ސިޔާމް މަޢުރޫފް ކަޕްގެ ޗެމްޕިއަންކަން އަނެއްކާވެސް ހޮޅުދޫ ހޯދައިފި.

ސިޔާމް މަޢުރޫފް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަނެއްކާވެސް ހޮޅުދޫ ހޯދައިފިއެވެ.

ހޮޅުދޫ މި މުބާރާތުގެ ޗެމްޕިއަންކަން އެ ހޯދީ ވިދިވިދިގެ ދެވަނަ ފަހަރުއެވެ.

ނ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މިމުބާރާތުގެ ޗެމްޕިއަންކަން ހޮޅުދޫ ހޯދީ ފައިނަލްގައި އިއްޔެ ހަވީރު މުބާރާތް ކެނދިކުޅުދޫ ކޭކޭ އެފްސީއާއި ބައްދަލުކޮށް 1 ލަނޑު 0 ލަނޑުން މެޗް ކާމިޔާބު ކޮށްގެނެނެވެ.

މުބާރާތް ބޭއްވި ރަށްކަމުގައިވާ ނ. ކެނދިކުޅުދޫ ބަލިކޮށްގެންނެވެ. ހޮޅުދޫ ފައިނަލް މެޗް ކާމިޔާބުކޮށްފައިވާއިރު އެމީހުން މި މުބާރާތުގެ ފައިނަލަށް ގޮސްފައިވަނީ އެއްވެސް މެޗަކުން ބަލިނުވެއެވެ.

އިއެޔެ ކުޅުނު ފޯރިގަދަ ފައިނަލްމެޗްގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގައި ހޮޅުދޫއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑު މުޙައްމަދު ޒަމީރެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑްވެސް ލިބިފައިވަނީ ޒަމީރު ( ޒަންބެ ) އަށެވެ. މިމުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ކެނދިކުޅުދޫ ގޯލް ކީޕަރ މުހައްމަދު އިޝާނެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ހޮޅުދޫ ޓިމްގެ ކޯޗް އަހުމަދު ފާރިޝްއެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ ހޮޅުދޫގެ މުހައްމަދު ޒަމީރުއާއި، މުހައްމަދު ރިޔާޒްއާއި، ކެނދިކުޅުދޫ ޓީމްގެ މުހައްމަދު އަރީޝް އާއި މުހައްމަދު އައްޒާމް އަދި މިލަދޫ ޓީމްގެ މުޙައްމަދު މަޢުރޫފެވެ.

އެންމެ ރަނގަޅު ސަޕޯޓެއް ދިން ޓީމަކަށް މިލަދޫޓީމް ހޮވިފައިވާއިރު ފެއާ ޕްލޭ ޓީމަކަށް ހޮވުނީ މާފަރު އެފްސީ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 100،000 ރުފިޔާ ދީފައިވާއިރު މުބާރާތުގެ ފެއާރޕްލޭ ޓީމަށް 25،000 ރުފިޔާ، އަދި އެންމެ ރަނގަޅު ސަޕޯޓެއް ދިން ޓީމަށް 15،000 ރުފިޔާ ވަނީ ދީފައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލްކޮށްދިނީ މެޗްގެ ޚާއްސަ ޝަރަފްވެރިމެހެމާނު ބާސެލޯނާ އަދި ސްޕެއިންގެ ކުރީގެ މަޝްހޫރު ޑިފެންޑަރ ކާލެސް ޕުޔޯލްއެވެ. މިއަހަރުގެ މުބަރާތުގައި ނ. އަތޮޅުގެ 13 ޓީމެއް ބައިވެރިވިއެވެ.

މި މުބާރާތުގެ ބާނީ އެއް ބާނީ ސަން ސިޔާމް އިއްޔެ ވިދާޅުވީ މިމުބާރާތުގެ ޗެމްޕިއަންޓީމަށް 500،000 ރުފިޔާދޭ ގޮތަށް ބަދަލުކޮށް މުޅިރާއްޖެއަށް މިމުބާރާތް ފުޅާކުރުމަށް ވިސްނަމުންދާކަމުގައެވެ. މި މުބާރާތް މިދިޔައަހަރު ފެށީ މުބާރާތުގެ ޗެމްޕިއަންޓީމަށް 50،000 ރުފިޔާ އިންނެވެ. މިއަހަރު އެ ފައިސާވަނީ 150،000 އަށް އިތުރުކޮށްފައެވެ.

އަންނައަހަރު މިމުބާރާތް ބޭއްވުމަށް މިހާރު ނިންމާފައިވަނީ ނ.މާޅެންދޫގައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެންމެން ހައިރާން ކޮށްލުމަށްފަހު ކެނދިކުޅުދޫ ފައިނަލަށް

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ 3 ވަނަ އަދި އެންމެފަހުގެ ސެމީގެ މެޗުގައި މިއަދު ހަވީރު މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި …

ޚިޔާލެއްދެއްވާ

avatar