ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލް ފާސްކޮށްފި.

ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލް، މަޖިލީހުގެ ބައެއް މެންބަރުން ހުށަހެޅުއްވި ބައެއް އިސްލާހުތަކާ އެކު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.  މިބިލް މަޖިލީހުން ފާސްކުރީ، ހާޒިރުވެ ތިއްބެވި 57 މެމްބަރުންގެ ތެރެއިން 50 މެމްބަރުންގެ ތާއީދާ އެކުގައެވެ. މި ބިލް މަޖިލީހުން ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލް މަޖިލީހަށް ބަލައިގަތީ ނޮވެމްބަރު ،22 2010ގަ އެވެ. މި ބިލް މަޖިލީހަށް ބަލައިގަތުމަށް ފަހު، 11 މެމްބަރުންގެ ވަގުތީ ކޮމިޓީއަކުން ވަނީ ބިލް ދިރާސާކޮށް އިސްލާހުކޮށްފައެވެ. އޭގެ އިތުރުން ވެސް މި ބިލަށް ބައެއް މެމްބަރުން އިސްލާހުތަކެއް ހުށަހަޅުއްވައި އަދި އޭގެ ތެރެއިން ބައެއް އިސްލާހުތައް ވެސް ވަނީ ފާސްކޮށްފައެވެ.

މި ބިލް ފާސްކުރުމުގެ އިތުރުން، ވިޔަފާރި ރަޖިސްޓްރީކުރުމާ ބެހޭ ބިލް މަޖިލީހުގެ ކޮމިޓީން އިސްލާހުކޮށް ހުށަހަޅާފައިވާ ރިޕޯޓާ ބެހޭ ގޮތުން ވެސް މިއަދުގެ ޖަލްސާގައި މެމްބަރުން ވާހަކަ ދެއްކެވިއެވެ.  ކުރީގެ ސަރުކާރުން ހުށަހަޅާފައިވާ މި ބިލާ ބެހޭ ގޮތުން، މިހާރުގެ ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ވިދާޅުވީ މިއީ ރާއްޖޭގެ ވިޔަފާރީގެ ތެރެއަށް ބިދޭސީންނަށް ވަރަށް ފަސޭހަ އިން ވަދެވޭ ގޮތަށް އޮތް ބިލެއް ކަމަށެވެ. މިބިލަށް ބަހުސް ކުރިއަށް ގެންދަނިކޮށް މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ކުރިއަށް ނުގެންދެވިގެން ވަނީ ހުއްޓާލާފައެވެ.

 

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz