ތުނބުޅިބޭލުމަކީ ކަނޑައެޅިގެން ޙަރާމްކަމެއް: ޝައިޚް ޢިޔާޟް

ތުނބުޅި ދިގުކުރުމަކީ ރަސޫލާ صلى الله عليه وسلم އަމުރުކުރައްވާފައިވާ ވާޖިބެއްކަމަށާއި އެއާއި ޚިލާފުވުމަކީ ކަނޑައެޅިގެން ޙަރާމްކަމެއްކަމަށް އައްޝައިޚް މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ރާއްޖެއިސްލާމުގެ ސުވާލާއިޖަވާބުސެކްޝަނަށް ކިޔުންތެރިއަކު ފޮނުވި ސުވާލަކަށް ޖަވާބުދެއްވަމުން ޝައިޚް ޢިޔާޟް ވިދާޅުވީ ރަސޫލާ صلى الله عليه وسلم ގެ ސުންނަތާއި އަޞްޙާބުބޭކަލުންގެ އަޘަރުތަކާއި އޭގެފަހުގެ ސަލަފުއްޞާލިޙުންގެ ޢިލްމުވެރި އިމާމުންނާއި އެންމެހައި ފިޤުހުވެރިންގެ އަރިހުން ތުނބުޅި ދިގުކުރުމުގެ ވާޖިބުކަމާއި އެއާއި ޚިލާފަށް ތުނބުޅި ބޭލުމާއި ކުރުކޮށް ކޮށުމަކީ ޙަރާމް ކަމެއްކަމުގައި އެތަކެއް ރިވާޔަތަކާއި ބަސްފުޅެއް ވާރިދުވެފައިވާކަމަށެވެ. އަދި އުންމަތުގެ 4 އިމާމުންނާއި އެބޭފުޅުންނަށް ތަބާވާ 4 މަޛުހަބުގައިވެސްވަނީ މިފަދައިންކަމަށެވެ. ޝައިޚް އިތުރަށް ވިދާޅުވެފައިވަނީ އިހުގެއާއި ފަހުގެ ބޮޑެތި ގިނަޢިލްމުވެރި ބޭފުޅުންނާއި ފަތުވާ ކޮމެޓީތަކުންވެސް ތުނބުޅި ދިގުކުރުމާއި މަތިމަސް ކުރުކުރުމަކީ ވާޖިބެއްކަމާއި ތުނބުޅި ބޭލުމަކީ އަދި ކުރުކޮށް ނުވަތަ ތުނިކޮށް ކޮށުމަކީ ޙަރާމްކަމެއްކަމުގައި ފަތުވާ ދެއްވާފައިވާކަމަށެވެ.

ތުނބުޅި ބެލުމަކީ ޙަރާމްކަމެއްކަމަށްވިދާޅުވެ ޝައިޚް ޢިޔާޟްވަނީ އެތައް ދަލީލެއް ގެންނަވާފައެވެ. އެގޮތުން ގެންނަވަފައިވާ ބައެއްދަލީލިތަކުގެ ތެރޭގައި:-

أبو هريرة رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. ((جُزُّوا الشَّوَارِبَ وَأَرْخُوا اللِّحَى خَالِفُوا الْمَجُوسَ)) صحيح مسلم (ج 2، ص 73) މާނައަކީ: “މަތިމަސް ކޮށާށެވެ! އަދި ތުނބުޅި ‘އިރްޚާ’ ކުރާށެވެ! (އިރްޚާ އަކީ: އެއްޗެއް އެލުވައިލުމެވެ. އޭގެ ދިގުމިނުގައި ދޫކޮށްލުމެވެ. މާނައަކީ އެލިފައިވާނެހެން ދިގުކުރާށެވެ!) އަދިވެސް ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا ވިދާޅުވިއެވެ. ((أَنَّهُ أَمَرَ بِإِحْفَاءِ الشَّوَارِبِ وَإِعْفَاءِ اللِّحْيَةِ)) “ހަމަކަށަވަރުން މަތިމަސް ކުރުކުރުމަށާއި ތުނބުޅި މާފުކުރުމަށް (ދިގުކުރުމަށް) އިތުރުއެކަލޭގެފާނުން އަމުރު ކުރައްވާފައިވެއެވެ.” މިހަދީޘް ރިވާކުރައްވާފައި مسلم (ج 2، ص 71) އެވެ.

عَائِشَةَ رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ. ((عَشْرٌ مِنْ الْفِطْرَةِ قَصُّ الشَّارِبِ وَإِعْفَاءُ اللِّحْيَةِ …)) صحيح مسلم. މާނައީ: “ދިހަކަމެއް ފިތުރަތުގެ ތެރެއިން ވެއެވެ. (އޭގެ ތެރޭގައި) މަތިމަސް ކޮށުމާއި ތުނބުޅި ދިގުކުރުން.” ވެއެވެ.

البخاري އާއި مسلم ދެބޭފުޅުން ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘްކުރައްވާފައި ވެއެވެ. ((انْهَكُواالشَّوَارِبَ وَأَعْفُوا اللِّحَى)) މާނައަކީ: “މަތިމަސް ކުރުކުރާށެވެ! އަދި ތުނބުޅި ދިގުކުރާށެވެ!”

ޝައިޚްގެ ފަތުވާ ނިންމާލައްވަމުން ވިދާޅުވެފައިވަނީ ތުނބުޅި ކޮށުން ހުއްދަވާނެ މިންގަނޑެއްކަމުގައި ބައެއް ތަޙުގީގުގެ ޢިލްމުވެރިން ބަޔާންކޮށްފައިވާ އެންމެ ކުރުމިނަކީ މުށްފުރެންދެން ހިފެހެއްޓުމަށްފަހުގައި އިތުރުވާބައިކަމުގައެވެ. އެއީ عبد الله بْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا އާއި އަދިވެސް އެހެން ބައެއް ސަލަފުންގެ އަރިހުން ވާރިދުވެފައިވާ ކަމެއް ކަމުގައި ވާތީއާއި އާދަޔާއި ޚިލާފަށް ދިގުވާ ތުނބުޅިއެއް ނަމަ އަތުން ހިފަހަށްޓާފައި ކޮށައިލުމުންވެސް ދިގު ތުނބުޅިއެއްކަމުގައި އިތުބާރު ކުރެވޭތީއާއި ތުނބުޅި ދިގުކުރުމަށް އައިސްފައިވާ އިސްވެދިޔަ އަމުރުފުޅުތަކާއި ޚިލާފު ނުވާކަމަށްޓަކައި ބައެއް ޢިލްމުވެރިން އެމިންވަރަށް ކޮށުން ހުއްދަ ކުރައްވާތީކަމަށް ޝައިޚް ވިދާޅުވެފައިވެއެވެ. ވީމައި ދަލީލުތަކުން ޘާބިތުވާ މިންވަރަކީ މިއީކަމަށާއި މުށަށްވުރެ ކުރުކޮށް ނުވަތަ ތުނިކޮށް ކޮށިދާނެކަމުގައި ބުނެވޭ ހުރިހާ ބަސްތަކަކީ އެބަސްތައް ބުނާ ބޭފުޅުންގެ އަމިއްލަ ޚިޔާލިކަމަށާއި އެއީ އެއްވެސް ހުއްޖަތެއް އަދި ދަލީލެއް ނޫންކަމަށެވެ.

ނޯޓް: މިއީ ރާއްޖެއިސްލާމުން ނަކަލުކޮށްފައިވާ ލިޔުމެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz