މަނަދޫ އާއި ކެނދިކުޅުދޫ ގަދަހިފުމަކަށް

ankkaa

މިހާރު ކެނދިކުޅުދޫގައި ކުރިއަށްދާ ޝިޔާމް – މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެވުނު ގްރޫޕް-ސީގެ މެޗުން މަނަދޫ އެފްޓީ އާއި ފޮއްދޫ ބައްދަލުކުރި މެޗު 5 ލަނޑު 1 ލަނޑުން މަނަދޫޓީމު މޮޅުވުމުން މި ގްރޫޕްގައި މަނަދޫ ކުޅެންޖެހޭ އެންމެފަހު މެޗުގައި ކެނދިކުޅުދޫއާއި ދެކޮޅަށް ވަރުގަދަ މެޗަކަށް ނިކުންނަން ޖެހިއްޖެއެވެ.

މި ގްރޫޕްގައި ހިމެނޭ ކޮންމެ ޓީމެއް ދެމެޗު ކުޅެފައިވާއިރު މިފަދަ މުބާރާތެއްގައި އަލަށް ވާދަކުރާ ފޮއްދޫ މުބާރާތަށް އަލްވަދާޢު ކިޔަން ޖެހިފައިވާއިރު އަނެއް ތިން ޓީމުގެ ތެރެއިން މަނަދޫ އަށާއި ކެނދިކުޅުދޫއަށް ވަނީ 4 ޕޮއިންޓް ލިބިފައެވެ. މިގްރޫޕްގައި ހިމެނޭ މާޅެންދޫއަށް ލިބިފައިވަނީ 2 ޕޮއިންޓެވެ.

ލަނޑެއްގެ ތަފާތުން މި ގްރޫޕުން ޕޮއިންޓް ޓޭބަލްގެ އެންމެ ކުރީގައި އުޅެނީ ކެނދިކުޅުދޫއެވެ. މިހެންކަމާއި އެކު މިމަހުގެ 15 ވަނަ ދުވަހު މަނަދޫ އާއި ކެނދިކުޅުދޫ ބައްދަލުކުރާ މެޗު ވެގެންދާނީ ދެޓީމަށްވެސް ވަރަށް މުހިއްމު ، “ބޮޑު” މެޗެއްކަމުގައެވެ. މިމެޗުން މޮޅުވާ ޓީމެއް މިގްރޫޕުން ސެމީއަށް ދާނެކަން ކަށަވަރުވާއިރު މިމެޗު އެއްވަރުވެގެން ނިމިއްޖެނަމަ ފުރުޞަތު ބޮޑުވެގެންދާނީ މާޅެންދޫއަށެވެ. އެއީ މާޅެންދޫއަށް ފޮއްދޫގެ މެޗު ކުރިއަށް އޮތުމާއި އެކު ގޯލުގެ ތަފާތުން ކުރި ހޯދުމުގެ ފުރުޞަތު އެޓީމަށް އޮންނާނެތީއެވެ. މިހެންކަމާއި އެކު ކެނދިކުޅުދޫ އާއި މަނަދޫ ބައްދަލުކުރާ މެޗުވެގެންދާނީ ދެޓީމުގެ ގަދަހިފުމެއްގެ ގޮތުގައެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގެ ފުރަތަމަ މިނިޓްގައި ފޮއްދޫޓީމުގެ ޖާޒީނަމްބަރ 10 މުޙައްމަދު އަދުލީ ލަނޑެއްޖަހާ މަނަދޫޓީމު ސިއްސުވާލި ނަމަވެސް މުޅި މެޗު އެއްކޮށްކަހަލަ ގޮތަކަށް ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ މަނަދޫ ޓީމުންނެވެ. މިއަދުގެ މެޗުގައި މަނަދޫޓީމަށް ގޯލްތައް ކާމިޔާބު ކޮށްދީފައިވަނީ އިބުރާޙިމް ނަޢުފަލް 2 ލަނޑާއި ، ހުސެއިން ނާއިފް އާއި އަބުދުﷲ އިޝާން އާއި ޢަބުދުލް ޙަލީމް މިއިން ކޮންމެ ކުޅުންތެރިއަކު 1 ލަނޑެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަނަދޫ އަށް 2 ގޯލް ކާމިޔާބު ކޮށްދިން އިބުރާޙިމް ނައުފަލް އެވެ.

މި މުބާރާތުގައި މާދަމާ ބައްދަލް ކުރާނީ ގްރޫޕް އޭ ގެ ކުޑަފަރި އާއި ވެލިދޫ އެވެ. މެޗުފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 3:50 ގައެވެ.

 

 

 

 

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ފެވަރިޓް ޓީމާއި ސަޕްރައިޒް ޓީމުގެ ތާރީހީ ފައިނަލް

މި އަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މާދާމާ ހަވީރު ކުޅެވޭއިރު މި މެޗުވެގެން ދާނީ އެތައްގޮތަކުން …

ޚިޔާލެއްދެއްވާ

avatar
wpDiscuz