މޮޅަށް ކުޅުނު ލަންދޫ ބަލިކޮށް ކުޑަފަރިޓީމު ގްރޫޕް 1 ވަނައަށް

landhoofcމިހާރު ނ.ކެނދިކުޅުދޫގައި ކުރިއަށްދާ ޝިޔާމް- މައުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ގްރޫޕް އޭ ގައި ހިމެނޭ ލަންދޫ އެފްސީ ބަލިކޮށް ކުޑަފަރި އެފްސީ ގްރޫޕްގެ 1 ވަނަ އަށް ޖެހިލައިފިއެވެ. މި ގްރޫޕްގައި ކުޑަފަރިން 2 މެޗު ކުޅެފައިވައިރު 2 މެޗުން މޮޅުވެ އެޓީމުންވަނީ 6 ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕްގައި ހިމެނޭ މާފަރު ޓީމަށް 3 ޕޮއިންޓް ލިބިފައިވާއިރު ދެން މިގްރޫޕްގައި ހިމެނޭ މަގޫދޫ ، ވެލިދޫ އަދި ލަންދޫ އަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިއަދުގެ މެޗު ފެށިގެން ނިމެންދެންވެސް ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ލަންދޫ އެފްސީ އިންނެވެ. ހާއްޞަކޮށް މެޗުގެ ފަހުހާފުގައި  ލަންދޫ އެފްސީ އިންވަނީ ފުލްފުލުގައި ގިނަހަމަލާތަކެއް އުފައްދާ ކުޑަފަރި އެފްސީގެ ގޯލަށް ބާރުބޮޑުކޮށްފައެވެ. ނަމަވެސް ލަންޑެއް ކާމިޔާބު ކުރުމުގައި ލަންދޫޓީމަށްވަނީ ނާކާމިޔާބު ވެފައެވެ.

ކުޑަފަރި އެފްސީ އިން މިއަދުގެ މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިއަދުގެ މެޗުގައި އެޓީމަށް ލިބުނު ހަމައެކަނި ފުރުޞަތުގައި އެޓީމުގެ ޖުނެއިދު އެވެ. މިއަދުގެ މެޗުގެ މޮޅު  ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ ކުޑަފަރި އެފްސީ ގެ ޖާޒީނަމްބަރ 10 ޖުނެއިދެވެ.

މިއަދުގެ މެޗުގައި ލަންދޫއެފްސީގެ ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް ހިތްވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މިއަދުގެ މެޗުގައި ލަންދޫ އެފްސީގެ ހުސެއިން ޞަބާޙް ( ޞައްބެ )  އާއި ޔޫސުފް ޢަބުދުއްރަޙީމް (ޔޫއްޓެ) އަދި ނަޢުޝާދު ޢަބްދުއްރަޙީމް (ނާގޭ ) ދެއްކި ކުޅުން ފާހަގަކޮށްލެވެއެވެ.

މިއަދުގެ މެޗު ކުރިއަށް ދިޔަވަގުތު އާއި އަދި މެޗު ނިމުމުން ލަންދޫ އެފްސީގެ ކުޅުންތެރިންނާއި އޮފިޝަލުންވަނީ މިއަދުގެ މެޗުގެ ރެފްރީގެ ނިންމުންތަކާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

މި މުބާރާތުގައި މާދަމާ އޮންނާނީ ގްރޫޕް ސީ ގެ ފުރަތަމަ މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ރަށް ކަމަށްވާ ކެނދިކުޅުދޫ އެފްސީ އާއި މިފަދަ މުބާރާތެއްގައި މުޅިން އަލަށް ވާދަކުރާ ފޮއްދޫ އެފްސީ އެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ފެވަރިޓް ޓީމާއި ސަޕްރައިޒް ޓީމުގެ ތާރީހީ ފައިނަލް

މި އަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މާދާމާ ހަވީރު ކުޅެވޭއިރު މި މެޗުވެގެން ދާނީ އެތައްގޮތަކުން …

ޚިޔާލެއްދެއްވާ

avatar
wpDiscuz