ގްރޫޕްތަކުގެ ފެވަރިޓުންނަކީ ކޮބާ ؟

maafaru-fc

ނ.ކެނދިކުޅުދޫގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތް 3 ގްރޫޕަކަށް ބަހާލެވިފައިވާ އިރު ގްރޫޕްތަކުން އެންމެ ރަނގަޅު ނަތީޖާއެއް ނެރޭނީ ކޮންޓީމެއްކަން އަންދާޒާ ކޮންލަންވެސް މިފަހަރު މިވަނީ ދަތިއުދަގޫ ކަމަކަށް ވެފައެވެ. މިފަހަރުގެ މުބާރާތުގައި ނ.އަތޮޅުގެ ހުރިހާ ރަށަކުންވެސް ބައިވެރިވެފައިވާއިރު ހުރިހާ ރަށަކުން ކަހަލަ ގޮތަކަށް ދުރާލާ މި މުބާރާތައް ތައްޔާރުވާން ވަނީ ފަށާފައެވެ. މިގޮތުން ބައެއް ޓީމްތަކަށް ރާއްޖޭގެ ނަންމަޝްހޫރު ކޯޗުން ގެނެސްފައިވާއިރު އަނެއްބައި ރަށްރަށުން އަންނަނީ ބިދޭސީ ކޯޗުންގެ އެހީތެރިކަން ހޯދަމުންނެވެ.

މިފަހަރުގެ މުބާރާތުގެ ފެވަރިޓުންނަކީ ކޮބައިތޯ ބަލާލުމަށް ބައެއް ޓީމުތަކުގެ މެނޭޖަރުންނާއި އަދި އަތޮޅުގައި ތިއްބެވި ފުޓްބޯޅައިގެ ތަޖުރިބާ ކާރުންނާއި މަޝްވަރާކޮށްލުމުން ގްރޫޕްތަކުގެ ފެވަރިޓުންގެ ގޮތުގައި ފާހަގަކުރެވުނު ޓީމުތައް ތިރީގައި މިވަނީއެވެ.

ގްރޫޕް- އޭ / މާފަރު އެފްސީ

ގްރޫޕް – އޭގައި ފަސްޓީމެއް ހިމެނޭއިރު މި ގްރޫޕުންގެ ފެވަރިޓުންގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރަނީ މާފަރު އެފްސީ އެވެ. އެހެނީ މިފަހަރު އެ ޓީމުގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ކުޅެފައިވާ ބައެއްކުޅުންތެރިން ހިމެނިފައިވާއިރު އަރަމުން އަންނަ ޒުވާންކުޅުންތެރިންތަކެއް ހިމެނުމުގެ އިތުރުން ޓީމުގެ ކޯޗެއްގެ ގޮތުގައި އަތޮޅުގެ ފުޓްބޯޅަ ފިސާރި ރަނގަޅަށް ދަންނަ ތަޖުރިބާކާރު މޮޅުކޯޗެއް ހުރުމެވެ. ފުޓްބޯޅައިގެ ތަޖުރިބާ ކާރުންގެ ޚިޔާލް މިހެން ހުރިނަމަވެސް މާފަރު ޓީމުގެ މެނޭޖަރ މުޙައްމަދު އަދުނާނު (މޯޑް) ފާހަގަ ކުރެއްވި ގޮތުގައި މި ގްރޫޕްގައި ހިމެނޭ ލަންދޫ އެފްސީއަކީ މާފަރުޓީމަށް ދޫނުކުރާވަރުގެ ގަދަފަދަ ޓީމެކެވެ. ދެން މިގްރޫޕްގައި ހިމެނޭ ކުޑަފަރި ، ވެލިދޫ އަދި މަގޫދޫއަކީވެސް ތަފާތު ނަތީޖާތަކެއް ނެރެވިދާފަދަ ޓީމުތަކެކެވެ.

ގްރޫޕް – ބީ / ހޮޅުދޫ އެފްޓީ

ގްރޫޕް – ބީ ގެ ފެވަރިޓުންގެ ގޮތުގައި ގިނަބަޔަކު ބަލަމުން ގެންދަނީ ހޮޅުދޫ އެފްސީ ކަމުގައި ވިޔަސް ހެނބަދޫޓީމާއި މިލަދޫ ޓީމަކީވެސް މި ގްރޫޕްގެ ފެވަރިޓުންނަށް ވެދާނެކަމަށް ބަލާ ފަރާތްތައްވެސް މަދެއް ނޫނެވެ. މި ގްރޫޕުގެ ފަވަރިޓުންނަކީ ކޮބައިކަން ކަނޑައަޅަން އުދަގޫކަމަކަށް ވެފައިވާއިރު ޅޮހީ ޓީމަކީވެސް މާޒީގައި ހީނުކުރާފަދަ އާދަޔާ ޚިލާފް ނަތީޖާތަކެއް ނެރެފައިވާ ޓީމެކެވެ. މިހެންކަމާއި އެކު މިގްރޫޕްގެ އަސްލުފެވަރިޓަކީ ކޮބައިކަން އެނގިގެންދާނީ މުބާރާތް ފެށުމުންނެވެ.

ގްރޫޕް – ސީ / މަނަދޫ އެފްސީ

މިގްރޫޕްގެ ފެވަރިޓުންގެ ގޮތުގައި ގިނަބަޔަކު ބުނަމުން ގެންދަނީ މަނަދޫ ކަމުގައެވެ. އެފަރާތްތަކުން ފާހަގަކުރާ ގޮތުގައި މިފަހަކަށް އައިސް މަނަދޫއިން އަންނަނީ މި މުބާރާތައް ވަރަށް ރަނގަޅަށް ތައްޔާރުވަމުންނެވެ. ދުރާލާ ރަށުގައި ތިބި މޮޅަތި ކުޅުންތެރިން ރަށަށްގެނެސް ދުރާލާ ޕްރެކްޓިސްފަށާ މުބާރާތައް ތައްޔާރުވަމުންނެވެ. މި ގްރޫޕްގައި ހިމެނޭ މާޅެންދޫއަކީ މިފަހަރުގެ މި މުބާރާތައް ދުރާލާ ބިދޭސީ ކޯޗަކާއި އެކު ޕްރެކްޓިސްފަށާފައިވާ ޓީމަކަށްވާއިރު މިޓީމަކީވެސް ފެވަރިޓުންނަށް ވެދާނެކަމަށް ބައެއްފަރާތްތަކުން ފާހަގަކުރެއެވެ. ހަމަ އެއާއި އެކު ކެނދިކުޅުދޫގައި މުބާރާތްބޭއްވޭތީ ކެނދިކުޅުދޫ ޓީމުންވެސް ރަނގަޅު ނަތީޖާތަކެއް ނެރޭނެކަމަށް ޤަބޫލްކުރާ ފަރާތްތައް މަދެއް ނޫނެވެ. މި ގްރޫޕްގައި ހިމެނޭ ފޮއްދޫއަކީ މިމުބާރާތުގައި ބައިވެރިވެފައިވާ އެންމެ ތަޖުރިބާ މަދު ޓީމުކަމަށް ވާއިރު މި ޓީމުން ނެރޭނެ ނަތީޖާއަކަށް ގިނަބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.

މި މުބާރާތުގެ ގްރޫޕްތަކުގެ އަދި މުޅި މުބާރާތުގެ ޙަޤީގީ ފެވަރިޓުންނަކީ ކޮންޓީމެއްކަން އަންދާޒާކޮށްލަން އެނގޭނީ މުބާރާތް ފެށި ޓީމުތަކުގެ ކުޅުން ފެނުމުންނެވެ. އިންތިޒާރުކޮށްލަމާތޯއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ފެވަރިޓް ޓީމާއި ސަޕްރައިޒް ޓީމުގެ ތާރީހީ ފައިނަލް

މި އަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މާދާމާ ހަވީރު ކުޅެވޭއިރު މި މެޗުވެގެން ދާނީ އެތައްގޮތަކުން …

ޚިޔާލެއްދެއްވާ

avatar