ދިވެހި ފުޓްބޯޅަ އާޢިލާގެ ލޯ އެފްއޭއެމް އިންތިހާބަށް ހުއްޓިފައި

ދިވެހިރާއްޖޭގެ އެއްވަނަ ކުޅިވަރަކީ ފުޓްބޯޅަ ކަމާއިމެދު ޝައްކުކުރާނެ އެއްވެސް ފަރާތެއް ނުހުންނާނެކަން ކަށަވަރެވެ. ދިވެހިން އެކުޅިވަރެއް ކުޅެ ، އެކުޅިވަރެއް ބަލާ ، އެކުޅިވަރަކަށް ސަޕޯރޓްކޮށް އަދި އެކުޅިވަރެއް ކުރިއަރުވަން އެންމެ ބޮޑު މަސައްކަތެއް ކުރާ ކުޅިވަރަކީ ހަމަ ޔަޤީނުންވެސް ފުޓްބޯޅަކަން ޔަޤީނެވެ.

މިހެންކަމާއިއެކު ފުޓްބޯޅައަށް ލޯބިކުރައްވާ ، ދިވެހި ފުޓްބޯޅަ އަށް ހެޔޮއެދޭ ، އަދި ދިވެހި ފުޓްބޯޅައާއި މެދު ވިސްނާ ފިކުރު ކުރުއްވާ މި ދިވެހިފުޓްބޯޅަ ޢާއިލާގެ އެންމެންގެ ލޯ މިވަގުތު އަމާޒުވެ ހުއްޓިފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި ފުޓްބޯޅައިގެ މައި ޢިދާރާކަމުގައިވާ ” އެފްއޭއެމް ” ގެ ވާދަވެރި ތާރީހީ އިންތިހާބަށެވެ.

މި އިންތިހާބުގައި އެފްއޭއެމްގެ ރައީސްކަމަށް 3 ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު އެންމެބޮޑަށް ފާހަގަކޮށްލެވެނީ މިވަގުތު އެފްއޭއެމްގެ ރައީސްކަމުގައި ހުންނެވި އަލްފާޟިލް ޢަލީ އާޒިމާއި ، ރައްޔިތުން މަޖުލިސްގެ ގެމަނަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަލްފާޟިލް އިލްހާމް އަޙްމަދެވެ. މިދެބޭފުޅުންވެސް އިންތިހާބު އިޢުލާނުކުރުމުގެ އެތައް ދުވަހެއް ކުރިން މިކަމަށް ކުރިމަތިލައްވާނެކަން އިޢުލާން ކުރައްވާ ކެމްޕޭން ފައްޓަވާފައެވެ. މި ދެބޭފުޅުންގެ އިތުރުން ދެން ރައީސްކަމަށް ކުރިމަތި ލައްވާފައިވަނީ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެވެ.

އެފްއޭއެމްއިން އިން ހާމަކޮށްފައިވާ ގޮތުގައި ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި މިފަހަރު 21 ކުލަބުން ވޯޓް ލާނެއެވެ . މިގޮތުން މިފަހަރު ވޯޓް ލެވޭ 21 ކްލަބަކީ، ވިކްޓަރީ ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓާއި ވީބީ އާއި ވެލެންސިޔާ އާއި އީގަލްސް އާއި ވިޔެންސާ އާއި މާޒިޔާ އާއި އޭވައިއެލްއާއި ޔުނައިޓެޑް ވިކްޓަރީ އާއި ހުރިއްޔާ ސްޕޯޓްސް ކުލަބާއި ކުލަބް މެނާނޯ އާއި ބީޖީ އާއި ރެޑް ލައިން ކުލަބާއި ކުލަބް ގާމަގާއި ތޮއްޑޫ ފުޓްބޯލަ ކުލަބާއި ނާވާއިދޫ ސްކޫލް އިސް ދަރިވަރުންގެ ޖަމިއްޔާ އާއި ނިއުސްޓާ ސްޕޯޓްސް ކުލަބާއި މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ އާއި ކުލަބް ވެލޯޒިޔާ އާއި މުކުރިމަގު ޒުވާނުންގެ ޖަމިއްޔާ އަދި ރޭނިސް ގިންތި (ދ.ކުޑަހުވަދޫ) އެވެ.

އެފްއޭއެމްގެ ރައީސްކަމުގެ މަޤާމަށް ކޮށްމެބޭފުޅަކު ވަޑައިގެންނެވި ނަމަވެސް ދިވެހި ފުޓްބޯޅަ އާއިލާއިން އެދެނީ ދިވެހި ފުޓްބޯޅައަށް އިތުރު ކުރިއެރުމާއި ތަރައްޤީ ގެނެސް ދެއްވުމެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz