ލޯކަލް ކައުންސިލް އިންތިޚާބު – ހަމަޖެހުމާއި އެއްބައިވަންތަކަން ގެއްލިގެން ނުވާނެ!

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ކަންތައްތަކުގައި ގިނަބަޔަކު އަވަދިނެތި އުޅެމުން މިދާ ދުވަސްކޮޅު އެންމެ ބޮޑަށް ހިތާމަކުރަންޖެހެނީ އިންތިޚާބާ ހެދި ރަށުގެ ހަމަޖެހުމާއި އެއްބައިވަންތަކަން ގެއްލިދާނެތީއެވެ.

ސަރުކާރު ކޯލިޝަނުންވެސް އަދި އިދިކޮޅު ފަރާތްތަކުންވެސް މަސައްކަތްކުރަމުންދަނީ އެބަޔަކު އިންތިޚާބުކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ތާއީދު އިތުރުކުރުމަށެވެ. ކެންޑިޑޭޓުންނަށް ތާއީދު އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދޭދޭ މީހުންގެ މެދުގައްޔާއި، ޢާއިލާ ތަކުގެ މެދުގައި އުފެދިފައިވާ ތިމާގެ ކަމުގެ ގުޅުމާއި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ގެއްލިދާނެފަދަ ކަންކަންވެސް މަދުމަދުން ނަމަވެސް ހިނގާތީ އެބަފެނެއެވެ. މިއީ ބަލައިގަނެވޭނޭ ކަންކަންކަމެއްނޫނެވެ. ފަހަރެއްގައިވެސް ތިމާއާއި ތިމާގެ ޢާއިލާއަށް ދެރައެއް ލިބިދާނެ ފަދަ ގޮތަކަށް އެއްވެސް މީހަކު އަމަލެއް ކުރަން ނޭދޭއިރު އަނެކާއަށްވެސް އެފަދަ ކަމެއް ކުރަން ޖާގަދެވިގެން ނުވާނެއެވެ.

އަހަރެމެން އެންމެންވެސް ނިސްބަތްވަނީ ވަކި ރަށަކަށެވެ. ވަކި ޤައުމަކަށެވެ. އޭގެ ފަހުގައި ނޫނީ ޕާޓީ އައިސްގެން ނުވާނެއެވެ. އަދި މީގެ އިތުރުން ޒާތީ ވެގެންވެސް ނުވާނެއެވެ. ޒާތީވެގެން އެކަކު އަނެއްކަކާ ޖެހި ރުޅިފިތުނަވެގެން ދެބަސްވެ އަރައިރުންވެ އެކެއްގެ އަބުރު އަނެކަކު ކަތިލާ ހިސާބަށް ދިޔައިމާ އެއުޅެވެނީ ކެމްޕެއިންކުރާކަން ނޫނެވެ. ކެމްޕެއިންކުރުމުގެ ނަމުގައި އެކުރެވެނީ ކޮންމެވެސް އެހެންކަމެކެވެ. އެއީ އާއިލާ ތަކާއި ދޭދޭ ރައްޓެހިންން ޖެއްސުމާއި، ރަށުގައި ފިތުނަފަސާދަ އުފެއްދުމެވެ. މިފަދަ ކަންކަމަށް އާބަސް ބުނެވިގެން ނުވާނެއެވެ.

އެމީހަކު ބޭނުންމީހަކަށް ވޯޓްދިނުމަކީ ޤާނޫނުން އެމީހަކަށް ލިބިދޭ ފުރިހަމަ ޙައްޤެކެވެ. އެހައްޤު ބޭނުންކުރުމުގެ ފުރިހަމަ މިނިވަންކަން ނުލިބޭނަމަ ކޮން ޑިމޮކްރަސީއެއްތޯއެވެ. އެއީ އެއްވެސް ޑިމޮކްރަސީއެއް ނޫނެވެ. ވޯޓުލާން ދިއުމުގެ ކުރިން ތިމާވޯޓުދޭނީ ކޮން ކެންޑިޑޭޓަކަށްކަން އަނެއްމީހާ ގާތުގައި ބުނެދޭން ޖެހުމަކީ މިދެންނިވި ޙައްޤު ނިގުޅައިގަތުމުގެ ފުރަތަމަ ފިޔަވަޅެވެ. އަދި ތިމާގެ ދުލުން މިވެނި އެވެނި ބަޔަކަށޭ ވޯޓުދޭނީ ބުނުމުން އެވާހަކަ ޤަބޫލުނުކުރެވި ޚަތިމުގައި އަތްޖަހައި ހުވާކުރުވާ ހެދުމަކީ ވޯޓުގެ ސިއްރުކަން މުޅިން ގެއްލިގެން ދާނެ ކަމެއްކަމުގައި އެންމެންވެސް ޤަބޫލުކުރާނެއެވެ.

ވަކިމީހަކަށް ވޯޓުލާން އަމުރުކޮށް މަޖުބޫރުކުރުވުމަކީ އަދިވަކިން މާބޮޑަށް ހަމަޖެހުން ގެއްލިގެންދާކަމެކެވެ. ޙަޤީޤަތުގައި ވޯޓުދޭންވީ ފަރާތެއް ކަނޑައަޅާ ފާހަގަޖެހުމަށްފަހު ވޯޓުފޮއްޓަށް ވައްޓާލުމަކީ އެ ވޯޓުދާސްކޮޅުގެ ވެރިމީހާގެ އަމިއްލަ ކަމަކަށްވާއިރު ވޯޓާބެހޭ އެފަދަ އެއްވެސް ސުވާލެއް ކުރެވިގެން ވެސް ނުވާނެއެވެ. އެއީ ތިމާގެ ދަރިއެއްކަމުގައި ވިޔަސް އަދި އަނބިމީހާ ކަމުގައި ވިޔަސްމެއެވެ.

އިންތިޚާބުގެ ސަބަބުން ރަށުގައި ހަމަޖެހުމާއި، އެކުވެރިކަން ނުގެއްލި މޫނާ މޫނު ދިމާކޮށްލެވޭ މިންވަރަށް ހަމަޖެހިލައިގެން ޤާއިމުވެ ތިބެވޭނީ އެކެއްގެ ވޯޓަށް އަނެއްކަކު ނުފޫޒު ފޯރުވުން ހުއްޓިގެންނެވެ. ނުފޫޒު ފޯރުވުން ހުއްޓޭނީ ޑިމޮކްރަސީގެ އަސްލު މަފުޙޫމް އެނގި އެކަމަށް އެއްބަސް ވެވިގެންނެވެ. ތިމާ ތާއީދު ކުރާ ކެންޑިޑޭޓު ނުހޮވުނަސް އެކަން ޤަބޫލުކޮށް ހަޖަމު ކުރެވިގެންނެވެ. އެހެންނޫނީ ކޮންމެ އިންތިޚާބަކަށްފަހު ވެސް އަދި އިންތިޚާބުގެ ތެރޭގައިވެސް ފެނިގެންދާނީ ކުރިންވެސް ތަޖްރިބާކުރި ހިތި ތަޖްރިބާތަކެކެވެ. އެފަދަ ހިތި ތަޖްރިބާއެއް މިފަހަރުގެ އިންތިޚާބުގެ ތެރޭގައިވެސް އަދި އިންތިޚާބު ނިމިގެން ވެސް ކުރާކަށް އަޅުގަނޑު ހިތުން އެކަކުވެސް ނޭދޭނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ކޮމަންޑޫ ކައުންސިލާއި، ކުރިނބީ ކައުންސިލްގެ ވޯޓުލުން އަލުންބާއްވަން ޖެހިއްޖެ.

ލޯކަލް ލައިންސިލް އިންތިޚާބުގައި ދެ ރަށެއްގެ ރަށުކައުންސިލަކަށް ވާދަކުރި ކެނޑިޑޭޓުންނަށް ލިބިފައިވާ ވޯޓްގެ ޢަދަދު އެއްވަރުވެ، ދެވަނަ ބުރަކަށް ދާންޖެހިއްޖެއެވެ. …

ޚިޔާލެއްދެއްވާ

avatar
wpDiscuz