2016 ނިމޭއިރު ދުނިޔޭގެ އާބާދީގެ ދެ ބައިކުޅައެއްބައި ތިބޭނީ އޮންލައިންގައި – ޔޫއެން

މިއަހަރު ( 2016 ) ނިމޭއިރު ދުނިޔޭގެ އާބާދީގެ ދެ ބައިކުޅަ އެއްބައި މީހުން ތިބޭނީ މޯބައިލް ފޯނު ބޭނުންކޮށްގެން ނުވަތަ އެހެންވެސް ވަސީލަތެއްގެ އެހީގައި އޮންލައިންގައި ކަމަށް އ.ދ ގެ ދިރާސީ ރިޕޯޓަކުން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު ނެރެފައިވާ މި ރިޕޯޓްގައި ވާގޮތުން ދުނިޔޭގެ އާބާދީގެ ބޮޑުބައެއް އޮންލައިން ނެޓްވޯކް ބޭނުންކުރާނެއެވެ. އަދި އޭގެ 80 އިންސައްތަ ޙިއްސާކުރާނީ ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގެ ރައްޔިތުންނެވެ. ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގެ ރައްޔިތުން ޙިއްސާ ކުރާނީ 40 އިންސައްތަކާމަށާއި، ތިންވަނަ ދުނިޔޭގެ ޤައުމުތަކުން ޙިއްސާކުރާނީ އެންމެ 15 އިންސައްތަކަމަށްވެސް އ.ދ ގެ އިންޓަނޭޝަނަލް ޓެލެކޮމިޔުނިކޭޝަން ޔޫނިއަން ( އައިޓީޔޫ ) ގެ ރިޕޯޓްގައިވެއެވެ.

އެރިޕޯޓްގައި ވާގޮތުން އެފްރިކާގެ ފަޤީރު ޤައުމުތަކުން އިންޓަނެޓް ބޭނުންކުރަނީ ކޮންމެ 10 މީހަކުން އެކަކު ކަމަށާއި، އެއްގޮތަކަށްވެސް އޮންލައިން ނުވާ މީހުން ގިނައިން ނިސްބަތްވަނީ ޢުމުރުން ދުވަސްވީ އަންހެނުންނާއި، އަސާސީ ތަޢުލީމު ނުލިބި ފަޤީރު ކަމުގައި ދިރިއުޅެން ޖެހިފައިވާ މީހުންނެވެ.

ދުނިޔޭގެ 47 އިންސައްތަ މީހުންނަކީ ގިނަވަގުތު އޮންލައިންގައި ތިބޭ މީހުންކަމާއި، މިޢަދަދު 2020 ގައި 60 އިންސައްތަ އަށް އަރާނެކަމަށް ލަފާކުރާކަމަށްވެސް އެ ރިޕޯޓްގައި ވެއެވެ. އަދި 3.9 ބިލިއަން މީހުންނަކީ މިހާރުވެސް އެއްގޮތަކަށްވެސް އޮންލައިން ނުވާމީހުންކަމަށާއި، ނަމަވެސް މިއަހަރު ނިމޭއިރު 3.5 ބިލިއަންމީހުން އިންޓނެޓް ބޭނުންކޮށް ގިނަވަގުތު އޮންލައިންގައި ތިބޭނެކަމަށް އައިޓީޔޫ ރިޕޯޓްގައި ލަފާކޮށްފައިވެއެވެ.

ދުނިޔެއަށް 3 ޖީ އަދި 4 ޖީ ތަޢާރަފްވަމުންދާ ހަލުވިމިނަށް އިޝާރާތްކޮށް އައިޓީޔޫ ގެ ރިޕޯޓްގައިވަނީ 2016 ވަނައަހަރު އިންޓަނެޓް ބޭނުންކުރާމީހުން އޮންލައިންވާން އުޅެނީ ނޫންކަމަށާއި، އެމީހުން އަބަދުވެސް ތިބެނީ އޮންލައިންގައިކަމަށް ބުނެފައެވެ. އަދި ޓެލެކަމް އިންޓަނެޓް ކުންފުނިތަކުން އިންޓަނެޓްގެ ޚިދުމަތާއި، ސްމާޓް ފޯނުގެ ބޭނުން ފަސޭހަކަމާއެކު އެކަށީގެންވާ އަގުތަކެއްގައި ދުނިޔޭގެ އާބާދީއަށް ފޯރުކޮށްދެމުން ދިޔުމަކީ ކުރިމަގުގައި އޮންލައިންވާނެ މީހުން އިތުރުވެގެންދާނެކަމެއްކަމަށްވެސް އެރިޕޯޓްގައި ބުނެފައިވެއެވެ.

 

 

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz