މަސްތުވާ ތަކެތީގެ ބޮޑު ސާވޭގައި އުފެދޭ ބޮޑު ސުވާލުތައް!!!!!!!!!!! މިކަން ކިހާ ވަރަކުންދާނެބާ؟؟؟

             ދިވެހިރާއްޖޭގެ މިކުޑަކުޑަ މުޖުތަމަޢުގެ ތެރޭގައި އިޖްތިމާޢީ ގޮތުންވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްތުވާ ތަކެތީގެ މައްސަލަތައް ކަމާމެދު ދެބަސްވާނޭ އެކަކުވެސް ހުންނާނެ ހެނެއް ހިޔެއްނުވެއެވެ. ސަބަބަކީ މަސްތުވާ ތަކެތީގެ ސަބަބުން މުޖުތަމަޢުގައި ހިނގާ ކުއްތަކާއި މިނޫންވެސް އެތައް ޖަރީމާތަކެއް ހިންގުމަށް މަސްތުވާތަކެތީގެ ސަބަބުން މަގުފަހިވެގެން ދާތީއެވެ. އަދި ދިނީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުންވެސް މިކަމުގެ ނުރައްކާތެރިކަން ވަޒަން ކުރެވޭތީއެވެ. ކަން މިހެން ހުރިނަމަވެސް ދިވެހިރާއްޖޭގައި މަސްތުވާ ތަކެތީގެ ޙާލަތު އޮތީ ކިހާ މިންވަރަކަށްތޯ ދެނެގަތުމަށް ޤަޢުމީ ފެންވަރެއްގައި އެކަށީގެންވާ ކަންތައްތަކެއް މިވީ ހާތަނަށް ކުރެވިފައި ނުވާކަން ފާހަގަ ކުރެވެއެވެ. އެޔާ ޚިލާފަށް މުޅިންވެސް އަޑު އިވެނީ މިކަމަކީ ވަރަށްވެސް ނުރައްކާތެރި ކަމެއް ކަމަށާއި މިކަންތައްތައް ގޮސްފައިވާ ހިސާބު ދެނެގެންނަން ޖެހިފައިވައިވާ ކަމަށެވެ. ނަމަވެސް ޢަމަލީ ގޮތުން މާ ބޮޑު މަސައްކަތް ތަކެއް އެކަށީގެންވާ ވަރަކަށް ކުރެވިފައިއެއް ނުވެއެވެ. މިވާހަކަ މިހެން ދަންނަވާ އިރު ކޮންމެވެސް ވަރަކަށް އަމިއްލަފަރާތް ތަކުން ނުވަތަ އަމިއްލަ ޖަމިއްޔާތަކުން މަސްތުވާ ތަކެތީ ޙާލަތު ދެނެގަތުމަށްޓަކައި ކޮންމެވެސް ވަރެއް މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަ ކުރަމެވެ. އެކަމަކު އެއީ އެއްވެސް ޙާލެއްގައި ޤައުމީ ފެންވަރެއްގައި ކުރެވުނު ކަމެކޭ ދެންނެވޭކަށް ނެތެވެ.

            ކިތަންމެ ހަނިކޮށްވިއަސް މިފަދަ މަސައްކަތެއް ނުވަތަ މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމަށް އަޅުގަނޑަށް އެގިގެން 2006 ވަނަ އަހަރު ރާއްޖޭގައި ސާރވޭއެއް ކޮށްފައިވެއެވެ. މާ ފުޅާ ދާއިރާއެއްގައި ކުރެވުނު ސާރވޭ އަކަށް ނުވިއަސް ޔުނިސެފްގެ އެހީތެރިކަމާއެކު އިންޑޮނޭޝީއާގެ ޖަމިއްޔާ އެއްކަމަށްވާ ޔަކީޓާ އާއި ރާއްޖޭގެ ޖަމިއްޔާ އެއްކަމަށް ޖާރނީން ހިންގި ” އާރު. އޭ. އެސް ” ރެޕިޑް އެސެސްމެންޓް ސާރވޭ އަކީ ކޮންމެވެސް ވަރަކަށް މަސްތުވާތަކެތީގެ ޙާލަތު ދެނަގަނެވުނު މަސައްކަތެކެވެ. މިދެ ޖަމިއްޔާއަކީ މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދެ ޖަމިއްޔާއެވެ. މިސާރވޭއިން އެންމެ އަޅައިގަތް އެއްކަމަކީ މަސްތުވާ ތަކެތި ބޭނުންކުރާ އެންމެ ހަގު އުމުރަކަށް، އުމުރުން ނުވައަހަރުގެ ކުއްޖަކު ފެނިފައި ވުމެވެ. އަދި ރާއްޖޭގައި އިންޖެކްޝަން ބޭނުންކޮށްގެން ނުވަތަ ކަށި ބޭނުންކޮށްގެން މަސްތުވާތަކެތީ ބޭނުން ކުރާ މީހުން އޭރާ ބަލާފައި ނިސްބަތުން މަތިވަމުން ދިއުމެވެ. މިފަދަ ކަންކަން ފާހަގަ ކުރެވިފައިވީނަމަވެސް ހިލޭ ސާބަހަށް އުޖޫރައަކާއި ނުލާ ގިނަ ބަޔަކު ކުރި މިމަސައްކަތް ފެނަށް ވެގެން ދިއައީ އެސާރވޭއިން ލިބިގެން ދިއަ މައުލޫމާތު އާންމު ކުރުމަށް އޭރުގެ ސަރުކާރުން އުޒުރުވެރި ވުމުންނެވެ. އެކަން އެހެން ނިންމީ ކީއްވެގެން ކަމެއް ނޭގެއެވެ. އޭގައިވެސް ކޮންމެވެސް ސަބަބުތަކެއްވާނެއެވެ. އެކަން އެންމެ ރަގަޅަށް އެގޭނީވެސް އޭރުގެ ސަރުކާރުގެ އިސްފަރާތް ތަކަށެވެ. އެކަމާ ގުޅޭ މުއައްސަސާތަކުގެ ވެރިންނަށެވެ. ކޮންމެ އަކަސް އެއީ އޭރުގައި ކަންތައް ދިމާވި ގޮތެވެ. އެހެންނަމަވެސް އޭގެ 5 އަހަރު ފަހުން އަނެއްކާވެސް މަސްތުވާތަކެތީގެ ސާރވޭއެއް މިވަނީ ކުރަންފެށިފައެވެ. މިފަހަރު މިކުރެވޭ ސާރވޭއަކީ ޤައުމީ ފެންވަރެއްގައި ކުރެވޭ ކަމެއް ކަމަށްވަނީ އަޑުއިވިފައެވެ. ނަމަވެސް މިފަހަރުގެ މަސައްކަތް ފެށިގެން މިހާ ހިސާބަށް އައިއިރުވެސް މިކަމާ ގުޅުން ހުރި މާގިނަ މައުލޫމާތެއް އަޑު އިވޭ ވަރެއްނުވެއެވެ.

            ޚާއްސަކޮށް ދެފުއް ފެންނާނެހެން ކަންކަން ހިނގާ ކަމަށް ބުނާ ޒަމާނެއްގައި މިކަން މިދަނީ މުޅިންވެސް ސިއްރުގޮތެއްގައި ފޮރުވިގެންނެވެ. ބޮޑު ފަންޑެއް ކުރެވިގެން ނުވަތަ ބޮޑު ޚަރަދެއް ކުރެވިގެން ކުރިއަށްދާ ބޮޑު ސާރވޭގައި މައްސަލަތަކެއް އުޅެގެންވާނެ ކަމަކަށް ޤަބޫލެއް ނުކުރަމެވެ. އެއީ މިކަން މިކުރެވެނީ ފައިސާގެ ގޮތުންވެސް ބޮޑު ބަޖެޓެއް އޮވެގެން ކަމަށްވާތީއެވެ. މިސާރވޭގައި ހަރަކާތް ތެރިވާ ފަރާތް ތަކަށްވެސް އުޖޫރައެއް ދެވިގެން މިމަސައްކަތް ކުރެވެމުން ދިއަނަމަވެސް މިހާރު މިކަމުގައި ކިތަންމެ މައްސަލަތަކެއްވަނީ ފެންމަތިވެފައެވެ. މިހާރު ކުރެވެމުން މިދާ މަސްތުވާ ތަކެތީގެ ސާރވޭއަކީ ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން މަސްތުވާ ތަކެއްޗާއި ގުޅުންހުރި އެކިއެކި ހަރާތްތަށް ރާއްޖޭގައި ހިންގުމަށް، ރާއްޖޭގައި ހުންނަ އދ.ގެ ގޮތްޕަކަށް ޙަވާލުކުރެވިފައިވާ 3 މިލިއަން ޑޮލަރުގެ އެހީގެ ދަށުން ކުރެވުންދާ މަސައްކަތެއް ކަމަށް މައުލޫމާތު ލިބިއެވެ. އދ.ގެ ޔޫ.އެން.އޯ.ޑީސީގެ ބެލުމުގެ ދަށުން، ރާއްޖޭގައި މަސްތުވާތަކެތީގެ ޙާލަތު އޮތް މިންވަރު ދެނެގަތުމަށް ހެލްތުމިނިސްޓްރީން ބޭނުންވެގެން ބިޑްއަށް ހުޅުވާލައި ބަޔަކާއި ޙަވާލުކޮށްގެން ކުރިއަށް ގެންދާ ސާރވޭއެކެވެ. އީޔޫ އިން ހަދިޔާކޮށްފައިވާ 3 މިލިއަން ޑޮލަރަކީ ވަކި މުއްދަތެއްގެ ތެރޭގައި މަސްތުވާތަކެއްޗާއި ގުޅުންހުރި ޕްރޮޖެކްޓް ތަކަކަށް ޚަރަދުކޮށް ނިންމަންޖެހޭ އެއްޗެކެވެ. އެފައސާ އެފަރާތުން ޙަވާލުކުރަނީ އެފަދަ ސަރުކާރުގެ ބަދަލުގައި އެފަދަ ބޮޑު ޖަމިއްޔާ އަކާއެވެ. އީޔޫގެ 3 މިލިއަންޑޮލަރުގެ އެހީގެ ދަށުން އެތަށްކަމެއް ވަނީ ކުރެވިފައެވެ. މިހާރު ކުރަންފެށިފައި މިވަނީ ސާރވޭގެ މަސައްކަތެވެ.

          މިބޮޑު މަސައްކަތުގެ އެންމެ ފުރަތަމަ ފުރަތަމަ މަރުޙަލާއިން ފެށިގެންވެސް ސުވާލު އުފެދޭ އެތަށްކަމެއްވަނީ ހިނގާފައެވެ. މި ޕްރޮޖެކްޓަށް ބިޑުކުރެވި އެކަން ވަކިބަޔަކާ ޙަވާލުކުރެވުނު ހިސާބުންނެވެ. މަސްތުވާތަކެތީގެ ބޮޑު ސާރވޭގެ ޕްރޮޖެކްޓް ޙަވާލުކުރެވިފައިވަނީ އިނޮވާ ޕްރައިވެޓް ލިމިޓެޑް ކިޔާ ރާއްޖޭގެ ކުންފުންޔަކާއެވެ. ސީދާ އަދަދު މިވަގުތަށް ނޭގުނު ނަމަވެސް 4.1 މިލިއަން ދިވެހިރުފިޔާއަށް ވުރެ ދަށްނުވާނެކަމަށްވެއެވެ. އަދި އެމީހުންނާ އެކު މިކަމަށް ބިޑްކޮށްފައިވަނީ ކޮންބަޔެއްކަން ބުނެފައިނުވާ އިރު އެމީހުންނަށް މިކަން ހަވާލު ކުރެވުނީ ކޮންގޮތަކަށް ބަލާފައި ކަމެއްވެސް އެގޭކަށްނެތެވެ. އަނެއްކޮޅުން އިނޮވާއަކީ އެއްވެސް އިރެއްގައި އަދި އެއްވެސް ޙާލެއްގައި މަސްތުވާ ތަކެއްޗާ ގުޅުންހުރި އެއްވެސް މަސައްކަތެއް ކުރާބައެއް ނޫނެވެ. ނަމަވެސް އެއީވެސް ބައެއްކަހަލަ ސާވޭތައް ކުރާބައެއް ކަމަށްވެއެވެ. އިނޮވާ ކުންފުންޔަކީ މީގެ ކުރިން ޕްލޭނިންގ މިނިސްޓްރީގައި އެކުގައި މަސައްކަތް ކުރިބަޔަކު އުފައްދާ ހިންގަމުންދާ ކުންފުންޔެކެވެ. އަދި މި ޕްރޮޖެކްޓްގެ ބިޑު ކާމިޔާބު ކޮށްފައިވަނީ މިދެންނެވި ފަރާތްތަކާއި އެކު ޕްލޭނިން މިނިސްޓްރީގައި މަސައްކަތްކުރި އަދި މިހާރު ޔޫއެންޑީޕީގައި މަސައްކަތް ކުރާ ފަރާތަކާއި އެކު މާކުރިން ވާހަކަ ދެކެވި ޕްލޭން ކުރެވިގެން ކަމަށްވެސް މިސާރވޭގައި ޙަރަކާތްތެރިވާ ބައެއް ފަރާތަކުން ތުހުމަތު ކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެހެން ކަމަށްވާނަމަ މިކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިނގައިފައިވާ ކަމަށް ބުނުމުގެ ޖާގަ އެބަ އޮތެވެ. މިކަންތައް އެކަންޔެއްނޫނެވެ. ބިޑުކުރި ލިޔުންތަކުގައިވަނީ ބަޖެޓުވެސް ކޮށްފައިވަނީ ސާރވޭ ކުރުމަށްޓަކައި ރާއްޖެ އަތޮޅުތަކަށް ދަތުރު ކުރާއިރު ބޭނުން ކުރާނީ މުޅިންވެސް ލޯންޗްގައި ކަމަށެވެ. އެހެން ކަމުން އޭގެ ތެރޭގައިވެސް އެޚަރަދު ހިމެނޭތާއެވެ. ނަމަވެސް ސާވޭގެ ބައިވެރިން ބައެއް ރަށްރަށަށް ދަތުރުކޮށްފައިވަނީ ފެރީގައެވެ. އަނެއްބައި މީހުން އެރަށަކަށްދާ ބޯޓުގައިއެވެ. އެގޮތުން ސާވޭގައި ވ އަތޮޅާއި އ އަތޮޅަށް ދިޔަ ބައެއް ބައިވެރިންނަށް ދާން ޖެހުނީ ފެރީގެ ގޮތުގައި ބޭނުންކުރާ ދޯނިފަހަރުގައެވެ. ފ އަތޮޅަށް ދިއައީ ކަނޑުބޯޓުގައެވެ. ނަމަވެސް މިދަތުރުތަކަށް ބަޖެޓް ކުރެވިފައިވަނީ ލޯންޗްގައި ދަތުރު ކުރާގޮތަށެވެ.  