ލަންދޫ ބަނދަރު ސަރަޙައްދު – ހިތްގައިމު މާހައުލެއް

ނ.ލަންދޫ ބަނދަރު ސަރަޙައްދަކީ ހިތްގައިމު، ހިތްފަސޭހަ، އަދި ތަނަވަސް މާހައުލެކޭ ބުނުމުން އެތަނަށް އެއްމެފަހަރަކު ނަމަވެސް ޒިޔާރަތް ކޮށްފައި ހުރި މީހަކު އެއީ ދޮގެކޭ ނުބުނާނެކަންޔަޤީނެވެ. އެތާންގައި ހަދާފައި ހުރި ފިނިމައިޒާންތަކާއި، އަންނަ ރަމަޟާން މަހާދިމާކޮށް ހަދަމުންދާ ފިނިމައިޒާން ތަކާއި، އެމައިޒާންތަކަށް ފިނިހިޔާދޭ ބޮޑެތި ބިޔަ ގަސްތަކާއި، ފިނިވައިރޯޅިތައް ފަންތަކުގެ ތެރެއިން ފުރޭނިގެން ހިތްގައިމުކަމާއެކު ފޮނުވައިދޭ ބޮޑެތި އަދި ކުދި ރުއްތަކުގެ ސަބަބުން ހިތަށް ލިބޭ ފިނިކަމާއި އަރާމަކީ ގަލަމުން ބަޔާންކޮށްލަން އުނދަގޫ އިޙްސާސް ތަކެކެވެ.

ފިނި ހިޔާދޭ ގަސްތަކާއި ރުއްތަކުގެ އަރާމު ހޯދަން އެސަރަޙައްދަށް ޒިޔާރަތްކުރާ އެކިއެކި ޢުމުރު ފުރާގެ އަންހެނުންނާއި ފިރިހެނުން އެތަނުން ފިލާ ނުދާކަމީ މިދެންނެވި ވާހަކަ ތަކަކަށް ބާރުލިބިދޭ ހެއްކެކެވެ. ދަތުރުފަތުރު ކުރާ ފަރާތްތަކާއި، ރަށަށް ޒިޔާރަތްކުރާ މެހްމާނުންގެ ޝަރަފްގައި އެމީހުންގެ ފޮށިތަންމަތި ބެހެއްޓުމާއި ، މަޑުކޮށްލައި ތިބުމަށް ތައްޔާރުކުރެވިފައިވާ ވައްގެތަކާއި، ހޮޅުއަށި އަދި ގަސްބުޑުތަކުން ފެނިގެންދާ ބޮޑުމަންޒަރަކީ ރަށަށްއަރާ ބީރައްޓެހިންނާއި ރައްޓެހިންނަށް ރަށުގެ ރައްޔިތުންގެ ފަރާތުން އާދާކުރަން ބޭނުންވާ މެހްމާންދާރީއާއި ކިޔަންބޭނުންވާ އިޙްތިރާމީ މަރުޙަބާއެވެ.

ރަށުގެ ރައްޔިތުންނަކީ އެކުވެރި އެއްބައިވަންތަ ރޫޙެއްގައި ތަރައްޤީއާއި ތަހްޒީބަށް އެއިރެއްގެ އޮންނަ ސަރުކާރަކާއި ގުޅިގެން ވަކި ސިޔާސީ ފިކުރަކަށް ނުބަލައި މަސައްކަތްކުރާ ބައެއްކަން ސާބިތުވަނީ މިސަރަހައްދުން ފެނިގެންދާ ރީތި އިންޖީނުގެއާއި، ސާފުތާހިރު ބަނދަރުގެ ސަބަބުންނެވެ. އިންޖީނުގެ އާއި ބަނދަރުގެ މަސައްކަތަކީ ރައްޔިތުންނަށްޓަކައި ސަރުކާރުން ކޮށްދެއްވާފައިވާ އަގުބޮޑު ބިޔަ ބޮޑު ދެ މަސައްކަތް ކަމުގައިވީނަމަވެސް މި ލިޔުމުގައި އެ ދެތަން ތިލަކޮށްލަން ބޭނުންވީ ހަމަ ވަރަށް މާތް މަޤްޞަދެއްގައެވެ.

އިންޖީނުގެއަކީ އެތަނަކުން ދެވޭ ކަރަންޓްގެ ޚިދުމަތާ ނުލައި މިހާރު ރަށުގެ ރައްޔިތުންނަށް ދިރިއުޅެން އުނދަގޫވާނެ ތަނަކަށް ވީހިނދު އެތަނަށް އެކިއެކި ބޭނުންތަކުގައި ދާންޖެހިފައިވާ މީހުންނަށް މަޑުކޮށްލައި ތިބުމަށް، އެތާންގައި ހުންނަ “ބޮޑުނިކަސް” ވަށައިގެން އިށީނދެލެވޭގޮތަށް، ހެދިފައިވާ ރީތި ހިތްގައިމު އަށީގެ ވާހަކަ ބަޔާންކޮށްލުމަކީ ބަނދަރު ސަރަޙައްދުގެ ހިތްގައިމު ކަމުގެ ވާހަކަދައްކާއިރު ހަމަ ކޮންމެހެން ލާޒިމް ކަމެއްކަމުގައި ނޫނީ ނުވާނެއެވެ.

އަދި ނެރާއި ފަޅު، އެކުލެވޭ ގޮތަށް ހެދިފައިވާ ބަނދަރަކީވެސް އެތަނެއްގެ ބޭނުން ރަށު ރައްޔިތުންގެ އިތުރުން އެތަނަށް ލަފާފުރާ ހަމަ ކޮންމެ ރަށެއްގެ ކޮންމެ މީހަކުވެސް ބޭނުންހިފާ ތަނަކަށްވީހިނދު ފުދޭވަރެއްގެ ގިނަބަޔަކު ދަނީ ބަނދަރު ސަރަޙައްދަށް ކޮންމެ ރެއަކާދުވާލަކު ޒިޔާރަތްކޮށް ހިތްހަމަޖެހުން ހޯދަމުންނެވެ. އެކިއެކިބޭނުން އެތަނުން ހިފަމުންނެވެ. އެފަދަ ފަރާތްތަކުންވެސް ބުނަމުންދަނީ ލަންދޫ ބަނދަރު ސަރަޙައްދު ތަރައްޤީ ކޮށް ރީތިކުރަމުންއަންނަނީ ރަށުގެ ރައްޔިތުންގެ އިތުރުން ރަށަށްއަރާ މެހްމާނުންނަށްވެސް ރައްޓެހި މާހައުލެއްގެ ގޮތުގައި ކަން އިޙްސާސްވާކަމުގައެވެ.

ޖޯލިފަތިތަކާއި، ހޮޅުއަށިތަކަކީ ކޮންމެ ރަށެއްގައިވެސް ހަދާފައި ހުންނަ ތަންތަނެވެ. އެކަން އެންމެންވެސް ޤަބޫލުކުރާނެއެވެ. ނަމަވެސް ލަންދޫ ބަނދަރު ސަރަޙައްދު މުޅިން ތަފާތެވެ. ހަދާފައިވާ ކޮންމެ ޖޯލިފައްޗަކާއި، ހޮޅުއަށްޓެއް ހަދާފައިވަނީ ހިޔާދޭ ބޮޑެތި ގަސްތަކުގެ ދަށުގައެވެ. އަރާމް ފިނިވައިރޯޅިތައް އަބަދާއަބަދު ލިބިލިބި ހުންނަ ފަދަ ގޮތްގޮތަކަށެވެ. އަދި އެތަންތައް މަރާމާތު ކުރުމާއި، އެތަންތަނަށް ލިބިދޭންޖެހޭ އެހީތެރިކަން ލިބިދެވޭނެ އިންތިޒާމެއްގެ ދަށުންނެވެ. މިއިންތިޒާމްތައް ޤާއިމު ކުރެވިފައިވަނީ ޢާއްމު ހުރިހާ ރައްޔިތުންނާއި، ޒުވާނުންނާއި ، ހުރިހާ ޢުމުރު ފުރާއެއްގެ މީހުންގެ އެއްބާރުލުން ލިބިގެންނެވެ.

“ބަނދަރު ސަރަޙައްދު ފަޅުފިލުވައިދެނީ ރަށުގެ ނަންބޯޑުންނެވެ.” ބުނާމީހުންވެސް މަދެއްނޫނެވެ. އެހެނީ ރަށަށް ދުވަހަކުވެސް ނާންނަ މީހާއަށްވެސް ބަނދަރަށް ވަނުމާއެކު ރަށުގެ ބޮޑު ނަންބޯޑު ހުރަހެއްނެތި ފެންނާނެހެން ބެހެއްޓިފައިވުމަކީ ރަށުގެ ހައިބަތާއި، ޤަދަރު ހާމަކޮށްދޭ ފަންނީ މަސައްކަތެކެވެ. ސާފު އިނގިރޭސި އަކުރުން ލަންދޫގެ ނަންބޯޑު ހެދުމަކީ ރަށުގެ ފަންނުވެރި ހުނަރުވެރި މޮޅެތި މީހުންގެ މަސައްކަތްތައް ދައްކާލަން ލިބުނު ފުރުޞަތެއްގެ އިތުރުން އެހެން ރަށްރަށުގެ މީސްމީހުންގެ ކިބައިން ހެޔޮބަސްތަކާއި، ތައުރީފްގެ ޖިޒީތައް ހުރަހެއްނެތި ލިބިލިބި ހުންނަން ދިމާވި ސަބަބުތަކުގެ ތެރެއިން އެއްސަބަބުވެސް މެއެވެ.

މިހުރިހާ މަސައްކަތްތަކެއްގެ ހަވާލުދާރުންނަކީ ކޮބައިކަންވެސް މިހާހިސާބުން އެގެންއެބަޖެހެއެވެ. އާއެކެވެ. އެއީ އެބަޔަކަށް މިކަންކަމުގެ ހުރިހާ ކްރެޑިޓެއްގެ ޙައްޤުދޭންޖެހޭ ފަރާތްތަކެވެ. އެމީހުން އެކަންކަން ނުކުރިނަމަ ބަނދަރު ސަރަޙައްދުން މިއަދު ފެންނަމުން މިދާ ހިތްގައިމު ކަމާއި، ތަނަވަސް ހިތްފަސޭހަ މާހައުލެއް ނުފެނުނީހެވެ. އެފެންނަ ސާފުތާހިރު، ލޮލަށްފަސޭހަ މަންޒަރުތަކެއް ނުފެނުނީއެވެ.

ރައްޔިތުންނާއި ގުޅިގެން މިހުރިހާ ކަމެއް ކޮށްދިނީ ރަށުގައި އުފެދުނު ކައުންސިލް ތަކެކެވެ. ނިމިގެންދިޔަ ދައުރުގެ ކައުންސިލަރުންނާއި ހިނގަމުންމިދާ ދައުރުގެ ކައުންސިލަރުންނާއި ރަށުގެ އެކިފެންވަރުގެ ވެރިންނެވެ. އަދި ރަށުގެ ހަރުކުލައިގެ ދުވަސްވީ އިއްޒަތްތެރި ދޮށީ މީހުންނެވެ. މީމީހުންނަށް އަޅުގަނޑުމެން މި ސެލިއުޓްކުރަނީ މިފަދަ އިޖްތިމާޢީ ރޫހެއްގައި މިފަދަ އަގުހުރި މަސައްކަތްތަކެއް ކުރެވިފައިވާ ދެވަނަ އެހެންބަޔަކު ނެތޭބުނާން ކެރި ، އެކަމުގެ ފަޚުރާއެކުއެވެ.

މި ލޮބުވެތި ލަންދޫ މިގޮތުގައި ކުރިއަށް ދިއުމުގެ ތައުފީޤު މިންވަރު ކުރައްވާށި. އާމީން.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ ފަޅު ފުންކުރުމުގެ މަސައްކަތް ފަށައިފި.

ނ.ލަންދޫ ބަނދަރުގެ ކަނޑިންމަތެރެއަށް ވެލި އެޅި މާބޮޑަށް ތިލަވަމުން ދާތީ އެތަން ކޮނެ ފުންފުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. ޕަބްލިކް …

ޚިޔާލެއްދެއްވާ

avatar
Haajee
Haajee

Landhoo bandharu reethi tha

wpDiscuz