ޓީމު ލަންދޫއިން ކުޅުނު ދެވަނަ ޕްރެކްޓިސް މެޗު އެއްވަރުވެއްޖެ

އަންނަ މަހުގެ 15 ގައި ފެށުމަށް ހަމަޖެހިފައިވާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވަމުން އަންނަ ޓީމު ލަންދޫއިން ކުޅުނު ދެވަނަ ޕްރެކްޓިސް މެޗުން އެއްވަރުވެއްޖެއެވެ.

އިއްޔެ ހަވީރު މާފަރު ޒުވާނުންގެ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މެޗު ފަށައިގެން ، ގިނަވަގުތު ބޯޅަ ގެންގުޅެ މެޗް ކޮންޓުރޯލްކޮށް ކުޅެފައިވަނީ ޓީމް ލަންދޫއިންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ލަނޑު ޓީމު ލަންދޫ އިން ކާމިޔާބު ކުރިއެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ މިވަގުތު ލަންދޫ ޓީމުގައި ކުޅެމުންދާ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ހަސަން (ރަބޭ ) އެވެ. ޓީމު ލަންދޫގެ ލަނޑަށްފަހު މާފަރު ޓީމުގެ ކުޅުން ރަގަޅުކޮށް މެޗް ކޮންޓުރޯލް ކުރިއެވެ. މެޗްގެ 35 ވަނަ މިނެޓްގައި މާފަރު ޓީމުން ލަނޑުޖެހީ ލިބުނު ޕެނަލްޓީ އަކުން މާފަރު ޓީމުގެ ހުންރުވެރި މިޑްފީޑަރ އަހުމަދު ނަބީލް (ނައްޑަ) އެވެ.

ފުރަތަމަ ހާފު ނިމުނީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ. ދެވަނަ ހާފް ޓީމުލަންދޫ އިން ފަށާފައިވަނީ ގިނަ ބަދަލުތަކަކާއި އެކު އެވެ. ދެވަނަ ހާފުފަށާއި މާފަރު ޓީމުން ގިނަ ހަމަލަތަކެއް އުފެއްދިއެވެ. ނަތީޖާއެއްގެ ގޮތުން ލިބުނު ހިލޭޖެހުމަކުން މާފަރު ޓީމުގެ ދެވަނަ ގޯލްޖެހިއެވެ. މިގޯލްވެސް ކާމިޔާބު ކޮށްދިނީ މެޗުގައި މޮޅުކުޅުމެއް ދެއްކި ހުނަރުވެރި މިޑްފީޑަރ އަހުމަދު ނަބީލް (ނައްޑަ)އެވެ. އަދި ދެވަނަ ލަނޑު ޖެހިތާ މަގިނައިރު ނުވަނީސް މާފަރު ޓީމަށް ޕެނަލްޓީއެއް ލިބުނެވެ. މިޕެނަލްޓީ ގޯލްގެ ތެރެއަށް ވައްދާލައި މާފަރު ޓީމުގެ 3 ވަނަ ލަނޑު ޖަހާ ޓީމު ލަންދޫ ހާސްކޮށްލިއެވެ.

ފޮޓޯ ؛ އެފްސީ މާފަރު

މާފަރު ޓީމުގެ 3 ވަނަ ލަނޑަށްފަހު ލަންދޫ ޓީމުން ކުރިއަށް ޖެހި ގިނަ ހަމަލާތަކެއް ފުލުފުލުން މާފަރު ޓީމުގެ ގޯލަށް ފޮނުވާލިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުނިމެން ކައިރިވެފައިވަނިކޮށް ، ލަންދޫ ޓީމުން ކައިރި ކައިރީގައި ދެ ލަނޑު ކާމިޔާބު ކުރިއެވެ. މި ދެލަނޑުވެސް ކާމިޔާބު ކޮށްދިނީ މެޗުގައި މޮޅުކުޅުމެއް ދެއްކި ހުނަރުވެރި ފޯވާޑް މުހައްމަދު ސަމާހު (ސަމައްޓޭ ) އެވެ.

މިއަހަރު ޓީމު ލަންދޫގެ ކޯޗަކީ ކުރީގެ ނިއުރޭޑިއަންޓްސް ސްޕޯޓްސް ކުލަބުގެ ކެޕްޓަން އަހުމަދު އިރުފާން ( އިރޭ ) އެވެ. މާފަރު ޓީމުގެ ކޯޗަކީ މުހައްމަދު އަބުދުއްލް ޤަނީ ( މޯޑް ޤަނީ ) އެވެ. މިއީ މުހައްމަދު އަބުދުލް ޤަނީ އިރުޝާދުގެ ދަށުން މާފަރު ޓީމު ކުޅުން ފުރަތަމަ މެޗެވެ.

ޓީމު ލަންދޫގެ އެންމެ ފަހު ޕްރެކްޓިސް މެޗު މިމަހުގެ 8 ވަނަ ދުވަހަށް ވަނީ ޝެޑިއުލް ކޮށްފައެވެ. އެމެޗުގައި ޓީމު ލަންދޫ ބައްދަލުކުރާނީ ވޭތިވެ ދިޔަ ދެއަހަރުގެ ޗެމްޕިއަން ހޮޅުދޫ ފުޓްބޯޅަ ޓީމާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ލަންދޫ ޒުވަނުންގެ ފުޓްބޯޅަ ދަނޑުގައެވެ.

ލިޔުނީ: ޔޫސުފު ޢަބުދުއްރަހީމް

ޔޫސުފު ޢަބުދުއްރަހީމް ( ޔޫއްޓޭ ) އަކީ ކުޅިވަރުގެ ޚަބަރުތައް ކަވަރު ކުރެެއްވުމުގައި އެފަދަ ދެވަނައެއްނެއް ޒުވާން ނޫސްވެރިއެކެވެ. އޭނާގެ ލިޔުންތައް ކުޅިވަރަށް ޚާއްޞަވެގެން ދިޔަނަމަވެސް މައުލޫމާތާއި އެހެނިހެން ޚަބަރުތައް ކަވަރުކުރެއްވުމުގައިވެސް އޭނާ ޙަރަކާތްތެރިވެލައްވައެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz