ޙަޤީޤީ މަންޒިލް…

ލިޔުނީ: އިބްރާޙިމް ޝާމިލް ( ސާމް ) / މޫރިތި – ނ.ލަންދޫ

” ޙަޔާތުގެ ދުވަސްތަކުގެ ތެރެއިން ބައެއްފަހަރު އަލިކަމާއި އަނދިރީގެ ސަބަބުން  ދިރިއުޅުމުގެ ރާސްތާއިން، ކާމިޔާބުގެ މަންޒިލަށް ވާސިލުވެވެނީ ކިތައް މީހުންނަށް ބާއެވެ؟ ކޮންމެވެސް ބޮޑު ގުރުބާނީއެއް ވެގެން ނޫނީ ޙަޔާތުގެ އެންމެ އުފާވެރި މަންޒިލުގައި ފައިތިލަ ބީއްސައިލުމަކީ ދަތިކަމަކަށް ނޫނީ ނުވާނެއެވެ. ނަމަވެސް އެފަދަ މީހުންގެ މިންނެތް މަސައްކަތް ހެޔޮހިތުން ޤަބޫލުކުރަނީ ދާދި މަދު މީހެކެވެ”.

އޭނައަކީ ދިރިއުޅުމުގެެ ކާމިޔާބުގެ އުދަރެސް ބަނަވެފައި ވާތީ، ފިރުކެމުންނަމަވެސް އެހީތެރިކަން ލިބޭތޯ މަސައްކަތް ކުރުމަށް މަޖުބޫރުވެފައިވާ ނިކަމެއްޗެކެވެ. މިހާރު އޭނަގެ އުމުރުން ފަސްދޮޅަސް އަހަރުންމަތި ވެދާނެއެވެ. ހިކި އަނަރޫފަ ވެފައިވާ ހަށިގަނޑެކެވެ. ވެދާނެވެ. ކާބޯތަކެތީގެ ރަހައިގެ އަސަރު ކެނޑިފައިވާތީ ކެއިން ބުއިމާއި ބީރައްޓެހިވީއެވެ. މޫނުމަތީގެ ކުލަވަރު މުޅިންހެން ފަނޑުވެ ލޯބޯ ކޮށިވުމުގެ އަލާމާތްތައް ފެނެއެވެ.

ދެބައި އުމުރާއި ހަމަޔަށް ދިޔައިރު ހަތްކުދިން ބޮޑަތިވެ މީހުންނާއި އިންނަ ހިސާބަށް ދިޔައީއެވެ. އެމީހަކު ރުހޭ މީހަކާއި ކައިވެނިކޮށްދިމުގައި އޭނާގެ އެހީތެރިކަން އެންމެ ފުރިހަމަޔަށް ފޯރުކޮށްދިނެވެ. އޭގެ ދުވަސްކޮޅެއް ފަހުން އޭނާގެ އަންހެނުން ނިޔާވެއްޖެއެވެ. އޭނާއަށް ލިބުނު ހިތާމާއިގެ ކޮޅެއްވެސް ނެތްފަދައެވެ. ދޮށީ ހަތަރު ދަރިންނަކީ ފިރިހެން ކުދިންނެވެ. ދެން ތިބި އަންހެންކުދިންވެސް އެމީހުންގެ ފިރިިންގެ ގެޔަށް ދިރިއުޅުން ބަދަލު ކުރީއެވެ.

އޭނާގެ އެކަނިވެރިކަމުގެ ބައިވެރިޔަކަށްވީ އެ ބޮޑު ގެއެވެ. އޭނާގެ ޒުވާންއިރު ކުރެވުނު ކައިވެނީގެ އަސަރުކަމުގައިވާ ދަރިންކޮޅު އޭނާ އެކަނި ކުރީއެވެ. އެނާގެ ކުދިންތައް އެމީހުންގެ އަމިއްލަ ދިރިއުޅުން އުފާވެރިކަމުގައި ހޭދަކުރަމުން ގެންދިޔައިރު އެއްފަހަރުވެސް އެމީހުން ބަލާ ބޮޑުކުރި ބައްޕަގެ މަތިން ކުޑަކޮށްވެސް ހަނދާނެއްނެތް ކަހަލައެވެ. އޭނާގެ އުމުރުން ދުވަސްވެ ގައިބާރުދަންދެން އަމިއްލައަށް މަސައްކަތް ކޮށްގެން ލިބޭ އެއްޗަކުން ކައިބޮއެ ހަދައިލެވޭ ވަރު ވަނީހަމަ ކިރިޔާއެވެ.

 އެހެންނަމަވެސް އެ ބޮޑު ގޭ ތެރޭގައި އޭނާ އެކަނި އުޅެން ޖެހުމުން ދިރިއުޅުމުގެ ގިނަ ބޭނުންތައް ވަނީ ނުފުދިފައެވެ. އެ ބޮޑު ގެ އަކީ އެ ކުދިންނަށްޓަކައި އޭނާގެ ޖާނާއި މާލުން ގުރުބާން ކޮށްގެން ހަދައިފައިވާ ރީތިބޮޑު ގެއެކެވެ. ނަމަވެސް މިއަދު އެ ރީތި ގެ ވަނީ މުޅިން ހަނޑިވެ ވީރާނާވާން ކައިރިވެފައެވެ. މީހުންގެ މަލާމަތާއި ފުރައްސާރައިގެ ސަބަބުން ނުކޮށްނުވާ ގޮތަށް ފަރުވާކުޑަކޮށް ޠާހިރުކުރަމުން ދިއުމުގެ ސަބަބުން އެގޭތެރެއިން ދުވާ ނުބައިވަސް އެ ހިސާބުގައި އަބަދުވެސް އަރުލައިފާ ހުރެއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ އޭގެ އުސޫލަށް އެއްވެސް އުނިކަމެއް ނާންނަ ފަދަގޮތަކަށެވެ. ކުރީދުވަހު އޭނާގެ ދަރިން އެގެއަށް އައިސް އޭނާ ފެންވަރުވާފަ ލެއްވި މުންޑުގަނޑު މިއަދުވެސް ނުޠާހިރުކޮށް އޮށްވާ އެ ލެއްވީއެެވެ. ދަރިންގެ ވިހަ ބަސްތައް އޭނާގެ ކަންފަތުގައި ގެއަށް އެދަރިން ވަންނަ ކޮންމެ ހިނދަކު މެދުކެނޑުމެއްނެތި ގުގުމާލަ ގުގުމާލަ ހުރެއެވެ. އެމީހުން ބުނާގޮތުން ހުރިހާ ކަމެއްވެސް ކޮށްދެނީ ބައްޕައަަށް ފަސޭހަވާނެ ގޮތަށް ބަލައިގެންނެވެ. ކޮންމެ ދުވަހަކުވެސް މީރު ކާތަކެތި ތައްޔާރުކޮށްދީ ހަދައެވެ. ނަމަވެސް މުސްކުޅިބަލީގެ ސަބަބުން ބައްޕައަށް ނުކެވެނީ ކަމުގައި އެނާގެ ދަރިން އެހެން މީހުން ގާތުގައި ބުނެ ހަދައެވެ.

އޭނާގެ ޙަޔާތުގެ ދުވަސްތަކުގެ ތެރެއިން އެންމެ ފަހު ދުވަސް ކަމުގައި އޭނާއަށް ހީވި ދުވަހެކެވެ. ނިދާ ހޭލެވުނު އިރު ތަންމަތި ވަނީ ތެމިފައެވެ. އޭނާގެ ހިތުގައި ޖެހުނެވެ. މިއަދުވެސް އޭނާގެ ދަރިންގެ ހަރުކަށި ބަސްތައް އޭނާއާއި ކުރިމަތި ވާނެ ކަން ޔަޤީންވިއެވެ. އޭނާ މަޑުމަޑުން ދެލޯ މަރައިލި ހިނދު އޭނާގެ އެތެރެ ހަށިން ފުން ނޭވާއެއް އެ ކުޑަ ކޮޓަރިގަނޑުގެ ތެރެއަށް ދޫކޮށްލެވުނެވެ. ދެން ކަންފަތުގައި ޖެހުނީ އޭނާގެ ހަގު ދަރިފުޅުގެ ފައިވާން ކިބައިން ނަގަމުންދާ ފިޔަވަޅުތަކުގެ އަޑެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އޭނާއާއި ކައިރިވާ ކަމުގެ އިހުސާސްވަމުން ދިޔައީ ނުތަނަވަސް ކަމުގެ ތެރޭގައި އޭނަ އޮށްވައެވެ.

އޭނަގެ ދަރިފުޅު އެ ކޮޓަރި ތެރެއަށްވަދެ އޭނާގެ ބައްޕައަށް ފެންފޮދެއް ދިނުމަށްފަހު ތަށި ބެހެއްޓި ވަގުތާއިއެކު އޭނާގެ ފުރާނަ މި ފާނާވަނިވި ދުނިޔެއާއި ވަކިވުން ވީ އެއް ވަގުތަކަށެވެ. އޭނާގެ ދަރިފުޅު އަޑުން އަޑުނަގައި ރޯން ކައިރީގައި ހުއްޓެވެ. މި ޙަބަރު ލިބުމާއި އެކު އޭނާގެ ހުރިހާ ދަރިންވެސް އޭނާ ކައިރިޔަށް ގޮސް ދުނިޔޭގެ އުސޫލާއި އެއްގޮތަށް ގިސްލާ ރޮމުން ދިޔައެވެ. އެހެނަސް މިއަދު އެމީހުންގެ ގިސްލުން ތަކުގެ އަސަރެއް އެ ފުރާނަނެތް މަސްގަނޑަކަށް ނުކުރާނެއެވެ…

“މައިންބަފައިންނަކީ އެ މީހުންގެ ދަރިންނަށްޓަކައި އަބަދުވެސް ގުރުބާންވަމުން ދާ ބައެކެވެ. އެކަން ހަނދާންކުރަންވީ ހަމައެކަނި އެމީހުންގެ ބަލިހާލު ބޮޑުވެ އެނދުމަތިން ނުތެދުވެވޭ ވަރު ވީމަ އެކަންޏެއް ނޫނެއެވެ. ނުވަތަ އެމީހުން މިދުނިޔެއާއި ވަކިވުމުން ނެއްނޫނެއެވެ. އަބަދުވެސް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީ ހެޔޮހާލު ބަލާ އަޅާލަންޖެހެއެވެ. އެހެންނޫންނަމަ ކިތައްމެ އުފާވެރި ޙަޔާތެއްގައި ތިމާ އުދުހެމުން ދިޔަކަމުގައިވިޔަސް، ކޮންމެވެސް ދުވަހަކުން ނިކަމެތިކަމާއިއެކު މި ބިންމަތީގައި ބޯ އަޅާލަންޖެހުމަކީ، މެންދުރުގެ އިރުފަދައިން ޔަޤީންވާން އޮތްކަމެކެވެ. ވީމާ ޙަޤީޤީ ކާމިޔާބުގެ މަންޒިލަށް ވާސިލްވާންް އެދޭނަމަ މިކަމުން އިބުރަތް ހާސިލުކުރުން ބުއްދިވެރިއެވެ”. (ނމނ)

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
ކަމަނަ މަނަދޫ
ކަމަނަ މަނަދޫ

މީހާސް އަކީ މޫސަތަ ރަނގަޅު ލިޔުމެއް

Mohamma
Mohamma

ޢޯގަދަ ! ވަރަށް ފޭރަން ހެޔޮ ޢިބުރަތުން ފުރިގެންވާ ވަރަށް ފަށުއި ލިޔުމެއްކަމަށް ޤަބޫލްކުރެވޭ އަދި މިހާރަކަށް އައިސް މިފަދަ ލިޔުންތައް ފެންނަނީ ވަރަށް މަދުކޮށްކަން ފަހަގަކޮށް ލަން / އަދި މީގެފަހުން މިފަދަ ހިތްގައިމް ލިޔުންތައް ގިނަގިނައިން ފެންނާނެކަމަށް އުއްމީދުކުރަން

wpDiscuz