ފާހަގަކޮށްލެވޭ “ސަޅި” އެންޑްރޮއިޑް ފޯނުތައް

2017 ވަނަ އަހަރު ދެބައިވާން ކައިރިވެފައިވާއިރު އެންޑްރޮއިޑް ފޯނުތައް އުފެއްދުމުގައި އެންމެ ކުރީ ސަފުގައި ވާދަކުރާ ސެމްސަންގ، ސޮނީ، އެޗް ޓީ ސީ، ވާވޭ އަދި އެސަސްއިން އެމީހުންގެ އެންމެ ފަހުގެ ފޯނުތައް ނެރުމަށް ވަނީ އަތުކުރިއޮޅާލައިފައެވެ. ބައެއް ފޯނުތައް ދައްކާލާފައިވާއިރު އަނެއްބައި ފޯނުތަކަށް ޕްރީ އޯޑާރ ނަގަމުންދާއިރު އެއްބަޔަކު މިހާރު ކަސްޓަމަރުންނަށް ފޯނު ފޯރުކޮށްދޭންފަށައިފިއެވެ.

 

ސެމްސަންގެ ގެލެކްސީ އެސް 8 / އެސް 8 ޕްލަސް

ސެމްސަންގުން އެސް ސީރީޒްގެ އެންމެ ފަހުގެ ފޯނު ކަމަށްވާ އެސް 8 އަދި އެސް 8 ޕްލަސް އަކީ މިހާތަނަށް އެމީހުން ނެރޭ އެންމެ ސަޅި ފޯނަށް ވާނެކަމަށް ބެލެވެއެވެ. މިއީ އެސް6 ނެރުނުފަހުން ފޯނުގެ ޑިޒައިނަށް ބޮޑު ބަދަލެއް ގެންނަ ފަހަރެކެވެ. ފޯނުގެ ޑިސްޕްލޭއަށް ޖާގަ ދިނުމުގެ ގޮތުން ޒަމާންވީ ހޯމް ބަޓަން ދުއްވާލާ ފިންގަޕްރިން ސްކޭނަރ ފޯނުގެ ފަހަތަށް ބަދަލުކޮށްފައިވެއެވެ. ސްކްރީން ސައިޒުގެ ގޮތުންނާ ބެޓެރީގެ ގޮތުން ފިޔަވާ މި ދެމޮޑެލްގައި މާބޮޑު ތަފާތުތަކެއް ނެތެވެ. 4 ޖީބީގެ ރޭމްއަކާ 64 ޖީބީގެ ސްޓޯރޭޖް ދީފައިވެއެވެ. ފޯނުގެ ކުރިމަތީގައި 8 މެގަޕިކްސެލް އަދި ފަހަތުގައި 12 މެގަޕިކްސެލް ކެމެރާއެއްވެއެވެ. އަދި މިއީ ފެން ނުވަންނަ ގޮތަށް ހަދާފައިވާ ފޯނެކެވެ.

 

އެލްޖީ ޖީ6

މިއަހަރު ކުރީކޮޅު އިއުލާންކުރި އެލް ޖީ ޖީ 6 އަކީވެސް ފާހަގަކޮށްލެވޭ ވަރުގެ މޮޅު ފޯނެކެވެ. ކުރީގެ މޮޑެލްތަކާ އަޅާކިޔާއިރު ޑިޒައިނަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާ ފޯނެކެވެ. ސްކްރީން ސައިޒަކީ 5.7 އިންޗިއެވެ. ބެޒެލްކުޑަކޮށް ސްކްރީނަށް ބޮޑު ޖާގަ ދީފައިވެއެވެ. 4 ޖީބީގެ ރޭމްއެކެވެ. ސްޓޯރޭޖުގައި 32 ޖީބީ ގެ ފޯނާއި އަދި 64 ޖީބީ ހުންނަ ފޯނުހުރެއެވެ. ސްޓޯރޭޖް ބޮޑުކުރަން ބޭނުންނަމަ ކާޑުޖެހެއެވެ. ފޯނުގެ ކުރިމަތީގައި 5 މެގަޕިކްސެލް އަދި ފަހަތުގައި 13 މެގަޕިކްސެލް ކެމެރާއެއްވެއެވެ. މިއީވެސް ފެން ނުވަންނަ ގޮތަށް ހަދާފައިވާ ފޯނެކެވެ.

 

ވާވޭ ޕީ10 / ޕީ10 ޕްލަސް

ސްމާޓްފޯނުގެ މާކެޓުގައި މިހާރު އެންމެ ކުރިއަރަމުން އަންނަ އެއްބަޔަކީ ވާވޭކަން ޔަޤީނެވެ. ވާވޭގެ އެންމެ ފަހުގެ މި ދެމޮޑެލްގެވެސް މައިގަނޑު ހަދާފައިވަނީ މެޓަލްއިންނެވެ. ފަހަތުގައި ދެ ކެމެރާވެއެވެ. 4 ޖީބީ ގެ ރޭމް އާއި 64 ޖީބީގެ ސްޓޯރޭޖެވެ. ޕީ10 ޕްލަސް 6 ޖީބީ ރޭމް އާއެކު 128 ޖީބީގެ ސްޓޯރޭޖް ހުންނަ ފޯނުވެސް ހުރެއެވެ. ޕީ10 ގައި 5.1 އިންޗީގެ ސްކްރީނެކެވެ. ޕީ10 ޕްލަސްގައި 5.5 އިންޗިއެވެ. މި ދެމޮޑެލްގައިވެސް ވަނީ ފަހަތުގައި 12 މެގަޕިކްސެލް އަދި 20 މެގަޕިކްސެލްގެ ދެ ކެމެރާއެވެ. އަދި ކުރިމަތީގައި 8 މެގަޕިކްސެލްގެ ކެމެރާއެކެވެ.

ވަންޕްލަސް 5

ވަންޕްލަސް ސިރީޒްގެ ފޯނުތަކަކީ ހެޔޮއަގެއްގައި މޮޅު ފޯނެއް ހޯދާނަމަ އެންމެ ރަނގަޅު ޗޮއިސްކަމަށް ގިނަބަޔަކު އެއްބަސްވެއެވެ. މިދިޔަ އަހަރުގެ ޖޫން މަހު ވަންޕްލަސް 3 ނެރުނުތާ މާގިނަދުވަސްތަކެއްނުވެ ވަންޕްލަސް 3ޓީ ވެސް ނެރުނެވެ. މިއަހަރުގެ މެދުތެރޭގައި އަނެއްކާވެސް ވަންޕްލަސްގެ އަދަދެއް ނެރޭނެއެވެ. އެއީ ވަންޕްލަސް 5 އެވެ. ވަންޕްލަސް 4 ނުނެރެ ވަންޕަލްސް 5 ނެރެނީ ކިހިނެއްވީބާއެވެ؟ ބައެއް ޓެކްނޮލޮޖީ ބްލޮގްތަކުގައި ބުނާގޮތުން ވަންޕްލަސް އަކީ ޗައިނާ ކުންފުންޏެކެވެ. ޗައިނާގައި ޒަމާނުންސުރެ ނަންބަރު 4 އެއީ ވަރަށް ބަދުނަސީބު ނަންބަރެއް ކަމުގައި ބަލައެވެ. އެހެންކަމުން ވަންޕްލަސް އިން ވެސް 4 ދޫކޮށްލައި ވަންޕްލަސް 5 ނެރެނީއެވެ. ވަންޕްލަސް 5 ގައި 5.5 އިންޗީގެ ސްކްރީނަކާ 23 މެގަޕިކްސެލް ކެމެރާއެއް ދޭނެކަމަށްވެއެވެ. ވަޔަރލެސް ޗާޖިން ކުރެވޭ އަދި ފެން ނުވަންނަ ގޮތްވެސް ހަދާނެކަމަށްވެއެވެ.

މިލިޔުންވެސް ކިޔާލާ

އެންޑްރޮއިޑް އެންމެފަހުގެ ކީބޯޑް “އެލް ކީބޯޑް” އިންސްޓޯލް ކޮށްލައްވާ!

އެންޑްރޮއިޑްގެ އެންމެ ފަހުގެ ވަރސަން އަކީ ކޮބައިތޯ މީހަކު މިހާރު ސުވާލުކޮށްފިނަމަ ބުނެވޭނީ އެންޑްރޮއިޑް އެލް ގެ ވާހަކައެވެ. އެންޑްރޮއިޑް …

ޚިޔާލެއްދެއްވާ

avatar
wpDiscuz