ސާވޭގައި ޙަރަކާތްތެރިވާ ފަރާތް ތަކަށް ލިބެނީ ދުވާލަކަށް 150ރ އެވެ. ސުޕަވައިޒަރެއްނަމަ 200ރ ލިބޭކަމަށް ބައެއް ބައިވެރިން ބުންޔެވެ. ރަށުންބޭރިގައި ވިއަސް ދެނީ އެވަރެވެ.

             ރަށުން ބޭރުގައި ހުކުރު ދުވަހު މަސައްކަތް ނުކޮށްފިނަމަ ލިބޭ އެއްވެސް އެއްޗެއްނޯވެއެވެ. މަސައްކަތް ކޮށްފިނަމަ ބަލަނީ ހާފްޑޭއެއްގެ މަސައްކަތް ކުރިކަމަށެވެ. މިކަމާ ޝަކުވާ ކުރުމުން ބައެއްފަރާތްތަކަށް ތަންކޮޅެއް ބޮޑުއެއްޗެއް ދިންކަމަށް ވިއެވެ. ބައެއް ރަށްރަށަށް ދިއަ ބައިވެރިން އުޅެންޖުނީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫނެވެ. ނިދުމާ ކެއުމާ މިނޫންވެސް އެތަށް މައްސަލަތަކެއް ދިމާވިއެވެ. މީގެ އިތުރުން މިސާވޭ ކުރުމުގައި ބައިވެރިންގެ ތެރޭގައި އުމުރުން އަށާރަ އަހަރު ނުވާ ކުދިންވެސް ހިމެނެއެވެ. އަދި އިއްޔެ މެންދުރު ކިޔަވާ ނިމުނު ކުދިން ދެތިން ދުވަހުގެ ތަމްރީނު ތަކަށްފަހު ރާއްޖޭގައި މަސްތުވާ ތަކެތީގެ ހާލަތުއޮތް މިންވަރު ދެނެގަތުމަށް ސާވޭއަށް ނެރުމުން ދެން އިތުރަށް ބުނާނެއެއްޗެއްނެތެވެ. އެކުދިން ބައެއް ފަހަރު އެކަނި ދާތަންވެސް ފެނެއެވެ. އެހެންނަމަވެސް ކަމުގެ ތަޖުރިބާކާރުން ބުނަނީ މިފަދަ މަސައްކަތެއްގައި އައުޓް ރީޗަކަށް ދާނަމަ އެކަނި ނުފޮނުވުމަށެވެ. އަދި އެއީ އެއްވެސް އިރެއްގައި މަސްތުވާތެކެތި ބޭނުންކޮށްފައިވާ މީހެއްނަމަ އެއްގޮތަކަށްވެސް އެކަން ކުރުމަކަށް ކަމުގެ ތަޖުރިބާ ކާރުން ބޭނުމެއްނުވެއެވެ. އެހެންނަމަވެސް އެކަމާ ގުޅޭ ފުރިހަމަ މައުލޫމާތު ނެތް ބަޔަކަށް ކުރެވޭނެ ނުވަތަ ބުނެވޭނެ މާބޮޑުއެއްޗެއް އޮންނާނެ ކަމަކަށް ނުދެކެމެވެ. މީގެ އިތުރުން މިސާވޭ ކުރުމަށް އިނޮވާއިން ބޭނުން ކުރާ ބައެއް މެތޮޑް ތަކާއި ދޭތެރޭގައިވެސް ސުވާލު އުފެދެއެވެ. އެގޮތުން އަތޮޅުގައި ސާވޭ ކުރިއަށް ގެންދާއިރު ދަނީ ވެރިކަން ކުރާ ރަށާ އިތުރު ދެރަކަށެވެ. އެހެން ކަމަށްވާނަމަ ބާކީ ތިބި ރަށްރަށުގައި ތިބި މަސްތުވާތަކެތި ބޭނުން ކުރާ މީހުން އަދަދު އެގޭނެ ގޮތެއް ނޯންނާނެއެވެ. އަނެއްކޮޅުން އެސާވޭ ކުރެވޭ ރަށެއްގައިވެސް ދެވެނީ ކަޑައެޅޭ ވަކި އަދަދަކަށް ވަކި ގޭގެ ތަކަކަށެވެ. އެހެން ކަމުން އެވަންނަ ގެޔެއްގައި މަސްތުވާތަކެތި ބޭނުން ކުރާ މީހަކު ނެތިފައި ޖެހިގެން ހުންނަ ގޭގައި އާއިލާ އެންމެން އެކަން ކުރިއަސް ހިސާބުތަކަކަށް ނާރާނެއެވެ. އެހެން ވެއްޖެ ނަމަ ކުރިން 2006 ވަނަ އަހަރު ކުރެވުނު ސާވޭއަށް ވުރެވެސް މިފަހަރުގެ ސާވޭ ގޯސްވާނެއެވެ.

             އަނެއްކޮޅުން މިސާވޭގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށް އިޤުރާރު ކުރުވާފައިވުމާއި އޭގެން އެއްވެސް ލިޔުމެއްގެ ކޮޕީ ގަނޑެއް ހާހިސާބުވެސް ބައިވެރިންނަށް ދީފައި ނުވުމަކީވެސް އެތަށްބައިވަރު ސުވާލެއް އުފެދޭ ކަމެކެވެ.  މިއޮށް ބޮޑު ސާވޭގައި ރާއްޖޭގެ އުތުރުގެ އަތޮޅަކުން، މުޅި އެއަތޮޅުގައި މަސްތުވާ ތަކެތި ބޭނުންކުރާ ތިބީ ގާތްގަނޑަކަށް ތިންމީހުން ކަމަށް މިހާތަނަށް ހުރި ތަފާސް ހިސާބުތަކުން ދައްކާ ކަމަށް މިސާވޭގައި ބައިވެރިވާ ބައެއް ފަރާތް ތަކުން ބުނުމުން މީހައިރާން ވާން ޖެހޭވަރުގެ ކަމެކެވެ. އަދި އެއަށް ވުރެ ބޮޑަށް އެއްވެސް މީހަކުފެނިފައިނުވާ އަތޮޅެއްވެސް ވާކަން ފާހަގަ ކުރެވިފައިވެއެވެ. މިވަގުތު މިހެން ތަފާސް ހިސާބުތަށް ހުރިނަމަވެސް ފަހުން އެއަދަދުތައް ބަދަލުވެގެން އައުމަކީވެސް އެކަށީގެންވާ ކަމެކެވެ. ކޮންމެއަކަސް މިހާ ހިސާބުން މިޕްރޮޖެކްޓްގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަކުގެ ޤާބިލުކަމާ މެދުވެސް އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. އިންތިޒާރުކުރަންވީ މި ސާވޭގެ ނަތީޖާއަށެވެ. މިހާތަނަށް މިފަދަ ފާހަގަ ކުރެވޭ ކަންކަން ހުރުމުން މިސާވޭގެ ނަތީޖާ ރަގަޅުވެދާނެ ކަމާމެދުވެސް ސުވާލު އުފެދެއެވެ. އިތުރަށް ލިޔުނު ވަރަކަށްވެސް އިތުރުވާނީ ސުވާލެވެ. މީ އަދި މިކަމުން އެގުނު މިންވަރެވެ. އަދި ނޭގެ ފޮރުވިފައިވާ ކިހާ ކަމެއް ހުންނާނެ ތާއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދުއަށް ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު ބަނދަރުކުރާނެ

ނ.ލަންދުއަށް ގެންނަ 250 ކިލޯވޯޓްގެ ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު 7 އާއި 8 ދެމެދު ލަންދުއަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz