ޤުރުއާނުގެ އެއްބައި ލިޔެފައި ހުންނަ ފޮތުގައި ވުޟޫޢުނުކޮށް ހިފިދާނެތަ؟

ސުވާލު: ބައެއް މީހުން އެބަބުނޭ ޤުރުއާނުގެ އެއްބައި ލިޔެފައި ހުންނަ ފޮތުގައި ވުޟޫނުކޮށް ހިފިދާނެކަމަށް، އެހެންކަމުގައި ވާނަމަ އަންމާފޮތުގައި ވުޟޫނުކޮށް ހިފޭނެތަ؟

ޖަވާބު:

الحمد لله و الصلاة و السلام على رسول الله و على آله و أصحابه أجمعين. أما بعد
މުސްޙަފު ނުވަތަ ޚަތިމު ގައި ބީހޭނަމަ ވުޟޫމަތީ ހުރުމުގެ ހުކުމާއި މެދު އިލްމުވެރިންގެ މެދުގައި އެކަމުގައި ރައުޔުތަފާތުވެފައިވާ ކަމެކެވެ. އެގޮތުން ޖުމުހޫރު ޢިލްމުވެރިން ނުވަތަ ގިނަ ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މުސްޙަފްގައި ނުވަތަ ޚަތިމުގައި ބީހޭ ކަމުގައިވާނަމަ ވުޟޫކުރުން ވާޖިބުވާނެއެވެ. އަދި ވުޟޫ ނެތްކަމުގައިވާނަމަ އަތްލުން ހުއްދަ ނުވާނެއެވެ. އެކަމަށް ދަލީލު ކޮށްދެނީ އަންނަނިވި އާޔަތުންނާއި އަދި ޙަދީޘުންނެވެ.
الله سبحانه وتعالى ވަޙިކުރައްވާފައިވެއެވެ. إِنَّهُ لَقُرْآنٌ كَرِيمٌ () فِي كِتَابٍ مَّكْنُونٍ () لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ () تَنزِيلٌ مِّن رَّبِّ الْعَالَمِينَ ) [الواقعة: 77-80] މާނައީ: ”ހަމަކަށަވަރުން، އެއީ މާތްވެގެންވާ ޤުރުއާންކަން ކަށަވަރެވެ. ރައްކާތެރިކުރައްވާފައިވާ ފޮތެއްގައެވެ. ޠާހިރުވެގެންވާ މީހުން މެނުވީ، އެ ފޮތުގައި ނުބީހޭނެތެވެ. (އެއީ) ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟުރަތުން ބާވައިލެއްވި ފޮތެކެވެ.”
حكيم بن حزام _رضي الله عنه- ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلى الله عليه وسلم ތިމަން ޔަމަނަށް ފޮނުއްވިހިނދު ޙަދީޘްކުރެއްވިއެވެ. ((لا تمس القرآن إلا وأنت طاهر)) މާނައީ: ”ޠާހިރު ޙާލުގައި މެނުވީ ތިބާ ޤުރުއާނުގައި ނުބީހޭށެވެ.” [رواه الحاكم في المستدرك ، وقال : صحيح الإسناد ، ولم يخرجاه، ووافقه الذهبي ، ورواه الدارقطني في سننه ، والبيهقي في السنن الكبرى.] އެހެންކަމުން ބާލިޣުވެފަވާ މީހަކު މުސްޙަފުގައި ބީހޭކަމުގައި ވާނަމަ ވުޟޫމަތީހުރުން ވާޖިބުވެގެން ވެއެވެ. މިކަމުގައި އިތުރަށް ފާހަގަކޮށްލަން ޖެހޭ ކަމަކީ ބާލިޣުނުވާ ކުޑަކުދިންނަށް މިކަމުގައި ހުކުމްތަފާތުކަމެވެ. އެގޮތުން އިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން ދެކިލައްވަނީ ބޮޑެތިމީހުން ފަދައިން ކުޑަކުދިންވެސް މުސްޙަފުގައި ބީހޭކަމުގައި ވާނަމަ ވުޟޫކުރުން ވާޖިބުވާނެކަމަށެވެ. އަދި ވުޟޫނުކޮށް އައްލައިފި ނަމަ އެކަން ކުރުވި ބެލެނިވެރިޔާ ފާފަވެރިވާނެކަމަށެވެ. އެހެންބައެއް ޢިލްމުވެރިން ދެކިލައްވަނީ ވުޟޫނުކޮށް ކުޑަކުދިން މުސްޙަފުގައި ބީހުމަކީ މަކުރޫހަކަމެއްކަމެވެ. ޖުމުހޫރު ޢިލްމުވެރިން ނުވަތަ ގިނަ ޢިލްމުވެރިންގެ ރައުޔުގައި ބާލިޣުނުވާ ކުޑަކުއްޖާ މުސްޙަފުގައި ބީހޭއިރު ވުޟޫކުރާކަށް ނުޖެހެއެވެ. މާނައަކީ ވުޟޫނެތް ޙާލެއްގައި ވެސް މުސްޙަފުގައި އެކުދިން ބީހުމަކީ ހުއްދަ ކަމެއްކަމެވެ. އަދި އެކަންކުރުވާ ބެލެނިވެރިޔާ ފާފަވެރިއެއް ނުވާނެއެވެ. އެކަމުގެ ޢިއްލަތަކީ ކުޑަކުދިންނަށް އެފަދަ ގޮތަކަށް އިލްޒާމު ކުރުމަކީ އޭގައި އިންތިހާ ދަރަޖައަށް އުނދަގޫތަކަކާއި ކުރިމަތިވާނޭކަމަކަށް ވުއެވެ. އެފަދަގޮތަކަށް އިލްޒާމްކޮށްފިނަމަ ނަތީޖާއަކަށް ވާނީ ކުޑަކުދިން ޤުރުއާނާދުރުވެ ހިތުދަސްކުރުމުންވެސް ކުދިން އެއްކިބާވެގެން ދިއުންކަމަށްވާތީއެވެ. އެހެންކަމުން އުނދަގޫކަން ފިލުވާލާ ފަސޭހަކޮށްދިނުމުން އެކަމުން ރައްކާތެރިވެގެންދާނެތީއެވެ.
އެހެންކަމުން ބާލިޣު ނުވާ ކުޑަކުއްޖަކު ވުޟޫނެތް ޙަލުގައި މުސްޙަފުގައި ބީހުމަކީ ޙުއްދަކަމެކެވެ.
މީގެ އިތުރަށް ދަންނަންޖެހޭ ކަމަކީ މުސްޙަފަކީ ކޮބައިތޯއެވެ. ނުވަތަ މުޞްޙަފުގެ ޙުކުމް ހިނގާނީ ކޮންކޮން ސިފަތައެއް އައިސްގެންތޯއެވެ. އެގޮތުން الموسوعة الفقهية الكويتية މިފޮތުގައި މުސްޙަފުގެ އިސްތިލާޙީމާނާއި ގެންނަވާފައި ވެއެވެ. اسم للمكتوب فيه كلام اللّه تعالى بين الدّفّتين. މާނައީ: އެފޮތެއްގެ ދެ ބަނޑަވެރިގަނޑު ދެމެދުގައި ﷲތަޢާލާގެ ކަލާމްފުޅު ލިޔެފައިވާ ފޮތަކަށް ކިޔާނަމެކެވެ.
އެއީ ކިތައްމެ މަދުންވިޔަސް އޭގައި ވަނީ މުޅިންވެސް ގުރުއާންކަމުގައި ވާނަމަ އެއީ މުސްޙަފެކެވެ. ނުވަތަ ޚަތިމެކެވެ. މިސާލަކަށް އަންމާފޮތް ނުވަތަ ފޮތުގެ ކޮޅުންކޮޅަށް ޤުރުއާނުގެ ބައެއް ލިޔެފައިވާ ފޮތެކެވެ.
ޚުލާސާއަކީ ބާލިޣުވެފައިވާ މީހަކު މުސްޙަފުގައި ނުވަތަ ޚަތިމުގައި ބީހޭކަމުގައިވާނަމަ ވުޟޫ ހުރުން ވާޖިބުވާނެއެވެ. އެހެނަސް ބާލިޣު ނުވާ ކުޑަކުދިން މުސްޙަފުގައި ބީހުމަށް ވުޟޫކުރުން ވާޖިބުވެގެން ނުވެއެވެ. ވުޟޫނެތް ޙާލުގައި އެކުދިން މުސްޙަފުގައި ބީހުން ހުއްދަވެގެން ވެއެވެ.
މުސްޙަފަކީ ނުވަތަ ޚަތިމަކީ އެފޮތެއްގެ ދެ ބަނޑަވެރިގަނޑު ދެމެދުގައި ﷲތަޢާލާގެ ކަލާމްފުޅު ލިޔެފައިވާ ފޮތަކަށް ކިޔާނަމެކެވެ. އަންމާފޮތްވެސް އެއީ މުސްޙަފެކެވެ. އަދި ފޮތުގެ ކޮޅުންކޮޅަށް ޤުރުއާނުގެ ބައެއް ލިޔެފައިވާ ކޮންމެ ފޮތަކީ ވެސް މުސްޙަފެކެވެ.
والله أعلم

 

ޖަވާބު ދެއްވީ : ފަޟީލަތުއްޝައިޚް ޢަބްދުﷲ ރަޝީދު

(އިސްލާމް.ކިއު.އޭ)

ލިޔުނީ: ޢަލީ ޒިޔާދު / އަސްރަފީގެ ، ނ.ލަންދޫ

ޢާންމުކޮށް ލިޔެ އުޅެނީ ދީނީ ލިޔުންތަކެވެ. އިޖުތިމާޢި ދާއިރާތަކުންނާއި އެހެނިހެން ދާއިރާތަކުންވެސް ތަފާތު ލިޔުންތައް ލިޔެހަދައެވެ.

މިލިޔުންވެސް ކިޔާލާ

ފާތިޙާ ފިޔަވައި އެހެން ސޫރަތް ތައް އިމާމާގެ ފަހަތުން ކިޔެވުމަކީ ހުއްދަ ކަމެއް ނޫން.

ސުވާލު: އިމާމުމީހާ ސޫރަތުލް ފާތިޙާ ކިޔެވުމަށްފަހު އެއަންނަ ހުސްވަގުތުގައި ސޫރަތުލްފާތިޙާ ކިޔެވުމަކީ ކޮންކަހަލަ ކަމެއްތޯ؟ އަދި އެލިބޭ ހުސްވަގުތުކޮޅުގައި ސޫރަތުލްފާތިޙާ …

ޚިޔާލެއްދެއްވާ

avatar
wpDiscuz