ތިމާގެ ދުލާމެދު ވިސްނާލަމާ….!

ޅެން: ތަރުވާޒު

ބަސް ނުބުނެ ވާހާ ހިނދަކު އޭނާގެ އަޅަކަށް ބަސްވެޔޭ

                ބަސް ދުލުން ބުނެ ވީއްލުމުން އޭނާ ބަހުގެ އަޅަކަށް ވެޔޭ

ހަޑި ހުތުރު ބަސްތައް ދުލުން އެއްވެސް ބިރެއް ނެތި ޖެހިލުމެއް

                   ހަޑިވިޔަސް އަބުރާ ޤަދަރު ބޭނުންކުރުން ގިނަ ވެއްޖެޔޭ

އަނެކުނަށް ހިތްދަތިކަމާ އަނެކުންގެ ހައްޤަށް އުނިކަމާ

                  ދަނެ ނިކަން އަންނާނެކަން ބަސްބުނެ އުޅުން މަދު ވެއްޖެޔޭ

ޤުދުރަތުން ދެއްވާފަވާ އަގުހުރި ވިމާތް ބޮޑު ނިޢުމަތާ

                މެދު ސުވާލު ވެވޭނެކަން ފަހު ވަގުތު އެނގިގެން ދާނެޔޭ

ވިސްނުމެއް ނެތި ބަސްބުނާ ނަމައީ ތިމާ ރުޅި އަންނަ ހިނދު

                 ގިސްލަމުން ރޯން މާފަހުން ޖެހިދާ ފަހަރު އަންނާނެޔޭ

ބުނެވިދިޔަ ބަހަކުން ތިމާ އުފެދުނު ނަތީޖާ ބޮޑުކަމުން

                 ނުވެވިގެން އެކަމުން ނަޖާ ބޭޒާރުވާ ގޮތްވެސް ވެޔޭ

ކަންމިހެން ހުރި އިރު ނިކަން ވިސްނާފަ ކުރެވޭ ޢަމަލަކަށް

                  ބަސްބުނުން ހެދުމަށް މިއަދު ހިތްވަރު ކުރަން ލަސްވެއްޖެޔޭ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
Mohamma
Mohamma

ވަރަށް ސަޅި ، ދުވަސް ތަކަކަށްފަހު ތަރުވާޒުގެ ޅެމެން ލަންދޫއިންފޯ އިން ފެނުނުކަމަށްޓަކައި ނިހާޔަތައް އުފަކުރަން މިފަދަ އިބުރަތްތެރި ގިނަ ލިޔުންތައް ފެންނާނެކަމަށް އުއްމީދުކުރަން

wpDiscuz