ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންގެ ބޮލުން އިސްތަށިފޭބުން އަވަސް – ދިރާސާ

ދުންފަތުގެ އިސްތިޢުމާލު ނުކުރާމީހުންނަށްވުރެ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ބޮލުން އަވަހަށް ފަތްވެރޭ ކަމަށް ދިރާސައަކުން ދައްކައިފިކަމަށް  ސައިންސްގެ ޚަބަރުތައް ގެނެސްދޭ މަޝްހޫރު ސައިންސް ޑެއިލީ ގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ބުނެފިއެވެ.

އެލިޔުމުގައި ބުނެފައިވަނީ ދުންފަތު އިސްތިއުމާލު ކުރާ މީހުންނާއި ނުކުރާ މީހުންގެ މެދުގައި ކުރެވުނު މި ދިރާސާއިން ދައްކާގޮތުގައި ދުންފަތުގެ އިސްތިޢުމާލުކުރާ 85 އިންސައްތަ މީހުންގެ ބޮލުން ، އެމީހުންގެ ޢުމުރުން 50 އަހަރު ވުމުގެ ކުރިން ފަތްކޮޅު ފައިބާ ކަމުގައެވެ.

ދިރާސާގައި ސުވާލުކުރެވުނު މީހުންގެ ތެރެއިން ވަކިން ޚާއްޞަކޮށް ކަންކަމުގައި ބޮޑަށް ވިސްނާ ( ސްޓްރެސް ހުންނަ ) މީހުންނާއި، ހަމައަށް ނިދިނުލިބޭ މީހުންގެ ބޮލުން މާއަވަހަށް ފަތްފައިބާ ކަމަށް މިދިރާސާއިން ދައްކާކަމަށް އެލިޔުމުގައި ބުނެފައިވެއެވެ.

ދުންފަތަކީ އޭގައި ވަރަށް ގިނަ ވިހަމާއްދާތައް އެކުލެވޭ ވަރުގަދަ ކެމިކަލަކަށް ވާތީ ދުންފަތް ބޭނުންކުރުމުން ދުރުހެލިވުމަށްވެސް އެލިޔުމުގައ ބާރުއަޅާފައިވެއެވެ. އެގޮތުން ދުންފަތް ބޭނުންކުރުން ހުއްޓާލަންވީ ހަމައެކަނި ބޮލުން ފަތްފައިބާތީ ނޫންކަމަށާއި، އޭގެ އިތުރުން ލޭގެ ކެންސަރާއި، ނޭވާލާ ނިޒާމަށް ޖެހޭ ބޮޑެތި ބަލިތަކުން ނާއި، ހިތުގެ ބަލިތަކުން ދުރުހެލިވުމަށްވެސް ދުންފަތް ބޭނުންކުރުން ހުއްޓާލުމަށް މިލިޔުމުގައި ބާރު އަޅާފައިވެއެވެ.

އަދި ދުންފަތް ބޭނުންކުރުމަކީ ހާރޓް އެޓޭކް ޖެހުމަށް މެދުވެރިވާސަބަބެއް ކަމަށާއި، ޢުމުރުގެ ހަގު ޢުމުރުގައި އެކަމުގެ ސަބަބުން ހަޓް އެޓޭކް ޖެހުމުގެ ފުރުޞަތު ބޮޑުކަމަށްވެސް އެލިޔުމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެލިޔުމުގައިވަނީ ސްޓްރޯކް ޖެހުމާއި ހިތް ހުއްޓުމާއި ނޭވާލާ ނިޒާމުގެ ބޮޑެތި ބަލިތަކާ ކެންސަރުގެ ގިނަ ވައްތަރުތަކުގެ އެންމެބޮޑު ސަބަބުކަމުގައިވާ ދުންފަތުގެ ސަބަބުން ދުނިޔޭގައި އަހަރަކު 7 މިލިއަން މީހުން މަރުވާ ކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar