދީނުގައިވަނީ ބަޔާން ކުރެވިފައެވެ. ކީރިތި ޤުރްއާނުގެ އަލްއަންބިޔާއު ސޫރަތުގެ 30 ވަނައާޔަތުން ދަލީލު ލިބޭގޮތުގައި އެކަލާނގެ އެންމެހައި ދިރޭތަކެތި ހެއްދެވީ ފެނުންނެވެ. (ޢަބްދުﷲ ފާރޫޤް ޙަސަން – 2013 )

އެހެންކަމުން ކީރިތި ރަސޫލާ صلى الله عليه وسلم  ވަނީ ފެނާމެދު ސަމާލުވެ ފެންރައްކާތެރި ކުރުމަށް ގަދަ އަމުރުފުޅުން އަމުރު ކުރައްވާފައެވެ. ފެން ނައްތައިލުން ވަރަށްބޮޑަށް މަނާކުރައްވާފައެވެ. އެކަމަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ފެން ބޭނުންކޮށް އިސްރާފު ނުކުރުމަށް އަންގަވައިފައެވެ. ފަރުބަދަމަތީން އޮހިގެންއަންނަ ބޮޑުފެންގަނޑަކުން ނުވަތަ ދެމިދެމިއޮތް ކޯރަކުން ވުޟޫކުރިޔަސް އެއްވެސް ގުނަވަނެއް ތިންފަހަރަށްވުރެ ގިނައިން ދޮވުމަކީ މުނާސަބުކަމެއް ނޫން ކަމަށް އަންގަވައިފައެވެ.

ފެންފެންގަނޑުން ސޫފިތައް ފެންވެރުވުމާއި ފޭރާން ދޮވެއުޅުމަށްވެސް އިންތަކެއް ޖައްސަވައި ދެއްވައިފައެވެ. ފެނުގެ ޒަޚީރާތަކުގެ ކައިރީގައި މަނާ ސަރަޙައްދުތަކެއްވަނީ ކަނޑައަޅުއްވައިފައެވެ. އެ ތަންތަނުން ބޭނުންވާ ވަރަށްވުރެ އިތުރަށް ފެން ނެގުމަކީ މަނާކުރައްވައިފައިވާ ކަމެކެވެ.(ޢަބްދުﷲ ފާރޫޤް ޙަސަން – 2013 )

ފެން ބޭނުން ކުރުމުގައި ބަލައިގެން އުޅުމަށާއި އިސްރާފު ނުކުރުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ދެއްވި އިރުޝާދަކީ ދާދި ފަހަކާ ޖެހެންދެން ވެސް ބައެއް ފަރާތްތަކުން ބަލައިގެންފައިވާ އިރުޝާދެއް ނޫނެވެ. ނަމަވެސް މިއަދު ފެންނަމުން މިދަނީ ” ކޮންމެ ފެންތިއްކަކީވެސް އަގު ބޮޑު އެއްޗެކެވެ” “ފެނަކީ ދިރި ތިބުމެވެ” “ފެން ޙިމާޔަތް ކުރާށެވެ. ދިރިއުޅުން ޙިމާޔަތް ކުރާށެވެ” މިފަދަ ޝިޔާރުތައް ފާޅުކުރަމުންދާ މަންޒަރެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ބުއްދިވެރި ބަސްފުޅުގެ ބޭނުންތެރިކަން ވަގުތ ފާއިތުވުމުގެކުރިން އިންސާނުންނަށް ވިސްނައިގަނެވުނުނަމަ ހަމަކަށަވަރުންވެސް އިންސާނުންތިބީހީ ފެންހުސްވުމުގެ ނުރައްކަލުން ސަލާމަތް ވެފައެވެ.(ޢަބްދުﷲ ފާރޫޤް ޙަސަން – 2013 )

ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ބިމުއަޑީގައިވާ އެކިއެކި ޒަޚީރާތަކާއި މަޢުދަންތައް ބޭނުން ކުރާނެ ރަނގަޅު އުސޫލުތައްވެސް ކަނޑައަޅުއްވައި ދެއްވައިފައެވެ. އެކިއެކި އަފުރާދުންނަށާއި ދައުލަތްތަކަށް އެތަކެތި ބޭނުން ކުރެވޭނެ ހަމަތައްވެސް ދަސްކޮށް ދެއްވައިފައެވެ. މިދެންނެވި ނުކުތާތަކަށް އެކަލޭގެފާނުގެ ޙަދީޘްފުޅުތަކުން ސީދާ ގޮތުންނާއި، ނުސީދާގޮތްގޮތުން އިޝާރާތް ފެންނާން އެބަހުއްޓެވެ. އެހެންކަމުން ދުނިޔޭގައި ލައްވާފައިވާ ވަސީލަތްތަކުގެ ބޭނުން ހިފަންވީ ގޮތުގެ ފުރިހަމަ އިރުޝާދުވަނީ އެެހެން އެއްވެސް ނިޒާމެއްގައި ފަރުމާ ކުރެވިފައިނުވާހާ ފުރިހަމަކޮށް އިސްލާމީ އިޤްތިޞާދީ ނިޒާމުގައި ލައްވާފައެވެ. (ޢަބްދުﷲ ފާރޫޤް ޙަސަން – 2013 )

މައްސަލަ ޙައްލުކުރެވިދާނެ ގޮތެއް

އިސްލާމްދީނުގެ އުޞޫލުތަކުން ބޭރުވެ ލިބުނު ކޮންމެ ގޮތަކުން މުދަލާއި ފައިސާ ހޯދުމުގެ ނަތީޖާއަކަށްވަނީ އެއްބަޔަކު ހައްދެއްނެތި މުއްސަނދިވުމެވެ. އަނެއްބަޔަކު ފަޤީރުކަމުގެ ނިހާޔަތަށް ވެއްޓުމެވެ. ކަންމިހެން ހުރުމުން ފަޤީރުންނާ މުއްސަނދިންނާ ދެމެދުގައިވާ ފަރަގު ކުޑަކުރަން، އިންފްލޭޝަނަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ އިސްލާމްދީނުގައިވާ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، (ދައްކާނެ މީހަކު ދެއްކުމުގެ ބަދަލުގައި) ޒަކާތަކީ ދައުލަތުން ކުރެވޭ އިންތިޒާމެއްގެ ދަށުން މުދާވެރިންގެ އަތުން ހޯދާ، ލިބިގަންނަ އެއްޗަކަށް ހަދައިގެންނެވެ. މީގެ އިތުރުން އިސްލާމީ ރިވެތި އުޞޫލުތަކުގެ ތެރޭން އަޅުގަނޑުމެންގެ އިޤްތިޞާދީ މައްސަލަތަކަށް ޙައްލު ހޯދޭނޭ ގޮތަކީ، މިޒަމާނުގައި އިޤްތިޞާދާމެދު މިދެކޭ މާއްދީފައިދާގެ އިތުރުން، އިޤްތިޞާދުގައި ރޫޙާނީ އަދި މަޢުނަވީ ފައިދާ އާއި އަޚުލާޤީ ފައިދާވާކަން ޤަބޫލުކުރެވިގެންނެވެ. އިސްލާމްދީނަކީ ފަރުދުންގެ މިނިވަންކަމަށް އިޙްތިރާމްކުރާދީނެކެވެ. އެެހެންކަމުން ހެޔޮގޮތުގައި ވާދަކޮށްކުރާ މަސައްކަތަށް އިސްލާމްދީން ތަރުޙީބު ދެއެވެ. އިސްލާމީ ރޫޙާގުޅޭ ގޮތްތަކަށްނޫން ގޮތްގޮތަށް ހިންގޭ އިޤްތިޞާދީ ހަރަކާތްތައް މަނާކުރަންޖެހެއެވެ.

 

ފުދުންތެރިކަމަށް ލޯބިކުރުން

އިސްލާމްދީނުގެ މިންގަނޑަކީ މާތް ﷲ ތިމާޔަށް ދެއްވައިފައިވާ ރިޒުޤާމެދު، ނިޢުމަތްތަކާމެދު އަބަދުވެސް ރުހި ހިތްހަމަޖެއްސުމެވެ. އިސްލާމްދިނުގައި މުއްސަނދިކަން ވަޒަންކުރާ މިންގަނޑަކީ މުދަލާއި ފައިސާ ގިނަވުމެއްނޫން ކަމުގައި ދެކުމެވެ. އެއީ ނަފުސުގެ މުއްސަނދިކަން ކަމުގައި ޤަބޫލުކުރަން ޖެހެއެވެ. ތިމާޔަށްވުރެ ފޯރާމީހުންނާމެދު ވިސްނުމުގެ ބަދަލުގައި ތިމާޔަށްވުރެ ފަޤީރުންގެ ޙާލަތާމެދު ފިކުރުކުރުމަށެވެ. ކޮންމެ ދުވަހަކު އަލަށް ދުނިޔެއަށް ނޭވައިލާހިނދު ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމާއި އަމަންއަމާންކަމާއި މިނިވަންކަން ލިބިފައިވުމާއި އެދުވަހެއްގެ ފުރާގު ލިބިފައިވުމަކީ ކިހާ ބޮޑު ނިޢުމަތެއްކަން ހަނދާންކޮށް ޝުކުރުކުރަން ޖެހެއެވެ. އަޅުގަނޑުމެންގެ މިޒާޖުގައި ޝުކުރުކުރުމުގެ ރީތި އާދަ އާލާކުރެވިއްޖެނަމަ ލިބޭ މިންވަރާމެދު ރުހިގެން ހުރުމަކީ އުނދަގޫކަމެއްނޫނެވެ. މި ބަހުޘްކުރެވޭ މައްސަލަތައް ޙައްލުކުރުމަކީ ވަރަށް ފަސޭހަކަމެކެވެ. (ޢަބްދުﷲ ފާރޫޤް ޙަސަން – 2013 )

ފުއްދުންތެރިކަމަށް ލޯބިކުރުމަކީ ދުނިޔޭގައި މިހާރު ކުރަމުންދާ ބޭކާރު ޚަރަދުތަކާއި އިސްރާފުކުރުންތަކަށް ޙައްލެއް ލިބޭނޭ ކަމެކެވެ. އިޤްތިޞާދީ ވަސީލަތްތައް އެކީއެއްފަހަރާ ނަގާ ހުސްކޮށްލުމުގެ ބަދަލުގައި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުމަށް ވިސްނުން ބަދަލުވާނޭ ކަމެކެވެ. އިންސާނާ ދުނިޔޭގައި މުއްސަނދިކަމާއި މުދާވެރިކަން ހޯދަންޖެހެނީ ތިމާގެ ބޭނުންތަކާ އެއްވަރަކަށެވެ. އިންސާނުންގެ ބޭނުންތަކުގެ އިމެއް ކަނޑައެޅިފައި ނެތްނަމަވެސް މުއްސަނދި ވުމުގައި ބަލާނެ މިންގަނޑެއް އިސްލާމީ އިޤްތިޞާދުގައި އެބައޮތެވެ. އެއީ ބިޒިނަސް ޕްލޭންތައް ހެދުމުގައި ދިގުރާސްތާއަށް އަމާޒު ހިފުމެވެ. އިސްލާމީ އިޤްތިޞާދު ނިޒާމެއްގެ ދިގުރާސްތާގެ ޕްލޭންކުރަންވާނީ އާޚިރަތް ދުވަހާހަމައަށެވެ. އެއްވެސް ޙާލެއްގައި ސެކިއުލަރ ނިޒާމުތަކުގައިވާގޮތަށް ކައްވަޅާ ހަމައަށް އެކަންޏެއް ނޫނެވެ.

މަޢުލޫމާތު ހޯދި ގޮތް

  1. القران الكريم ގެ ދިވެހި ތަރުޖަމާ، (ދިވެހިރާއްޖެ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޗާޕު1، 2007)
  2. އަޙްމަދު ފިރާސް ، މޮޑިއުލް ” އިސްލާމީ އިޤްތިޞާދުގެ ނިޒާމަށް ތަޢާރަފެއް ވިލާކޮލެޖް / މާލެ، (ދިވެހިރާއްޖެ، ލެކްޗަރަރ ނޯޓްސް، 2016) ބެޗްލަރ އޮފް ޝަރީއާ، ބެޗް-10
  3. ޢަބްދުﷲ ފާރޫޤް ޙަސަން، “ނަބަވީ ސީރަތާއި މިޒަމާނުގެ މައްސަލަތައް”، ( ދިވެހިރާއްޖެ، ފުރަތަމަ ޗާޕު، 2013)
  4. ޢަބްދުﷲ ފާރޫޤް ޙަސަން، އިސްލާމްދީން، “ރށްވެހި ދުނިޔޭގެ މޭސްތިރި”، ( ދިވެހިރާއްޖެ، ދެވަނަ ޗާޕު، 2013)
  5. 5. ޢާޢިޝަތު މުނީޒާ، “އިސްލާމިކް ފައިނޭންސްގެ އަސާސް” (ދިވެހިރާއްޖެ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއރޒް، ފުރަތަމަ ޗާޕު، ސެޕްޓެމްބަރ 2013 )

ލިޔުނީ: ޢަބުދުއްސައްތާރު މުޙައްމަދު

ނ. މިލަދޫ އަށް އުފަން، ޢަބްދުއްސައްތާރު މުޙައްމަދުވަނީ ސަރުކާރުގެ ޚިދުމަތުގައި 20 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކުރައްވާފައެވެ. މި މުއްދަތުގައި އެރަށުކަތީބެއްގެ ހައިސިއްޔަތުން 7 އަހަރު ޚިދުމަތް ކުރައްވާފައިވެއެވެ. މިހާރު ވަޒީފާ އަދާކުރައްވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފަރާސްޓްރަކްޗަރ ގައެވެ. މިހާރު ވިލާކޮލެޖުގައި ޝަރިޢާ އެންޑް ލޯ އިން މަތީ ތަޢުލީމް ޙާޞިލުކުރައްވަމުން ގެންދަވާ ޢަބްދުއްސައްތާރު މުޙައްމަދު ވަނީ، އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިޕޮލޮމާއެއް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ވެސް ޑިޕޮލޮމާއެއް ހޯއްދަވާފައެވެ. މީގެ އިތުރުން ޢަބްދުއްސައްތާރު މުޙައްމަދުވަނީ 2004 ވަނަ އަހަރު މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓް އާއި އޭރުގެ ނުރަސްމީ ތަޢުލީމުދޭ މަރުކަޒާ ގުޅިގެން ހިންގެވި "ރައްރަށުގެ ވެރިންތަމްރީނުކުރާ ކޯސް" ބައިވެރިންގެ ތެރެއިން އެއްވަނަ ހޯއްދަވާފައެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz