ގިނަބަޔަކު އިންތިޒާރު ކުރަމުން އައި މަދަހަ ސީޑީ ނެރެފި

ގިނަބަޔަކު އިންތިޒާރުކުރަމުން އައި ” ފުރާވަރު”  އޯޑިއޯ މަދަހަ އަލްބަމް އިސްލާމިކް ރިދަމްގެ ފަރާތުން ރޭ ނެރެފި އެވެ.

ޝީ ބިލްޑިންގ ގައި ރޭ ބޭއްވި ހަފްލާއެއްގައި މި މަދަހަ އަލްބަމް ނެރެދެއްވީ މިއުޒިކާއި ލަވަކިއުމުގެ ދާއިރާގައި މަސައްކަތްކުރުން ހުއްޓާލާފައިވާ، ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ މުމްތާޒް މޫސާ އެވެ.

އަލްބަމް ނެރެދިނުމަށްފަހު މުމްތާޒް މޫސާ ބުނީ ކުރިން ލަވަ ކިޔަން އުޅުނު ނަމަވެސް އޭނާ ދެން އިތުރަށް ލަވަ ނުކިޔާނެ ކަމަށާއި ހަޔާތުގެ ބާކީ ބައި ހޭދަކުރަން ބޭނުންވަނީ “މިގޮތުގައި” ކަމަށެވެ. ރޭގެ ހަފްލާގައި މި މޭރުމުން ވާހަކަ ދައްކަމުން މުމްތާޒްވަނީ އެތަނަށް ހާޒިރުވެ ތިއްބެވި އެންމެހަފަރާތްތަކުގެ ކިބައިން މާފަށްވެސް އެދިފައެވެ. އަދި މި ރޮގުންވާހަކަ ދައްކަމުން ވަކި ހިސާބަކުން ވާހަކަ ކުރިއަށް ނުގެންދެވިގެން މުމްތާޒްވަނީ ސްޓޭޖުންފައިބާފައެވެ.

މި އަލްބަމްގައި ކުރީގެ މަޝްހޫރު ލަވަކިއުންތެރިން ކަމަށްވާ އަލީ ރަމީޒާއި މޫސާ ޝިފާއުގެ އިތުރުން އަބްދުލްއަލީމްގެ މަދަހަތައް ވެސް ހިމެނޭނެ ކަމަށް އިސްލާމިކް ރިދަމްގެ ފަރާތުން ހާމަކުރެއެވެ. އަދި މީގެ އިތުރުން  ފުރާވަރުގެ ކުދިންނާ ގުޅޭ ގޮތުން އައްޝައިހް އަލީ ޒާހިރުގެ ދީނީ ބަސްކޮޅެއް ވެސް ހިމެނޭނެ ކަމަށް އެޖަމްޢިއްޔާއިން ހާމަކުރައްވައެވެ.

ގިނަ ބައެއް އިންތިޒާރު ކުރަމުންގެންދިޔަ މި އަލްބަމް ސީޑީ ވިއްކާ ފިހާރަތަކުން ލިބޭނެ ކަމަށް ވެސް އިސްލާމިކް ރިދަމްގެ ފަރާތުން ބުނެ އެވެ.

ކޮންމެ އަހަރެއްގެވެސް ބަރަކާތްތެރި ރަމަޟާންމަހާއި ދިމާކޮށް މަދަހަ ސީޑީ ނެރުންވަނީ މިފަހަކަށް އައިސް އާއްމުކަމަކަށް ވެފައެވެ.

ފޮޓޯ: ދިއިސްލާމް.ކޮމް

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz