ފިލާވަޅު ހިތުދަސްކުރުމުގެ ސަގާފަތުން ކުދިންނަށް ގެއްލުން!

ފިލާވަޅުތައް ހިތުދަސްކުރާ ކުދިންނަކީ ވަރަށް މޮޅު ދަރިވަރުންކަމަށް ރާއްޖޭގައި ގަބޫލުކުރަމުން އަ އެވެ. ފިލާވަޅުގައި ބުނާ އެއްޗެއް ދޭހަ ނުވި ނަމަވެސް، ޓެސްޓު ޕޭޕަރުގައި ހިތުދަސްކުރި ގޮތަށް ޖަވާބު ލިޔުމުން، އެ ދެން އެންމެ މޮޅުވީ އެވެ. މިހާރު ރާއްޖޭގައި ތައުލީމު ދެމުން އަންނަނީ ސީދާ އެ އުސޫލުން ނޫން ނަމަވެސް، ހިތު ދަސްކޮށްދިނުން ނުވަތަ ފިލާވަޅު “އަނގައިން އަނގަޔަށް” އަޅައިދީގެން އުނގަންނައިދިނުމުގެ ސަގާފަތް ބަދަލެއް ނުވެ އެވެ. ހާއްސަކޮށް ފަށާ ތައުލީމުގައި މި މައްސަލަ ބޮޑެވެ.

ފަށާ ތައުލީމު ނުވަތަ ގްރޭޑް 1- 3ގެ ދުވަސްވަރަކީ ދަރިވަރުންގެ ތައުލީމީ ހަޔާތުގައި މުހިއްމު އެއް ބަ އެވެ. އޭރު ދޭ ތައުލީމާއި ދަސްވި އެއްޗެއް ސިކުނޑީގައި ހަރުލާފައި ހުރެ އެވެ. އެހެންކަމުން އެ މަރުހަލާގައި ދަރިވަރުންނަށް ދޭ ތައުލީމުގައި ވަރަށް ބޮޑަށް ވިސްނައިދީގެން، ވާނުވާ އަންގައިދޭން ޖެހެ އެވެ. ފޮތުގައި ފިލާވަޅު ލިޔެފައި އޮތް ގޮތަށް ދަރިވަރުންގެ ބޮލަށް ވައްދައިފި ނަމަ އަމަލީ ދިރިއުޅުމުގައި އޭގެ ބޭނުން ކުޑަވެގެން ދެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވި ގޮތުގައި ދަށް ގްރޭޑްތަކުގެ ދަރިވަރުންނަށް ތައުލީމު ދެމުން އަންނަ ގޮތް މިހާރު ވަނީ ބަދަލުކުރަން ޖެހިފަ އެވެ. އެ މަރުހަލާގައި ފޮތާއި ފަންސޫރުގެ ބަދަލުގައި ދިރިއުޅޭ މާހައުލުން ގިނަ އެއްޗެހިތަކެއް ކުދިންނަށް އުނގަންނައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މިހާރު ގިނައިން ފެންނަނީ ޓީޗަރަށް އެނގިފައި ހުރި މައުލޫމާތު، ދަރިވަރުންގެ ސިކުނޑި އަށް “ޓްރާންސްފާ” ކުރާތަން ކަމަށް އޭނާ ވިދާޅުވި އެވެ.

“ކުޑަކުދިން ތައުލީމު އުނގެނުމުގައި މާހައުލުން ފެންނަ އެއްޗެއްސާއި އިހުސާސްތަކުން ބޮޑު ދައުރެއް ކުޅޭ. އެކަމަކު އެކަންތައްތަކަށް އެއްވެސް ސަމާލުކަމެއް ނުދީ މިހާރު ހަމައެކަނި ފެންނަނީ ޓީޗަރު ބޯޑުގައި ލިޔާއިރު ދަރިވަރުން ޑެސްކު ކައިރީގައި އިނދެގެން އެ ލިޔާތަން. ޓީޗަރުގެ ސިކުނޑީގައި ހުރި މައުލޫމާތު ދަރިވަރުންނަށް ޓްރާންސްފާ ކުރާތަން،” ޑރ. ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުންނަށް “ސިސްޓަމެޓިކް” ކޮށް ކިޔަވައިދިނުމުގެ ބަދަލުގައި ދަރިވަރުންނާ ވީހާވެސް ބޮޑަށް ބައިވެރިވެގެން “އިންޓަރެކްޓިވް” ކޮށް އުނގަންނައިދޭން ޖެހެ އެވެ. އަދި މިކަމުގައި ޓީޗަރުންގެ ދައުރު ވަރަށް ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.

ޑރ. ނަޒީރު ވިދާޅުވީ މިހާރު ރާއްޖޭގައި ކިޔަވައިދެމުން އަންނަ ޓީޗަރުން އެކަމަށް ފަރިތަ ކުރުވަން ޖެހޭ ކަމަށެވެ. އަދި ފިލާވަޅުތައް “އަނގައިން އަނގައަށް އަޅައިދިނުމު”ގެ ބަދަލުގައި ދަރިވަރުންނާ އެކި ގޮތްގޮތުން މުއާމަލާތު ކުރުމަށް ޓީޗަރުން ތަމްރީނު ކުރުވަން ޖެހޭކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ފިލާވަޅުތައް ހިތުދަސްކޮށްދީގެން އެ ވަގުތަށް ފައިދާ ކޮށްފާނެ އެވެ. އެކަމަކު އޭގެ ގެއްލުން ފަހުން ބޮޑުވާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. ހާއްސަކޮށް ކަންކަމާ ހޭލުންތެރިކަން ކުޑަވެ، ވިސްނުމުގެ ގާބިލްކަން ކުޑަވާކަމަށްވެ އެވެ.

މިއީ ރާއްޖޭގައި މީގެ އެތައް އަހަރެއް ކުރިއްސުރެ ކިޔަވައިދެމުން އައި ގޮތެވެ. އެކަމަކު މި އުސޫލު ބަދަލުކުރަން ޖެހޭ ކަން ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އެއްބަސްވެ އެވެ. މީގެ 25 އަހަރު ކުރިން ފެށިގެން ރާއްޖޭގައި ކިޔަވައިދެމުން އަންނަ މަންހަޖު އިސްލާހުކުރުމަށް ބޭއްވި ބައްދަލުވުމުގައި އެގޮތަށް ހުށަހެޅި އެވެ.

އެޑިއުކޭޝަނުން ބުނީ އަންނަ އަހަރު ކިޔަވައިދޭން ފަށާ ތައުލީމީ އާ މަންހަޖުގައި ފަށާ ތައުލީމު ދިނުން ބޮޑަށް ހިމަނާފައިވަނީ ވަށައިގެންވާ މާހައުލާ މެދު ވިސްނައިގެން ތައުލީމު އުނގެނޭ ގޮތަށެވެ. އަދި އެފަދަ ތައުލީމަކަށް ޓީޗަރުން ވެސް ތަމްރީން ކޮށްފައިވާ ކަމަށް އެޑިޔުކޭޝަނުން ބުނެ އެވެ.

ބައެއް ދަރިވަރުން އިމްތިހާނު ޕޭޕަރުތަކުން ވަރަށް މަތީ ނަތީޖާ ގެނެ އެވެ. އޭގެ ތެރޭގައި އިމްތިހާނަށް މުޅި ފޮތްބައި ހިތުދަސްކޮށްގެން ނަތީޖާ ރަނގަޅު ކުރާ ކުދިން ވެސް ހިމެނެ އެވެ. އެކަމަކު އެ ނަތީޖާގެ ބޭނުން އަމަލީ މައިދާނުގައި މާ ބޮޑަކަށް ނުހިފޭނެ އެވެ. އެހެންކަމުން އެގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި ފިލާވަޅުގައި ވާނުވާ ގޮތް ކުދިންނަށް ރަނގަޅަށް ވިސްނޭ ގޮތަކަށް ތައުލީމު ބައްޓަން ކުރަން ޖެހެ އެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޓީމެއްގެ ގޮތުގައި ކުޅެ ލަންދޫޓީމުގެ ފެށުން ރަނގަޅުކޮށްފި

.އަތޮޅުގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ ޝިޔާމް-މަޢުރޫފް ސޮކަކަޕްގެ ފުޓްބޯޅަމުބާރާތުގެ މިއަހަރުގެ މުބާރާތް ހުޅުވުމުގެ ގޮތުން މިއަދު ހަވީރު …

ޚިޔާލެއްދެއްވާ

avatar
wpDiscuz