ދޮންދޫނި

އެއީ އިރުވައި މޫސުމުގެ އެންމެ ފަހު ނަކަތުން ދުވަހެކެވެ. މަޑުމަޑުން ޖެހެމުން ދިޔަ ވައިރޯޅިތަކާއެކުގައި ބޯމަތީގައި ދޮންދޫނިތައް ނިކަން އުފަލުގައި އުދުހެމުން ދަނީއެވެ. ބައެއްފަހަރު މަގުމަތީގައި ހެދިފައި ހުންނަ ފެންގަނޑުތަކަށް ތިރިކޮށް އެސޮރުމެން ފެންބޮއެ ހަދައެވެ. ހަމަ ކިރިޔާވެސް މީހެއްގެ ހިލަމެއް ވާއިރަށް ދޮންދޫނިތައް އުދުހިގެން މާ ދުރަށް ދެއެވެ. އަނެއްކާވެސް ހަމަ ކުރިން ތިބޭ ތަނަށް އެނބުރި އާދެއެވެ.

މި މަންޒަރު ބަލަން ތަންކޮޅެއް ދުރުގައި އުމުރުން އެންމެ 9 އަހަރުގެ އާކިފް ހުއްޓެވެ. އޭނާ ބޭނުންވަނީ ގެއަށްދާއިރު ކޮއްކޮއަށް ދޭނެ ދޮންދޫންޏެއް ހިފުމެވެ. އޭނާގެ ކޮއްކޮއަކީ ދިރޭތަކެއްޗަށް ނުހަނު ފޯރި ހުންނަ ކުއްޖެކެވެ. އާކިފް ވަރަށް ސިއްރު ސިއްރުން ފެންގަނޑާއި ކައިރިއަށް ދިޔައެވެ. މަޑުމަޑުން  ދޫންޏެއް ހިފަން އަތްދަމާލި ތަނާހެން އެސޮރުމެން އުދުހިގެން ހިނގައްޖެއެވެ. އާކިފް ގާތަށް ފިސާރި ރުޅިއައެވެ. އަނެއްކާވެސް އޭނާ ފެންގަނޑާއި ދުރަށް ޖެހިލިއެވެ. މިހެން ދޮންދޫނި ހިފަން ހުއްޓާ އިރުއޮއްސި ބަންގި ގޮވައިފިއެވެ. އޭރުވެސް އޭނާއަށް ހަމަ އެންމެ ދޫންޏެއްވެސް ހިފޭގޮތެއް ނުވެއެވެ. އާކިފް މާޔޫސްވެގެން ކަރުއެލުވައިލައިގެން ހުރެ ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ.

އެރޭގެ އިޝާ ނަމާދަށް ދިޔަ މަގުމަތީގައި އާކިފް އޭނާގެ ބައްޕައަށް އެދުވަހު ކަންތައް ވީ ގޮތް ކިޔައިދިނެވެ.  ” ދަރިފުޅާ!  މިއީ ދޮންދޫނި ހިފަންވީ ދުވަސްވަރެއް ނޫން .. މިއީ ދަރިފުޅު އެންމެ ކިޔަވަންވީ ދުވަސްވަރު. ޓެސްޓުތައް ނަގަމުން ދަނީ… ތިހެން އުޅެނިކޮށް ދަރިފުޅު ފާސްނުވެއްޖިއްޔާ ބައްޕަ ނިކަން ދެރަވާނެ”. ބައްޕަ ނަސޭޙަތް ދިނެވެ. ” މިހެން އަދި ދޫންޏެއް ހިފަން ނިކުމެލިޔަސް ފޮތްކިޔައި ހަދާނެ ވަގުތު އޮވޭ… ހުރިހާ ޓެސްޓުތަކުން އަޅުގަނޑު އެންމެ މަތިން ފާސްވާނެ” . އާކިފް ބައްޕައަށް ޔަގީންކަން ދިނެވެ.

ޖެހިގެން އައި ދުވަހެވެ. އާކިފް އޭނާގެ އެކުވެރި ކުދިންކޮޅަކާއެކު ދޮންދޫނި ހިފާނެ ގޮތަކާއި މެދު މަޝްވަރާކުރަން އަތިރިމަތީގައި ތިއްބެއެވެ. ” ހިނގާ ޗުއިންގަމް ކިރު އިލޮށީގައި ލާން.. ” އެއްކުއްޖަކު ޚިޔާލު ދިނެވެ. ” މަށަށް ހީވަނީ ތެރަސް އުނގުޅައިގެން ވެސް ހިފިދާނެ ހެން” މާއިޒު ބުންޏެވެ. އާކިފް އިރުކޮޅަކު ވިސްނަން އިދެފައި ބުންޏެވެ.  “ބޭބެ ބުނި ބަބުކެޔޮ ކިރުލައިގެން ވަރަށް ފަސޭހައިން ދޮންދޫނި ހިފޭނެޔޭ” މިހެން ބުނުމާއެކު އެންމެން ހީގަތެވެ. ” ކިހިނެއް އަހަރެމެން ތިކަން ކުރާނީ .. މިތަނުގައި ނެތް ގަހަށް އެރޭ ހަމަ އެކަކުވެސް.” ކާއިލް މަލާމާތްކޮށްލިއެވެ. ކޮންމެވެސް ބޮޑުމީހެއްގެ އެހީގައި ތިކަން ކުރެވިދާނެ އެކަމަކު…. ކިރުއޮލޮށިން ދޫނި ހިފާނަމަ ދޫނިގައި އޭރުން އޮންނާނީ ހުސް ކިރު” މާއިޒު އެކަމާއި ތާއިދެއް ނުކުރިއެވެ. “ތިހެން ވީއިރު ހިނގާ އިލޮށި ފައްޗެއް ހޯދަމާ. އެއްވެސް އެއްޗެއް ނުހޭކި ދޮންދޫނި ހިފިދާނެ މޮޅު ގޮތެއް އެއީ….” ކާއިލްގެ ޚިޔާލު އިއްވިއެވެ.

ކޮންމެއަކަސް ހަވީރު އެކުއްޖަކަށް ލިބުނު އެއްޗެއް ހިފައިގެން ފަނޑިޔާރު މަގަށް އައުމަށް އެއްބަސްވެ ގެއަށް ހިގައްޖެއެވެ. އާކިފް ދިއައީ ބަނބުކެޔޮ ގަހެއް ފެނޭތޯއެވެ. އޭނާ ހުރީ އެހެން ކުދިންނަށް ފޮނި ދައްކާލުމަށް ގަހަށް އެރޭކަން އަންގާލުމަށް ބޭނުންވެފައެވެ. މީހުން ނޫޅޭ ހިސާބަކަށް ދިޔަތަނާހެން ބަބުކެޔޮ ގަހެއް ފެނިއްޖެއެވެ. ދެން އަވަސްވީ ގޮތަކުން ކަތިވަޅި ހިފައިގެން ގަހަށް އެރޭތޯ އުޅުނެވެ. މާއުދަނގަލަކާއި ނުލައި ގަހަށް އަރައި ހަމަޖެހިލުމަށްފަހު ގަހުގައި ވަޅިން ތަޅަން ފެށިއެވެ.

އޭނާ ބޭނުންވި ވަރަށް ގަހުން ކިރު ގެނައުމަށްފަހު ގަހުން ފައިބަންވެގެން ފައި އެޅުނު ގޮފިގަނޑަށް ބާރުލިއެވެ. ނަސީބު ދެރަކަމުން ފައި އެޅުނި ފީވެފައި އިން ގޮއްޕެއްގައެވެ. ވަގުތުން ގޮފިގަނޑު ބިންދައިގެން ގޮސް އާކިފާއެކުގައި ބިންމައްޗަށް ބަންޑުން ވެއްޓުނެވެ. ޖެހުނީ ނިކަން ތަދުވާ ގޮތަކަށެވެ. އަތްގޮސް ޖެހުނީ ގަހުގެ މޫމައްޗަށެވެ. އާކިފް ހަޅޭއްލައްވައިގަނެފައި ރޯންފެށިއެވެ. އަޑުއިވޭ ހިސާބުގައި މީހަކު އޭރަކު ނެތެވެ. އިރުކޮޅެއްފަހެވެ. ވީ ތަދުން ނުތެދުވެ ރޯން އޮއްވާ މީހަކު އައިސް އޭނާ ގެއަށް ގެންގޮއްސްފިއެވެ.

އާކިފްގެ ބައްޕައަށް މިޚަބަރު ލިބުމާއެކުހެން ގެއަށް އައިސް ވެގެން އުޅޭގޮތެއް ބެލިއެވެ. އޭރު މަންމަ ހަދާނެގޮތް ހުސްވެގެން އަވަށު މީހުންނަށް ގޮވާ ހަދައެވެ. ބައްޕަ އައުމާ އެކުހެން މަރުކަޒަށް ގެންދެވުނެވެ. ފަރުވާ ދޭންފެށިއެވެ. އޭގެ ދެދުވަސް ފަހެވެ. އެނދުމަތި ކުރެވިފައިވާ އާކިފުގެ ގާތުގައި އޭނާގެ މަންމައާއި ބައްޕަ ތިއްބެއެވެ.  ” ދަރިފުޅާ ބައްޕަ އޭރުވެސް ބުނިން މިދުވަސް ކޮޅު ތިކަހަލަ ކަންތަކާއި ނޫޅޭށޭ… މިއޮތީ އެތަން ފެނިފަ. ދެން ދަރިފުޅު ޓެސްޓުތައް ހަދާނީ ކިހިނެތް.. ތިއޮތީ އަތްވެސް ބިންދައިގެން ގޮސްފަ.. ކިހާ ދެރަ.. ބައްޕައަށް ރޮވޭގޮތް ވެއްޖެވެ. އާކިފަށް ބައްޕަ ދިން ނަސޭހަތް ހަނދާންވެ އާކިފުވެސް ރޯންފެށިއެވެ. އެހެނަސް ކުރާނެ ކަމެއް ނެތެވެ. ދޮންދޫނި ނުހިފުންތާ ޓެސްޓުތައްވެސް ނުހެދޭ ގޮތްވީއެވެ. ބިންދައިގެން ދިއައީ އޭނާގެ ލިޔާ އަތެވެ. ކިހާ ދެރަހެއްޔެވެ؟ މިއީވެސް މައިންބަފައިންގެ ބަސް ޤަބޫލުނުކޮށް އުޅޭ ކުދިންނަށް ދިމާވެދާނެ ދެރަގޮތެކެވެ.

ލިޔުނީ: އިބްރާހިމް ޝާމިލް

އިބްރާހިމް ޝާމިލް އަކީ ޒުވާން ލިޔުންތެރިއެކެވެ. ޢާއްމުކޮށް ލިޔެއުޅެނީ ތަފާތުވައްތަރުގެ ވާހަކައެވެ. އަދި މުޖުތަމަޢުގެ ޙާލަތާ ގުޅޭގޮތުން މަޒުމޫނާއި ، ޅެންވެސް ހައްދަވާ އުޅުއްވައެވެ.

ޚިޔާލެއްދެއްވާ

avatar
މޫކައި ހޮޓާ
މޫކައި ހޮޓާ

ޢިބްރަތްތެރި ރީތި ވާކައެއް .. މިފަދަ ވާހަކަ ތަކަކީ އޭގެ ސަބަބުން ކުޑަކުދިންނަށް ހެޔޮވިސްނި އެކުދިން މުނިފޫހިފިލާނެކަމެއް. ޝުކުރިއްޔާ ! ވާހަކަ ލިޔުންތެރިޔާ.

wpDiscuz