“ޚިތާނީ މައިޒާން” ގައި ރަޖިސްޓްރީވުމުގެ ސުންގަޑި މިއަދު ހަމަވެއްޖެ.

sadhaqaathu1
ޞަދަގާތު ފައުންޑޭޝަނުން ބޭއްވި ޕްރެސް ކޮންފަރެންސެއްގެ ތެރެއިން – ފައިލް ފޮޓޯ: ޕީއެސްއެމް

ޞަދަޤާތު ފައުންޑޭޝަނުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ “ޚިތާނީ މައިޒާން” ގައި ރަޖިސްޓްރީވުމުގެ ސުންގަޑި މިއަދު ހަމަވެއްޖެއެވެ. ސުންގަޑި ހަމަވިއިރު ވަރަށްބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށް އެ ފައުންޑޭޝަނުން ވަނީ ހާމަކޮށްފައެވެ.

އެ ފައުންޑޭޝަނުން ބުނީ ކުރިއަށް އޮތް ސްކޫލް އަހަރީ ޗުއްޓީގައި ބާއްވާ ޚިތާނު ކުރުމުގެ މި ޙަރަކާތުގައި ބައިވެރިވުމަށް ފޯމް ހުށައެޅި ފަރާތްތަކަށް ވަރަށް އަވަހަށް މިކަމާބެހޭ މަޢްލޫމާތު ދެމުން ގެންދާނެ ކަމަށާއި، ޚިތާނީ މައިޒާން ވީހާވެސް ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެފައުންޑޭޝަނުން ބޭނުންވާ ކަމަށެވެ.

ޚިތާނު ކުރުމުގެ މި ޙަރަކާތުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ޞަދަޤާތު ފައުންޑޭޝަންގެ ފަރާތުންނެވެ. މިފަދަ ޙަރަކާތެއް އިންތިޒާމް ކުރުމުގެ މަޤްޞަދަކީ، ޢާއިލާތައް އެއްތަނަކުން ބައްދަލުވެ ޢާއިލީ ގުޅުން ބަދަހިކުރުމާއި، ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވާ އާލާކުރުމުގެ ފުރުޞަތު ޢާއިލާތަކަށް ފަހިކޮށްދިނުން ކަމަށް ޞަދަޤާތު ފައުންޑޭޝަނުން ބުނެއެވެ.

ޚިތާނީ މައިޒާން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭ ރެހެންދި ސްކޫލްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އިސްނަންގަވައިގެން އުފައްދަވާފައިވާ ޞަދަޤާތު ފައުންޑޭޝަނަކީ، ޚާއްސަ ގޮތެއްގައި އެހީތެރިކަން ބޭނުންވެފައިވާ މީހުންނާއި، މުޖުތަމަޢުގައި ޒަރޫރީ ބޭނުންތައް ނުފުދި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ.

އެ ފައުންޑޭޝަނުން ދަނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަފާތު ގިނަ ޙަރަކާތްތަކެއް ހިންގަމުންނެވެ. ޞަދަޤާތު ފައުންޑޭޝަނަކީ 2015 ވަނަ އަހަރު އުފެއްދި ޖަމްޢިއްޔާއެކެވެ.

މަސްދަރު: ޕީއެސްއެމްނިއުސް

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar