ދެދަރިންނާއެކު ބައްޕަ ފުލް 11 ގައި

ދުނިޔޭގެ އެންމެ ގިނަބަޔަކު އެންމެ ޝަޢުޤުވެރިވާ ކުޅިވަރަކީ ފުޓްބޯޅަކަމަށް ވީހިނދު ދިވެހިރާއްޖޭގެ އެންމެ ގިނަބަޔަކުވެސް އެންމެ ޝައުޤުވެރިކަމާއެކު ބަލަމުން އަދި ކުޅެމުންގެންދާ ކުޅިވަރަކީ ފުޓްބޯޅައެވެ.  ފުޓްބޯޅައަކީ ހައިރާންކުރުވަނިވި އެތައް އެތައްކަމެއް ހިނގަމުންދާ ކުޅިވަރަކަށް ވީނަމަވެސް ރަސްމީ ވަރުގަދަ ވާދަވެރި ފުޓްބޯޅަ މުބާރާތެއްގައި ކުޅޭ ޓީމެއްގެ ފުލް 11 ގައި ހިމެނިގެން ބައްޕައަކާއި އެކު އޭނާގެ ދެ ދަރިން ފުލްކޮށް ކުޅުމަކީ އާދަޔާޚިލާފް ކަމަކަށް ވާނެކަން ކަށަވަރެވެ.

އިބުރާޙިމް ޝަހީދު ހެނބަދޫޓީމުގައި ހުރި އެންމެ ތަޖުރިބާ ކާރު ކުޅުންތެރިޔާ / ފޮޓޯ: ޝިހާންބެ

ނ.މާޅެންދޫގައި މިހާރު ކުރިއަށްދާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަމުން ގެންދާ ނ.ހެނބަދޫޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން ބައްޕަ އަކާއި އޭނާގެ 2 ދަރިން ކުޅެމުން އެބަގެންދެއެވެ. މިއީ މިފަދަކަމެއް އަޅުގަނޑަށް ފާހަގަކުރެވުނު ފުރަތަމަ ފަހަރުކަން މިފުރުޞަތުގައި ފާހަގަކޮށްލަމެވެ.

ފުޓްބޯޅައިގެ ޢާއިލާއެއް

ނ.ހެނބަދޫއަކީ މިހާރު ނ.އަތޮޅުގައި އެންމެބޮޑަށް ފުޓްބޯޅައިން ކުރިއެރުން ހޯދަމުން އަންނަ ރަށަށްވީހިނދު އެރަށު ޗަންޕާމާގޭ އިބުރާޙިމް ޝަހީދުގެ ޢާއިލާއަކީ ފުޓްބޯޅައިގެ ޢާއިލާއެކެވެ. ޢާއިލާގެ އެންމެ އިސް މެމްބަރުކަމަށްވާ އިބުރާޙިމް ޝަހީދަކީ މިއަދު ހެނބަދޫޓީމުގެ ފުލް 11 ގައި ހިމެނޭ އެންމެ ތަޖުރިބާކާރު އެންމެ ސީނިއަރ ކުޅުންތެރިޔާއެވެ. އޭނާގެ ދެ ދަރިންކަމަށްވާ ޢަލީ ޝަޙީދު(20އ) އަދި ރީޙާން ޝަޙީދު(18އ) އަކީ މިއަދު ހެނބަދޫޓިމުގެ އެންމެ މުޙިއްމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެކުޅުންތެރިންނެވެ.

ޢަލީ ޝަޙީދު ބައްޕަ އާއި އަދި ކޮއްކޮ އާއި އެކު ކުޅެވޭތީ އުފާވޭ / ފޮޓޯ: ޝިހާންބެ

މިއަދު ހެނބަދޫގެ 1 ނަމްބަރ ޓީމުގައި ހިމެނޭ މިތިންކުޅުންތެރިންނަކީ ފުޓްބޯޅަ ކުޅެމުން އަންނަ އެހެން ކުޅުންތެރިންނަށް ހުރި ރިވެތި ނަމޫނާއެކެވެ. ހެނބަދޫ ފުޓްބޯޅަ ޓީމުގެ މެދުތެރޭގެ މައި އިންޖީނެއްގެ ގޮތުގައި ކުޅެމުންގެންދާ ، ބައްޕަ އިބުރާޙިމް ޝަހީދުގެ އިރުޝާދުގެ ދަށުން އެންމެ ދޮށީ ދަރިފުޅު ޓީމުގެ ހަމަލާތައް އުފެއްދުމުގައި އަރިމަތިން އިސް ދައުރެއް ކުޅެމުންދާއިރު، ދެންހުރި ދަރިފުޅު އެގެންދަނީ ޓީމުގެ އެންމެފަހަތް ބަލަހައްޓަމުންނެވެ. ހެނބަދޫޓީމުގެ އެންމެ މުހިއްމު 3 މަޤާމަށް 3 ބަފައިން ކުޅެމުން ގެންދާކަމީ މިއަދު މުޅި ހެނބަދޫޓީމަށްވެސް ލިބިގެންދާ ބޮޑު ކުރިއެރުމަކާއި ކާމިޔާބީއެކެވެ. މިއަދު ނ.އަތޮޅުގެ ފުޓްބޯޅައިން ހެނބަދޫ ޓީމު ހޯދަމުންދާ ހުރިހާ ކާމިޔާބީއެއްގައި މި 3 ބަފައިންގެ ހިއްސާ ވަރަށް ބޮޑެވެ.

ހެނބަދޫޓީމުގައި އަރަމުން އަންނަ އުންމީދީ ހުނަރުވެރި ޑިފެންޑަރ ރީޙާން ޝަޙީދު (18އ) ހާމަކުރި ގޮތުގައި އޭނާގެ ބައްޕަގެ އިތުރުން އެންބަނޑު އެއްބަފާ ދޮންބެއާއި އެކު ރަށުގެ އެއްނަމްބަރ ޓީމަށް ކުޅެވުމަކީ ނުހަނު ފަޙްރުވެރިވެ އުފާވާ ކަމެކެވެ. އަދި ފުޓްބޯޅައިން އިތުރަށް ކުރިއަށް ދިއުމަށް ލިބިގެންދާ ވަރަށްބޮޑު ހިތްވަރެކެވެ. އަދި ބައްޕައަށްޓަކައި މިއަދު އޭނާއާޢި އޭނާގެ ދޮންބެ ފަޙްރުވެރިވެ ސެލިޔުޓް ކުރެއެވެ. ” އަސްލު އަޅުގަނޑަށް ފުޓްބޯޅައިގެ ހުރިހާކަމެއް ދަސްވީ ބައްޕަގެ ފަރާތުން ، މިއަދު ބައްޕަ އާއި އަދި ދޮންބެ އާއި އެކު ރަށުގެ 1 ނަމްބަރ ޓީމަށް ކުޅެވޭތީ ވަރަށް ޕްރަޢުޑުވެ ހެޕީވޭ ، ބައްޕައަށް މިއަދު ހަމަ އަޅުގަނޑު ސެލިއުޓް ކުރަން ، އަޅުގަނޑުމެންގެ ފުޓްބޯޅައިގެ ހުނަރު ކުރިއެރުވުމަށް އެ ކޮށްދެއްވާ މަސައްކަތުގެ އިތުރުން ހެނބަދޫގެ ފުޓްބޯޅައަށްޓަކައި ބައްޕަ އެކޮށްދެއްވާ މަސައްކަތަށް ހަމަ އައްސަރިބަހާ ސާބަސް ރައްދުކުރަން ” ލަންދޫއިންފޯއަށް ދެއްވި ހާއްޞަ ބަސްދީގަތުމެއްގައި ރީހާން ފާހަގަކުރެއްވިއެވެ.

ރީޙާން ޝަޙީދު ބައްޕަގެ ފަރާތުން އުފެދިގެން އައި މޮޅު ހުނަރުވެރި ޒުވާން ޑިފެންޑަރެއް / ފޮޓޯ: ޝިހާންބެ

މިއަދު މުޅި ހެނބަދޫ ވެސް އެ ތިންބަފައަކަށްޓަކައި ފަޙްރުވެރިވާ އިބުރާޙިމް ޝަހީދު އާއި އޭނާގެ ދޮށީ  ދެދަރިން ކަމަށްވާ ޢަލީ ޝަޙީދު އަދި ރީޙާން ޝަޙީދު އަކީ ރަށުން ބޭރުގައި ޒިންމާދާރު ވަޒީފާތަކުގައި މަސައްކަތްކުރަމުން ގެންދާ ފަރާތްތަކަކަށް ވީނަމަވެސް ރަށުގެ ރައްޔިތުންނަށްޓަކައި ރަށަށް ރީތި ނަމާއި ޝަރަފް ހޯދައި ދިނުމަށްޓަކައި އަދާކުރަމުންގެންދާ ވަޒީފާތަކަށް ބުރޫނާރާނެހެން މިތިންބަފައިންވެސް ގެންދަނީ ރަށުޓީމަށް ކުޅެދެމުންނެވެ. ޙަޤީގީ ރަށުވަންތަ ލޯބީގައެވެ. ރަށުގެ ރައްޔިތުންނަށް ޓަކައެވެ.

ރީހާން އިތުރަށް ހާމަ ކުރެއްވި ގޮތުގައި މިހާރު މާޅެންދޫގައި ކުރިއަށްދާ ޝިޔާމް މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާރ ފައިނަލްގައި ވެލިދޫޓީމާއި ދެކޮޅަށް ކުޅޭ މެޗުގައި މީގެ ތިންބަފައިން އެކީގައި ކުޅޭތަން ފެނިގެން ދިއުމަކީ ކުރާ ވަރަށް ބޮޑު އުއްމީދެކެވެ. ދެކުދިންގެ ބައްޕަ، އިބުރާހީމް ޝަހީދު، ހެނބަދޫ ޓީމާއެކު މިވަގުތު ފަރިތަކުރަމުން ދިޔަ ނަމަވެސް، ރީހާން ޝަހީދާއި ޢަލީ ޝަހީދު މިވަގުތު ތިބީ  ވަޒީފާއަށް ރުޖޫއަވެ، ރަށުން ބޭރުގައެވެ. ހެނބަދޫ ރައްޔިތުންގެ އުއްމީދަކީ ތިން ބަފައިންގެ ހުނަރުވެރިކަމާއެކު ފުރަތަމަ ފަހަރަށް ހެނބަދޫއިން މި މުބާރާތުގެ ތަށި އުފުލައިލުމެވެ.

 

 

 

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އެއްވެސް މެޗަކުން ބަލިނުވެ މިލަދޫއިން ޗެމްޕިއަންކަން ހޯދައިފި

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިލަދޫޓީމުން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދައިފިއެވެ. މިއީ ނ.އަތޮޅުގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz