
ނ.ލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ލަންދޫގައި ބޭއްވި ފުރަތަމަ ބަށިމުބާރާތުގެ ޗެމްޕިއަންކަން ކްލަބް ޗެލެންޖަރސް ހޯދައިފިއެވެ.
މިއަދު ހަވީރު ލަންދޫ އަންހެނުންގެ ބަށިކޯޓްގައި ކުޅުނު ފައިނަލްމެޗްގައި ކްލަބް ޗެލެންޖަރސް ޕަސަންޓް ސްޕޯޓްސް ކްލަބާއި ބައްދަލުކޮށް ޗެމްޕިއަންކަން ހޯދީ ދެޓީމްގެ ކުޅުންވެސް އެއްވަރުވެ އިތުރު ވަގުތުގައި ކުޅެ އެންމެ 2 ފޯލީގެ ތަފާތުންނެވެ.
ފުރަތަމަ ކުޅުމުގެ ވަގުތު ހަމަވިއިރު ދެޓީމުންވެސް ކޮންމެ ޓީމަކުންވަނީ 19 ލަނޑު 5 ފޯލި ކޮށްފައެވެ. ފުރަތަމަ ދެ އޯވަރު ދެޓީމުންވެސް ވަގުތު ހަމަވެގެން އިތުރުވަގުތު ދިނީ ކޮންމެ ޓީމަކަށްވެސް 5 މިނިޓެވެ.
މިއަދުގެ މެޗްގައި ބައްދަލުކުރި ދެޓީމުންވެސް އެއްވަރުގެ މޮޅު ކުޅުމެއް ދައްކާފައިވާއިރު ޗެލެންޖަރސް ފައިނަލަށް އައިސްފައިވަނީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން އެޓީމު ބަލިނުވެއެވެ.
ޖުމުލަ ހަތަރުޓީމު ބައިވެރިވި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކްލަބް ޗެލެންޖަރސްގެ ޙައްވާ ސުޖާދާ އެވެ.
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ ސުޖާދާ ގެ އިތުރުން ވިރުދާ އާއި، ޝިނާ އާއި ތަސްލީމާ އާއި އަދި ސުވޭދާ އެވެ.
މިއަދުގެ ފައިނަލް މެޗަށްފަހު ޗެމްޕިއަން ޓީމަށްވެސް އަދި ރަނައަޕް ޓީމަށްވެސް ތައްޓާ މެޑެއްޔާއި އަދި ހަނދާނީ ލިޔުންވަނީ ދީފައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށްވަނީ -/5000ރ. ( ފަސްހާސް ރުފިޔާ ) ދީފައެވެ.
ލަންދޫ ކައުންސިލުން ހާމަކުރައްވާ ގޮތުގައި މި މުބާރާތަށް ލަންދޫ ރައްޔިތުންގެ ފަރާތުން ޚާއްޞަކޮށް ލަންދޫ ޒުވާން އަންހެން ކަނބަލުންގެ ފަރާތުން ލިބިފައިވަނީ ހީވެސް ނުކުރާފަދަ ބޮޑު ތަރުޙީބެކެވެ.
ޚިޔާލެއްދެއްވާ