ދީނީ ކަލަގޮވުން

މިދުވަސް ވަރަކީ މިފަހަކަށް އައިސް އެންމެގިނައިން މާތްވެގެންވާ އިސްލާމް ދީނުގެ ވާހަކަ އެކިގޮތްގޮތަށް ދެކެވެމުން އަންނަ ދުވަސް ވަރެކެވެ. މިގޮތުން މިރާއްޖޭގައި ޒަމާންތަކެއް ވަންދެން ދިވެހިން ގަބޫލުކޮށްގެންތިބި މާތްވެގެންވާ އިސްލާމްދީން ބަލިކަށި ކޮށްލަން ސަރުކާރުން މަސައްކަތް ކުރާވާހަކަޔާއި ، އިސްލާމީ އަޣީދާ ބަލިކަށި ވަމުންދާ ވާހަކަޔާއި ، ދިވެހިރާއްޖޭގެ އަށްޑޫގައި ބުދު ބެހެއްޓި ވާހަކަޔާއި ، ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އިސްލާމްދީން ވަކިކުރަން ބަޔަކު ރާވައިގެން މަސައްކަތް ކުރާވާހަކަޔާއި އދ.ގެ އިންސާނީ ހައްގުތަކާއި ބޭހޭބައިގެ އެމްބަސަޑަރ މިސް ނާރަން ޕިންލޭގެ ތަގުރީރުގެ ވާހަކަޔަކީ މިއަދު ސަރުކަރާއި އިދިކޮޅު ބޭބޭފުޅުންނާއި ނޫސް މީޑިއާތަކުގެ ފަލަސްރުޙީތަކުގައި އެންމެ ހިޓް ވާހަކަތަކެވެ.

ކޮންމެޔަކަސް މިރާއްޖެއަކީ ރައީސް ނަޝީދުގެ ރާއްޖެއެއް ނޫނެވެ. ނުވަތަ އަދާލަތު ޕާޓީއާއި ޕީ ޕީ އެމްގެ ރާއްޖެއެއްވެސް ނުމެނޫންމެއެވެ. މިރާއްޖޭގައި އެއްވެސް މީހަކަށް ބުދު ބެހެއްޓިގެން ނުވާނެއެވެ. މާތްވެގެންވާ އިސްލާމް ދީނާއި ، ދިވެހިންގެ ސަގާފަތާއި ، ދިވެހިންގެ ދިރިއުޅުމުގެ އުސޫލީ ރިވެތި ސިފަތަކާއި ފުށުއަރާ އެއްވެސްކަމެއް މިރާއްޖޭގައި އެއްވެސް މީހަކަށް ކުރެވިގެނެއް ނުވާނެއެވެ.

މިހަޤީގަތްތަށް މިހެންހުއްޓަސް އަޅުގަނޑުގެ ހަޔާތުގައި މިރާއްޖޭގައި 2 ފަހަރެއްގެ މަތިން ދެތަނެއްގައި ބުދު ބެހެއްޓިފައިވެޔެވެ. މިގޮތުން އެންމެ ފުރަތަމަ މިފަދަ ބުދެއް އަޅުގަނޑުގެ ހަނދާނުގައި ބެހެއްޓިގެން ގޮސްފައިވަނީ އިނގިރޭއްސި ރައްޔިތެއް ކަމުގައިވާ ސަރ ފިލިޕްގުރީންނުގެ އުފަންދުވަސް ފާހަގަ ކުރުމުގެގޮތުން ރަނޑާ ގިރާވަރު ރިސޯޓްގައި އަލްއުސްތާޒް މައުމޫނުގެ ވެރިކަމުގެ ތެރޭގައެވެ. ލަނޑާގިރާވަރުގައި މިހަފުލާ ހިނގަމުން ދިޔައިރު ޓޮޕްލެސް 50 ބެންކޮކް ޖިންސުއްލަތީފުން ނައްޓަމުން ގެންދިޔަ ވީޑިއޯ ވަނީ ލީކްވެފައެވެ. އަދި މީގެއިތުރުން އިހައްދުވަހު އަށްޑޫގައި މޮނިއުމަންޓްގެ ނަމުގައި މިހާރު ހިންގާ ރީދޫ ސަރުކާރުންވެސް ވަނީ ބުދުބަހައްޓާފައެވެ. ތެދެކެވެ. މިކަން ކަމަކީ ސިއްރު ކުރެވޭވަރަށްވުރެ ހާމަކަން ބޮޑުގޮތަކަށް ނިމިދިޔަ ސަރުކާރުންނާއި މިހާރު މިހިންގާ ރީދޫސަރުކާރުން ހިންގާފައިވާ ލާދީނީ ހަރަކާތްތަކެވެ. މިކަންތަށްތަށް މިހެން ހުރުމުން ޕީޕީއެމްގެ އިސްވެރިން ރައީސް ނަޝީދު ލާދިނީޔޭ ކިޔައިގެން ވާހަކަ ދައްކާތީ އަޅުގަނޑުވެސް ހިންނިއަންނަގޮތް އެބަވެއެވެ. އަޅެ ލަދުހަޔާތުގެ ކަންފުޅެއް ނެތީވިއްޔާ އަމިއްލަ އެދުން އިސްކޮށް ކޮންމެ ކަހަލަ ވާހައެއްވެސް އިންސާނާ ދައްކަފާނެ ތާއެވެ.

ކޮންމެޔަކަސް ދީނީ ކަންކަމުގައި ދީނީ ޝިއާރު ފާޅުކުރުމުގައި ނިިމިދިޔަ ސަރުކާރާއި ، މިހާރު ވެރިކަމުގައި މިއޮތް ރީދޫސަރުކާރުގެ ތަފާތު ފެންނަން އެބައޮތެވެ. ނިމިދިޔަ މައުމޫނު އަބުދުލްގައްޔޫމުގެ ރަންތިރީސް އަހަރަކީ މިރާއްޖޭގެ ހަޔާތުގައި ދީނީޢިލްމުވެރިންނަށް އެކިގޮތްގޮތަށް އެންމެ ބޮޑެތި ލާއިންސާނީ އަނިޔާ ދީފައިވާ ސަރުކާރެވެ. އެހެން ނަމަވެސް މިހާރު މިހިންގާ ވެރިކަމުގައި ދީނީ ދަންނަ ބޭކަލުންނަށް ދީނީ ފަތުވާ ދިނުމުގެ ދޮރުއެވަނީ ތަންމިނަށް ހުޅުވައި ލައްވައިފައި ކަމުގައި ދަންނަވަން ޖެހެއެވެ. މިގޮތަށް މިކަން މިސަރުކާރުން ކުރިޔަސް މުހިންމު ކަންކަމުގައި ދީނީ ޢިލުމުވެރިންގެ ރަޢުޔު މިސަރުކާރުން ގަބޫލު ނުކުރާކަމުގެ ތުހުމަތު ސިޔާސީ އިސްވެރިން ރައީސް ނަޝީދުގެ އިސްތަށި ފުޅުގައި އެގެންދަވަނީ އަޅުވަމުންނެވެ. އަދި މީގެއިތުރުން އިސްލާމްދީނުގައި ﷲ ކަނޑައަޅުއްވާފައިވާ ހުކުމްފުޅު ތަކުގައި ތަފާތު ” އިންޖަހަމުން ” ގެންދާ ކަމުގެ ތުހުމަތުވެސް ދީނީ ގިނަ ޢިލުމުވެރިން އެގެންދަވަނީ ރައީސް ނަޝީދުގެ އިސްތަށި ފުޅުގައި އަޅުއްވަވަމުންނެވެ.

         މިދެންނެވި ސަބަބުތަށް އެހެން ހުރުމުން އަޅުގަނޑަށް ފެންނަގޮތުގައި ނިމިދިޔަ ސަރުކާރުންނާއި ، މިހާރު ވެރިކަމުގައި މިއޮތް ރީދޫ ސަރުކާރުންވެސް މިރާއްޖޭގައި ލާދީނީ ހަރަކާތް ހިންގާފައި އެބަވެއެވެ. މި ދެސަރުކާރުންވެސް ކަންހިނގާފައިވާގޮތް ތާރީޙު ފިސާރި ރަނގަޅަށް އެބަ ހެކިދައްކައެވެ. އެގޮތުން މައުމޫނުގެ ވެރިކަމުގައި މިރާއްޖޭގައި އަންހެނުން ހެދުންއަޅަން ދަސްކޮށްދިނުމަށާއި ، ސްކޫލުތަކުގެ ގުރޭޑް 10 އިން މައްޗަށް ތަގުރީރުކުރަން ގެނައި ” އައިމިނާ ވަދޫދު ” ފުދެއެވެ. މި ޔަހޫދީ އަންހެން މީހާގެ ހަގީގަތް ފަޅާއެރީ އެނބުރި އެމެރިކާޔަށްގޮސް ފައްޅިއެއްގެ ގޯތިތެރޭގައި އިމާމުވެ ހުކުރު ކުރުމުންނެވެ. މިއީވެސް ތާރީޙެވެ. ދެންއޮތީ މިވެރިކަމުގައި އިހައްދުވަހު ހިންގި ރައްޔިތުންގެ މަޖިލީސް ކުރާގޭގެ ޗެމްބަރ ތެރޭގައި އދ. ގެ އިންސާނީ ހައްގުތަކާއިބެހޭބައިގެ އެމްބަރސަޑަރު މިސް ނާރަން ޕިންލޭ ދެއްކެވި އިސްލާމް ދީނާއި ، ﷲ ގެ ހުކުމްފުޅު ތަކާއި ހިލާފު ވާހަކަތަކެވެ. މިޔަހޫދީ ( ވަލުސިންގަޅަ ) އަންހެނާވެސް ރާއްޖެ އައީ ދިވެހިސަރުކާރުގެ ހާއްސަ ދައުވަތަކަށެވެ. އެހެން ކަމަށްވުމުން މި ޔަހޫދީ އަންހެނާ ދައްކަވާނެ ވާހަކަފުޅު ދިވެހިސަރުކާރުގެ އިސްވެރިންގެ ތެރެއިން ކޮންމެވެސް ބަޔަކަށް ކުރިން އެނގިފައިވާނެކަމަށް ގަބޫލުކުރެވެއެވެ.

ދެންއޮތީ އެންމެބޮޑު ވާހަކައެވެ. އެއީ މިދިޔަ ޑިސެމްބަރ 23 ގައި އިސްލާމްދީން ހިމާޔަތް ކުރުމުގެ ނަމުގައި ލޮނުޒިޔާރަތް ކޮޅު ސަރަހައްދުގައި މަދަނީ އިއްތިހާދާއި ، އަދާލަތު ޕާޓީ އިސްވެ ބޭއްވި ބޮޑުމުޒާހަރާގެ ވާހަކައެވެ. އަޅުގަނޑަށް މިބޮޑު މުޒާހަރާ ސިފަވަނީ ސިޔާސީ އަންބަލަމެއްގެ ގޮތުގައެވެ. ސަބަބަކީ މިމުޒާހަރާގެ އިއްސަފުގައި ތިއްބެވި ބޮޑެތި ބޮޑެތި މަހުޖަނުންނަކީ ބަނގުރަލާއި ، އޫރުމަހާއި ، މަސާޖު ސްޕާތަށް ހިންގައިގެން މިލިޔަނަރުންނަށް ވެފައިވާ މީހުންނަށް ވުމާއި ، އަދި މިމުޒާހަރާގެ ހުރިހާ ހަރަދެއް ކޮށްފައިވަނީވެސް ބަނގުރަލާއި އޫރުމަސް ވިއްކައިގެން މުއްސަދި ވެފައިވާ ބޭބޭފުޅުންގެ ބައިތެލަމާލުން ކަމުގައި ވުމެވެ. މިފަދަ ހަޑިމުޑުދާރު ވިއާފާރި މެދުނުކެނޑި ކުރަމުންގެންދާ ބަޔަކު އިސްލާމްދީނުގެ ހިމާޔަތުގައި ކަމަށްބުނެ ނިކުމެފައި ވާތީ ހައިރާނެއް ފަހެ ނުވޭހޭ ؟

       އަޅުގަނޑުގެ ނަޒަރުގައި 23 ޑިސެމްބަރުގެ މުޒާހަރާޔަކީ އެތަށް ސުވާލުތަކެއް ކުރިމަތި ކުރުވި މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާ މުޒާހަރާއެކެވެ. އެކަން ވާނީވެސް އެކަހަލަ ގޮތަކަށެވެ. ދިވެހިރާއްޖެޔަކީ ޔޫރަޕުގެ 25 ޤައުމުގެ މީހުން ޗުއްޓީ ހޭދަކުރަން އަންނަ އެންމެ މަސްހޫރު އެއް ޑެސްޓީނޭޝަންނެވެ. އަދި މީގެއިތުރުން ކަރަޕްޝަނާއި ފަސާދަޔާއި ތިމާގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ސިޔާސީ ވެރިންގެ ތޮއްބުޑުން ދީނީ ދަންނަބޭކަލުން އިސްލާމް ދީނުގެ ހިމާޔަތުގައި ނިކުމެފައިވަތީ މިއީވެސް ވިސްނާލަން ޖެހިފައިވާ ކަމެކެވެ. މިގޮތަށް ދީނީ ދަންނަ ބޭކަލުން ކަންތަށްކުރަމުން ދާނަމަ މުސްތަގުބަލުގައި މިރާއްޖޭގައި މިތިބަ ދީނީ ދަންނަބޭކަލުންގެ އިތުބާރު ގެއްލި މިބޭބޭ ފުޅުންގެ ބިތުފަންގި ނެގެމުންދާނެކަމީ ޔަގީން ކަށަވަރު ކަމެކެވެ. މިގޮތުން 23 ޑިސެމްބަރުގެ މުޒާހަރާގެ އިސްދެވެރިން ކަމުގައިވާ އިމްރާނާއި ، ޝަހީމުގެ ބަދުއަޙުލާގީ މައްސަލަތަށް މިހާރު އެވަނީ ފެންމަތިވެ ތަހްޤީގަކާއި ހިސާބަށްގޮސް ކުށުން ބަރިއްޔަވާ ހިސާބަށް ގޮސްފައެވެ.

23 ޑިސެމްބަރުގެ މުޒާހަރާއަކީ ހަގީގަތުގައިވެސް ސަރުކާރުން މިފަހަކަށްއައިސް އެންމެ ކަންބޮޑުވި އެއްކަންތަކެވެ. އެހެން ކަމަށްވުމުން މިފަދަ ދެވަނަ މުޒާހަރާއެއް ބޭއްވިޔަ ނުދިނުމަށްޓަކައި ފަހަތް ބެލުމެއްނެތި ރައީސް ނަޝީދު އެގެންދަނީ ސިޔާސީގޮތުން ކުޅެވެންހުރި ހުރިހާކުޅިއެއް ކުޅުއްވަވަމުންނެވެ. އަދި ބިރުދައްކަންޖެހޭ ފަރާތްތަކަށް ބިރުވެސް ދައްކަވަމުންނެވެ. މިހަޤީގަތްތަށް މިހެން ހުރުމުން ދީނީ ދަންނަ ބޭކަލެއްވިއަސް ، ޑޮކްޓަރެއްވިއަސް ، ސިޔާސީ މީހެއްވިއަސް  ރަނގަޅު ވާހަކައެއް ދައްކަނީ ކާކުކަން ނިންމަން ރައްޔިތު މީހާޔަށް އެވަނީ ދަތިވެފައެވެ.

ލިޔުނީ: އަދުނާނު އިބްރާހީމް / ނ.މާޅެންދޫ

ސިޔާސީވިޔަސް ސަމާސާވިޔަސް އެންމެންގެ ފިކުރާ ގުޅޭނޭހެން ލިޔުންތައް ލިޔުމަކީ އަދުނާނަކަށް މާބޮޑުކަމެއްނޫންކަން ލަންދޫއިންފޯގައި އަދުނާން ޝާއިޢުކުރާލިޔުންތަކުން އެނގެއެވެ. އަދުނާނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ.

މިލިޔުންވެސް ކިޔާލާ

އަވީގެ ހަކަތައިން ކަރަންޓް އުފެއްދުމަށް ބޭނުންވާ ސާމާނު މާފަރަށް ގެނެސްފި.

މީހުން ދިރިއުޅޭ ކޮށްމެ ރަށެއްގައި ދުވާލުގަޑީގައި ބޭނުން ކުރާ އިޔާދަ ކުރަނިވި ހަކަތަ ތިރީސް އިންސައްތަ އަށް ހެދުމަށްޓަކައި ސަރުކާރުން …

ޚިޔާލެއްދެއްވާ

avatar