ޓެކްސީތައް ޤަވާއިދަށް ފައްތަން 24 ގަޑިއިރު ގެ މުހުލަތެއް ދެނީ.

މާލޭގައި ޚިދުމަތްދޭ 899 ޓެކްސީ ބޭނުންކުރަމުންދާއިރު، ބޭނުންވާ ވަގުތުތަކުގައި ޓެކްސީ ނުލިބުމާއި ބައެއް ޓެކްސީތަކުގެ ފެންވަރު ދަށްކަމުގެ ޝަކުވާތައް ޓްރާންސްޕޯޓް އޮތޯރިޓީއަށް ލިބެމުންދާތީ އާއި، ޤަވާޢިދަށް ނުފެތި ހުރި ގިނަޓެކްސީތަކެއް ދުއްވަމުންދާތީ ޓެކްސީތައް ޤަވައިދަށް ފެއްތުމަށް 24 ގަޑިއިރުގެ މުހުލަތެއް ފުލުހުން ދެއްވަން ފައްޓަވައިފިއެވެ.

ޓްރާންސްޕޯރޓް އޮތޯރިޓީއާއި ފުލުހުންނާއި ގުޅިގެން ޓެކްސީތައް ޤަވާއިދާއި އެއްގޮތަށް ހުރިތޯ ބެލުމަށް މިއަދު ހެނދުނު ފެއްޓެވި މި އޮޕަރޭޝަންގެ ދަށުން، މާލޭގައި ދުއްވާ ހުރިހާ ޓެކްސީތަކެއް ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޓެކްސީތަކުގައި ފުރިހަމަކޮށްފައި ހުންނަންޖެހޭ ވަސީލަތްތައް ޤާއިމްކޮށްފައި ހުރިތޯ އާއި އުޅަނދުގެ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައި ވޭތޯ ފުލުހުން ގެންދަވަނީ ބައްލަވަމުންނެވެ.

އަދި ބަލައި ފާސްކުރުމުގައި ގެންގުޅޭ މިންގަނޑަށް ނުފެތޭ އުޅަނދުތައް އެމިންގަނޑަށް ގެނައުމަށް 24 ގަޑިއިރުގެ މުހުލަތެއް ދެއްވާނެ ކަމަށާއި އެމުއްދަތުގެ ތެރޭގައި އިސްލާޙް ކުރަންޖެހޭ ކަންކަން އިސްލާޙް ނުކޮށްފިނަމަ އޮންނަ އުޞޫލުގެ ދަށުން ފިޔަވަޅު އަޅުއްވާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ. ޓެކްސީތައް ބަލާ ފާސްކުރުމަށް ފެށި މި އޮޕަރޭޝަންގެ މާލޭގެ އިތުރުން ހުޅުމާލެ އަދި ވިލިމާލޭގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ފެށި އޮޕަރޭޝަނަށް ޓެކްސީ ސެންޓަރުތަކުންނާއި ޓެކްސީ ޑްރައިވަރުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމަކާއި ތަރުހީބެއް ލިބެމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ޓެކްސީތަކާއި ގުޅޭ ގިނަ ޝަކުވާތައް އާއްމު ފަރާތްތަކުން ހުށައަޅަމުންދާތީ ޤަވައިދާ ޚިލާފަށް ޓެކްސީ ކުރާ ހުރިހާ ފަރާތްތަކާއި މެދު މި ހަފްތާއިން ފެށިގެން ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ކުރިން ދެއްވާފައެވެ.

 

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar