ސްމާޓްފޯނަށް މައްސަލަ ނުޖެހި ގިނަދުވަހު ގެންގުޅެން ބޭނުންތަ؟

ޓެކްނޮލޮޖީގެ މިޒަމާނުގައި ސްމާޓްފޯނެއް ނުގެންގުޅޭ މީހަކުމަދުވާނެއެވެ. ހަމަ ނުހުނާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޒުވާނުންވެސް އަދި ދޮށީޢުމުރުގެ މީހުންވެސް ސްމާޓްފޯނާނުލައި މިހާރުގެ މި ތަހުޒީބީ ދިރިއުޅުމުގައި ކުރިއަށް ދިއުމަކީ ވަރަށް އުނދަގޫކަމެކެވެ.

އެހެންކަމުން ފޯނު ގިނަދުވަހު ހަލާކުނުވެ ނުވަތަ މައްސަލަ ނުޖެހި ގެންގުޅެވޭނީ ކޮންކޮން ކަންކަމަކަށް ސަމާލުކަންދީގެންތޯ މިއީ އެފަދަފަރާތްތަކުން ކުރަމުންއަންނަސުވާލެއްވެސް މެއެވެ. އޮޅުންފިލުވަން ބޭނުންވާ މުހިއްމު މައުލޫމާތެކެވެ. ސަބަބަކީ ވަރަށް އަގުބޮޑުކޮށް ގަންނަ ފޯނުވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި މައްސަލަ ޖެހި ބޭނުންނުކުރެވޭ ހިސާބަށް ވަރަށް ގިނަފަހަރު އަންނަމުންދާތީއެވެ.

ތިރީގައި މިބަޔާންކޮށްލަނީ ސްމާޓް ފޯނުގެ މިފަދަ މުހިންމު މަޢުލޫމާތުތައް ގެނެސްދޭ މަޝްހޫރު ވެބްސައިޓަކުން ޝާއިޢުކޮށްފައިވާ ލިޔުމަކުން  ނަގައިފައިވާ ޚުލާސާ ލިޔުމެކެވެ.

ސްމާޓް ފޯނު ގިނަދުވަހު ގެންގުޅެން ބޭނުންނަމަ އެންމެބޮޑަށް ސަމާލުކަން ދޭންޖެހޭނީ ޗާޖްކުރުމުގައި ގެންގުޅެން ޖެހޭ އާދަތަކަށެވެ. ގިނަމީހުންނަށް ޗާޖް ކުރުމުގައި ގެންގުޅެންޖެހޭ ރަގަޅު އާދަތައް ނޭންގުމުގެ ސަބަބުން ފޯނު އޯވަރހީޓްވެގެން ބެޓްރީ ގޮވުމާއި، ބެޓްރީ ފެއިލްވުމުގެ އިތުރުން މުޅި ފޯނުވެސް ނުވާ ދުވަހުން ހަލާކުވެފައި އެބަހުއްޓެވެ.

މިހާރު މިޒަމާނުގައި އުފައްދަމުންދާ ސްމާޓް ފޯނުތަކަކީ ބޮޑެތި ބެޓްރީ އެފޯނުތަކުގައި ހުންނަ އަވަސް ޗާރޖިން ސޮފްޓްވެއަރ ހިމަނާފައިވާ ފޯނުތައް ކަމުން މިކަމުގައި ސަމާލުކަން ދޭންވީ މިންވަރަށް ނުދެވިއްޖެނަމަ ފޯނުގެ ޢުމުރު ވަރަށް ކުރުވެދާނެއެވެ. އެހެންވީމާ ތިރީގައިވާ ކަންކަމަށް ސަމާލުކަން ދިނުންހުއްޓެވެ.

  1. ޗާޖަށް ޖެހުމުގެ ކުރިން ކަވަރުން ނެގުން.

smartphone2ފޯނު ގެންގުޅެނީ އަބަދުވެސް ކަވަރަކަށް ލައިގެން ކަމަށްވާނަމަ ޗާޖްކުރަން ފެށުމުގެ ކުރިން ކަވަރުން ނެގުމަކީ ވަރަށް މުހިއްމު ކަމަކެކެވެ. ސަބަބަކީ ފޯނު ގިނަވަގުތު ޗާޖްކުރަން ޖަހާފައި އޮތުމުން ފޯނުހޫނުވާނެއެވެ. އޯވަރ ހީޓްވެގެން ފޯނަށް ކޮންމެ ފަދަ ގޮތެއްވެސް މެދުވެރިވެދާނެއެވެ. އޯވަރ ހީޓް ވުމަކީ ހާޑުވެއަރގެ މައްސަލަ ތައްވެސް ނުހަނު އިތުރުވާކަމެކެވެ. މިކަމުގެ ނުރައްކާތެރިކަން ހުރިހާގޮތަކުންވެސް ވަރަށްބޮޑެވެ.

  1. ޗާޖަށް ޖަހާފައި އޮންނަ އިރު ހަރުތަނެއްގައި ބޭއްވުން.

smartphone3ފޯނު ޗާޖަށް ޖަހައިފައި ބާއްވާއިރު އެނދުމަތީގައި ނުވަތަ ސޯފާ ފަދަ މަޑުތަންތަނުގައި ނުބާއްވާށެވެ. އެއީ ހޫނު ހިފަހައްޓާ ފަދަ ތަންތަނެވެ. އެފަދަ ތަންތަނުގެ ބަދަލުގައި ހަރުތަނެއްގައި ބާއްވަން އާދަކުރާށެވެ. އެއީ ޗާޖް ވަމުންދާއިރު ފޯނު ވަރަށް ބޮޑަށް ހޫނުވާނެތީ އަބަދުވެސް ހޫނު ބޭރުކޮށްދޭ ގޮތަކަށް ފޯނު ބޭއްވުމުގެ ބޭނުމުގައެވެ.

  1. މުޅިރޭގަނޑު އެއްކޮށް ޗާޖަށް ޖަހައިފައި ނުބޭއްވުން.

smartphone4އަހަރެމެންގެ ތެރެއިން ގިނަމީހުންނަކީ ނިދަންއޮށޯންނަމުން ފޯނު ޗާޖަށް ޖަހާގޮތަށް ނިދާހޭލެވެންދެން ފޯނުޗާޖުގައި ނައްޓައިނުލައި ބާއްވާ މީހުންނެވެ. މިކަމުގެ ސަބަބުން ގެއްލުން ލިބޭނީ ހަމައެކަނި ފޯނުގެ ބެޓްރީއަށް އެކަންޏެއްނޫނެވެ. މުޅިފޯނަށް ވެސް އޭގެ ސަބަބުން ގެއްލުން ލިބޭނެއެވެ. ދުވަސްކޮޅެއްގެ ތެރޭގައި މުޅި ފޯނަށް މައްސަލަޖެހެން ފަށާފާނެއެވެ. އަދި މިގޮތަށް މުޅިރޭގަނޑު ހަތަރުދަމު ޗާޖަށް ޖަހާފައި އޮތުމުން ފޯނުގެ ބެޓްރީ ގޮވުން ނުވަތަ ބެޓްރީ ހަލާކުވުމުގެ ފުރުޞަތު ވަރަށްބޮޑުވާނެއެވެ. އެހެންވީމާ މޮޅުގޮތަކީ ހޭލާ ހުންނަ ވަގުތުގައި ފޯނުޗާޖްކުރުމެވެ. އެއީ ފޯނު ފުލްޗާޖްވާއިރަށް މާގިނައިރު ނުކޮށް ޗާޖަރު ނައްޓައިލެވޭނެތީއެވެ.

  1. ބައެއް އެޕްލިކޭޝަންތައް ކްލޯޒް ކުރުން.

smartphone5ފޯންގެ ބެކް ގްރައުންޑްގައި ނޭންގިއާ އެނގިގެން ހިނގަމުންދާ ވަރަށް ގިނަ އެޕްލިކޭޝަންތައް ފޯނަށް އިންސްޓޯލްކުރެވިފައި ހުރެއެވެ. މިފަދަ ބައެއް އެޕްލިކޭޝަން ތަކަކީ އެހެން އެޕްލިކޭޝަންތައް އިންސްޓޯލް ކުރަންއުޅޭއިރު ތިމާއަށް އެނގުމަކާ ނުލައި ފޯނަށް އޮޓޯއިން އިންސްޓޯލް ކުރެވިފައި ހުންނަ އެޕްލިކޭޝަންތަކެވެ. މިފަދަ އެޕްލިކޭޝަންތައް އަބަދާއަބަދު ރަންކުރަމުން ދިޔުމުން ފޯނުގެ ބެޓްރީ އަވަހަށް ހުސްވުމުގެ އިތުރުން ފޯނު ހޫނުވެ ދޮންބޮޑުވާނެއެވެ. އެއީ ފޯނަށް އެކިއެކި މައްސަލަ ތައް  ޖެހުމަށް ވަރަށް ބޮޑަށް މަގުފަހިކޮށްދޭ ކަމެކެވެ. އެހެންކަމުން މިފަދަ އެޕްލިކޭޝަންތައް އަންއިންސްޓޯލް ކުރާށެވެ. ނުވަތަ ކްލޯޒް ކުރާށެވެ.

  1. އަވިދިނުމުން ފޯނު ރައްކާތެރިކުރުން.

smartphone6މަސައްކަތް ކުރަން އުޅޭ ގަޑީގައިނަމަވެސް ނުވަތަ އެނޫންވެސް ބައެއް ޙާލަތްތަކުގައި ފޯނު އަވީގައި ބޭއްވޭތަން އެބައާދެއެވެ. ސީދާކޮށް އަވިދޭގޮތަށް ފޯނު ހަނދާންނެތިގެން ނަމަވެސް ނުވަތަ ގަސްތުގައި ނަމަވެސް ބާއްވައިފިނަމަ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ފޯނުހޫނުވެ ދޮންބޮޑުވެދާނެއެވެ. އޭގެ ސަބަބުން ފޯނުގެ ޕްރޮސެސަރ އަށް ވަރަށްބޮޑެތި ގެއްލުންތައް ލިބިގެންދާނެއެވެ. އެއީ ފޯނު ހަލާކުވެ އަވަހަށް މައްސަލަ ޖެހުމަށް މަގުފައިވާ ކަމެކެވެ. އެހެންކަމުން އަވީގައި ފޯނު ނުޖައްސައި ގެންގުޅެވޭތޯ ބެލުމަކީވެސް ފޯނު ގިނަދުވަހަށް ގެންގުޅުމަށް ކުރެވިދާނެ މުހިއްމު ކަމެކެވެ.

  1. ފޭކް ޗާޖަރާއި، ބެޓްރީ ބޭނުންކުރުން.

smartphone7އޮރިޖިނަލް ޗާޖަރ ގެއްލިގެން ނުވަތަ ހަލާކުވެގެން ނަމަވެސް ފޭކް ޗާޖަރ ބޭނުންކުރެވޭތަން ވެސް އެބައާދެއެވެ. މިއީވެސް ފޯނަށް ވަރަށް ގެއްލުން ހުރި ކަމެކެވެ. ޚާއްޞަކޮށް ބެޓްރީ އޯވަރހީޓްވެ އަވަހަށް ހަލާކުވާނެއެވެ. އެހެންކަމުން ފޯނު ޗާޖުކުރުމުގައި އަބަދުވެސް އޮރިޖިނަލް ޗާޖަރު ބޭނުން ކުރަން އާދަކުރާށެވެ. އަދި އޮރިޖިނަލް ބެޓްރީ ކޮންމެވެސް ސަބަބަކާ ހެދި ދޫކޮށްލުމަށްފަހު ބާޒާރުގައި ހުންނަ އަގުހެޔޮ ފޭކް ބެޓްރީ ބޭނުންކުރެވޭތަންވެސް އެބައާދެއެވެ. މިއީ ވެސް ފޯނަށް ވަރަށް ގެއްލުންހުރި ކަމެކެވެ. އެހެންކަމުން އަގުބޮޑަސް އޮރިޖިނަލް ބެޓްރީއެއް ޚިޔާރުކުރާށެވެ.

 

މި ބަޔާންކުރެވުނު ކަންކަމުގެ އިތުރުންވެސް ފޯނު ގިނަދުވަހަށް ސަލާމަތްތެރިކަމާއެކު ގެންގުޅެން ބޭނުންނަމަ ކުރެވިދާނެ ވަރަށްގިނަ ކަންކަން ހުރެދާނެއެވެ. މިއީ މިގޮތުން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ބައެއްކަންކަމެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ދިރާގުން ވިއްކަންފަށައިފި.

ސްމާޓްފޯންގެ ބާޒާރުގައި ދުނިޔޭގެ މަޝްހޫރުކަން ލިބިފައިވާ ސެމްސަންގ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތައް ކަމުގައިވާ ސެމްސަންގް ގެލެކްސީ އެސް 9 …

ޚިޔާލެއްދެއްވާ

avatar
samsung
samsung

salhi liumeh. mikhala liunthakah shauguverrivan.keep it up