ފިއުލް ސާޗާޖު އަނެއްކާވެސް ބޮޑުކޮށްފި

stelco

މާލެއަށް ކަރަންޓުގެ ޚިދުމަތްދޭ ސަރުކާރުގެ ކުންފުނި ކަމުގައިވާ ސްޓެލްކޯ އިން ނަގަމުން އަންނަ ފިއުލް ސާޗާޖު އަނެއްކާވެސް ބޮޑުކޮށްފިއެވެ

ފިއުލް ސާޗާޖުގެ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު ނެގީ، 53 ލާރި އާއި 30 ލާރި އެވެ. ފެބްރުއަރީމަހު ޔުނިޓަކަށް 28 ލާރި ނަގާފައިވާއިރު މާޗް މަހާއި ޖުލައި މަހު ފިއުލް ސާޗާޖު ނަގާފައި ނުވެއެވެ. އެއަށްފަހު ސެޕްޓެމްބަރު މަހުގައި ޔުނިޓަކަށް ހަތަރު ލާރި، ފިއުލް ސާޗާޖުގައި ނެގުމަށްފަހު ނޮވެމްބަރު މަސްތެރޭގައި މިވަނީ އަނެއްކާވެސް ސާޗާޖު ބޮޑުކޮށްފައެވެ. އެގޮތުން ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ފިއުލް ސާޗާޖުގެ ގޮތުގައި ޔުނިޓަކަށް 12 ލާރި ނަގަން ސްޓެލްކޯއިން ވަނީ ނިންމާފައެވެ.

މިއީ މިއަހަރުގެ ތެރޭގައި ފިއުލް ސާޗާޖުގެ ގޮތުގައި ނަގާ މިންވަރު ބޮޑު ކުރި ފުރަތަމަ ފަހަރެވެ.

ސްޓެލްކޯއިން މިބަދަލު ގެނެސްފައި ވަނީ އެކުންފުންޏަށް ޑީސަލް ގަންނަން ލިބޭ އަގު ލީޓަރެއް 8 ރުފިޔާއަށްވުރެ ބޮޑުވެއްޖެ ނަމަ އިތުރުވާ ކޮންމެ 10 ލާރިއަކަށް ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމުގެ ހުއްދަ މޯލްޑިވްސް އެނާޖީ އޮތޯރިޓީން ދީފައިވަނިކޮށެވެ.

އެކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު ވަނީ 8.40 ރުފިޔާއަށް ބޮޑުވެފައެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz