ސިޔާސީ ނުފޫޒު ޢާއިލާއަށް!

އެމްޑިޕީގެ ސަޕޯޓަރުންގެ މުޒާހަރާއަކުން / ފައިލް ފޮޓޯ: ލަންދޫއިންފޯ

ސިޔާސީ ގޮތުން ވަރަށް ބޮޑު ހަލަބޮލިކަމެއް ދިވެހިރާއްޖެއަށް އައިސްފައިމިވާ ދަނޑިވަޅުގައި އަޅުގަނޑުމެންނަށް ފެންނަމުންމިދަނީ ބައެއް ޢާއިލާގެ ތެރޭގައި އަނބިމީހާއާއި، ފިރިމީހާ، ދައްތައާއި ބޭބެ، އަދި ބޮޑުބޭބެއާއި، ބޮޑުދައިތަ ފަދަ އާއިލާގެ އެއްމެމްބަރަކު އަނެއްމެމްބަރަކަށް ނުސީދާ ގޮތުންނާއި، ސީދާގޮތުން ސިޔާސީ ނުފޫޒު ފޯރުވާތަނެވެ.

މިކަން ފެނި ތަޖްރިބާ ކުރެވެމުން މިދަނީ ހަމައެކަނި މާލެއަކުނޫނެވެ. ރާއްޖެތެރޭގެ ރަށްރަށުގައިވެސް މިވަނީ މިކަން ވަރަށްބޮޑު މައްސަލައަކަށްވެ އެކަކު އަނެއްކަކު މޫނު ކެނޑޭ ހިސާބަށް މިކަން ގޮސްފައެވެ. ޙަޤީޤަތުގައި މިއީ އަޅުގަނޑުމެންފަދަ ސިޔާސީ މާބޮޑު ބުރަދަނެއްނެތް ޢާއްމުން މިކަމާ ވަރަށް ބޮޑަށް ވިސްނަން ވެއްޖެކަމެކެވެ.

ވެރިކަމަކީ އެކި އިރު އެކިފަރާތުން ކުރާނެކަމެއްކަން އަޅުގަނޑުމެން އެންމެވެސް ދަންނަން އެބަޖެހެއެވެ. އަދި އެވެރިކަމަކީ މަތިންދެއްވާ ބާރެއް ކަންވެސް ﷲ އަށް އީމާންވެގެން ތިބޭބަޔަކުނަމަ ޤަބޫލުކުރަންޖެހޭނެއެވެ. މިއީ ތާރީޚު ދައްކާ ޙަޤީޤަތެވެ. އެއްވެސް ކަމެއް ހަމަކަށަވަރުން ﷲ ގެ ނިޔާފުޅުގެ މަތިން ނޫންގޮތަކަށް ނުނިމޭނެއެވެ.

ނެތްކަމެއް ތަޤުދީރުގައި ވާކަށް ނުވެސް އޮންނާނެއޭ

         އެއްކަމެއްވެސް ނުހިނގައޭ ތަދުބީރު ކުރި ޕްލޭނަކުން.

ކަންމިހެން ހުރިނަމަވެސް ފެންނަމުން މިދާ މަންޒަރަކީ ނުވަތަ އިވެމުންދާ އަޑުތަކަކީ ގޭގެ ވެރިމީހާ ( ފިރިމީހާ ) ވަކިޕާޓީއަކަށް ސަޕޯޓްކޮށް ބޮޑުއިސްކިރީން ބަހައްޓައިގެން ރާއްޖެޓީވީ ބަލަން ދާތީ އެކަން އަނބިހާވެސް ކުރަންޖެހޭނަކަމަށް މަޖުބޫރުކުރާ ތަނެވެ. އަދި އަނބިމީހާގެ ވިސްނުން ހުރީ އެއްވެސް ސިޔާސީ ޕާޓީއަކަށް ތާއީދު ނުކުރުން ކަމުގައި ވީހިނދުވެސް އޭނައަށް މަޖުބޫރުކޮށްގެން ވަކިޕާޓީއަކަށް އޭނަގެ ފިކުރު އަނބުރާލަން މަސައްކަތް ކުރާތަނެވެ.

އަދި ހަމައެހެންމެ ބައްޕައަކީ އޭނަގެ ޕާޓީގެ ރަތްލާޖެހި ( އެއްވެސް ފައިދާއެއް ޕާޓީގެ ފަރާތުން ނުލިބޭ ) އެކްޓިވިސްޓަކަށްވީތީ އޭނަގެ ދަރިންވެސް ލަދުހަޔާތް ކަނޑާލައިފާ މަގުމަޗަށް ނުކުމެ މުޒާހަރާތަކުގައި ބައިވެރިވެ ހަމަނުޖެހުން ހިންގުމަށް މަޖުބޫރު ކުރުވުމުގެ އިތުރުން އެއްކަލަ ޓީވީ ބަލަން ތިބޭ މާލަމަށްވެސް ޤަވާއިދުން ދިޔުމަށް މަޖުބޫރު ކުރަމުންދަނީއެވެ.

މިއީ ވަރަށް ދެރަކަމެކެވެ. އެންމެން ބޭނުންކުރަން އޮންނަ ބޮޑުމަގު ބައްދާލައިގެން އެތާންގައި ބޮޑުއިސްކިރީން ބަހައްޓައިގެން ރާއްޖެޓީވީ ބަލަން ތިބޭއިރު އެހެންމީހުންވެސް ހަމަ ތިމާފަދައިން އުޅެންޖެހޭނެކަމާއި، އެހެންމީހުންގެވެސް ޙައްޤު ތަކަކާއި، މިނިވަންކަމެއް އޮންނަންޖެހޭނެކަން ވިސްނާލުން ރަގަޅުވާނެނޫންތޯއެވެ. ހަމައެކަނި މީހަކީ ތިމާކަމާއި، ހަމައެކަނި ޕާޓީއަކީ ތިމާގެ ޕާޓީކަމާއި، ހަމައެކަނި ފިކުރަކީ ތިމާގެ ފިކުރުކަމާއި، ހަމައެކަނި އިންސާފަކީ ތިމާމެން ފަށައިގެން މިއުޅޭ އިންސާފުގެ ދަތުރުކަމުގައި ހަދައިފިނަމަ ވާނެގޮތް މިހާރު ވެގެން އެދަނީ އެވެ. ދުވަހަކުވެސް މިނޫންދުވަހެއް އަހަރެމެންނަށް ފެންނާނެއެކޭ ނުބުނެވޭއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
އަހްމަދު ލައިބް
އަހްމަދު ލައިބް

ޥަރަށް ރަގަޅު ވާހަކައެއް…

wpDiscuz