މޮޅުގޮތް ހޯދަން އުޅެގެން ލިބުނު ކޮޅުކެހި

އެއްދުވަހަކު ވަރަށް ބަޑުހައިވެގެން ޖަންގަލީގެ ތެރޭގައި އުޅުނު ބުޅަކަށް ވަރަށް މީރު ކާއެއްޗެއްގެ ވަސް ދުވަން ފެށިއެވެ. އަވަސް އަވަހަށް އެ ވަސް އަންނަ ދިމާއަށް ދުވަމުން ދުވަމުން އެބަދެއެވެ. އެހިސާބަށް ދެވުނު ތަނާހެން ބުޅާ ކުއްލިއަކަށް ހުއްޓުން އެރިއެވެ. އެއީ އެހިސާބުގައި ބަޔަކު އުޅޭހެން ހީވެގެންނެވެ. ކުޑަކުދިންނާއި ބޮޑެތި މީހުން ވާހަކަ ދައްކާ ހީ ސަމާސަ ކުރާ އަޑުއިވުނެވެ. ކޮންމެއަކަސް ބުޅާ ވަރަށް ސިއްރު ސިއްރުން ގޮސް ގަސްތަކުގެ ފަތްތައް ދުރުކޮށްލުމަށްފަހު އަޑުއަންނަ ދިމާއަށް ބަލައިލިއެވެ.

އޭރު އެހިސާބުގައި ބަޔަކު މީހުން ޕިކުނިކެއް ހަދާލުމަށް އައިސް އުޅެއެވެ. އެމީހުން އެތަނުގައި ތަފާތު ވައްތަރުގެ ކާއެއްޗިހި ގެންގުޅޭތަން ފެނުމުން ބުޅާ ވަރަށް ބޮޑަށް ކުޅުދިޔާ ވާގޮތްވިއެވެ. ކުކުޅާއި ސޮސެޖުތަކާއި ފިހެފައި އޮތް މަސްތައް ފެނުމުން ވަކިން އެ ދިމާއަށް ބުޅާ ދާން ބޭނުންވިއެވެ. ބުޅާ ނުހަނު އުފަލުން އޮވެ އެހިސާބު ގަނޑު ވަށައިގެން ބަލައިލިއެވެ. ޕާން ފޮތި ތަކާއި އެކިފާޑުގެ ޖޭމުތައް ބިންމަތީގައި އަޅާފައިވާ ފޮތިގަނޑެއްގެ މަތީގައި ހުއްޓާ ފެނުމުން ވަކިން ބުޅަލުގެ ބަނޑުހައިކަން އިތުރުވިއެވެ. އެހެނަސް މީހުން އުޅޭތަން ފެނުމުން އަނެއްކާވެސް މަޑުންއޮތެވެ.

އެންމެފަހުން ބުޅަލަށް ހަމަ ކެތްކުރަން އުނދަގޫ ވާ ގޮތްވިއެވެ. ބުޅާ މާޔޫސްކަމާއެކު ބޯ ހޫރައިލާފައި ދެކޮޅު ބަލައިލިއެވެ. އޭރު އެ އާއިލާގެ މީހުން ކާތަކެތި ތައްޔާރުކުރުމަށްފަހު ކުދިވެރިން އެތަނުގައި ބައިތިއްބުމަށްފަހު އެ ހިސާބުގައި އޮތް ކޯރުކައިރިއަށް ފެންބަލައި ދިޔައެވެ. އެދިޔަ ވަގުތު ބަލައި އެއްކަލަ ބުޅާ މަޑުމަޑުން ކާތަކެތި އަތުރާފައިވާ ފޮތިގަނޑާއި ދިމާއަށް ހިނގަންފެށިއެވެ. އޭރު ކުދިވެރިން ކުޅުމާއިގެން އުޅެއެވެ. ބުޅާ ވަގުތުގެ ބޭނުން ހިފުމަށް ތައްޔާރުވިއެވެ. ބުޅާ ހިތަށް އެރިއެވެ. ” ފުރަތަމަވެސް ކާލާނީ އެންމެ މީރު ކޮށް ފިހެފައި އޮތް މަހެވެ”. އެ ދިޔަ ގޮތަށްގޮސް، ހޫނުކޮށް އޮތް މަސްތަކުން މަހެއްގައި ދަތްއެޅިއެވެ. ބުޅަލަށް ވީ ހޫނަކުން ހަޅޭލައްވައި ގަނެވުނެވެ. އެއަޑަށް އެއްކަލަ ކުދިވެރިން އެދިމާލަށް އައިސް ބުޅާ ފަހާ ދުއްވައިގަތެވެ. ބުޅާވެސް މަހަކާ މަހެއް ނުބަލައި ނިކަން ބާރަށް ދުވެ ގޮސް ގަސްތަކުގެ ތެރެއަށް ވަދެ ފިލިއެވެ. ބުޅާ ނިކަން ދެރަވިއެވެ. ވީތަދުން ރޯންފެށިއެވެ. ބުޅަލުގެ މުޅި އަނގަ އެއްކޮށް ފިހިއްޖެއެވެ.

ބުޅާ އެހެން ދިމާލަކަށް އަނެއްކާވެސް ކާނެ އެއްޗެއް ލިބޭތޯ ދަމުން މަޑުމަޑުން ބުންޏެވެ. ” ބަނޑުހައިވާ ކޮންމެ ފަހަރަކު އެންމެ މީރު މޮޅު ކާ އެއްޗިހި ކާން އުޅުމަކީ އެންމެ ދެރަ ކާއެއްޗިހިވެސް އަތުން ގެއްލިގެންދާނެ ކަމެއްތާ!”.

ވާހަކައިގެ ޢިބްރަތް: ” ތިމާއަށް ލިބެން އޮންނަ ރަނގަޅު ފުރުޞަތުގެ ބޭނުން ނުކޮށް އަބަދު މޮޅުގޮތް ހޯދަން އުޅުމުން ގިނަފަހަރަށް އެ ލިބުނު ރަނގަޅު ފުރުޞަތުވެސް ގެއްލިދާތަން އާދެއެވެ.”

ލިޔުނީ: އިބްރާހިމް ޝާމިލް

އިބްރާހިމް ޝާމިލް އަކީ ޒުވާން ލިޔުންތެރިއެކެވެ. ޢާއްމުކޮށް ލިޔެއުޅެނީ ތަފާތުވައްތަރުގެ ވާހަކައެވެ. އަދި މުޖުތަމަޢުގެ ޙާލަތާ ގުޅޭގޮތުން މަޒުމޫނާއި ، ޅެންވެސް ހައްދަވާ އުޅުއްވައެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz